Support Us

ޢަސްކަރީ ވިލަރެސްކުރުންތަކަށް މޮސްކޯ- ވޮޝިންގްޓަން ޚާއްޞަ ލައިނެއް ޤާއިމު ކުރަނީ

ރޫސީ ލަޝްކަރާއެކު ވިލަރެސްކުރުމުގެ ބޭނުމުގައި މޮސްކޯއާ ގުޅުމަށް ޓަކައި ސީދާ ލައިނެއް ޤާއިމުކުރާނެ ކަމަށް އެމެރިކާގެ ދިފާޢީ ވުޒާރާއިން ރޭ އިޢުލާނުކޮށްފިއެވެ. މި ފަދަ ލައިނެއްހުޅުވުމުގެ ބޭނުމަކީ ޔުކްރޭނުގެ ސަބަބުން ހޫނުވަމުންދާ މަސްރަޙު އިތުރަށް ހޫނުވިޔަ ނުދިނުމަށާއި ނުރައްކާތެރި ކުއްލި ހާދިސާއެއް ހިގިޔަ ނުދިނުން ކަމަށް ޕެންޓަގަންއިން ބުންޏެވެ.

އެމެރިކާގެ އިސް މަސްއޫލުވެރިއަކާ ޙަވާލާދީ ޓައިމް ނޫސް ބުނިގޮތުގައި މި ފަދަ "ހޮޓްލައިނެއް"ގެ ބޭނުމަކީ އިރުމަތީ ޔޫރަޕް އިތުރަށް ހޫނުވެގެން ދިޔުން ހުއްޓުވުމެވެ.

އޭނާގެ ނަން ހާމަނުކުރުން ޝަރްޠުކުރައްވާ ވާހަކަފުޅު ދެއްކެވި އެމެރިކާގެ މި މަސްއޫލުވެރިޔާ ވިދާޅުވިއެވެ. "ރަޝިޔާގެ ދިފާޢީ ވުޒާރާއެކު މަސްއަލަތައް ޙައްލު ކުރުމަށް ޓަކައި ޕެންޓަގަނުން ވަނީ 1 މާރިޗުގައި މި ލައިން ޤާއިމުކޮށްފައެވެ. އެއީ ހެދޭ ކުށެއްގެ ސަބަބުން ހިނގައިފާނެ ޢަމަލުތައް ހުއްޓުވުމަށް ޓަކައެވެ. އިތުރަށް މަސްރަޙު ނުބައިވިޔަ ނުދިނުމަށް ޓަކައެވެ."

ސަލާމަތީ ދަތި މަސްއަލަތަކެއް

އޭނާ ހާމަކުރެއްވި ގޮތުގައި "ސަލާމަތީ ދަތި މަސްއަލަތަކާއި ކުއްލި ކަންކަމާ ބެހޭގޮތުން ރަޝިޔާއާއެކު ވާހަކަދެއްކުމަށް ޓަކައި އެމެރިކާއިން އެތައް ޗެނެލްތަކެއް ވަނީ ހުޅުވައިފައެވެ."

އެމެރިކާ ބުނާގޮތުގައި ޔުކްރޭނުގައި އެ ޤައުމުގެ ސިފައިންގެ މީހަކު ނެތެވެ. އެހެނަސް އެމެރިކާއާއި ނޭޓޯގެ އެކުވެރީން ހިނގައިފާނެ ކުއްލި ކަމަކާމެދު ވަރަށް ކަންބޮޑުވެއެވެ. ޓައިމް ބުނާގޮތުގައި މިހާރު ދެމުންގެންދާ ޙަމަލާތަކަކީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު ޔޫރަޕަށް ދެވޭ އެންމެ ވަރުގަދަ ޙަމަލާއެވެ.

ކުރިމަތިލުން މަނާކުރުމަށް ޓަކައި އާލިއްޔާތުތަކެއް

އެމެރިކާގެ ޕެންޓަގަންގެ ތަރްޖަމާނު ޖޯން ކަރބީ 28 ފެބްރުވަރީގައި ނޫސްވެރީންނާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވި ގޮތުގައި "ކުރިމަތިލުމެއް ހިނގިޔަ ނުދިނުމަށް ޓަކައި" އެމެރިކާއިން މިހާރު ވިސްނަމުން ދަނީ "ކުރިމަތިލުން މަނާކުރާނެ އާލިއްޔަތެއް" ޤާއިމު ކުރުމާމެދުއެވެ. އެއީ އެމެރިކާއާއި ރަޝިޔާއާ ދެމެދުގައި ނުވަތަ ރަޝިޔާއާ ނޭޓޯއާ ދެމެދުގައި ކުރިމަތިލުމެއް ހިނގިޔަ ނުދިނުމަށް ޓަކައެވެ. އެހެނަސް އޭނާ ވިދާޅުވި ގޮތުގައި "ރަޝިޔާއިން މިކަމަށް އަދި ސަމާލުކަމެއް ނުދެއެވެ."

ޔުކްރޭން މަތިން އުދުހުން މަނާކުރުމާ އެމެރިކާ ދެކޮޅުހަދާ

ޔުކްރޭނުގެ މަސްއަލައާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ވައިޓްހައުސްގެ ތަރްޖަމާނު ސާކޭ ވިދާޅުވާގޮތުގައި ޔުކްރޭނިޔާ މަތިން އުދުހުން މަނާކުރުމަށް ޓަކައި ފިޔަވަޅު އެޅުމަށް ވޮޝިންގްޓަނަކުން ނުވިސްނައެވެ. އެއީ މިކަމުގެ ސަބަބުން ރަޝިޔާއާ އެމެރިކާއާ ދެމެދުގައި ސީދާ ކުރިމަތިލުންތަކެއް ފެށިދާނެތީއެވެ. ޔުކްރޭންގެ ރައީސް ޒިލެންސްކީ ވަޑައިގަންނަވަނީ މި ކަމަށް އެދި ވަޑައިގަންނަވަމުންކަމަށް ސާކޭ ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި މި ފަދަ ފިޔަވަޅެއް އަޅައިފިނަމަ އެމެރިކާގެ ސިފައިންނަށް ރޫސީ މަތިންދާބޯޓުތައް ވައްޓައިލަން މަޖްބޫރުވާނެއެވެ. މީގެ މާނައަކީ އެމެރިކާއާ ރަޝިޔާއާ ދެމެދުގައި ސީދާ ކުރިމަތިލުން ހިނގަން ފެށުމެވެ. އެއީ ވޮޝިންގްޓަނުން އެދޭ ކަމެއްނޫންކަމަމަށް  އޭނާ ވިދާޅުވިއެވެ.

ހަމަ އެފަދައިން އޭނާ ވިދާޅުވި ގޮތުގައި ރަޝިޔާ ސަލާމަތީ މަޖިލީހުން ކަނޑައިލުމާމެދުވެސް ވޮޝިންގޓަނަކުން ނުވިސްނައެވެ. އޭނާ ވިދާޅުވިގޮތުގައި ރަޝިޔާއަކީ އެ މަޖިލީހުގެ ދާއިމީ މެންބަރެކެވެ.

އޭނާ ވިދާޅުވިގޮތުގައި ރަޝިޔާގެ ތެޔޮ ވިއްކުން މަނާކުރުމަށް ފިޔަވަޅު އެޅުމަށް އެމެރިކާއަކުން ނުވިސްނައެވެ. އެއީ އެކަމުގެ ސަބަބުން ތެލުގެ އަގު އަތް ނުފޯރާފަށަށް މައްޗަށް ހިނގައިދާނެތީއެވެ. އެއީ ވޮޝިންގްޓަން ކުރަން  ބޭނުންވާ ކަމެއް ނޫނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް