ރަޝިޔާއިން ޔޫކްރޭންގައި ހިންގާ އަސްކަރީ ހަރަކާރުގެ ސަބަބުން ވިލާތުގެ ގައުމުތަކުން ރޫސީންނަށް އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ނޭދެވޭ އަސަރު ވިލާތުގެ ރައްޔިތުންނަށް ވެސް ކުރާނެކަމަށް ވިލާތު އިއްތިހާދުގެ ރައީސް އަރްސުލާ ވޮން ޑަރް ލެޔޭން އިޢުތިރާފުވެވަޑައިގެންފިއެވެ.
ޔޫރޯނިއުސްއިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އަރްސުލާ އިއްޔެ ވިދާޅުވީ "އެއްވެސް ޝައްކެއް ނެތް ގޮތުގައި މި ފިޔަވަޅުތަކުގެ އަގު ވިލާތާއި ވިލާތުގެ ރައްޔިތުން ވެސް ދައްކާންޖެހޭނެ" ކަމަށެވެ. "ކޮންމެ ހަނގުރާމައެއް ވެސް އަންނަނީ ބޮޑު އަގެއްގައެވެ."
ވިލާތުގެ ހުރިހާ އޮފިޝަލުން ވެސް ގަބޫލުކުރާ ގޮތުގައި ކުރިއަށް އޮތް ހަފުތާތަކާއި މަސްތަކަކަށް ދެމިގެންދާނެ "އިޣްތިޞާދީ އަގެއް" ކުރިއަށް އޮތް ދުވަސްތަކުގައި ވިލާތުން އަދާކުރާންޖެހޭނެއެވެ. މި ކަމަށްޓަކައި ވިލާތު އިއްތިޙާތުގެ މާލީ ވަޒީރުގެ މަޖިލީހުން މާލީ ތަދުބީރުތައް އަލުން މުރާޖަޢާކުރާނެއެވެ. އެހެންނަމަވެސް މި ފިޔަވަޅުގެ ސަބަބުން ވިލާތުގެ އިޤުތިސާދު ފަހަތަށް ވެއްޓިދާނެކަމަކަށް ވެސް ގަބޫލުފުޅު ނުކުރެއްވޭ ކަމަށާއި ކޮންމެ ޙާލަތެއްގައި ވެސް ވިލާތު އިއްތިހާދު އޮންނާނީ ޔުކްރޭނާ އެކުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ހަނގުރާމައިގެ ސަބަބުން ވިލާތުގެ ގައުމުތަކަށް ހިޖުރަކުރާ ރެފިޔުޖީން މާލީ އެހީއާއި ޔުކްރޭނަށް ހަނގުރާމައިގެ އާލަތްތަކުގެ އެހީ ފޯރުކޮށްދިނުމުގައި ވެސް ވިލާތު އިއްތިހާދު ކަށަވެތިވާނެއެވެ. އަރްސުލާ ދެކެވަޑައިގަންނަވާ ގޮތުގައި ވިލާތުން ގަބޫލުކުރާ އަގުތަކާއި އުޞޫލުތައް ޔޫކްރޭނުން އެބަ ދަމަހައްޓައެވެ. އެހެންކަމުން ކޮންމެ ގޮތެއް ވިޔަސް ޔޫކްރޭނަށް ތާއީދުކުރުމުގައި ވިލާތު އިއްތިހާދު ދެމިއޮންނާނެ ކަމުގެ ޔަގީންކަން ވެސް އެ އޮފިޝަލުން ދެއްވައެވެ.



advertisment