ރަޝިޔާއިން ޔުކްރޭނާ ދެކޮޅަށް ފަށައިފައިވާ ޢަސްކަރީ މަސައްކަތަށް ޗައިނާއިން ތާއީދުނުކުރާކަމަށް ދަނީ ބުނަމުންނެވެ. ޗައިނާގެ ގިނަ މުޙައްލިލުން މިފަދަ ޢަސްކަރީ ކުރިމަތިލުމެއް ހިނގައިފާނެކަމަކަށް ދެކެވަޑައިގެންފައެއް ނުވެއެވެ.
ޗައިނާގެ ޚާރިޖިއްޔާގެ ތަރްޖަމާނު ހުވާ ޗޫނިންގް ވިދާޅުވިއެވެ. "މި ކަމުގައި ޗައިނާއިން ރަޝިޔާއަށް ވާގިވެރިވާނެ ކަމަށް ވޮޝިންގްޓަން ބުންޏަސް އެކަމުން މޮސްކޯއަށް ފިނިކަމެއް ނުލިބޭނެކަން ކަށަވަރެވެ." އެމެރިކާއިން ޔުކްރޭނަށް ހަތިޔާރުތައް އޮއްސަމުންދާ ގޮތަށް އަހުރެމެން ރަޝިޔާއަށް ހަތިޔާރެއް ނުދޭނަމެވެ. ރަޝިޔާއަކީ ޗައިނާއަށް ވެސް އަދި އެހެން ޤައުމަކަށް ވެސް މި ކަމުގައި ބޭނުންވާ ވަރަށްވުރެ މާ ބާރުގަދަ ޤައުމެކެވެ. "އޭނާ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "ޔުކްރޭންގައި މިއަދު ހިނގަމުންދާ ފަދަ ކަމެއް ދެކޭކަށް ޗައިނާ ޝައުޤުވެރިއެއް ނުވެއެވެ."
ޗައިނާ- ރަޝިޔާ ގުޅުމާ ކުރިމަތިވި ބޮޑު އިމްތިޙާނެއް
ހުވާ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "ނޭޓޯއަކީ
ޗައިނާއަށް ލެއިން ދަރާފައިފައިވާ ޖަމާޢާތެކެވެ." އޭނާ އިޝާރާތް މި ކުރައްވަނީ 1999ވަނައަހަރު އެމެރިކާގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ޔޫގޯސްލޭވިޔާގައި ހުންނަ ޗައިނާ އެންބެސީއަށް ދިން ޙަމަލާއަށެވެ. ޗައިނާގެ ރައްޔިތުންގެ ހިތްތަކުގައި މި ކަމުގެ ސަބަބުން ލައިފައިވާ ލަކުނުތައް އަދިވެސް ފިލައިގެން ނުދެއެވެ. އެމެރިކާއިން މިއީ އޮޅުމަކުން ހިނގި ޙާދިސާއެއް ކަމަށް ބުނާބުނުން ޗައިނާއިން ޤަބޫލެއް ނުކުރެއެވެ. މި ޙާދިސާއާ ބެހޭގޮތުން މި ދިޔަ ބުރާސްފަތި ދުވަހު ޗައިނާގެ މީސްމީޑިއާގެ އޮޅިއެއްކަމުގައިވާ Weibo ގައި ދުރަށް ފެތުރި ހޭޝްޓެގެއް ޗައިނާގެ 460 މިލިއަން މީހުން ވަނީ ބަލައިފައެވެ.
އެމެރިކާގެ ވޮޝިންގްޓަން ޕޯސްޓް ބުނާގޮތުގައި ރަޝިޔާއިން ޔުކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަކީ ރަޝިޔާ- ޗައިނާ ގުޅުމުގެ ވަރުގަދަކަން އިމްތިޙާން ކުރެވިގެންދާނެ ކަމެކެވެ. ޗައިނާގައި ބޭއްވުނު ފިނިމޫސުމުގެ އޮލިމްޕިކް ކުޅިވަރުތަކުގެ އިފްތިތާޙީ ރަސްމިއްޔާތު ހުޅަނގުންނާއި އެމެރިކާއިން ބޮއިކަޓް ކުރިއިރު ރަޝިޔާގެ ރައީސް ޕޫޓިން މި ރަސްމިއްޔާތަށް ވަޑައިގެންފައިވާ ކަން ފާހަގަ ކުރެވެއެވެ. މި ދަތުރުފުޅުގައި ރަޝިޔާއާ ޗައިނާއާ ދެމެދުގައި އޭނާ ވަނީ "އިންފާރެއް ނެތް ރަޙްމަތްތެރިކަމެއް" ޤާއިމު ކުރައްވައިފައެވެ. ގިނަބަޔަކު ސިފަކުރާ ގޮތުގައި މިއީ "މަޞްލަޙަތު ނިޔާކުރާ ކާވެންޏެކެވެ."
ރަޝިޔާއަށް ޙައްޤުވެގެންވާ "ސަލާމަތާބެހޭ ޖާމިނުވުންތަކާ" ގުޅޭގޮތުން މޮސްކޯއިން ހާމަކުރަމުން ދިޔަ "ކަންބޮޑުވުންތަކަށް" ބޭޖިންގުން ވަނީ ތާއީދުކޮށްފައެވެ. އެހެނަސް ޗައިނާއިން ތަވާޒުނު ހިފެހެއްޓުމަށް ޓަކައި ދެ ފަރާތަށް ވެސް ގޮވައިލަމުން އައިސްފައި ވަނީ ނަފްސު ކޮންޓްރޯލް ކުރުމަށެވެ. 2014ވަނަ އަހަރު ހިނގި ކްރިމިއާ މަސްއަލައިގައި ވެސް ޗައިނާއިން ގެންގުޅެފައި ވަނީ ތިލަފަތުގެ ދެ ފަރާތް ހަމަކަންމަތީ ހިފަހައްޓައިދޭ ސިޔާސަތެކެވެ.
ރަޝިޔާއިން ޔުކްރޭނާ ދެކޮޅަށް ޢަސްކަރީ ޙަމަލާތަކެއް ފަށައިފާނެ ކަމަކަށް ޗައިނާއަށް ލަފާކުރެވިފައެއް ނުވެއެވެ.މޮސްކޯއިން މި ޙަމަލާ ފެށިކަން އިޢުލާން ކުރިތާ މިނެޓުކޮޅެއްގެ ތެރޭގައި އދގައި ހުންނަވާ ޗައިނާގެ މަންދޫބު "ޞުލްޙަވެރި ޙައްލަކަށް ދޮރު ހުޅުވިފައި އަދި ވެސް އެބަ އޮތްކަމަށް" ވިދާޅުވިއެވެ. އޭނާ ސަލާމަތީ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން މި ދޮރު ބަންދު ނުކުރުމަށް ޔުކްރޭނަށާއި ރަޝިޔާއަށް ގޮވައިލެއްވިއެވެ.
ރަޝިޔާގެ ޙަމަލާއިން ޗައިނާއަށް ސިހުން ލިބުނުތަ
ސްޓެމްސަން މަރްކަޒުގެ ޗައިނާއާ ބެހޭ ޕްރޮގްރާމުގެ ޑިރެކްޓަރ ޔޫން ސަން އިޝާރާތް ކުރައްވާ ގޮތުގައި މޮސްކޯއިން ޔުކްރޭނާ ދެކޮޅަށް ޢަސްކަރީ ޙަމަލާތައް ފެށުމުން ޗައިނާއަށް "ސިހުން" ލިބުނެވެ. ޗައިނާ ބުނާގޮތުގައި އެމެރިކާގެ ޖާސޫސީ އިދާރާތަކަށް ރަނގަޅު މަޢުލޫމާތު ހޯދިފައެއް ނުވެއެވެ. އެމެރިކާއިން ލަފާކުރި ގޮތުގައި ޕޫޓިން އެ އުޅުއްވަނީ ބާރުދައްކަވާލައްވާށެވެ.
ޝަންހައިގެ ފޮޑަން ޔުނިވަރސިޓީގެ ރަޝިއާއާ ބެހޭ ތަޖްރިބާކާރަކު ޗައިނާގެ Yicai ދުވަހު ނޫހަށް ވިދާޅުވިގޮތުގައި ބޯޅަ މިހާރު އޮތީ ޔުކްރޭން ފަޅީގައެވެ. ރަޝިޔާއިން އިސްކަން ދެނީ ސިޔާސީ ޙައްލަކަށެވެ.
ޔުކްރޭނުގައި ތިބި ޗައިނާ މީހުންނަށް ސަމާލުވުމަށް އެންގިކަމުގައި ވިޔަސް އެމީހުންނަށް ޔުކްރޭން ދޫކޮށް ދިޔުމަކަށް ނާންގައެވެ. ޗައިނާއިން ތުހްމަތު ކުރާގޮތުގައި ހަނގުރާމައިގެ ހުޅުގަނޑު ރޯކުރީ އެމެރިކާއައި ނޭޓޯއިންނެވެ.
ޗައިނާގެ ޚާރިޖިއްޔާގެ ތަރްޖަމާން ހުވާ 23 ފެބްރުވަރީގައި ތުހްމަތު ކުރެއްވި ގޮތުގައި "އެއްބަޔަކު އަލިފާންގަނޑަށް ތެޔޮ ޖަހަމުންދާއިރު އަނެއް ފަރާތުން މި އަލިފާން ނިއްވުމަށް މަސައްކަތް ނުކުރާކަމަށް ތުހްމަތު ކުރެއެވެ. މިއީ ވަރަށް ޒިންމާދާރުކަން ކުޑަ ލާއަޚްލާޤީ ޢަމަލެކެވެ."
އޭނާ ވަރަށް ދުރުން އިޝާރާތް ކުރެއްވި ގޮތުގައި އެމެރިކާއިން އަޅާ ދަތި ކުރުމުގެ ފިޔަވަޅުތަކަށް ބޭޖިންގުން ތަބައެއް ނުވާނެއެވެ. ޤައުމަކާ ދެކޮޅަށް އެޅޭ ފިޔަވަޅުތައް އަޅަން ޖެހޭނީ އދގެ ތެރެއިންނެވެ.
ވޮޝިންގްޓަން ޕޯސްޓް ބުނާގޮތުގައި ރަޝިޔާގެ ޢަސްކަރީ ޢަމަލަށް ޗައިނާއިން ތާއީދެއް ނުކުރެއެވެ. ޗައިނާގެ ޚާރިޖީ ވަޒީރު ވާންގ ޔީ ވިދާޅުވާގޮތުގައި "ޤައުމުތަކުގެ ސިޔާދަތަށް އެންމެން ވެސް އިޙްތިރާމު ކުރަން ޖެހޭނެއެވެ." އޭނާ ވިދާޅުވިއެވެ. "ޔުކްރޭނަކީ އިސްތިސްނާއެއް ނޫނެވެ."
ޗައިނާގެ ސިޔާސީ ހަރުކަށި ބޭފުޅުން ވިދާޅުވާ ގޮތުގައި ރަޝިޔާއިން ބުރާސްފަތި ވިލޭރޭ ފަތިހު މި ދިން ޙަމަލާއަކީ އެމެރިކާގެ "ޖެއްސުންކުރުންތަކުގެ" ނަތީޖާއެކެވެ.
Shanghai Observer ގެ ޢަސްކަރީ މުޙައްލިލު ފޫ ޗިޔަން ޝާއޮ ވިދާޅުވާގޮތުގައި "ޙާލަތު ހޫނުވަމުން ދިޔައީ ވޮޝިންގްޓަނުން ހޫނުކުރުމުގެ ސަބަބުންނެވެ." ރަޝިޔާއިން އެތައް ފަހަރަކު ރަޝިޔާ ސިފައިން ފަހަތަށް ޖައްސާނެކަމަށް ވަނީ ބުނެފައެވެ. އެހެނަސް އެމެރިކާއިން ހަނގުރާމައަށް ޖައްވު ދިޔައީ ތައްޔާރު ކުރަމުންނެވެ.
ޗައިނާގެ ސިޔާސަތު
ޗައިނާއިން އަބަދުވެސް އެމެރިކާއާއި ހުޅަނގުގެ ކުރިމަތީގައި ބުނަމުން އައިސްފައިވަނީ "އެހެން ޤައުމުތަކުގެ ކަންތަކާ ނުބެހޭށެވެ!" އެހެންކަމުން ޔުކްރޭން މަސްއަލައިގައި ރަޝިޔާއަށް ތާއީދުކޮށްފިނަމަ އެ ކަން ވާނީ "މުނާފިޤު" ކަމަކަށެވެ.
ޔުކްރޭނުން ވަކިވެގަންފައިވާ ދެ ސަރަޙައްދުގެ މިނިވަންކަން ރަޝިޔާއިން ޤަބޫލުކުރުމާ ވިދިގެން ހުޅަނގުން ރަޝިޔާއަ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅުތައް އަޅަން ނިންމިއެވެ. މިކަމާބެހޭގޮތުން ޗައިނާގެ ޚާރިޖިއްޔާގެ ތަރްޖަމާން ހުވާއާ ނޫސްވެރީން މި ފިޔަވަޅުތަކަށް ބޭޖިންގުން ތާއީދު ކުރާނެތޯ ސުވާލު ކުރުމުން އޭނާ ވިދާޅުވިއެވެ. "އެކަހެރި ގޮތަކަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަކީ ޗައިނާ އެކަމާ ދެކޮޅު ހދާ ކަމެކެވެ. އޭނާ ވިދާޅުވިއެވެ. ޗައިނާއިން ރަޝިޔާއާ ދެކޮޅަށް ފިޔަވަޅު އަޅާނެތޯ ސުވާލު ކުރާ މީހާއަށް ޗައިނާގެ ސިޔާސަތު ރަނގަޅަށް އެގޭހެނެއް ހީއެއް ނުވެއެވެ. ޣައިރު ޤާނޫނީ ގޮތަކަށް އެކަހެރި ސިފައެއްގައި ދަތިކުރުމުގެ ދިޔަވާޅު އެޅުމަކީ ޗައިނާއިން ތާއީދު ކުރާނެ ކަމެއްނޫނެވެ."
އޭނާ ވާހަކަ ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "2011ވަނަ އަހަރުން ފެށިގެން އެމެރިކާއިން ރޫސީވިލާތާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު 100 ފަހަރު އަޅައިފައިވެއެވެ. މި ފިޔަވަޅުތަކުން އެއިން އެއްވެސް މަސްއަލައެއް ޙައްލު ކުރެވުނު ހެއްޔެވެ؟ އެމެރިކާގެ ދަތިކުރުމުގެ ސިޔާސަތުގެ ސަބަބުން ދުނިޔެއަށް ހެޔޮ ބަދަލެއް އައި ހެއްޔެވެ؟ ރަޝިޔާއާ ދެކޮޅަށް ފިޔަވަޅު އަޅައިގެން ޔުކްރޭންގެ މަސްއަލަ ޙައްލު ކުރެވޭނެ ހެއްޔެވެ؟ އެމެރިކާއިން ރަޝިޔާއާ ދެކޮޅަށް ފިޔަވަޅު އަޅައިގެން ޔޫރަޕަށް ލިބޭ އަމާންކަން ބޮޑުވާނެ ހެއްޔެވެ؟"
ޗައިނާގެ ޚާރިޖިއްޔާގެ ތަރްޖަމާނު ވިދާޅުވިއެވެ. "މަސައްކަތް ކުރަންވީ ވާހަކަ ދައްކައިގެން، މަޝްވަރާކޮށްގެން މަސްއަލަ ޙައްލު ކުރެވޭތޯއެވެ." އޭނާ ވިދާޅުވިއެވެ. "އަދިވެސް ޞުލްޙަވެރި ޙައްލެއް ގެނެވިދާނެކަމުގެ އުންމީދު އެބަ އޮތެވެ." ޔުކްރޭންގެ މަސްއަލައިގައި ޗައިނާގެ ސިޔާސަތަކީ ސާބިތު ސިޔާސަތެއް ކަމަށް އޭނާ ވިދާޅުވިއެވެ. މި ސިޔާސަތަށް ބަދަލެއް ނާދެއެވެ.
ޗައިނާއިން ރަޝިޔާ ކުށްވެރިކުރުމަށް ފަސްޖެހިފައިވާއިރު މަސްރަޙުގެ އަނެއްކޮޅުން ފެންނަނީ ޓައިވާން އެމެރިކާއަށް ތާއީދުކޮށް ރަޝިޔާ ކުށްވެރި ކުރިތަނެވެ. މިއިން އެނގެނީ ޗައިނާ ބުނާގޮތަށް ޗައިނާއާއި ޓައިވާނަކީ ތަފާތު ދެ ދައުލަތް ކަމެވެ.
ރައީސް ޕުޓީންގެ ވާހަކަފުޅުގައި އަބަދުވެސް އިޝާރަތްކުރައްވަމުން ގެންދަވައިފައި ވަނީ ރަޝީޔާގެ ތާރީޚަށެވެ. ތާރީޚީ ގޮތުން ބަލާއިރު ޔުކްރޭނަކީ "ރަޝިއަން އެމްޕަޔަރ" ގެ ބައެކެވެ. ޗައިނާ ވެސް ބުނަނީ ޓައިވާނަކީ ޗައިނާއިން ވަކިކޮށް ނުލެވޭނެ އެ ޤައުމުގެ ބައެކެވެ. މި ދެ މަސްއަލަ ވަރަށް އެއްގޮތެވެ. ރަޝިޔާއިން ބޭނުންވަނީ ޔުކްރޭން ނޭޓޯއާ ނުގުޅި ވަކި ފަރާތަކަށް ނުޖެހި އޮތުމަށެވެ.
ޔުކްރޭން ނޭޓޯއާ ގުޅުމަކީ ރަޝިޔާގެ ސަރަޙައްދަށް އޮތް ބިރަކަށް ވާތީއެވެ. ރަޝިޔާގެ އިންފާރާ ގުޅިފައިވާ ޤައުމަކަށް ޔުކްރޭން ވާތީއެވެ. ޗައިނާވެސް ބޭނުންވަނީ އެމެރިކާގެ ޒަޢާމަތުގައި އޮންނަ ބާރެއް އެ ޤައުމުގެ ސަރަޙައްދީ ކަނޑާ ފޭކުރާށެވެ.
ޔުކްރޭނާ ޓައިވާން އެއްވައްތަރުގެ ދެ މަސްއަލައަށް ވަނީ މިހެންވެގެންނެވެ.



advertisment