Support Us

ރޫސީ ބޭންކުތައް ދުނިޔޭގެ މާލީ ނިޒާމުން ބޭރަށްލުމާ ބެހޭގޮތުން ވިސްނަނީ

ރަޝިޔާއިން ޔުކްރޭނަށް ދެމުންގެންދާ ޢަސްކަރީ ޙަމަލާތަކާ ވިދިގެން ރަޝިޔާއަށް އަދަބު ދިނުމަށް ޓަކައި ހުޅަނގުގެ ޤައުމުތަކުން ރަޝިޔާއާ ދެކޮޅަށް ސިޔާސީ އަދި މާލީ އިތުރު ފިޔަވަޅުތައް އެޅުމާމެދު ވިސްނައި ބަޙުސްކުރަން ފަށައިފިއެވެ.

ޔޫރަޕިއަން ކަމިޝަނާއި ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތާއި ކެނެޑާއާއި އެމެރިކާ ބުނާގޮތުގައި ދުނިޔޭގެ މާލީ ނިޒާމު (ސްވިފްޓް އިން) ރަޝިޔާގެ ބޭންކުތައް ފުހެލުމަށް ބޭނުންވާ ޖާމިނުވުމަށް އެ ޤައުމުތަކުން ކަށަވެތިވާނެއެވެ.

ޔޫރަޕިއަން ކަމިޝަންގެ ރައީސާ އުރްސޫލާ ވޮން ޑޭރު ލޭން ވިދާޅުވާގޮތުގައި ރައީސް ޕޫޓިނަށް އޭނާގެ ޢަސްކަރީ އާލަތްތަކަށް ބޭނުންވާ ފައިސާ ލިބިވަޑައި ނުގަންނަވާނެ ގޮތް އެ ކަމިޝަނުން ހަދަން މަސައްކަތް ކުރާނެއެވެ. އޭނާ ވިދާޅުވިގޮތުގައި ރަޝިޔާގެ މަރްކަޒީ ބޭންކްގެ އުޞޫލުތައް (އެސެޓްތައް) ގަޑުކުރެވޭނެއެވެ. މި ކަމުގެ ސަބަބުން އެ އުޞޫލުތައް ދިޔާކުރުން މުސްތަޙީލު ކަމަކަށް ވެގެންދާނެއެވެ.ޔޫރަޕިއަން ކަމިޝަންގެ ރައީސާ ހާމަކުރެއްވި ގޮތުގައި ރަޝިޔާގެ ބައެއް ބޭންކްތައް ބައިނަލްއަޤްވާމީ މާލީ ސްވިފްޓް ނިޒާމުން ވަކިކޮށްލެވޭނެއެވެ.

ރަޝިޔާ މުޅިން އެކަހެރި ކުރުން

މިކަމާ ބެހޭގޮތުން އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަނާއި ޔުކްރޭންގެ ރައީސް ޒިލެންސްކީ ވިދާޅުވާގޮތުގައި "ސިޔާސީ ގޮތުންނާއި މާލީ ގޮތުން ރަޝިޔާ މުޅި ދުނިޔެއާ އެކަހެރި ކުރާން ވަނީ ޖެހިފައެވެ." ހުޅަނގުގެ ޤައުމުތަކުން ދުނިޔޭގެ މާލީ ސްވިފްޓް ނިޒާމުން ރަޝިޔާ ވަކިކުރުމުގެ ޝައުޤުވެރިކަން ހާމަކުރަމުންދާތީ އެކަމަށް މި ދެ ބޭފުޅުން މަރްޙަބާ ވިދާޅުވިއެވެ. އިނގިރޭސި ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއް ބުނާގޮތުގައި "ޔުކްރޭނުން ދަނީ ޕޫޓިނާ ދެކޮޅަށް ވަރަށް ބޮޑަށް ހިތްވަރު ކުރަމުންނެވެ."

އަނެއްކޮޅުން ފަރަންސޭސިވިލާތުން ރޭ ބުނިގޮތުގައި އެ ޤައުމުން ރަޝިޔާއާ ދެކޮޅަށް އިޤްތިޞާދީ އަދި މާލީ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރާނެއެވެ. ޚާއްޞަގޮތެއްގައި އެ ޤައުމުން އަމާޒު ކުރާނީ ބައިނަލްއަޤްވާމީ މާލީ ނިޒާމު ސްވިފްޓުން ރަޝިޔާ އެކަހެރި ކުރުމަށެވެ. އެ ޤައުމުން މި ކަން ކުރާނީ ޔޫރަޕާއި އެމެރިކާއާ ގުޅިގެންނެވެ. ރައީސް މެކަރޯން ރޭ ވިދާޅުވި ގޮތުގައި ރަޝިޔާގެ މުހިއްމު ޝަޚްޞިއްޔާތުތަކުގެ މާލީ އެސެޓްތައް ގަނޑުކުރުމަށް އެ ޤައުމުން ފިޔަވަޅު އަޅާނެއެވެ.

ފަރަންސޭސި ވިލާތުން ހާމަކުރިގޮތުގައި ރައީސް މެކަރޯން ރޭ ބިލަރޫސްގެ ރައީސް ލޮކްޝަންކޯއާ ފޯނުން ގުޅުއްވައި ޔުކްރޭންގެ މަސްއަލައާމެދު ބަޙުސް ކުރެއްވިއެވެ. ޔުކްރޭންގެ މަސްއަލައިގައި ބިލަރޫސުން ރަޝިޔާއަށް އެހީނުވުމަށް ރައީސް މެކަރޯން ދެންނެވިއެވެ. ރޫސީ ސިފައިން ބިލަރޫސުން ބޭރަށް ލެއްވުމަށް ވެސް މެކަރޯން ގޮވައިލެއްވިއެވެ.

އެމެރިކާގެ އިންޒާރުތައް

ރަޝިޔާއިން ޔުކްރޭނަށް އެރުމުގެ ސަބަބުން އެމެރިކާއަށާއި ޔޫރަޕަށް ފައިދާތަކެއް ލިބެމުންދާކަމަށް އެމެރިކާގެ ރައީސް ބައިޑްން ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި ރަޝިޔާގެ ޙަމަލާތަކުގެ ސަބަބުން ރަޝިޔާއަށް ވަރަށް ނައްސި އަސަރުތަކެއް ކުރާނެއެވެ. އޭނާ ވިދާޅުވި ގޮތުގައި މި "ޢުދްވާނުގެ" ސަބަބުން ރައީސް ޕޫޓިނަށް ވަރަށް ބޮޑު އަގެއް ދައްކަވަން ޖެހިވަޑައިގަންނަވާނެއެވެ.

ސަލާމަތީ މަޖިލިސް

އަނެއްކޮޅުން ބަލާއިރު އދ ގެ ޢާންމު ޖަމްޢިއްޔާގެ ޚައްޞަ ޖަލްސާއެއް ބޭއްވޭތޯ އެމެރިކާއާއި ހުޅަނގުން ދަނީ މަސައްކަތް ކުރަމުންނެވެ. ޖުމްލަ 193 މެންބަރުންގެ މި ޖަމްޢިއްޔާގައި އެއްވެސް ޤައުމަކަށް ވީޓޯ ކުރުމުގެ ބާރު ލިބިފައެއް ނުވެއެވެ. މި ފަދަ ޖަލްސާއެއް މާދަމާ ބޭއްވޭނީ ސަލާމަތީ މަޖިލީހުގެ ނުވަ މެންބަރަކު މި ކަމަށް ތާއީދުކޮށް ސަލާމަތީ މަޖިލީހުގައި ވޯޓުދީގެންނެވެ. ކުރީގެ ދުވަހުގެ ވޯޓަށް ބަލާއިރު ނުވަ މެންބަރުންގެ ތާއީދު ލިބޭނެކަމަށް ބެލެވެއެވެ. ޔުކްރޭނާ ބެހޭގޮތުން އެމެރިކާއިން ހުކުރު ދުވަހު ހުށައެޅި މަޝްރޫޢަށް 11 މެންބަރަކު ވަނީ ވޯޓު ދީފައެވެ.

ޞުލްޙައާ ބެހޭ ވާހަކަދެއްކުންތައް ފެށޭތޯ ބަލަނީ

އަނެއްކޮޅުން ޔުކްރޭންގެ ރައީސް ޒިލެންސްކީ ރޭ ތުރްކީގެ ރައީސް އުރްދުޣާނާއި އަޒަރްބިޖާނުގެ ރައީސް އިލްހާމު ޢަލިޔޭފާ ފޯނުން ގުޅުއްވައި ރަޝިޔާގެ "ޢުދްވާނާ" ބެހޭ ގޮތުން މަޝްވަރާކުރައްވައިފައެވެ. އޭނާ ވިދާޅުވި ގޮތުގައި ޞުލްޙަ ޤާއިމު ކުރުމާ ބެހޭގޮތުން ވާހަކަދެއްކުން ފެށޭތޯ މި ދެ ރައީސުން އެހީވެވަޑައިގެން ދެއްވާނެއެވެ.

 

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް