ރަޝިޔާއާށް އެހީވުމަށް ޓަކައި ޝީޝާނުން ޔުކްރޭނަށް ސިފައިން ފޮނުވައިފައިވާ ކަމަށް ޝީޝާނުގެ ރައީސް ރަމަޟާން ޤަދީރޯފު ހާމަކުރައްވައިފިއެވެ. އޭނާ މި ކަން ހާމަކުރައްވަމުން ޔުކްރޭނުގެ ސިފައިންނަށް އެ ޤައުމުގެ ސަރުކާރު ވައްޓައިލުމަށް އޭނާ ގޮވައިލެއްވިއެވެ.
ރައީސް ޤަދީރޯފް އިންޓަރނެޓް މެދުވެރި ކުރައްވައި ދުރަށް ދެއްކެވި ވީޑިއޯ ކްލިޕެއް ބުނާގޮތުގައި މިހާތަނަށް ޔުކްރޭނުގައި ޝީޝަން ސިފައިންނަށް ގެއްލުމެއް ނުލިބެއެވެ. އޭނާ ޔުކްރޭންގެ ރަށްތައް ރަޝިޔާ ސިފައިން މަޑުމަޑުން ހިފަމުންދާނެކަން ކަށަވަރުކޮށްދެއްވިއެވެ. އެހެނަސް އޭނާ ވިދާޅުވިގޮތުގައި ޢާންމުންގެ ފުރާނަތައް ރައްކައުތރި ކުރުމަށް ޓަކައި ރަޝިޔާއާއި ޝީޝާނުން މަސައްކަތް ކުރާނެއެވެ. މަސައްކަތް ލަސްވަނީ މިހެން ވެގެން ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވިގޮތުގައި ޝީޝާން ސިފައިން ތިބީ ވަރަށް ރަނގަޅަށް ތައްޔާރުވެ ހަތިޔާރު އަޅައިގެންނެވެ. ޝީޝާނުގެ ރައީސް ހާމަކުރެއްވި ގޮތުގައި ޝީޝާން ސިފައިން ވަނީ ޔުކްރޭންގެ ޢަސްކަރީ ބައެއް ތަންތަން ހިފައިފައެވެ. ރައީސް ޤަދީރޯފް ރައީސް ޕޫޓިނަށް ތާރީފު ކުރައްވަމުން ވިދާޅުވިގޮތުގައި ޕޫޓިންގެ ނިންމެވުމަކީ "ރަނގަޅު" ނިންމެވުމެކެވެ. ރައީސް ޤަދީރޯފް ހާމަކުރެއްވި ގޮތުގައި ޝީޝާނުގެ ދިހަވަރަކަށް ހާސް ހަނގުރާމަވެރީން ޔުކްރޭންގައި އެބަ ތިއްބެވެ. އެމީހުން ތިބީ އެންމެ ހޫނުގަދަ ހިސާބުތަކުގައި ކަމަށް ވެސް ޢަލިޔޭފް ވިދާޅުވިއެވެ.
ސިފައިން ވެރިކަމާ ޙަވާލުވުމަށް ޕޫޓިން ގޮވައިލައްވާ
މި ދިޔަ ހުކުރު ދުވަހު ރޫސީ ރައީސް ޕޫޓިން ވަނީ ޔުކްރޭނުގެ ސަރުކާރު ވައްޓައިލައި ސިފައިން ވެރިކަމާ ހަވާލުވުމަށް ގޮވައިލައްވައިފައެވެ. ރައީސް ޕޫޓިން ވިދާޅުވިގޮތުގައި މަސްތުވާތަކެތީގެ ވިޔަފާރި ވެރީންނާއި އައު ނާޒީންނާއެކު ވާހަކަދެއްކުމަށް ވުރެ ސިފައިންނާ ވާހަކަދައްކަން ފަސޭހަވާނެއެވެ. ޕޫޓިން ވިދާޅުވި ގޮތުގައި އެމީހުން ވަނީ ޔުކްރޭންގެ ރައްޔިތުން ރަހީނުކޮށްފައެވެ.
ބައިޑްންގެ ބިލާހުތައް
އެމެރިކާއާއި ހުޅަނގުން ރަޝިޔާއާ ދެކޮޅަށް އަޅަމުން ގެންދާ ދަތިކުރުމުގެ ފިޔަވަޅުތައް ކުށްވެރި ކުރައްވަމުން އޭނާ ސިފަކުރެއްވި ގޮތުގައި އެއީ "ބައިޑްންގެ ބިލާހެކެވެ." އޭނާ ސިފަކުރެއްވި ގޮތުގައި "އެއީ އެއިން އެއްވެސް ލާބައެއް ކުރާނެ" ފިޔަވަޅުތަކެއް ނޫނެވެ. ރައީސް ޤަދީރޯފް ޔުކްރޭންގެ ރައީސަށް މަޢާފަށް އެދިވަޑައިގަތުމަށް ވެސް ގޮވައިލެއްވިއެވެ.
ރައީސް ޤަދީރޯފް ވިދާޅުވިގޮތުގައި މަހެއްހާ ދުވަހުގެ ތެރޭގައި މި ޢުޤޫބާތްތައް އުވައިލާނެއެވެ. އޭނާ ވިދާޅުވިއެވެ. "ރަޝިޔާއާނުލައި އިޤްތިޞާދެއް ނޯންނާނެއެވެ." ރަޝިޔާ ޓުޑޭ އަށް ރައީސް ޤަދީރޯފް ދެއްވި މި ބަޔާން ބުނާގޮތުގައި "އެ ޤައުމު އޮތީ ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދަށުގައެވެ. އެހެނަސް އަހުރެމެން މި އުޅެމުން ދަނީ އެއްވެސް ދަތިކަމެއް ނެތިއެވެ."



advertisment