ތުރްކީން އިމާރާތުގެ އަމްނަށާއި ހަމަޖެހުމަށް ތާއީދު ކުރާކަމަށާއި އެކަމަށް ވާގިވެރިވާނެ ކަމަށް ތުރްކީގެ ރައީސް ރަޖަބު ޠައްޔިބު އުރްދުޣާން ވިދާޅުވެއްޖެއެވެ. އޭނާ އިމާރާތަށް ކުރެއްވި ރަސްމީ ދަތުރުފުޅު ރޭ ނިންމަވާލައްވަމުން ވިދާޅުވިގޮތުގައި "ތުރްކީގެ އަމްނާ ގަލްފުގެ އަމްނާ ދެމެދުގައި އެއްވެސް ތަފާތެއް ނެތެވެ."
އުރްދުޣާންގެ ޓްވީޓް ޞަފްޙާގައި ލިޔުއްވައިފައި ވެއެވެ. "އެއްބަނޑުއެއްބަފައި ޤައުމެއްކަމުގައިވާ އެކުވެރި އިމާރާތަށް އަޅުގަނޑު ކުރި ދަތުރު ކާމިޔާބުކަމާއެކު ރޭ ނިންމައިލައިފީމެވެ." އޭނާ މި ޓްވީޓްގައި ވިދާޅުވިއެވެ. "ގުޅުންތައް ތަރައްޤީ ކުރުމަށާއި ވުނަކުރުންތައް އިތުރު ކުރުމާބެހޭގޮތުން ތުރްކީއާ އިމާރާތާ ދެމެދުގައި އެއްބާރުލުމުގެ 13 އެއްބަސްވުމެއްގައި ސޮއި ކުރެވުނެވެ." އޭނާ ހާމަކުރެއްވިގޮތުގައި މި އެއްބަސްވުންތަކުން އެނގެނީ ގުޅިގެން މަސައްކަތް ކުރުމުގެ ވަރުގަދަ ޢަޒްމެއް އެ ދެ ޤައުމުގެ ދެމެދުގައި އެބަ އޮތްކަމެވެ.
ގަލްފުގެ އަމްނާއި އަމާންކަން
ތުރްކީއާއި އެކުވެރި ޢަރަބި އިމާރާތާ ދެމެދުގައި ސޮއިކުރެވުނު މި އެއްބަސްވުންތަކުގެ ސަބަބުން އެ ދެ ޤައުމުގެ ދެމެދުގައި އެއްބާރުލުން ވަރުގަދަކުރުމަށް ބޭނުންވާ ތަޅުން ފުޅައުވެގެން ވަރުގަދަވެގެން ދާނެކަމަށް ރައީސް އުރްދުޣާން ވިދާޅުވިއެވެ. އޭނާ ވިދާޅުވިއެވެ. "އަޅުގަނޑުމެން ހަރުދަނާ ކުރުމަށް މި މަސައްތްކުރަނީ އިމާރާތުގެ އަމްނާއި ހަމަޖެހުމެވެ. އަޅުގަނޑުމެންގެ އަމްނާ ގަލްފު ސަރަޙައްދުގެ އަމްނަކީ ގުޅިނލާމެހިފައިވާ ކަމެކެވެ. އެ ކަމުގައި އަޅުގަނޑުމެން އެއްވެސް ތަފާތުކަމެއް ނުގެންގުޅެމެވެ."
އުރްދުޣާން ވިދާޅުވިއެވެ. "އަޅުގަނޑުމެންގެ ގުޅިފައިވާ މަޞްލަޙަތުތަކާއި އަޅުގަނޑުމެންގެ ސަރަޙައްދުގެ ކުރިމަގަށް ޓަކައި ދެ ފަރާތުގެ ދެމެދުގައި ބަދަލުކުރެވިފައިވާ އިޙްތިރާމާއި އިތުބާރުގެ އަސާސުގެ މަތީގައި މަސައްކަތްކުރުމަށް އަޅުގަނޑުމެން މި ތިބީ ޢަޒްމު ކަނޑައަޅައިގެންނެވެ."
ދުބައި އެކްސްޕޯ މަޢުރަޒަށް އުރްދުޣާން ޒިޔާރަތް ކުރެއްވުން
އުރްދުޣާންގެ މި ދަތުރުފުޅުގައި ދުބައި އެކްސްޕޯ މަޢުރަޒަށް ވެސް ޒިޔާރަތް ކުރެއްވިއެވެ. އުރްދުޣާން ވިދާޅުވިގޮތުގައި މި މަޢުރަޒަކީ "ގުޅިގެން ބައިވެރިވެގެން އައު ކުރިމަގެއް ބިނާކުރުމަށް ގޮވައިލާ" މަޢުރަޒެކެވެ. ޢާލަމީ ވަބާގެ ނާމާން ޖައްވުގެ ތެރޭގައި ވެސް އިމާރާތުން މި މަޢުރަޒު ކާޔާބުކަމާއެކު ބާއްވަމުންދާތީ އިމާރާތުގެ ވެރީންނަށް އުރްދުޣާން ތަހްނިޔާ ވިދާޅުވިއެވެ. އުރްދުޣާން ދުބައި އެކްސްޕޯ މަޢުރަޒަށް ޒިޔާރަތް ކުރެއްވީ ތުރްކީގެ ޤައުމީ ދުވަސް ފާހަގަ ކުރުމަށް މި މަޢުރަޒުގައި ބޭއްވި ޚާއްޞަ އިޙްތިފާލު ޝަރަފުވެރިކޮށް ދެއއްވުމަށެވެ. އުރްދުޣާން ވިދާޅުވިއެވެ. "އިމާރާތުގެ ބާނީ އައްޝައިޚު ޒާއިދުގެ ދުރުވިސްނުންފުޅާއި އިސްވާރުކަމުގެ ތަރަހައިގެ މަތީގައި އިމާރާތް ހޯދަމުންދާ ކާމިޔާބީތަކަކީ އެކަމާމެދު ފަޚްރުވެރިވުން ޙައްޤު އަރުތަތަކެކެވެ." އުރްދުޣާން ވިދާޅުވިގޮތުގައި އެކްސްޕޯ މަޢުރަޒަކީ އިމާރާތާގެ ނަމޫނާ އުސްމިންތައް ރިވެލިކޮށްދޭ މަސައްކަތެކެވެ.
އުރްދުޣާންގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "ޞިއްޙަތާއި ތިމާވެށީގެ މައިދާނުގައި ދުނިޔެއާ ކުރިމަލާންޖެހިފައިވާ އައު ކާރިސާތަކާއި ގޮންޖެހުންތައް ގޮވައިލަނީ އެންމެން ގުޅިގެން މި މަސްއަލަތަކަށް ޙައްލެއް ހޯދުމަށް ޓަކައި ގުޅިގެން މަސައްކަތް ކުރުމަށެވެ. އޭނާ ކަށަވަރުކޮށްދެއްވި ގޮތުގައި އަސާސީ އަމާޒަކަށް ވާންޖެހޭނީ ދަނޑުވެރިކަމުން ހަކަތައަށް، ތިމާވެށީން އިޤްތިޞާދަށް ދެމެހެއްޓެނިވި ދާއިމީ ޙައްލެއްގެނައުމެވެ."
13 އެއްބަސްވުން
ރައީސް އުރްދުޣާން އިމާރާތުން ރޭ ފުރައިވަޑައިގަތީ ދުބައިގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުންނެވެ. އޭނާއަށް އަލްވަދާޢު ދެންނެވީ އިމާރާތުގެ ޚާރިޖީ ވިޔަފާރިއާ ބެހޭ ވަޒީރު ޘާނީ އަޙްމަދުއް ޒުޔޫދީއެވެ.
މި ދަތުރުފުޅުގައި މި މަހުގެ 14ވަނަ ދުވަހު ތުރްކީއާއި އިމާރާތާ ދެމެދުގައި ތަފާތު 13 އެއްބަސްވުމެއްގައި ސޮއި ކުރެވުނެވެ. އެއީ ވުނަކުރުމާއި ދިފާޢާއި ނަޤްލާއި ޞިއްޙަތާއި ދަނޑުވެރިކަމުގެ މައިދާނުގައި އެއްބާރުލުމާއި ބައިވެރިވުން ވަރުގަދަކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދޭ އެއްބަސްވުންތަކެކެވެ. އިމާރާތުގެ ވަލީ ޢަހްދު ޝައިޚު މުޙައްމަދު ބިން ޒާއިދު އާލު ނަހަޔާން ހާމަކުރެއްވި ގޮތުގައި ކުރިމަގުގައި ތުރްކީއާއެކު އެއްބާރުލުން އިތުރު ކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދެވޭނެވެ.
ތުރްކީގެ ރައީސްގެ މި ދަތުރުފުޅަކީ 2013ގެ ފަހުން އިމާރާތަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. އޭނާގެ މި ދަތުރުފުޅުގައި ތުރްކީގެ ޚާރިޖީވަޒީރާއި ދާޚިލީ ވަޒީރާއި މާލީ ވަޒީރާއި ޞިނާޢަތާ ބެހޭ ވަޒީރާއި ވިޔަފާރިއާ ބެހޭ ވަޒީރާއި ފަނިއްޔާތާ ބެހޭ ވަޒީރާއި ބިނާރާބެހޭ ވަޒީރާއި ސަޤާފަތާއި ބެހޭ ވަޒީރާއި ފަތުރުވެރިކަމާބެހޭ ވަޒީރާއި ދަނޑުވެރިކަމާއި ބެހޭ ވަޒީރާއި ޖަންގައްޔާ ބެހޭވަޒީރު ބައިވެރިވެ ވަޑައިގަތެވެ.



advertisment