ރަޝިޔާއިން ޔުކްރޭނަށް ކޮންމެ ވަގުތެއްގައި ވެސް ޙަމަލާއެއް ދީފާނެތީ ޔުކްރޭނުގައި ތިބި ބޭރު ޤައުމުތަކުގެ މީހުން އެ ޤައުމުން ފައިބާން ފަށައިފިއެވެ. އެމެރިކާ ތުހްމަތު ކުރާގޮތުގައި ރަޝިޔާއިން އަވަށްޓެރި ޔުކްރޭނަށް ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި އަރާނެއެވެ.
އެސޯޝޭޓެޑް ޕްރެސް މިއަދު ބުނިގޮތުގައި ޔުކްރޭނުން ފައިބަމުންދާ ޤައުމުތަކުގެ ތެރޭގައި އެމެރިކާ ވެސް ހިމެނެއެވެ. ވޮޝިންގްޓަން ބުނާގޮތުގައި ރަޝިޔާއިން ޔުކްރޭނަށް އެރުމުގެ ކުރީން ޔުކްރޭންގައި ހުންނަ އެމެރިކާ އެންބެސީގައި ތިބި މުވައްޒަފުން ކިޔީފުން ބޭލޭނެއެވެ.
އެމެރިކާއިން ދައްކަމުންދާ ބިރުގެ ސަބަބުން ދުނިޔޭގެ ޤައުމުތައް ދަނީ ކަންބޮޑުވަމުންނެވެ. ޔުކްރޭނުގައި ތިބި ނިވްޒީލެންޑުގެ ރައްޔިތުންނަށް އެ ޤައުމުން އަވަހަށް ފޭބުމަށް ވެލިންގްޓަނުން ގޮވައިލިއެވެ. ޔުކްރޭންގައި ނިވްޒީލެންޑްގެ އެންބެސީއެއް ނުހުރެއެވެ. ނިވްޒީލެންޑްގެ ޚާރިޖިއްޔާ ބުނާގޮތުގައި ޔުކްރޭނުން އެ ޤައުމުގެ މީހުން ބޭލުމުގައި އެ ޤައުމަށް ދެވޭނެ އިތުރު އެހީއެއް ނެތެވެ. ނިވްޒީލެންޑްގެ ޚާރިޖިއްޔާއިން ގޮވައިލަނީ ހަނގުރާމަ ފެށުމުގެ ކުރިން އަވަހަށް ފޭބުމަށެވެ. މިއަދު އޮސްޓްރޭލިޔާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން އެ ޤައުމުގެ ރައްޔިތުންނަށް ވެސް ޔުކްރޭނުން އަވަހަށް ފޭބުމަށް ގޮވައިލެއްވިއެވެ. އޭނާ ވިދާޅުވިގޮތުގައި ޙާލަތު ދަނީ ނުބައިން ނުބަޔަށް ބަދަލުވަމުންނެވެ. މޮރިސަން ވިދާޅުވިއެވެ. "އަހުރެމެންގެ ނަސޭހަތް ވަރަށް ސާފެވެ. ތިޔަބައިމީހުންގެ މައްޗަށް އޮތީ ޔުކްރޭނުން އަވަހަށް ފޭބުމެވެ."
ހަމަ މި ބީދައިން އިނގިރޭސި ޚާރިޖިއްޔާއިން ވެސް އެ ޤައުމުގެ ރައްޔިތުންނަށް ޔުކްރޭނުން ވަގުތުން ފޭބުމަށް ގޮވައިލިއެވެ. އިނގިރޭސި ޚާރިޖިއްޔާއިން އިއްޔެ ނެރުނު ބަޔާނެއްގައި އިނގިރޭސީންނަށް ޔުކްރޭނަށް ނުދިޔުމަށް ގޮވައިލައިފައި ވެއެވެ. ހަނގުރާމައެއް ފެށިދާނެކަމުގެ ބިރު ބޮޑުވަމުންދާތީ ޔުކްރޭނުގައި އިނގިރޭސި ރައްޔިތުން ސަމާލުކަން މަތީ ތިބުމަށް ވެސް އިނގިރޭސި ޚާރިޖިއްޔާއިން ގޮވައިލިއެވެ.
ޑެންމާކާއި ނޯވޭގެ ރައްޔިތުންނަށް ވެސް ޔުކްރޭނުން ފޭބުމަށް މިއަދު ގޮވައިލިއެވެ. ރަޝިޔާ- ޔުކްރޭން މަސްރަޙު މިހާރު ދަނީ އިތުރަށް ހޫނުވަމުންނެވެ. ކޮންމެ ވަގުތެއްގައި އެ މަސްރަޙު ފަޅައިގެން ހިނގައިދާނެއެވެ.
ޔޫރަޕްގެ އިއްތިޙާދުން ވެސް ޔުކްރޭނުގައި ތިބި މި އިއްތިޙާދުގެ ޑިޕްލޮމެޓުންނަށް ދަނީ ޔުކްރޭން ދޫކޮށް ފުރުމަށް އަންގަމުންނެވެ. ކޮންމެހެން ތިބެން ޖެހޭ މުވައްޒަފުންނަށްވުރެ އިތުރަށް އޮފީހުގައި ނުތިބުމަށް ދަނީ އަންގަމުންނެވެ.

ހަނގުރާމައިގެ ވިލާތައް ޔުކްރޭން މައްޗަށް ދަނީ އަރަމުން
އެމެރިކާގެ މަސްއޫލުވެރީން ވިދާޅުވާގޮތުގައި ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި ހަނގުރާމައެއް ފެށިދާނެއެވެ. ބްލޫމްބަރގުން އެމެރިކާގެ ބައެއް މަސްއޫލުވެރީންނާ ޙަވާލާދީ ބުނާގޮތުގައި ރޫސީ ސިފައިން މި އަންނަ އަންގާރަ ދުވަހު ޔުކްރޭނަށް އަރާނެއެވެ. ވައިޓްހައުސްގެ ޤައުމީ ސަލާމަތާ ބެހޭ މުޝީރު ޖެކް ސޮލިވާން ވިދާޅުވާގޮތުގައި ހަމަ ކޮންމެ ވަގުތެއްގައި ވެސް ރަޝިޔާއިން ޙަމަލާ ފަށައިފާނެއެވެ. އޭނާ ލަފާ ކުރައްވާ ގޮތުގައި ރަޝިޔާއިން ޙަމަލާތައް ފަށާނީ ވައިގެ މަގުންނެވެ. ސޮލިވާން ވިދާޅުވިގޮތުގައި ޔުކްރޭނުގައި ތިބި އެމެރިކާ މީހުން 24 ގަޑިއިރާއި 48 ގަޑިއިރާ ދެމެދުގެ ވަގުތެއްގައި ޔުކްރޭނުން ފުރަން ވާނެއެވެ. ރަޝިޔާއިން ޙަމަލާތައް ފަށައިފިނަމަ އެ ޤައުމުން އެއްވެސް މީހަކަށް ނުފޭބޭނެ ކަމަށް ސޮލިވާން ވިދާޅުވިއެވެ.
ވޮޝިންގްޓަން ބުނާގޮތުގައި ވަރަށް ފުޅައު ދާއިރާއެއްގައި ޔުކްރޭނަށް ޙަމަލާ ދިނުމަށް ރަޝިޔާއިން މިހާރު ވަނީ ބާރުތައް ޖަމާކޮށްފައެވެ. އެމެރިކާގެ ހެދި ހަނދުތަކުން ނަގައިފައިވާ ފޮޓޯތައް ދައްކާގޮތުގައި ރޫސީ ސިފައިން ޔުކްރޭނުގެ އިތުރު ހިސާބުތަކަކަށްވަނީ ޖަމާކޮށްފައެވެ.
ވައިޓްހައުސް ބުނާގޮތުގައި ރައީސް ބައިޑްން ވައިޓްހައުސްގައި ޤައުމީ ސަލާމަތާ ބެހޭ މުޝީރުންނާއެކު ހުކުރު ވިލޭރޭ ބައްދަލު ކުރައްވައި ރަޝިޔާގެ ޙަމަލާއާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. ވައިޓްހައުސް ބުނާގޮތުގައި މޮސްކޯގެ ސިޔާސަތުގައި ދޫ ދިނުމެއް ނެތެވެ. މޮސްކޯއިން މިހާރު ވަނީ ކަޅު ކަނޑަށް ހަ މަނަވަރު ފޮނުވައިފައެވެ. މީގެއިތުރަށް ރަޝިޔާއިން ވަނީ ބިލޯރޫސަށް ވެސް އިތުރު ސިފައިން ފޮނުވައިފައެވެ.
ރޮއިޓަރސް ބުނާގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި އެމެރިކާއިން ޕޯލެންޑަށް އިތުރު ތިން ހާސް ސިފައިން ފޮނުވާނެއެވެ. މިއީ ނޭޓޯގެ މެންބަރުން ހިތްހަމަޖެއްސުމަށް ޓަކައި އެމެރިކާއިން އަޅައި ފިޔަވަޅެކެވެ.
އެމެރިކާއިން ތުހްމަތު ކުރާގޮތުގައި ރަޝިޔާއިން ވަނީ ޔުކްރޭން ސަރަޙައްދީ ރޮނގު ކައިރިއަށް ލައްކައެއްހާ ސިފައިން ޖަމާކޮށްފައެވެ. މި ދިޔަ ހަފުތާގައި ރަޝިޔާއާއި ބިލޯރޫސް ގުޅިގެން ކަޅުކަނޑުގައި ވަނީ ޢަސްކަރީ ތަމްރީނުތަކެއް ބާއްވައިފައެވެ. އެހެނަސް ރަޝިޔާ ބުނާގޮތުގައި އެ ޤައުމުން ޔުކްރޭނަށް ޙަމަލާއެއް ދޭން އުޅޭ ކަމަށް އެމެރިކާއިން ކުރާ ތުހްމަތުތަކަކީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެކެވެ.



advertisment