ޤަޠަރުގެ އަމީރު އައްޝައިޚު ތަމީމު ބިން ޙަމަދު އާލު ސާނީ ރަސްމީ ދަތުރުފުޅެއްގައި މިއަދު އެމެރިކާޢަށް ވަޑައިގަންނަވައިފިއެވެ. މިއީ ރައީސް ބައިޑްންގެ ވެރިކަމުގައި ގަލްފުގެ ޒަޢީމަކު އެމެރިކާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
މި ދަތުރުފުޅުގައި ރައީސް ބައިޑްނާއެކު އައްޝައިޚު ތަމީމު ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ވަރަށް ހޫނު ފައިލްތަކަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާނެއެވެ. މި ފައިލްތަކުގެ ތެރޭގައި ރޫސީ- ޔުކްރޭން އަރާރުމުގެ ސަބަބުން ޔޫރަޕާ ކުރިމަތިލާން ޖެހިދާނެ ގޭހުގެ ދަތިކަމާއި، އަފްޣާނިސްތާނު މަސްއަލައާއި އިރާނުގެ ނިޔުކްލިއަރ ފައިލް ވެއެވެ.
އަމީރުގެ ދީވާނުން މި ހުސްވި މަހުގެ 27ގައި ނެރުނު ބަޔާނެއް ބުނާގޮތުގައި ދެ ޒަޢީމުން ބަހުސް ކުރައްވާނީ އެ ދެ ޤައުމުގެ ދެމެދުގައި އެއްބާރުލުން ހަރުދަނާކުރުމާ ބެހޭގޮތުންނާއި، އެ ދެ ޤައުމުގެ ބައިވެރިއްޔަތުގައި ހިމެނޭ މުހިއްމު ގުޅުންތައް ވަރުގަދަ ކުރުމަށް ބޭނުންވާ ވަސީލަތްތައް ފުޅައުކުރުމާމެދު އެވެ.
ވައިޓްހައުސްއިން ނެރުނު ބަޔާން ބުނާގޮތުގައި ބައިޑްނާއި ތަމީމު ބަޙުސްކުރައްވާނީ އަފްޣާން ރައްޔިތުންނަށް ވާގިވެރިވުމާއި، ވޮޝިންގްޓަނާއި ދައުޙާއާ ދެމެދުގައި ވިޔަފާރިއާއި ވުނަކުރުމުގެ މައިދާނުގައި އެއްބާރުލުން ވަރުގަދަކުރުމާ ބެހޭގޮތުންނެވެ. މި ބަޔާން ބުންޏެވެ. "އަފްޣާނިސްތާނުގައި ތިބި އެމެރިކާއާއި ނޭޓޯގެ ސިފައިން އަމާންކަމާއެކު ފޭބުމުގެ މަސައްކަތުގައި ދައުޙާއިން ވެ ދީފައިވާ އެހީތަކަށް ރައީސް ބައިޑްން ޝުކްރު އަދާކުރައްވާނެއެވެ.
ވައިޓްހައުސްގެ ތަރްޖަމާނު ޖޭން ސާކީ ވިދާޅުވެފައިވާ ގޮތުގައި "މި ދަތުރުފުޅުގެ ސަބަބުން އެ ދެ ޤައުމުގެ މަޞްލަޙަތު ނިޔާކުރާ ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ މަސްއަލަތަކާމެދު މަޝްވަރާ ކުރުމަށް ދޮރު ހުޅުވިގެންދާނެއެވެ. ސާކީ ހާމަކުރެއްވި ގޮތުގައި ގަލްފުގެ ފާގަތިކަމާއި އަމްނާ ބެހޭ ގޮތުން ދެ ޒަޢީމުން މަޝްވަރާ ކުރެއްވުމުގެ އިތުރަށް މެދުއިރުމަތީގެ މަސްއަލަތަކަށާއި ބައިނަލްއަޤްވާމީ ހަކަތަޔާ ބެހޭގޮތުން ވެސް މަޝްވަރާކުރައްވާނެއެވެ.
މުހިއްމު 3 ފައިލެއް
ޤަޠަރު ޔުނިވަރސިޓީގެ ބައިނަލްއަޤްވާމީ ގުޅުންތަކާބެހޭ ޕްރޮފެސަރެއް ކަމުގައި ޑރ. ޢަލީ ބާކީރު ވިދާޅުވާ ގޮތުގައި ޝައިޚު ތަމީމުގެ މި ދަތުރުފުޅުގައި އެންމެ އިސްކަން ދެއްވުމަށް ހަމަޖެހިފައިވާ ތިން ފައިލަކީ ހަކަތަޔާ ބެހޭ ފައިލާއި އަފްޣާން ފައިލާއި ވޮޝިންގްޓަން– ޠަހަރާން ނިޔުކްލިއަރ ފައިލެވެ.
ޤަޠަރުގެ ޑިޕްލޮމަސީއަށް ލިބުނު ކާމިޔާބީއެއް
ޤަޠަރުގެ އަމީރުގެ މި ދަތުރުފުޅު ފާހަގަ ކުރެވެނީ އެއީ ބައިޑްން ވެރިކަމަށް އިސްވެވަޑައިގެންނެވުމަށް ފަހު ގަލްފްގެ ޒަޢީމަކު އެމެރިކާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅު ކަމުގައި ވުމެވެ. ބާކީރު ވިދާޅުވާގޮތުގައި ޤަޠަރުގެ އަމީރުގެ މި ޒިޔާރަތަކީ ޤަޠަރަށް ލިބުނު ޑިޕްލޮމެޓިކް ކާމިޔާބީއެވެ.
އަފްޣާނިސްތާނުގެ މަސްއަލައިގައި ވޮޝިންގްޓަން– ދައުޙާ ގުޅުންތައް ވަނީ ވަރަށް ބޮޑަށް ބަދަހިވެފައެ. ޠާލިބާން- އެމެރިކާ ވާހަކަދެއްކުން މިހާރު ވެސް ބޭއްވެމުން ދަނީ ދައުޙާގައިކަން ފާހަގަ ކުރަން ޖެހެއެވެ.



advertisment