Support Us

ދުނިޔޭގައި ނިޔުކްލިއަރ ސިފައިންގެ އެންމެ ބޮޑު ލަޝްކަރު

އުތުރު ކޮރެއާގެ ސިފައިންގެ ބައެއް ފައުޖުތަކަކީ "ނިޔުކްލިއަރ ސިފައިންގެ ފައުޖުތަކެއް" ކަމަށް ދުނިޔޭގެ މީޑިއާތަކުން ސިފަކުރެއެވެ. އެމެރިކާއާއި ދެކުނު ކޮރެއާއިން ހާސްވެ ކަންބޮޑުވަނީ އުތުރު ކޮރެއާގެ ސިފައިންގެ ޢަދަދު ގިނަކަމުން އެކަންޏެއް ނޫނެވެ. އެއަށްވުރެ ބޮޑަށް އެމީހުން ކަންބޮޑު ވަނީ އުތުރު ކޮރެއާގެ މި ޚާއްޞަ ފައުޖުތަކާ ކުރަން ޙަވާލު ކުރެވިފައިވާ މަސްއޫލިއްޔަތާއި މި މަސްއޫލިއްޔަތުގެ ނުރައްކާތެރިކަމާ ހެދިއެވެ.

ތަފާސްހިސާބުތައް ބުނާގޮތުގައި ދުނިޔޭގައި ހަތަރު ވަނައަށް އެންމެ ބޮޑު ލަޝްކަރެއް އޮތީ އުތުރު ކޮރެއާގައެވެ. އެއީ ގާތްގަނޑަކަށް 1.21 މިލިއަން ސިފައިންނެވެ. އެ ޤައުމުގެ އާބާދީއަށް ބަލައިފިނަމަ އެއީ އެ ޤައުމުގެ މުޅި އާބާދީގެ 4.7 ޕަސަންޓު މީހުންނެވެ. އެތުރުކޮރެއާގެ އާބާދީގައި ހިމެނެނީ 25.5 މިލިއަން މހުންނެވެ.

އުތުރު ކޮރެއާގެ ދިފާޢީ ބަޖެޓަށް ބަލާއިރު އެ ޤައުމުގެ ހަތަވިވަރައިގެ 23 ޕަސަންޓު ހޭދަ ކުރަނީ ދިފާޢަށެވެ. މިއީ 21ވަނަ ސައްތައިގައި ދިފާޢީ ބަޖެޓް އެންމެ ބޮޑު ޤައުމެވެ.

އެންމެ ބޮޑު ޚާއްޞަ ބާރެއް ދުނިޔޭގައި އޮތް ޤައުމަކީ އުތުރު ކޮރެއާ

އުތުރު ކޮރެއާގެ ހަނގުރާމަމަތީ އާލަތަށް ބަލާއިރު މި އާލަތުގައި ހިމެނޭ އެންމެ މުހިއްމު ބަޔަކީ "ސިފައިންގެ ބާރުގެ ހެވިކަ"މެވެ. މި ބާރުގައި ދެ ލައްކައެއްހާ ސިފައިން ހިމެނެއެވެ. މި ދެ ލައްކަ މީހުންނަށް ތަމްރީނު ދެވިފައިވަނީ ޢާއްމުކޮށް ކުރަން ޖެހޭ ހަނގުރާމަތަކާ ތަފާތު "ޒަމާނީ" ހަނގުރާމަތަކެއް ކުރުމަށެވެ. ކޮރެއާ ބައްރުގެ ހުރިހާ ތަނެއްގައި ހަނގުރާމަކުރުމަށް އެމީހުންނަށް ތަމްރީނު ދެވިފައި ވެއެވެ. އެމެރިކާގެ ނޭޝްނަލް އިންޓަރެސްޓް މަޖައްލާ ބުނާގޮތުގައި އެހެން ޤައުމުތަކުގެ ސިފައިންނަށް ހަނގުރާމަ ކުރަން ނުކުރޭފަދަ ވެށިތަކުގައި ހަނގުރާމަ ކުރުމަށް އުތުރު ކޮރެއާގެ މި ޚާޢްޞަ ބާރަށް ތަމްރީނު ދެވިފައި ވެއެވެ.

އުތުރު ކޮރެއާގެ ޚާއްޞަ ބާރުގެ ސިފައިންތަކެއް

އުތުރު ކޮރެއާގެ ސިފައިންނަށް ވަނީ ޓޭންކާއި ބޮޑުބަޑިއާއި ވައިގެ މަގުން އުފުލޭ ބާރުތަކާއި ކަނޑުގެ މަގުން އުފުލޭ ބާރުތަކާއި އެއްގަމުމަގުން އުފުލޭ ތަފާތު ބާރުތަކާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ތަމްރީނު ދީފައެވެ.

ފިނި ހަނގުރާމަ ނިމުމާ ވިދިގެން އުތުރު ކޮރެއާގެ ހަތިޔާރުތައް ވަނީ ކަފާސްވާން ފަށައިފައެވެ. މިސާލަކަށް ޓޭންކަށް ބަލާއިރު އުތުރު ކޮރެއާގެ އަތުގައި ހުރީ ސޮވިއެޓް ޒަމާނުގެ ޓީ–72 މަރުކާގެ ޓޭންކްތަކެކެވެ. އުތުރު ކޮރެއާގައި ހުރި ގިނަ ޓޭންކްތަކަކީ ފަސްދޮޅަހުގެ އަހަރުތަކުގައި ސޮވިއެޓް ޔުނިއަނުން އުފައްދާފައި ހުރި ޓޭންކްތަކެކެވެ. އެމެރިކާއާއި ދެކުނު ކޮރެއާއަށް ބަލާއިރު މިއީ ވަރަށް "ނިކަމެތި" ހަތިޔާރެކެވެ.

އުތުރު ކޮރެއާއިން މި ޚާއްޞަ ބާރު އުފެއްދީ މިހެންވެގެންނެވެ. އުތުރު ކޮރެއާގެ ޚާއްޞަ ބާރުގައި ހިމެނެނީ 25 ބްރިގޭޑުންނެވެ. މި ބާރުތަކަށް ތަމްރީނު ދީފައިވަނީ ހަތިޔާރު ގެންގުޅުން މަނާ ސަރަޙައްދަށް ވަދެ ހަނގުރާމަ ކުރުމަށާއި ވައިކުޑައިގައި ދުޝްމަނުންގެ ސަފުތަކުގެ ފަހަތަށް ފައިބާ ހަނގުރާމަ ކުރުމަށާއި ދުޝްމަނުންގެ މުހިއްމު މަސްއޫލުވެރީންނަށް ޙަމަލާދީ އަވަހާރަކޮށްލުމަށެވެ.

އުތުރު ކޮރެއާގެ ދެ ލައްކަ ކޮމާންޑޯ ސިފައިންގެ ތެރޭގައި ލުއި ހަތިޔާރު އަޅައިގެން ތިބި 150 ހާސް ސިފައިން ވެއެވެ. މި ފައުޖުތަކުގެ މަސައްކަތަކަށް ވާނީ ދުޝްމަނުންގެ ސަފުތައް ފޫއަޅުވައިލުމެވެ. ނުވަތަ ދުޝްމަނުންގެ ފައުޖުތައް ޙިޞާރު ކުރުމެވެ. ނުވަތަ ދުޝްމަނުންގެ ސަފުތަކުގެ އެންމެ ފަހަތަށް ފައިބާ ޙަމަލާދނުމެވެ. އެމެރިކާގެ މި ނޫސް ބުނާގޮތުގައި އުތުރު ކޮރެއާގެ މި ޚާއްޞު ބާރުން ވަނީ ކޮރެއާގެ އެކި ހިސާބުތަކަށް ދެވޭގޮތަށް ބިންގަރާސްތައް ހަދައިފައެވެ.

ޚާއްޞަ ބާރުގައި އެތައް ހާސް އަންހެން ކެޔޮޅުންނެއް ހިމެނޭ

އުތުރު ކޮރެއާގެ މި ޚާއްޞަ ބާރުގައި ފިލައި ތިބެ އަމާޒަށް ޙަމަލާދިނުމަށް ތަމްރީނު ދީފައިވާ އަށް ބްރިގޭޑުން ވެއެވެ. މީގެތެރެއިން ތިން ބްރިގޭޑުން ތަބާވަނީ ވައިގެ ބާރުތަކާއެވެ. އަނެއް ތިން ބްރިގޭޑުން ތަބާވަނީ އެއްގަމުގެ ބާރުތަކާއެވެ. އަނެއް ދެ ބްރިގޭޑުން ތަބާވަނީ ކަނޑުގެ ބާރުތަކާއެވެ. މިއީ އެމެރިކާގެ ކަނޑުގެ SEAL ބާރާއި އެމެރިކާގެ އެއްގަމުގެ ތަންޑަރބޯލްޓް ބާރާއި އެމެރިކާގެ ޚާޢްޞަ ބާރުތަކާ އެއްފަދަ ބާރުތަކެކެވެ. އެމެރިކާގެ މި ބާރުތަކާ ޚިލާފަށް އުތުރު ކޮރެއާގެ މި ޚާއްޞަ ބާރަށް ވައިގެ ޙަމަލާތަކާއި ކަނޑުގެ ޙަމަލާތަކާއި އެއްގަމު ޙަމަލާތަކާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ތަމްރީނު ދީފައި ވެއެވެ.

ފިލައި ތިބެ އަމާޒަށް ޙަމަލާދޭ ބްރިގޭޑުންގެ މަސައްކަތުގެ ތެރޭގައި "އިސްތިރާތީޖީ ޖާސޫސީ މަސައްކަތްތަކާއި ސީދާ ޢަމަލުތައް" ހިމެނެއެވެ. ސީދާ ޢަމަލުތަކުގެތެރޭގައި ހިމެނެނީ ދުޝްމަނު ޤައުމުތަކުގެ މަސްއޫލުވެރީން އަވަހާރަކޮށްލުމާއި ޢަސްކަރީ ނުވަތަ އިޤްތިޞާދީ ލަނޑުދަޑިތަކަށް ޙަމަލާދިނުމާއި ތަންތަން ހަލާކުކޮށް ޚަރާބުކުރުމާއި ދެކުނު ކޮރެއާގެ ރިޒަރވް ބާރުތަކަށް ގެއްލުންދީ މި ބާރުތަކުގެ ޤާބިލުކަން ކަނޑުވައިލުމެވެ. މިއިން ކޮންމެ ބްރިގޭޑެއްގައި އާދައިގެ ހެދުމުގައި ތިބެ ހަނގުރާމަ ކުރުމުގެ ތަމްރީނު ދެވިފައިވާ އެތައް އަންހެން ސިފައިންނެއް ވެއެވެ.

ރިޕޯޓަރުން ބުނާގޮތުގައި އުތުރު ކޮރެއާއިން ދެކުނު ކޮރެއާއަށް އަރާއިރު އަރާނީ ހަތިޔާރު ގެންގުޅުން މަނާ ސަރަޙައްދު ތެރއިން ލައިފައެވެ. ހަތިޔާރު ބޭނުންކުރުން މަނާ ސަރަޙައްދަކީ 257 ކީލޯމީޓަރު ދިގު ހަތަރު ކީލޯމީޓަރު ފުޅައު ބިމެކެވެ. ސަރަހައްދީ ރޮގު ނިމޭ ހިސާބުގައި ހަދައިފައިވާ ސިއްރު ބިންގަރާސްތަކަކީ ވެސް ދެކުނު ކޮރެއާއަށް އެރުމަށް ބޭނުން ކުރެވޭނެ ވަސީލަތެކެވެ.

ކަނޑަށް ބަލާއިރު އެއްފަހަރާ ފަސް ހާސް ސިފައިން ކަނޑުމަގުން އުފުލައިދޭނެ ވަސީލަތްތައް އުތުރު ކޮރެއާއަށް ލިބިފައި ވެއެވެ. އުތުރު ކޮރެއާ އަތުގައި އައްސޭރި ފަށުގައި ބޭނުން ކުރާ އަޑިންދާބޯޓާއި ޔާވްނޫ ނަމަކަށް ކިޔާ ގުރު އަޑިންދާބޯޓުފަހަރު އެބަ ހުށްޓެވެ.
ވައިގެ ބާރަށް ބަލާއިރު އުތުރު ކޮރެއާގެ ވައިގެ ބާރުގައި އެންޓިނޯފް އެން 2 މަރުކާގެ 200 ބޯޓާއި 250 ހެލިކޮޕްޓަރު ހިމެނެއެވެ. މިއީ ސޮވިއެޓް ޔުނިއަން ޒަމާނުގައި އުފައްދާފައި ހުރި ބާ ހަތިޔާރުތަކެކެވެ. މީގެ އިތުރަށް އެމެރިކާގެ އެމްޑީ 500 މަރުކާގެ ހެލިކޮޕްޓަރ ވެސް އުތުރު ކޮރެއާ އަތުގައި އެބަ ހުށްޓެވެ. މި ބާވަތުގެ ހެލިކޮޕްޓަރު ހޯދައިފައިވަނީ ޖަރްމަނު އަތުންނެވެ އުތުރު ކޮރެއާއިން މަސައްކަތް ކުރަމުންދަނީ ދުރު ރާސްތާ ޒަމާނީ މަތިންދާބޯޓުތައް ހޯދުމަށެވެ. ރިޕޯޓްތައް ބުނާގޮތުގައި އުތުރު ކޮރެއާއިން ދަނީ ނިވްޒީލެންޑް މެދުވެރިކޮށް، ބެކް ބީ 750 އެކްސްޓޯލް މަރުކާގެ މަތިންދާބޯޓުފަހަރު ހޯދުމަށް މަސައްކަތް ކުރަމުންނެވެ. މި ބާވަތުގެ ދުރު ރާސްތާ ހަނގުރާމަމަތީ މަތިންދާބޯޓު ލިބިއްޖެނަމަ ޓޯކިޔޯއަށާއި އޮކިނާވާއަށް ޙަމަލާ ދިނުމަށް އުތުރު ކޮރެއާއަށް މަގު ފަހިވެގެން ދާނެއެވެ.
ހަނގުރާމައެއް ފެށިއްޖެނަމަ ދެކުނު ކޮރެއާގެ ހަ ފަރާތުން ލައިފައި އުތުރުން ދެކުނަށް ޙަމަލާތައް ދޭން ފަށާނެއެވެ. ހަތިޔާރު ގެންގުޅުން މަނާ ސަރަޙައްދުން ފެށިގެންގޮސް ޕޫސާން ބަދަރާ ހަމައަށް މި ހަމަލާތައް ފަތުރައިލާނެއެވެ. ދެކުނުގެ ވަޔާއި ކަނޑުގެ ވަރުގަދަ ދިފާޢުތައް ފޫއަޅުވައިލައިފާ އުތުރުގެ ސިފައިންނަށް ދެކުނުގެ ބިންތަކަށް އެރޭނެ ހެއްޔެވެ؟ މިއީ ނޫސްވެރީން އުފައްދާ ސުވާލެކެވެ.ދެކުނުގެ ދިފާޢުތަކުގެތެރޭގައި ޓޭންކާ އިދިކޮޅު ރޮކެޓް ހިމެނެއެވެ. އުތުރުގެ ސިފައިން މި ދިފާޢުތައް ފޫއަޅުވަމުންދާއިރު އުތުރު ސިފައިންނަށް ލިބޭ އިންސާނީ ގެއްލުންތައް ވަރަށް ބޮޑުވާނެ ކަމަށް ބާޙިސުން ވިދާޚުވެއެވެ

އެންމެ ނުރައްކާތެރިކަން ބޮޑީ ނިޔުކްލިއަރ ހަތިޔާރާއި ކީމާވީ ހަތިޔާރު

ހުޅަނގުން ތުހްމަތު ކުރާގޮތުގައި އުތުރު ކޮރެއާ އަތުގައި ނިޔުކްލިއަރ ހަތިޔާރާއި ކީމާވީ ހަތިޔާރާއި ޙަޔަވީ ހަތިޔާރު އެބަ ހުށްޓެވެ. މި ހަތިޔާރުތައް ދުޝްމަނުންގެ ސަފުތަކުގެ ފަހަތަށް ގެންދެވިއްޖެނަމަ އެތައް ހާސް މަދަނީންނެއް މި ހަނގުރާމައިގައި މަރުވެގެންދާނެއެވެ.

ދެކުނު ކޮރެއާގެ ރިޔާސީ ގަނޑުވަރު ބުލޫ ހައުސްއަށް ޙަމަލާ ދިނުމަށް ބޭނުންވާ އެތައް ތަމްރީނުތަކެއް އުތުރުގެ ސިފައިން ވަނީ ހަދައިފައެވެ. އެހެނަސް އެ ހިސާބަށް އުތުރަށް ދެވޭނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ތަޙައްމުލު ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް