ގަލްފުގެ އެއްބާރުލުމުގެ ސަމިޓު ރޭ ރިޔާޟުގައި ނިމިއްޖެއެވެ. މި ސަމިޓުން އެއްބަސްވި ގޮތުގައި ގަލްފުގެ އެއްބާރުލުމުގެ މަޖިލީހުގެ މެންބަރު ޤައުމަކަށް ދެވޭ ކޮންމެ ޙަމަލާއަކީ ހުރިހާ މެންބަރު ޤައުމުތަކަކަށް ދެވޭ ޙަމަލާއެކެވެ. އިޤްތިޞާދީ އެއްބައިވަންތަކަމާއި ގުޅިފައިވާ ސަލާމަތީ އަދި ދިފާޢީ ނިޒާމުތައް ޤާއިމުކުރުމަށް ބޭނުންވާ ޢުންޞުރުތަކާއި އާލިއްޔާތުތައް ފުރިހަމަކުރުމަކީ ޟަރޫރަތެއް ކަމަށް ވެސް މި ސަމިޓުން އެއްބަސްވިއެވެ.
ރިޔާޟުގައި ރޭ ބޭއްވުނު ގަލްފުގެ އެއްބާރުލުމުގެ 42ވަނަ ސަމިޓްގައި ކުވައިތުގެ އަމީރާއި ޢުމާނުގެ ސުލްޠާނު ބައިވެރިވެ ވަޑައެއް ނުގަންނަވައެވެ. އަދި އިމާރާތުގެ ވަލީ ޢަހްދު މުޙައްމަދު ބިން ޒާއިދުވެސް ބައިވެރިވެ ވަޑައެއް ނުގަންނަވައެވެ.
ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ކޯޅުންތަކާއި އަރާރުންތަކާ ދުރުހެލިވުމަށާއި ގަލްފުގެ އެއްބާރުލުމުގެ މަޖިލީހުގެ މަޞްލަޙަތުތައް ރައްކައުތެރިކުރުމަށް ޓަކައި މެންބަރު ޤައުމުތަކުގެ މެދުގައި ސިޔާސަތުތައް ވިލަރެސްކުރުމުގެ އަހައްމިއްޔަތު މި ސަމިޓުން ފާހަގަ ކުރިއެވެ. މި ކަމަށް ޓަކައި މެންބަރު ޤައުމުތަކުގެ ޚާރިޖީ ސިޔާސަތު ވިލަރެސް ކުރުމަށާއި ގަލްފުގެ ރައްޔިތުންގެ މަޞްލަޙަތުތައް ރައްކައުތެރިކޮށްދޭނެ އެއް ސިޔާސަތެއް ތަރައްޤީކުރުމަށް ވެސް މި ސަމިޓުން ގޮވައިލިއެވެ.
ގަލްފުގެ މި ސަމިޓްގެ ޚިތާމީ ބަޔާނުގައި ޢަރަބި ފުޓްބޯޅަ މުބާރާތް އިންތިޒާމު ކުރުމުގައި ޤަޠަރު އަދާކޮށްފައިވާ ދައުރަށާއި ދުބައި އެކްސްޕޯ 2020 ކާމިޔާބު ކުރުމަށް ޓަކައި އިމާރާތުން އަދާކޮށްފައިވާ ދައުރަށް ތާރީފުކޮށް ޤަޠަރަށާއި އިމަރާތަށް ތަހްނިޔާ އަދާކުރިއެވެ. ވަރލްޑް ކަޕް 2022 ޤަޠަރުގައި ބޭއްވުމަށްޓަކައި ދައުޙާއިން ކުރަމުންދާ މަސައްކަތްތަކަށް ތާރީފުކޮށް މޮންޑިއާލް ކާމިޔާބު މުބާރާތަކަށް ހެދުމަށް ޓަކައި ޤަޠަރަށް ހިތްވަރުދިނުމަށް ވެސް މި ސަމިޓުން ނިންމިއެވެ.
އީރާނު ފައިލް
އީރާނުން ރަނގަޅު އަވަށްޓެރިކަން ބޭއްވުމަށާއި އީރާނުން ގަލްފުގެ ޤައުމުތަކުގެ ދާޚިލީ ކަންތައްތަކާ ނުބެހުމަށް ސަމިޓުން ޠަހަރާނަށް ގޮވައިލިއެވެ. ގަލްފުގެ އެއްބާރުލުމުގެ މަޖިލީހާ އިރާނާ ދެމެދުގައި އިތުބާރު ބިނާކުރުމަށް މަސައްކަތް ކުރުމަށާއި ނުތަނަވަސް މާޙައުލު ކުޑަކުރުމަށް ޓަކައި އީރާނުގެ އައު އިދާރިއްޔަތުން މަސައްކަތް ކުރުމަށް މި ސަމިޓުން ޠަހަރާނަށް ގޮވައިލިއެވެ.
ސަމިޓްގެ ޚިތާމީ ބަޔާން ވިދާޅުވެ ދެއްވީ ގަލްފުގެ އެއްބާރުލުމުގެ މަޖިލީހުގެ އަމީން ޢާންމު ނާއިފުލް ޙަޖްރަފެވެ. އޭނާ ވދާޅުވިގޮތުގައި ގަލްފުގެ އަރުތަތައް ރައްކައުތެރިކުރުމަށާއި ގަލްފުގެ ސަފުތައް އެކަތިގަނޑަކަށް ހެދުމަށް ގަލްފުގެ މަޖިލީހުން ވަނީ ޢަޒްމު ކަނޑައަޅައިފައެވެ.
އަލްޙަޖްރަފު ވިދާޅުވި ގޮތުގައި ގަލްފުގެ ދައުލަތްތަކުގެ އަމަންއަމާންކަމަކީ ބައިބައި ކުރެވޭނެ ކަމެއްނޫނެވެ.
މި ސަމިޓް ކާމިޔާބު ބައްދަލުވުމަކަށް ހެއްދެވުމަށް ޓަކައި ސަމިޓްގެ ބައިވެރީން އަދާކުރެއްވި ދައުރަށް ސުޢޫދި ވަލީ ޢަހްދު މުޙައްމަދު ބިން ސަލްމާން ޝުކުރު އަދާކުރެއްވިއެވެ. ސަލްމާން ރަސްގެފާނުގެ ފަރާތްޕުޅުން ސަމިޓްގެ ރިޔާސަތު ބެލެހެއްޓެވީ ވަލީޢަހްދު މުޙައްމަދު ބިން ސަލްމާނެވެ.
މި ސަމިޓްގައި ބައިވެރިވެ ވަޑައިގެންނެވީ ޤަޠަރުގެ އަމީރު ޝައިޚު ތަމީމު ބިން ޙަމަދާއި ބަޙްރައިނުގެ ރަސްގެފާނު ޙަމަދު ބިން ޢީސާއާއި އިމާރާތުގެ ނާއިބު ރައީސް މުޙައްމަދު ބިން ރާޝިދާއި ކުވައިތުގެ ވަލީ ޢަހްދު މިޝްޢަލުލް އަޙްމަދުލް ޖާބިރާއި ޢުމާނުގެ ބޮޑުވަޒީރުގެ ނައިބު ފަހްދު ބިން މަޙްމޫދު އާލު ސަޢީދެވެ.



advertisment