Support Us

ސައްތައިގެ ޑީލް ނާކާމިޔާބުކޮށްލެއްވީ ނަތަންޔާހޫ ކަމަށް ޓްރަމްޕް ތުހްމަތު ކުރައްވައިފި

މެދުއިރުމަތީގައި ޞުލްޙަ ޤާއިމު ކުރުމަށް ޓަކައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރޭއްވެވި "ސައްތައިގެ ޑީލް" ނާކާމިޔާބު ކޮށްލެއްވީ އިސްރާއީލުގެ ކުރީގެ ބޮޑުވަޒީރު ބުންޔާމީން ނަތަންޔާހޫ ކަމަށް ރައީސް ޓްރަމްޕް ތުހްމަތު ކުރައްވައިފިއެވެ. ޓްރަމްޕް ވިދާޅުވިގޮތުގައި ނަތަންޔާހޫ މި "ޞުލްޙައަށް" އެއްވެސް އިޖާބައެއް ނުދެއްވިއެވެ.

ޓްރަމްޕް މި ކަން ހާމަކުރެއްވީ އިސްރާއީލުގެ ނޫސްވެރިއެއް ކަމުގައިވާ ބަރާކް ރޭވިޑަށް ދެއްވި 90 މިނެޓްގެ ބަސްދީގަތުމެއްގެ ތެރޭގައެވެ. މި ބަސްދީގަތުން ދެއްވީ Trump’s Peace: The Abraham Accords and the Reshaping of the Middle East މި ނަން ކިޔާ ފޮތް ލިޔުމަށް ބޭނުންވާ ބައެއް މަޢުލޫމާތު މި ނޫސްވެރިޔާއަށް ދެއްވުމުގެ ތެރޭގައެވެ. ޓްރަމްޕް ވިދާޅުވިއެވެ. "ނަތަންޔާހޫ ޞުލްޙައަށް އެދިވަޑައިގަންނަވާ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. އޭނާ އަހުރެމެންނާއެކުގައި އުޅޭކަން ދައްކައިލީއެވެ. ހަމަ ހެދުނީއެވެ."

ޓްރަމްޕް ޖެނުއަރީ 2020ގައި "ސައްތައިގެ ޑީލް" ނަމުގައި ހުށައެޅިހުށައެޅުމަކީ 1991ގެ ފަހުން މެދުއިރުމަތީގައި ޞުލްޙަ ޤާއިމުކުރުމަށް ޓަކައި އިސްރާއީލަށް ފަހިވާ ގޮތަށް އެމެރިކާއިން ހުށައެޅި އެންމެ ރަނގަޅު މަޝްރޫޢެވެ. ޓްރަމްޕްގެ މި މަޝްރޫޢުގެ ސަބަބުން ހުޅަނގު އައްސޭރީގެ ބޮޑު ބަޔަކާއި ޔަހޫދީ އާބާދީތައް އިސްރާއީލުގެ ބިންތައް ކަމުގައި ވެގެންދާނެއެވެ. މި މަޝްރޫޢުގެ ސަބަބުން އިސްރާއީލޭ މި ކިޔާ ދައުލަތުގެ ޔަހޫދިއްޔަތުކަން ޢަރަބީން ޤަބޫލު ކުރާނެއެވެ. މީގެ ބަދަލުގައި ދައުލަތެއްގެ ދަރަޖަ ލިބިފައިނުވާ ދައުލަތެއް ފަލަސްޠީނު މީހުންނަށް ލިބޭނެއެވެ. މި ދައުލަތުގައި ޢަސްކަރީ ބާރެއް ނޯންނާނެއެވެ. އިސްރާއީލުގެވެރިރަށް ކަމުގައި އިރުމަތީ ޤުދުސް ވެގެންދާނެއެވެ.

ނަތަންޔާހޫ ސަބަބަކީ

ޓްރަމްޕް ހާމަކުރެއްވި ގޮތުގައި ފަލަސްޠީނުގެ ދައުލަތް ޤާއިމުކުރުމާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވުމުން ނަތަންޔާހޫ އެއްވެސް އެއްޗެއް ވިދާޅެއް ނުވިއެވެ. ޓްރަމްޕް ރޭވިޑާއެކު ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "ހުރިހާ އެންމެންގެ ވެސް ރައްދަކީ ތަންފީޒެއް ނުކުރެވޭނެއެވެ."

އެހެންނަމަވެސް މެދުއިރުމަތީގައި ޞުލްޙަ ޤާއިމު ކުރުމުގެ މަސައްކަތުގައި ޓްރަމްޕް ކުރިއަށް ވަޑައިގަތެވެ. ވައިޓް ހައުސްގެ ޞުލްޙައިގެ ޓީމުގެ ވެރިއަކަށް އިސްކުރެއްވީ ޓްރަމްޕްގެ ދަނބިދަރިކަލުން ގެރިޑް ކުޝްނަރއެވެ. ކުޝްނަރ ވިދާޅުވާގޮތުގައި އެ ކަން އޭނާއަށް އެނގިވަޑައިގަތީ ނިވްޔޯރކް ޓައިމްސް ދުވަހުނޫހުންނެވެ.

އިސްރާއީލުގެ ނޫސްވެރިޔާއާ ވާހަކަފުޅު ދައްކަވަމުން ޓްރްމްޕް ވިދާޅުވިއެވެ. "ނިކަން ބަލާބަލާށެވެ! އަހުރެން އެކަމާމެދު ވިސްނީމެވެ. އެ ކަމުގައި އަހަރެން އަތުން ގެއްލޭނެ އެއްޗެއް ނެތެވެ."

ޓްރަމްޕް ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "އަހަރެންގެ މުޅި ޙަޔާތަކީ ޑީލެވެ. އަހުރެން ވައްތަރު ވާނީ ބޮޑު ޑީލަކާއެވެ. މިހެންވެ އަހަންނަށް އެ ކަން އެނގެއެވެ. ނަތަންޔާހޫއާއެކު ތިން މިނެޓްއިރު ހޭދަކުރުމަށްފަހު ނަތަންޔާހޫ ވާހަކަފުޅު ދައްކަވަމުންދަނިކޮށް ހުއްޓުވައިފާ އަހުރެން ބުނީމެވެ. ނަތަންޔާހޫއޭވެ! ތިޔަބޭފުޅާ ޑީލެއް ބޭނުންފުޅެއް ނޫން ދޮގެއްތޯއެވެ؟ އެހިނދު ވިދާޅުވިއެވެ . "އާދެ! އާހު! އާހު! އާހު! ތެދުތެދަށް ބުނާނަމަ ނަތަންޔާހޫ އެއްވެސް ޑީލެއް ހައްދަވާކަށް ބޭނުންފުޅެއް ނޫނެވެ."

އޭގެ ބަދަލުގައި ނަތަންޔާހޫ ބޭނުންފުޅުވީ ޓްރަމްޕްގެ ޑީލުގެ ނާޖާއިޒު ފައިދާ ނަންގަވައިގެން ހުޅަނގު އައްސޭރި އިސްރާއީލުގެ ބިމަކަށް ހައްދަވާށެވެ. އިންތިޚާބުގެ ކުރިން އެކަން ކުރައްވައި އިސްރާއީލުގެ ޢާއްމު އިންތިޚާބު ކާމިޔާބު ކުރައްވާށެވެ. އެހެނަސް ނަތަންޔާހޫގެ ރޭވުމަކީ ބައިނަލްއަޤްވާމީ ހުރިހާ ޤަރާރުތަކަކާ އަރާރުންވާ ކަމެކެވެ. އޭނާ ބޭނުންފުޅުވީ އެކަން ކުރައްވައިގެން އިންތޚާބުގައި ވަރަށް ބޮޑު ކާމިޔާބީއެއް ހޯއްދެވުމެވެ. އެމެރިކާގައި ހުންނެވި އިސްރާއީލު ސަފީރު މިކަން ކަށަވަރުކޮށް ދެއްވިއެވެ.

ޢައްބާސަށްވުރެ ނަތަންޔާހޫގެ މަސްއަލަ މާ ބޮޑު

ޓްރަމްޕް ހާމަކުރެއްވި ގޮތުގައި އޭނާގެ ރިޔާސީ ދައުރުގެ ވަރަށް ކުރީކޮޅުގައި މެދުއިރުމަތީގެ ޞުލްޙައަށް އެޅިފައިވާ ހުރަސްތަކުގެތެރޭގައި ނަތަންޔާހޫވާކަން އެނގިވަޑައިގަތެވެ. ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސަށްވުރެ ނަތަންޔާހޫގެ މަސްއަލަ ބޮޑުކަން އެނގިވަޑައިގަތެވެ.

ޢައްބާސާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވިއެވެ. "ޢައްބާސަކީ މާތް ބޭފުޅެކެވެ. އެއީ ބައްޕައެއްފަދަ ބޭފުޅެކެވެ. ނަތަންޔާހޫއަށް ވުރެ މަޙްމޫދު ޢައްބާސް ޑީލެއް ހައްދަވަން ހުންނެވީ މާ ބޮޑަށް ތައްޔާރުވެ ވަޑައިގެންނެވެ."

ޢައްބާސާއެކު އެއްބަސްވުމަކާ ހަމައަށް ވަޑައިގެންނެވިދާނެކަމަށް ވިދާޅުވުމުން ނަތަންޔާހޫ ރައީސް ޓްރަމްޕަށް ނަސޭޙަތް ދެއްވަމުން "އަދި ކުޑަކޮށް ވިސްނައިވަޑައިގަތުމަށް" ދެންނެވިއެވެ. އެހެނަސް ޓްރަމްޕް ތުހްމަތު ކުރެއްވިގޮތުގައި ޢައްބާސަކީ ކޮޓަރިތެރޭގައި ބައްދައިލެއްވުމަށްފަހު ބަސްމަގު ރީތިކުރައްވައިގެން ވާހަކަފުޅު ދައްކަވާ ބޭފުޅެކެވެ. އެހެނަސް ބޭރަށް ނުކުމެވަޑައިގަތުމަށްފަހު ފާޅުގައި އޭނާ ފާޑުވިދާޅުވާނެއެވެ. ޓަރްމްޕް ވިދާޅުވިއެވެ. "އޭނާ ރަށަށް އެނބުރި ވަޑައިގަތުމަށްފަހު އެއްވެސް ވާހަކައެއް ރަނގަޅަކަށް ވިދާޅެއް ނުވާނެއެވެ. ރަށަށް އެނބުރި ވަޑައިގަތުމަށްފަހު ވިދާޅުވީ ހަނގުރާމައާ އެއްފަދަ ބަސްފުޅުތަކެކެވެ. ފަހަރެއްގައި ޢައްބާސް އެގޮތަށް ވާހަކަފުޅު ދެއްކެވީ ސިޔާސީ މަސްރަޙަށް ބައްލަވައިގެންކަމަށް ވެދާނެއެވެ." ޓްރަމްޕް ވިދާޅުވި ގޮތުގައި އޭނާ ޢައްބާސާމެދު ދެކެވަޑައިގަންނަވަނީ "ރުހުމުގެ ލޮލަކުންނެވެ."

ޓްރަމްޕް މިހެން ވިދާޅުވި ނަމަވެސް 2017ގައި އިސްރާއީލުގެ ވެރިރަށަކީ ޤުދްސް ކަމަށް ވޮޝިންގްޓަނުން ޤަބޫލު ކުރިއެވެ. ޓްރަމްޕް އެ ވިދާޅުވާ ޞުލްޙައަށް ޓަކައި އެމެރިކާ މަސައްކަތް ނުކުރާނެކަން ފަކަސްޠީނަށް އެ ހިސާބުން އެނގުނެވެ. ޓްރަމްޕް ވިދާޅުވާ ގޮތުގައި ޞުލްޙައަށް ޓަކައި މަސައްކަތް ކުރާ ބަޔަކީ އިސްރާއީލީންނެވެ. ފަލަސްޠީނީން އެކަމަށް މަސައްކަތެއް ނުކުރެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް