Support Us

ޢިރާޤުގެ ދައުލަތަށް ސައްތަ އަހަރު

މިނިވަން ދައުލަތެއްގެ ގޮތުގައި ޢިރާޤުގެ ވުޖޫދު ވުމަށް އެއް ސައްތަ އަހަރު ފުރުނުއިރު އެ ޤައުމުގެ އިންސާނީ ޙާލަތާބެހޭ ތަފާސްހިސާބުތަކުން ދުނިޔެއަށް ވަނީ ސިހުން ލިބިފައެވެ. ޢިރާޤުގެ އަމްނާއި ފަރްދީ މިނިވަންކަމާއި ތަޢުލީމާއި ޞިއްޙަތާއި މަޢީޝަތުގެ ޙާލަތަށް ބަލާއިރު ޢިރާޤު ވަނީ ފާގަތިކަމުގެ ނަމޫނާކަމުން ބަދުނަޞީބުކަމުގެ ނަމޫނާއަކަށް ބަދަލުވެފައެވެ.

ޔުނިސެފްގެ ޢަދަދުތަކަށް ޙަވާލާދީ އިންސާނީ ޙައްޤުތަކާ ބެހޭ ޢިރާޤުގެ ކަމިޝަނުން ބުނާގޮތުގައި ޢިރާޤުގައި މިއަދު ފަސް މިލިއަން ޔަތީމު ކުދީން އެބަ ތިއްބެވެ. އެއީ ދުނިޔޭގެ ޔަތީމުންގެ މުޅި ޖުމުލައިގެ ފަސް އިންސައްތަ އެވެ. މިއީ މިނިވަންކަމަށް ދަޢުވާކުރާ ހުޅަނގުގެ ބާރުތައް ޢިރާޤަށް އެރުމުގެ ސަބަބުން އެ ޤައުމު ދެކެފައިވާ ހަރުކަށި ޢަމަލުތަކާއި ނިރުބަވެރި ޙަމަލާތަކާއި އެ ޤައުމުގައި ހިންގައިފައިވާ ހަނގުރާމަތަކުގެ ސަބަބުން އެ ޤައުމުގެ ރައްޔިތުންނަށް ޚާޢްޞަކޮށް ކުޑަ ކުދީންނަށް ލިބިފައިވާ ގެއްލުންތައް ތަޞްވީރުކޮށްދޭ ކުޑަކުޑަ މިސާލެކެވެ.

މި ކަމިޝަނުން ހާމަކުރާ ގޮތުގައި "އަޅު މަސައްކަތުގެ ބާޒާރުގައި" މިލިއަނެއްހާ ކުޑަ ކުދީން އެބަ މަސައްކަތް ކުރެއެވެ. އެ ކުދީން ލައްވާ އެ ކުދީންގެ ޢާއިލާތަކުން މި ގޮތަށް މަސައްކަތް ކުރުވަނީ ބަނޑުފުރާނަ މުއްތިކުރުމަށް ބޭނުންވާ ސުވާކޮޅެއް ހޯދުމަށް މަޖްބޫރުވެގެންނެވެ. މި ކަމިޝަންގެ ރިޕޯޓު ބުނާގޮތުގައި އެތައް ހާސް ބަޔަކަށް ދާޢިޝް ޖަމާޢަތާ ގުޅެން ޖެހުމުގެ ސަބަބުން ، އެއީ ކޮން ބައެއްކަން އަންގައިދޭ ރަސްމީ އެއްވެސް ލިޔުމެއްނެތް 45 ހާސް ކުޑަކުދީން ޢިރާޤުގައި އެބަ ތިއްބެވެ.

މި ރިޕޯޓް ބުނާގޮތުގައި ފަޤީރުކަމުގެ ރޮނގަށްވުރެ ދަށުގައި ޢިރާޤުގައި 4.5 މިލިއަން ކުޑަކުދީން އެބަ އުޅެއެވެ. ގެވެހި އަނިޔާގެ ގިޔުގަނޑަށް ފެތޭ 5،000 ޝަކްވާ ހުށައެޅިފައި އެބަ އޮތެވެ.

ޢިރާޤުގެ އިންސާނީ ޙައްޤުތަކާ ބެހޭ ކަމިޝަންގެ މެންބަރެއް ކަމުގައިވާ ޢަލިލް ބައްޔާތީ އައްޝަރްޤުލްއައުސަޠު ދުވަހު ނޫހަށް ވިދާޅުވިގޮތުގައި ޔަތީމު ކުދީންގެ ޢަދަދަކީ ކުޑަކުދީންނާ ބެހޭ އދގެ ޖަމްޢިއްޔާ (ޔުނިސެފް)ގެ ތަފާސްހިސާބެކެވެ. އެހެނިހެން ތަފާސްހިސާބުތަކަކީ އދ އާއި ޢިރާޤުގެ ޕްލޭނިންގް މިނިސްޓްރީގެ ރެކޯޑުތަކުން ނަގައިފައިވާ ޢަދަދުތަކެކެވެ.

އޭނާ ހާމަކުރެއްވި ގޮތުގައި ޢިރާޤުގެ އާބާދީގެ 25 އިންސައްތަ މީހުންނަކީ ފަޤީރުންނެވެ. ކުރްދިސްތާނު ސަރަޙައްދު ވެސް އޭގައި ހިމެނެއެވެ. މަސައްކަތެއް ނެތި ގޭގައި ތިބި މީހުންގެ ނިސްބަތަކީ 14 އިންސައްތަ ކަމަށް އޭނާ ވިދާޅުވިއެވެ. ދެހާސް ސާދަ ވަނަ އަހަރުން ފެށިގެން މިހާތަނަށް އައިއިރު ގެއްލިފައިވާ މީހުންގެ ޢަދަދު އަށް ހާހަށް މައްޗަށް ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މިފަދަ މީހުންގެ ޢާއިލާތަކަށް ދޭން ޖެހޭ އަޅައިލުން ސަރުކާރުން ނުދޭ ކަމަށް އޭނާ ތުހްމަތު ކުރެއްވިއެވެ. އެމީހުން ފެނޭތޯ ބެލުމަށް ޓަކައި ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅައިފާ ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. މިފަދަ މީހުންގެ ޢާއިލާތައް ދިރިއުޅެމުން ދަނީ ވަރަށް ނިކަމެތި ޙާލެއްގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭނާ ހާމަކުރެއްވި ގޮތުގައި ގެއްލިފައިވާ މީހުންގެ ތެރެއިން ގިނަ ބަޔަކު ގެއްލިފައިވަނީ ދާޢިޝުންގެ ބާރުގެ ދަށުގައި އޮތް ރަށްރަށުންނެވެ. ދާޢިޝުންގެ ވެރިކަމުގައި 10 ވަރަކަށް ނޫސްވެރީން ގެއްލިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޢިރާޤުގެ އިންސާނީ ޙައްޤުތަކާބެހޭ ކަމިޝަންގެ މި މަސްއޫލުވެރިއާ މި ނޫހަށް ދެއްވި މި ބަޔާން ބުނާގޮތުގައި ޢިރާޤުގެ ޖަލުތަކުގައި އެތައް ހާސް ބަޔަކު ޝަރީޢަތަށް ހުށަނާޅައި އެބަ ތިއްބެވެ. އެމީހުންނަށް ތަފާތު ބާވަތްތަކުގެ އަދަބު ދެވޭކަމަށް ވެސް އޭނާ ތުހްމަތު ކުރެއްވިއެވެ.

ޢިރާޤުގެ މިއަދުގެ ތަޢުލީމީ ޙާލަތާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ވިދާޅުވި ގޮތުގައި އެ ޤައުމަށް މިއަދު އިތުރު 8،000 މަދަރުސާ ބޭނުން ވެއެވެ. ތަޢުލީމީ ތަފާތު ފިޔަވަހިތަކުން ފޭލްވެގެން ވަކި ކުރެވިފައިވާ ދަރިވަރުންގެ ޢަދަދު 73 އިންސައްތައަށް އިތުރުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ މި ޢަދަދު ތަފްޞީލުކޮށް ދެއްވަމުން ވިދާޅުވިއެވެ. އެއީ ފަށާ ތަޢުލީމުގެ މަރްޙަލާއިން 91 އިންސައްތައާ މެދުމަދުރަސީ މަރްޙަލާއިން 36 އިންސައްތަ އާއި ސާނަވީ މަރްޙަލާއިން 18 އިންސައްތަ އާއި މަތީ ތަޢުލީމުގެ މަރްޙަލާއިން 14 އިންސައްތަ އެވެ. ޢިރާޤުގެ ކަމިޝަންގެ ތަފާސްހިސާބުތައް ބުނާގޮތުގައި ޢިރާޤުގައި ކިސަނޑު މަށީން ބިނާކޮށްފައިވާ އެއްހާސް މަދުރަސާ އެބަ ހުށްޓެވެ.

ޞިއްޙަތާ ބެހޭ މައިދާނަށް ބަލާއިރު ބަޣުދާދުގައި އިބްނުލް ޚަޠީބު ހަސްފަތާލާއި އައްނާޞިރިއްޔާގެ އަލްޙުސައިން ހަސްފަތާލުގައި ރޯވި ހިތާމަވެރ ޙާދިސާގައި ކޮރޯނާ ވައިރަހުގެ ސަބަބުން އެކަހެރިކޮށްފައި ތިބި މީހުންގެ ތެރެއިން 175 މީހަކު މަރުވެ 150 މީހަކު ޒަޚަމު ވެފައި ވެއެވެ.
ޢިރާޤުގެ ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަމާ ބެހޭގޮތުން މި ކަމިޝަން ބުނިގޮތުގައި ބޯހިޔާވަހިކަމުގެ ދަތިތަކުން އަރައިގަތުމަށް ޓަކައި ޢިރާޤަށް 3.5 މިލިއަން ފްލެޓު ބޭނުން ވެއެވެ. ވެރިރަށް ބަޣުދާދުގައި ވަގުތީ ހިޔާވަހިކަމުގައި ބައި މިލިއަން ޢާއިލާ ދިރިއުޅެމުންދާ ކަމަށް މި ކަމިޝަނުން ބުންޏެވެ. ކަމިޝަންގެ މި ރިޕޯޓު ބުނާގޮތުގައި ތެލުގެ މުއްސަނދިކަން ލިބިފައިވާ ބަޞްރާގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމަށް ޓަކައި 900 އެކުވެނި ބޭނުން ވެއެވެ. ޢިރާޤަށް ތެލުން އަހަރަކު އަށް ބިލިއަން ޑޮލަރުގެ އާމުދަނީއެއް ލިބެއެވެ.

ޓްރާންސްޕޯޓަށް ބަލާއިރު ޢިރާޤުގެ ބޮޑެތި މަގުތައް އޮތީ ހަލާކުވެފައެވެ. މަގުމަތީގައި އުޅަނދުތައް ދުއްވުމަށް އެއްވެސް ޤަވާޢިދެއް ނެތެވެ. ޢިރާޤުގެ ވާހަނާ ނިޒާމު ވަނީ ހަނާވެފައެވެ.މިދިޔަ އަހަރު 8،286 ވާހަނާ ހާދިސާ ހިނގައިފައި ވެއެވެ. މި ޙާދިސާތަކުގެ ސަބަބުން 2،152 މީހަކު ދުނިޔެ ދޫކޮށްފައި ވެއެވެ.

އަހަރީ ދުވަސް ފާހަގަ ކުރުން

ޢިރާޤުގެ ދައުލަތަށް ސަތޭކަ އަހަރު ފުރުމުގެ ހަނދާންތައް އައުކުރުމަށް ޓަކައި ބޮޑުވަޒީރު މުޞްޠަފަލް ކާޡިމީ ސަރުކާރުގެ ގަނޑުވަރުގައި ވަރަށް ބޮޑު އިޙްތިފާލެއް ބޭއްވެވިއެވެ. މި ދައުލަތް ޤާއިމު ކުރެވުނީ 1921ވަނަ އަހަރުއެވެ. ޢިރާޤު ދެކެމުންދާ ސިޔާސީ އިޤްތިޞާދީ ސަލާމަތީ ގަނޑުބަޑުތަކުގެތެރޭގައި ދައުލަތް ދެމެހެއްޓުމަށް ޓަކައި މިއަދުވެސް ދަނީ ހަނގުރާމަ ކުރަމުންނެވެ.މިއަދު ހަނގުރާމަތައް ހިނގަމުން ދަނީ ބޭރުގެ ޢަދުއްވުންނާއި އެތެރޭގެ ވާދަވެރީންނާ ދެމެދުގައެވެ. ވަޠަނިއްޔަތުގެ މަފްހޫމާއި ޤައުމިއްޔަތުގެ މަފްހޫމު ފުށުނާރާނެފަދަ ގޮތަކަށް ކަނޑައެޅުމަށް ޓަކައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް