ޔުކްރޭން ސަރަޙައްދު ކައިރިއަށް ރަޝިޔާއިން ލަޝްކަރުތައް ޖަމާކުރުން ހުއްޓައިނުލާ ކުރިއަށް ގެންދާކަން ފާހަގަކުރެވިއްޖެ ކަމަށް" އެމެރިކާގެ ދިފާޢީ ވުޒާރާއިން މިއަދު ބުނެފިއެވެ. ޔުކްރޭނަށް ޙަމަލާއެއް ދީފިނަމަ މޮސްކޯއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު އެމެރިކާއިންނާއި ޔޫރަޕްގެ އިއްތިޙާދުން ވަނީ ދީފައެވެ.
ޕެންޓަގަންގެ ތަރްޖަމާނު ޖޯން ކަރބީ ނޫސްވެރީންނާ ބައްދަލު ކުރައްވާ ވިދާޅުވިއެވެ. "ރަޝާގެ ހުޅަނގު ބިތުގައި ޔުކްރޭން ސަރަޙައްދު ކައިރީގައި ރަޝިޔާގެ ބޮޑު ބާރެއް އޮތް ތަން އަހުރެމެންނަށް އެބަ ފެނެއެވެ." އޭނާ ވިދާޅުވިއެވެ. "އަހުރެމެން މި ދަނީ އެކަމަށް ފާރަލައި ބަލަމުންނެވެ."
އެހެނަސް ވޮޝިންގްޓަން ޕޯސްޓް ދުވަހު ނޫސް ވައިޓްހައުސާ ޙަވާލާދީ ބުނާގޮތުގައި ރައީސް ޕޫޓިން ޔުކްރޭނަށް ޙަމަލާ ދިނުމާ ބެހޭގޮތުން އަދި އެއްވެސް ނިންމުމެއް ނުނިންމަވައެވެ. ރަޝިޔާއިން ޔުކްރޭނަށް ޙަމަލާއެއް ދޭން އުޅޭކަމަށް ހުޅަނގުން ބުނާބުނުމާ މޮސްކޯ ދެކޮޅު ހަދައެވެ.
އެމެރިކާގެ ރައީސް ބައިޑްން ވިދާޅުވާ ގޮތުގައި މޮސްކޯއިން ޔުކްރޭނަށް އަރައިފިނަމަ ވޮޝިންގްޓަނުން މޮސްކޯއާ ދެކޮޅަށް ހަރުކަށި އެތައް ފިޔަވަޅުތަކެއް އަޅާނެއެވެ. ރައީސް ބައިޑްން ވިދާޅުވާ ގޮތުގައި އޭނާ މި މަސައްކަތް ކުރައްވަނީ މޮސްކޯއިން ޔުކްރޭން އަމާޒަކަށް ހެދިޔަ ނުދިނުމަށެވެ.
މި މަސްއަލައާ ބެހޭގޮތުން ޔޫރަޕްގެ ކަމިޝަންގެ ރައީސާ އުރްސުއޭލާ ވޮންޑޭރު ލޭޔަން އިއްޔެ ވިދާޅުވިގޮތުގައި "ރަޝިޔާއިން ޔުކްރޭނަށް ޢުދްވާނީ ޙަމަލާއެއް ދީފިނަމަ އޭގެ އަގު މޮސްކޯއަށް ދައްކަން ޖައްސާނަމެވެ." އެހެނަސް ޔޫރަޕްގެ އިއްތިޙާދުން އަޅާނީ ކޮންކޮން ފިޔަވަޅުތަކެއް ކަމެއް އޭނާ ހާމައެއް ނުކުރައްވައެވެ. މި ގޮތަށް އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ޔޫރަޕަށް ބޭނުންވާ ގޭސް ގެންދިޔުމަށް ޓަކައި ލަމުންދާ ހޮޅި "ނޯރޑް ސްޓްރީމް 2″ގެ މަޝްރޫޢު ހިމެނޭކަން ނުވަތަ ނޫންކަން އޭނާ ހާމައެއް ނުކުރައްވައެވެ.
ވޮންޑޭރު ލޭޔަން މި މޭރުމުން ވާހަކަފުޅު ދެއްކެވީ ޖަރްމަނުގެ އައު މުސްތަޝާރު އޮލާފް ޝޫލްޓްސްއާއެކު ބޭއްވެވި ނޫސްވެރީންގެ ބައްދަލުވުމެއްގައެވެ. ވޮންޑޭރު ލޭޔަން ވިދާޅުވިއެވެ. "މި ހުސްވި ޖޫން މަހު ޔޫރަޕްގެ މަޖިލީހުން ވަނީ ރަޝިޔާއާ ބެހޭގޮތުން ހުރި ޚިޔާރުތައް ދިރާސާ ކުރާން އަންގައިފައެވެ. އަހުރެމެން އެ މަސައްކަތް ކޮށް ނިންމައިފީމެވެ. ރަޝިޔާއަށް މި ނުކުތާތައް އެންގޭނެއެވެ. އެހެނަސް އަހުރެމެން އެކަންކަން އިޢުލާނެއް ނުކުރާނަމެވެ."
ރަޝިޔާއާ ދެކޮޅަށް އަޅަން ހުރި ފިޔަވަޅުތަކާ ބެހޭގޮތުން ޖަރްމަނުގެ އައު މުސްތަޝާރު އެއްޗެއް ވިދާޅުވުމާ ވަނީ ދެކޮޅު ހައްދަވައިފައެވެ.
ނޯރޑް ސްޓްރީމް 2 މަޝްރޫޢާ ދެކޮޅަށް ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށް ވައިޓްހައުސްއިން ބުނިނަމަވެސް ޔޫރަޕްގެ އިއްތިޙާދުގެ ޤައުމުތަކުގެ ޚިޔާލު މިކަމުގައި ވަނީ ތަފާތުވެފައެވެ. އެ މަޝްރޫޢަކީ ޔޫރަޕަށް ވަރަށް މުހިއްމު މަޝްރޫޢެކެވެ. ގަދަ ފިނީން ހީފިލުވުމަށް ޓަކައި ޔޫރަޕަށް ރަޝިޔާގެ ގޭސް ބޭނުންވެއެވެ.
ފަރަންސޭސި ޚާރިޖިއްޔާއިން ވެސް ދަނީ ރަޝިޔާއަށް އިންޒާރު ދެމުންނެވެ. ޕެރިސް ބުނާގޮތުގައި ޔުކްރޭނަށް ރަޝިޔާއިން ޙަމަލާދީފިނަމަ (އިސްތިރާތީޖީ ބިޔަ ނަތީޖާތަކަކާ) ކުރިމަތިލާން ޖެހޭނެއެވެ. އިނގިރޭސި ޚާރިޖީ ވަޒީރާ ލިޒް ޓްރަސް ވިދާޅުވާ ގޮތުގައި ރަޝިޔާއިން ޔުކްރޭނަށް ޙަމަލާދިނުން ވާނީ "އިސްތިރާތީޖީ ކުށަ"ކަށެވެ.
މީގެ ހަތް އަހަރު ކުރިން ރަޝިޔާއިން ކްރިމިޔާ ޕެނިންސުލާ ހިފައި ރަޝިޔާގެ ސަރަޙައްދާ އެއްކޮށްލުމާ ވިދިގެން މޮސްކޯއާއި ކިޔީފާ ދެމެދުގައިވާ ގުޅުންތައް ވަނީ ވަރަށް ނުތަނަވަސްވެ ހަލަބޮލިވެފައެވެ.



advertisment