Support Us

އިމާރާތާއި އީރާނުގެ ގުޅުންތައް އައު އުސްމިންތަކަކަށް

އެކުވެރި ޢަރަބި އިމާރާތުގެ ޤައުމީ ސަލާމަތާ ބެހޭ މުޝީރު ޝައިޚު ޠަޙްނޫން މި މަހުގެ ހަވަނަ ދުވަހު ޠަހަރާނަށް ކުރެއްވި ނާދިރު ޒިޔާރަތުގެ ސަބަބުން އިމާރާތާ އީރާނުގެ ގުޅުންތައް އައު ފަތިހަކަށް ކުރިމަތިލައިފިކަމަށް ދާރިސުން ވިދާޅުވާން ފަށްޓަވައިފިއެވެ. އޭނާ ޠަހަރާނަށް ކުރެއްވި މި ދަތުރުފުޅުގައި އީރާނުގެ ރައީސް އިބްރާހީމު ރައީސީއާއި އިރާނުގެ ޤައުމީ ސަލާމަތާ ބެހޭ އެންމެ މަތީ މަޖިލީހުގެ ސެކްރެޓަރީ ޢަލީ އައްޝަމްޚާނީއާ ބައްދަލު ކުރައްވައި އެ ދެ ޤައުމުގެ ދެމެދުގައިވާ ޒަމާންވީ ގުޅުންތަކާ ބެހޭގޮތުން "ވަރަށް އެކުވެރި ޖައްވެއްގައި" ބަޙުސްކުރެވުނު ކަމަށް މީޑިއާތައް ބުންޏެވެ.

އިމާރާތުގެ ޤައުމީ ސަލާމަތާ ބެހޭ މުޝީރު ޝައިޚު ޠަޙްނޫނަކީ އިމާރާތުގެ ޙަޤީޤީ ވެރިޔާ ވަލީ ޢަހްދު މުޙައްމަދު ބިން ޒާއިދުގެ ކޮއްކޯފުޅެވެ. ޝައިޚު ޠަޙްނޫން އީރާނަށް މި ދަތުރުފުޅު ކުރެއްވީ އިމާރާތާއި އީރާނާ ދެމެދުގައިވާ ގުޅުންތައް ރަގަނޅު ކުރެއްވުމުގެ މަޤްޞަދުގައެވެ.

ސަރަޙައްދުގެ އަމަންއަމާންކަން ޖާމިނުކުރުމުގެ ކަށަވަރުކަން

ޠަޙްނޫން ޠަހަރާނަށް ވަޑައިގެންނެވުމާއެކު އީރާނުގެ ޤައުމީ ސަލާމަތާބެހޭ އެންމެ މަތީ މަޖިލީހުގެ ސެކްރެޓަރީ ޢަލީ އައްޝަމްޚާނީ އޭނާއަށް މަރްޙަބާ ދަންނަވައި ރަސްމީ ވާހަކަ ދެއްކުންތައް ބޭއްވެވިއެވެ. މި ބައްދަލުވުމުގައި އެ ދެ ޤައުމުގެ ގުޅިފައިވާ ސަލާމަތީ މަސްއަލަތަކާމެދު ބަޙުސް ކުރެއްވިއެވެ.
އީރާނުގެ ޤައުމީ ސަލާމަތާ ބެހޭ އެންމެ މަތީ މަޖިލީހުގެ އިސް މަސްއޫލުވެރިއަކު މި ބައްދަލުވުމާ ބެހޭގޮތުން ވިދާޅުވިއެވެ. "އީރާނާއެކު ގުޅުންތައް ރަނގަޅު ކުރުމަށް އިމާރާތުން މި ފަހަރު ކުރިމަތިލައިފައި ވަނީ ސަމާސާ ކަނޑައިފައެވެ.މި ޝައުޤުވެރިކަން އުފެދިފައިވަނީ މި ސަރަޙައްދަށް ލޮޅުން އަތުވެދާނެކަމުގެ ބިރުގެ ސަބަބުންނެވެ." އޭނާ ވިދާޅުވިއެވެ. "ޠަޙްނޫން- ޝަމްޚާނީގެ ބައްދަލުވުމުގައި އެންމެ އިސްކަންދެއްވައިފައި ވަނީ ސަރަޙައްދުގެ އަމަންއަމާންކަމުގެ ޖާމިނުވުމަށެވެ." އިސްރާއީލުން އީރާނަށް ޙަމަލާއެއް ދޭއިރު ގަލްފުގެ ބިމަކުން މި ޙަމަލާ ނުދޭނެކަމުގެ ޖާމިނުވުން އީރާނަށް ބޭނުންވާ ކަމަށް ޝަމްޚާނީ ޝައިޚު ޠަޙްނޫނަށް ދެންނެވިއެވެ.

އިމާރާތުން ވަނީ މި ދިޔަ އަހަރުގެ އޮގަސްޓުގައި އިސްރާއީލާއެކު ގުޅުންތައް ޠަބީޢީކޮށްފައެވެ. މިއީ އީރާނުން އިމާރާތާ ދެކޮޅަށް ވަރަށް ބޮޑަށް ފާޑު ކިޔާ ކަމެކެވެ. އީރާނުން އިންޒާރު ކުރާގޮތުގައި މި ގުޅުމުގެ ސަބަބުން ސަރަޙައްދުގެ އަމްނަށް އެއްވެސް ލޮޅުމެއް އަރައިފިނަމަ އެކަމުގެ ޒިންމާ އިމާރާތަށް އުފުއްލަން ޖެހޭނެއެވެ.

އީރާނުގެ މަސްއޫލު ވެރިއާ ވިދާޅުވިއެވެ. "އީރާނާމެދު އިމާރާތުން ގެންގުޅެމުން ދިޔަ ސިޔާސަތު ބަދަލުކުރުމަށް އަބޫ ޡަބްއިއިން މިހާރު ވަނީ މަސައްކަތް ފަށައިފައެވެ. ކުރީގެ މަންހަޖު ވަނީ ބަދަލުވެފައެވެ." އިމާރާތާ އިސްރާއީލުގެ ގުޅުމުގެ ސަބަބުން އީރާނަށް ކަންބޮޑުވާން ޖެހިދާނެ ކަމެއް ކުރިމަތިވެގެން ނުދާނެކަމަށް ޝައިޚު ޠަޙްނޫން ވިދާޅުވިއެވެ.

އީރާނުގެ މި މަސްއޫލުވެރިޔާ ހާމަކުރެއްވި ގޮތުގައި އިމާރާތުގެ ސަލާމަތީ ވަފްދާއެކު އިސްރާއީލު- އިމާރާތުގެ ގުޅުމާ ބެހޭގޮތުން ތަފްޞީލުކޮށް ވާހަކަދައްކަން އީރާނުގެ ސަލާމަތީ ވަފްދުން ވަރަށް އިސްކަން ދިނެވެ. މި ކަމުގައި އީރާން ބޭނުންވާ ގަރަންޓީތަކާ ބެހޭގޮތުން ބަޙުސް ކުރެވުނެވެ. އިމާރާތު– އިސްރާއީލު ގުޅުމުގެ ސަބަބުން އީރާނުގެ އަމްނަށާއި ސަލާމަތަށް އެއްވެސް ބިރެއް ނެތްކަން ޝައިޚު ޠަޙްނޫން ކަށަވަރުކޮށް ދެއްވިއެވެ. އީރާނުގެ ޤައުމީ ސަލާމަތާ ބެހޭ އިސް މަޖިލީހުގެ ސެކްރަޓަރީ ޢަލީ އައްޝަމްޚާނީ ވިދާޅުވިގޮތުގައި އިސްރާއީލު – އިމާރާތު ގުޅުމުގެ ސަބަބުން އިމާރާތުގެ އަމްނަށާއި އަމާންކަމަށް ލޮޅުންތަކެއް އަރައިފާނެކަމަށް ޠަހަރާން ދެކެއެވެ.

ސޫރިޔާގެ ފައިލާއި ޔަމަނުގެ ހަނގުރާމަ

މި ބައްދަލު ކުރެއްވުމުގައި ސޫރިޔާގެ ފައިލާއި ޔަމަނުގައި ހިނގަމުންދާ ހަނގުރާމައާ ބެހޭގޮތުން ޠަޙްނޫނާއި ޝަމްޚާނީ ބަޙުސްކުރެއްވިއެވެ. ޠަޙްނޫނުގެ ދަތުރުފުޅާ ދިމާކޮށް ސޫރިޔާގެ ޚާރިޖީ ވަޒީރު ފައިޞަލުލް މިޤްދާދު ޠަހަރާނަށް ޒިޔާރަތް ކުރައްވައިފައި ވެއެވެ. މިއިން އެނގެނީ މިއީ ދުރާލައި ރާވައިގެން ޠަހަރާން ހަމަޖައްސައިފައިވާ ކަމެއް ކަމެވެ. އެހެނަސް ޚަބަރުތަކުން އެނގޭގޮތުގައި ޠަޙްނޫނާ ސޫރިޔާގެ ވަޒީރު ބައްދަލުވެވަޑައިގެންފައިވަނީ ދެތިން މިނެޓަށެވެ. ސަލާންކޮށްލެއްވުމަށް ޓަކައެވެ. މި ދެތިން މިނެޓްގެ ބައްދަލުވުމުން އިމާރާތަށް " ހެޔޮ މެސެޖެއް" ލިބިފައިވާ ކަން އެނގެއެވެ. އީރާނާ އިމާރާތުގެ ވާހަކަދެއްކުންތަކުގައި އިމާރާތާ ސޫރިޔާގެ ގުޅުންތައް ޠަބީޢީ ކުރުމާ ބެހޭގޮތުން ބަޙުސްކުރެވުނެވެ. ގަލްފުގެ ޤައުމުތަކުން ސޫރިޔާއާއެކު ގުޅުންތައް ރަނގަޅު ކުރަން ޖެހިފައިވާ ކަމަށް ދެ ފަރާތުން ވެސް އެއްބަސްވިއެވެ.

ޠަޙްނޫން ހާމަކުރެއްވި ގޮތުގައި ސޫރިޔާއާއެކު ގުޅުންތައް ޠަބީޢި ކުރުމުގެ މަސްއަލައަކީ މެދުއިރުމަތިގައި އިމާރާތުން ކުޅެން ގަސްތުކޮށްފައިވާ ސިޔާސީ ދައުރާ ގުޅިފައިވާ ކަމެކެވެ. އޭނާ ކަށަވަރުކޮށް ދެއްވިގޮތުގައި ސޫރިޔާއާއެކު އިމާރާތުން ގުޅުންތައް ރަނގަޅު ކުރަން މަސައްކަތް މި ކުރަނީ އީރާނު ސޫރިޔާއާ ފޭކޮށް ދުރަށްލާކަށް ނޫނެވެ. އޭނާ ހާމަކުރެއްވި ގޮތުގައި ސޫރިޔާ އަލުން ބިނާކޮށް އާރާސްތު ކުރުމުގައި އީރާނު ބައިވެރިވާން އިމާރާތުން އެދެއެވެ. އަދި އެ ސަރަޙައްދަށް ސުލްޙަމަލަސްކަމާއި ހަމަހިމޭންކަން ގެނައުމުގައި އީރާނުގެ ދައުރު މުހިއްމުކަމަށް ވެސް ޠަޙްނޫން ވިދާޅުވިއެވެ.
ޔަމަނުގައި ހިނގަމުންދާ ހަނގުރާމައާ ބެހޭގޮތުން ދެ ބޭފުޅުން ބަޙުސް ކުރެއްވިއެވެ. ޔަމަނު ހަމަހިމޭން ކުރުމަށް ޓަކައި ޠަހަރާނާއި ރިޔާޟު ކުރަމުންދާ މަސައްކަތަށް އަބޫ ޡަބްއި މަރްޙަބާ ކިޔާކަމަށް ޠަޙްނޫން ވިދާޅުވިއެވެ. ޔަމަނުގެ ހަނގުރާމައިގައި އިމާރާތުން ކުޅެމުން ދިޔަ ދައުރު ކުޑަކުރުމަށް އިމާރާތުން މަސައްކަތް ކުރަމުންދާ ކަމަށް ޠަޙްނޫން ވިދާޅުވިއެވެ. ޝަމްޚާނީ ދެންނެވި ގޮތުގައި ޔަމަނުގެ މަސްއަލައަށް ސިޔާސީ ޙައްލެއް ގެނެވެން ޖެހޭނެކަމަށް ޠަހަރާން ދެކެއެވެ. މި ކަމުގައި ޠަހަރާނާއެކު އަބޫ ޡަބްއިގެ ބައިވެރިވުން މުހިއްމު ކަމަށް ޝަމްޚާނީ ދެންނެވިއެވެ.

އީރާނުގެ ނިޔުކްލިއަރ ފައިލަށް ނުބަލައި އެއްބާރުލުން ޤާއިމުކުރުން ލާޒިމު

އިމާރާތުގެ މަސްއޫލުވެރިޔާ ޠަހަރާނަށް މި ކުރެއްވި ޒިޔާރަތާ އީރާނުގެ ނިޔުކްލިއަރ ފައިލާ ބެހޭގޮތުން އެމެރިކާއާއެކު ފެށުނު ނުސީދާ ވާހަކަދެއްކުންތައް ވަގުތުގެ ގޮތުން އެއްވަގުތަކަށްވީކަން ވެސް ފާހަގަ ކުރެވެއެވެ. އީރާނުގެ މަސްއޫލުވެރިޔާ ހާމަކުރެއްވިގޮތުގައި މި ވާހަކަދެއްކުންތަކުގެ ނަތީޖާއަށް ބެލުމެއްނެތި އެއްބާރުލުން ޤާއިމުކުރުމަށް އަބޫ ޡަބްއި އެދެއެވެ. ޠަޙްނޫން އީރާނުގެ މަސްއޫލުވެރިޔާ ޝަމްޚާނީއަށް ދެންނެވިގޮތުގައި ނިޔުކްލިއަރ ފައިލާ ބެހޭ ވާހަކަދެއްކުންތަކަށް ބެލުމެއް ނެތި އީރާން- އިމާރާތު އެއްބާރުލުން ހަރުދަނާ ކުރެވެން ޖެހޭނެއެވެ.

އީރާނުގެ ކުންފުނިތައް ދުބައިއަށް ރުޖޫޢަވުމާއި ވިޔަފާރީގެ ޙަރަކާތްތައް އިތުރު ކުރުން

ޝައިޚް ޠަޙްނޫން އީރާނުގެ ސަލާމަތީ މަސްއޫލުވެރިއާއާ ބައްދަލު ކުރެއްވުމަށްފަހު އީރާނުގެ ރައީސް އިބްރާހީމު ރައީސީއާ ބައްދަލު ކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި އީރާނުގެ ޚާރިޖީ ވަޒީރު ޙުސައިން އަމީރު ޢަބްދުﷲޔާން ބައިވެރިވެ ވަޑައިގަތެވެ.މި ބައްދަލުވުމުގައި ޝައިޚް ޠަޙްނޫން އެ ދެ ޤައުމުގެ ދެމެދުގައިވާ ވިޔާފާރީގެ ޙަރަކާތްތައް އިތުރަށް ފުޅައުކުރުމާ ބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ. އީރާނުގެ ކުންފުނިތައް އަލުން ދުބައިއަށް ދިޔުމުގެ މަގު ތަނަވަސްކޮށް ދެއްވުމަށް ރައީސީ ޝައޚް ޠަޙްނޫނުގެ ކިބައިން އެދިވަޑައިގަތެވެ.އިމާރާތަކީ އީރާނުގެ ވިޔަފާރީގައި ވަރަށް މުހިއްމު ބައިވެރިއެކެވެ. މިދިޔަ އަހަރުގެ މާރިޗް 20 އިން މި އަހަރުގެ މާރިޗް 20 އާ ދެމެދުގައި އީރާނުން އިމާރާތަށް ފަސް ބިލިއަން ޑޮލަރުގެ މުދާ ބޭރުކޮށްފައި ވެއެވެ. އަދި އިމާރާތުން ނުވަ ބިލިއަން ޑޮލަރުގެ މުދާ އީރާނަށް އެތެރެކޮށްފައި ވެއެވެ.

އިމާރާތުގައި ގަނޑުކޮށްފައި ހުރި އިމާރާތުގެ އުޞޫލުތައް ދޫކޮށްލުމަށް ވެސް ރައީސީ އެދިވަޑައިގެންނެވިއެވެ. އިމާރާތުގައި ގަނޑުކޮށްފައި ހުރި އީރާނުގެ އުޞޫލުތައް 19 ބިލިއަން އެމެރިކާ ޑޮލަރަށް އަރައިފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *