އިސްރާއީލުން ޣައްޒާ ވަށައިގެން 65 ކީލޯމީޓަރުގެ ދިގު ހަ މީޓަރުގެ އުސް ބިޔަ ފާރެއް ކޮންކްރީޓުކޮށްގެން ރާނައި ނިންމައިލައިފިއެވެ.
އިސްރާއީލުގެ ދިފާޢީ ވަޒީރު ގެންޓްސް ވިދާޅުވިގޮތުގައި މި ފާރުގެ ސަބަބުން ޙަމާސުން ތަރައްޤީ ކުރަން ބޭނުންވާ ޤާބިލުކަމުން އެ ޖަމާޢަތް މަޙުރޫމު ވެގެންދާނެއެވެ. މި ފާރުގެ ސަބަބުން އިސްރާއީލުގެ ދެކުނު ސަރަޙައްދުގެ ރައްޔިތުންނާ ހަމައަށް ޙަމާސަށް ދެން ވާޞިލުނުވެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. މި ފާރުގައި ދުރުން ޙަރަކާތްތެރިވާ އެއްޗެހި ދެނެގަންނާނެ އާލަތްތައް ހަރުކުރެވިފައި ހުންނާނެ ކަމަށާއި މި އާލާތްތަކުގެ ސަބަބުން ޙަމާސުގެ ހުރިހާ ޙަރަކާތްތަކަކަށް ފާރަލެވުންދާނެ ކަމަށް ވެސް ގެންޓްސް ވިދާޅުވިއެވެ.
ގެންޓްސް ފަޚްރުވެރިކަމާއެކު ވިދާޅުވިއެވެ. "ޣައްޒާގެ ޙާލަތު ބަދަލުކޮށް ދިނުމަށް އަހުރެމެން އެދޭ އެދުންތައް ވަރަށް ކުޑައެވެ. އެއީ ޙަމާސްގެ ޢަސްކަރީ ބާރުތައް ވަރުގަދަކުރުން ހުއްޓައުލުމާއި، ދިގު މުއްދަތަކަށް ޙަމާސް ހަމަހިމޭނުން އޮތުމާއި، އަހުރެމެންގެ ސިފައިންގެތެރެއިން އެ ޖަމާޢަތުން ހައްޔަރުކޮށްފައިވާ އަސީރުންނާއި އަހުރެމެންގެ ރައްޔިތުންގެތެރެއިން ގެއްލިފައިވާ މީހުން އަހުރެމެންނަށް ރައްދު ކުރުމެވެ." ގެންޓްސް ވާހަކަ ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "ޙަމާސަށް އަހުރެން ދޭން އޮތް ނަސޭހަތަކީ މި މަސްއަލަތަކަށް ސަމާލުކަންދޭށެވެ! އަހުރެމެންނަށް ބިރު ދެއްކުން ހުއްޓައިލާށެވެ!"
އިސްރާއީލުގެ ދިފާޢީ ވުޒާރާއިން ބުންޏެވެ. "ފާރު ބިނާކޮށް ނިމުމުގެ ރަސްމިއްޔާތު މިއަދު ބޭއްވުނެވެ. މި ރަސްމިއްޔާތުގައި ދިފާޢީ ވަޒީރާއި ސިފައިންގެ ޗީފް އޮފް ސްޓާފާއި ދިފާޢީ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލާއި މަތީ ފެންވަރުގެ މަސްއޫލުވެރީން ބައިވެރިވެ ވަޑައިގަތެވެ." މި ފާރު ބިނާކޮށްފައި ވަނީ ދިފާޢީ ވުޒާރާއާއި ސިފައިން ގުޅިގެންކަމަށް އިސްރާއީލުން ބުންޏެވެ.
އިސްރާއީލުން މިފަދަ ފާރެއް ހުޅަނގު އައްސޭރީގައި ވެސް ދަނީ ބިނާކުރަމުންނެވެ. މި ފާރު ލުމުގެ މަސައްކަތް އިސްރާއީލުން ފަށައިފައިވަނީ 2002ވަނަ އަހަރުއެވެ.
އިސްރާއީލުން ބުނާގޮތުގައި މި ފާރު ރޭނީ "ސަލާމަތީ ބަހާތަކަކަށް" ޓަކައެވެ. އެހެނަސް އދއާއި ފަލަސްޠީނު ބުނާގޮތުގައި މި ކަމުގެ ބޭނުމަކީ ފަލަސްޠީނުގެ އިތުރު ބިންތައް އިސްރާއީލަށް ނެގުމެވެ.



advertisment