އިމާރާތުގެ ޤައުމީ ސަލާމަތާ ބެހޭ މުޝީރު އައްޝައިޚު ޠަޙްނޫން ބިން ޒާއިދު އީރާނަށް ކުއްލި ދަތުރުފުޅެއްގައި ވަޑައިގެންފިއެވެ.
ޝައިޚު ޠަޙްނޫން މިއަދު އީރާނުގެ ރައީސް އިބްރާހީމު ރައީސީއާ ބައްދަލު ކުރެއްވިއެވެ. މިއީ އެ ދެ ޤައުމުގެ ދެމެދުގައި ހުރި ދެބަސްވުންތައް ހުރަސްކުރުމަށާއި އެއްބާރުލުން އިތުރުކުރުމަށް ޓަކައި އަބޫޡަބްއިން ނެގި އިސްނެގުމެކެވެ.
އީރާނުން ގަލްފުގެ ޤައުމުތަކުގެ ސަލާމަތަށް ވާގިވެރިވޭ
އީރާނުގެ ޓީވީ ބުނާގޮތުގައި ރައީސް ރައީސީ ޝައިޚް ޠަޙްނޫނަށް ދެންނެވިއެވެ. "ސަރަޙައްދުގެ ޤައުމުތަކާއެކު ގުޅުންތައް ރަނގަޅުކުރުމަކީ އަޅުގަނޑުގެ ސަރުކާރުގެ އަވްލަވިއްޔާތުގެތެރޭގައި ހިމެނޭކަމެކެވެ. މިހެންވެ އިމާރާތާއެކު ގުޅުންތައް ރަނގަޅުކުރުމަށް އަޅުގަނޑު ތަރްޙީބުދެމެވެ. "އޭނާ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "ސަރަޙައްދުގެ ޤައުމުތަކުގެ އަމަންއަމާންކަމަކީ ލާމެހިގުޅިފައިވާ ކަމެކެވެ. ޠަހަރާނުން ފާރިސީ ގަލްފުގެ އަމާންކަމަށް ވާގިވެރިވަނީ މިހެންވެގެންނެވެ." ޢަރަބިން ގަލްފަށް އަރަބި ގަލްފޭ ކިޔާއިރު އީރާނުން މި ގަލްފަށް "ފާރިސީ ގަލްފް" އޭ ކިޔައެވެ.
ރޮއިޓަރޒް ބުނާގޮތުގައި އީރާނާ އިމާރާތާ ދެމެދުގައިވާ ވިޔަފާރީގެ ގުޅުންތަކަކީ އެތައް ސައްތަތަކަށް ދެމިގެން އައިސްފައިވާ ގުޅުމެކެވެ. އީރާނާ އިމާރާތާ ދެމެދުގައިވާ ދުރުމިނަކީ އެންމެ 150 ކީލޯމީޓަރެވެ. ގަލްފުގައި އޮންނަ ބޮޑު ޠަމްބު ޖަޒީރާއާއި އަބޫމޫސާ ޖަޒީރާ ފަދަ ބައެއް ޖަޒީރާތަކަކީ މި ޖަޒީރާތަކުގެ މިލްކިއްޔާތާމެދު އީރާނާ އިމާރާތާ ދެމެދުގައި އަރާރުން އުފެދިފައިވާ ރަށްތަކެކެވެ.
އީރާނާއި އިމާރާތާ ދެމެދުގައި ދެބަސްވުން ހުރި ބޮޑެތި މަސްއަލަތަކުގެ ތެރޭގައި ޔަމަނު ހަނގުރާމަ ވެއެވެ. މި ހަނގުރާމައިގައި އިމާރާތާއި ސުޢޫދީން ޔަމަނުގެ ސަރުކާރަށް ވާގިވެރިވަމުންދާއިރު އީރާނަކީ ޔަމަނުގެ ޙޫޘީ މިލީޝިޔާ ބާރުތަކަށް ވާގިވެރިވާ ޤައުމެކެވެ.
އީރާނުގެ ރަސްމީ ނޫސް އޭޖެންސީ (އިރްނާ) ޝައިޚް ޠަޙްނޫނާ ޙަވާދީ ބުނިގޮތުގައި އިމާރާތު– އީރާނު ގުޅުންތަކަށް "ބަދަލު ގެނުވާ ނުކުތާއަކަށް" މި ދަތުރުފުޅު ވުމަށް އުންމީދު ކުރައްވައެވެ. އިރާނުގެ ރައީސް އިމާރާތަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ރައީސީއަށް ދަޢުވަތު އެރުވުނު ކަމަށް ވެސް އިރްނާ ބުންޏެވެ.
ޝައިޚު ޠަޙްނޫނަކީ އިމާރާތުގެ ޢަމަލީ ޙާކިމު ވަލީޢަހްދު ޝައިޚް މުޙައްމަދު ބިން ޒާއިދުގެ ކޮއްކޯފުޅެވެ. ޝައިޚު ޠަޙްނޫން މިއަދުގެ ވަގުތެއްގައި އީރާނުގެ ޤައުމީ ސަލާމަތާބެހޭ މަޖިލީހުގެ އަމީން ޢާންމު ޢަލީ ޝަމްޚާނީއާ ބައްދަލުކުރައްވައި، ސަރަޙައްދީ މަސްއަލަތަކާ ބެހޭގޮތުން ބަޙުސް ވެސް ކުރެއްވިއެވެ.
މަސްއަލަތައް ޙައްލު ކުރެވޭނީ ވާހަކަ ދައްކައިގެން
އީރާނުގެ ޤައުމީ ސަލާމަތާބެހޭ މަސްއޫލުވެރިޔާ އީރާނުގެ ޓީވީއަށް ވިދާޅުވިއެވެ. "ސަރަޙައްދުގައި އަމަންއަމާންކަން ޤާއިމު ކުރެވޭނީ ސަރަޙައްދުގެ ޤައުމުތަކުގެ މެދުގައި ވާހަކަދެއްކުންތައް ބާއްވައިގެންނެވެ. އަދި އެއްބާރުލުން ޤާއިމުކޮށްގެންނެވެ." އޭނާ ވިދާޅުވިއެވެ. "ޠަހަރާނުގެ ޚާރިޖީ ސިޔާސަތުގައި އިސްކަންދެވިފައި ވަނީ އިޤްތިޞާދީ ގުޅުންތަކަށާއި ވިޔަފާރީގެ ގުޅުންތަކަށާއި ވުނަކުރުމުގެ ގުޅުންތައް ރަނގަޅު ކުރުމަށެވެ."
ޝަމްޚާނީ ވިދާޅުވިއެވެ. "ސަރަޙައްދުގެ ޢަސްކަރީ މަސްއަލަތަކާއި އަމްނާބެހޭ މަސްއަލަތައް ނިމުމަކަށް ގެނައުމަށް ޓަކައި ގުޅިގެން މަސައްކަތް ކުރުމަކީ ޟަރޫރީ ކަމެކެވެ. އަރާރުންތައް ޙައްލު ކުރުމުގައި ޢަސްކަރީ މަގު ދޫކޮށް ވާހަކަ ދެއްކުމުގެ މަގު އިޚްތިޔާރު ކުރުން ލާޒިމުވެގެން ވެއެވެ."
އިމާރާތުން އިސްކަންދެނީ އަޚަވީ ގުޅުންތައް ޤާއިމުކުރުމަށް
އީރާނުގެ މީޑިއާތައް ޝައިޚް ޠަޙްނޫނާ ޙަވާލާދީ ބުނިގޮތުގައި "އިމާރާތުން އިސްކަންދެނީ އަބޫ ޡަބްއިއާ ޠަހަރާނާ ދެމެދުގައި އެކުވެރި އަޚަވީ ގުޅުންތައް ޤާއިމުކުރުމަށެވެ."
މި ހުސްވި މަހު އިމާރާތުގެ ރައީސްގެ ސިޔާސީ މުޝީރު އަންވަރު ޤަރްޤާޝް ވިދާޅުވިއެވެ. "އަހުރެމެން ކުރިމަތި މި ލަނީ ފާލަންތައް އެޅުމަށާއި މަސްއަލަތައް ސުންކުރުމުށާއި އަވަށްޓެރީންނަށް ހުޅުވިގަތުމަށެވެ. އެއީ ބައިވެރިވާ ގުޅުންތައް ބިނާކޮށްގެންނާއި ބަންދުވެފައި ހުރި ދޮރުތައް ހުޅުވައިގެންނެވެ."



advertisment