އީރާނަށް ޙަމަލާދިނުމަށް ތައްޔާރުވުމަށް ޓަކައި އިސްރާއީލު ސަރުކާރުން 1.5 ބިލިއަން ޑޮލަރު ހޭދަކުރުމަށް ނިންމައިފިއެވެ.
އިސްރާއީލުގެ ދުވަހުނޫސް ބަދީޢޫތު އަޙްރަނޫތު ބުނީ އިސްރާއީލުން ތައްޔާރު މި ވަނީ އީރާނަށް ޙަމަލާދީ އެ ޤައުމުގެ ނިޔުކްލިއަރ ޕްރޮގްރާމު ފަނާކޮށްލުމަށް ކަމަށެވެ.
މި ނޫސް ހާމަކުރި ގޮތުގައި އިސްރާއީލަށް ޙަމަލާދޭން އަންނަ މިސައިލްތަކަށް ހުރަސްއެޅުމަށް ބޭނުންވާ އިސްރާއީލުގެ ވައިގެ ދިފާޢީ ނިޒާމު "ދަގަނޑު ޤުއްބު"ގެ ބެޓެރީތައް ހޯދުމަށާއި އިސްރާއީލުގެ ވައިގެ ބާރަށް ބޭނުންވާ ޒަމާނީ ބައެއް ހަތިޔާރު ހޯދުމަށާއި ބައެއް ހަތިޔާރު ޒަމާނީ ކުރުމަށް ޓަކައި 1.56 ބިލިއަން ޑޮލަރު މިހާރު ވަނީ ބަޖެޓުން ޚާއްޞަ ކުރެވިފައެވެ.
މި ނޫސް ހާމަކުރި ގޮތުގައި މި ފައިސާގެ މިންވަރު އެނގިފައިވަނީ "ވަރަށް ސިއްރު" ޖަހައިފައިވާ ރަސްމީ ލިއުމަކުންނެވެ. މި ލިޔުން އައިސްފައިވަނީ "ތިންވަނަ ދާއިރާ" ނަމަކަށް ކިޔާ ސިއްރު ލިޔުމެއްގައެވެ. މި ނޫހުން މިކަމާ ބެހޭގޮތުން އިތުރު ތަފްޞީލެއް ނުދެއެވެ. އިސްރާއީލު ސަރުކާރުން މި ހަތިޔާރު ގަންނާނީ ކޮން ޤައުމަކުން ކަމެއް ހާމައެއް ނުކުރެއެވެ. އާންމު ގޮތެއްގައި އިސްރާއީލުން މިފަދަ ހަތިޔާރު ހޯދަނީ އެމެރިކާއިން ހިލޭއެވެ. މެދުއިރުމަތީގައި އޮތް އެންމެ ބާރުގަދަ ޤައުމުގެ ގޮތުގައި އިސްރާއީލު ދަމަހައްޓަން އެމެރިކާ ވަނީ ޖާމިނުވެފައެވެ.
އިސްރާއީލުގެ ދިފާޢީ ވަޒީރު ބެނީ ގެންޓްޒް ވިދާޅުވިއެވެ. "އީރާނަށް ޙަމަލާދީ މައިތިރި ކުރުންނޫން އެހެން ގޮތެއް ނެތެވެ. އަހުރެމެން މި ދަނީ މި އިހުތިމާލަށް ތައްޔާރުވަމުންނެވެ. ވަޒީރީ ކޮމެޓީން ވަނީ ހަތިޔާރުއަޅައިގެން ތައްޔާރަށް ތިބުމަށް ނިންމައިފައެވެ."
އިސްރާއީލިގެ ދަގަނޑު ޤުއްބުގައި ބޭނުންކުރާ ބެޓެރީއަކީ އިސްރާއީލުގެ ރަފާއީލު ކުންފުނިން އުފައްދާ "ތާމީރު" ގިންތީގެ ބެޓެރީއެކެވެ. ރަފާއީލު ކުންފުނި އުފައްދާފައި ވަނީ 1948ގައެވެ. އެއީ ސަރުކާރުގެ މިނިވަން ކުންފުންޏެކެވެ. ތާމީރު ބެޓެރީއެއްގެ އަގަކީ 50 ހާސް ޑޮލަރެވެ. އެމެރިކާއިން އިސްރާއީލަށް ދޭ އަހަރީ އެހީގެ އިތުރަށް ދަގަނޑު ޤުއްބު ނިޒާމު ތަރައްޤީކޮށް ދެހެއްޓުމަށް އިސްރާއީލަށް ހިލޭ އެހީގެ ގޮތުގައި ފައިސާ ދެއެވެ.
އީރާނާއެކު ބޭއްވެމުންދާ ވާހަކަދެއްކުންތަކާމެދު އިސްރާއީލުގެ އުންމީދެއް ނެތް
އިސްރާއީލުގެ މީޑިއާތައް ބުނާގޮތުގައި މިހާރު ވިއެނާގައި ބޭއްވެމުންދާ އީރާނުގެ ނިޔުކްލިއަރ ފައިލާބެހޭ ވާހަކަދެއްކުންތަކާމެދު އިސްރާއީލު ހިތްހަމައެއް ނުޖެހެއެވެ. އިސްރާއީލުން މި ވާހަކަދެއްކުންތައް ބޭއްވުމާ ދެކޮޅު ހަދައެވެ.



advertisment