އީރާނުގެ ނިޔުކްލިއަރ މަރްކަޒުތަކަށް ދޭން ޖެހިދާނެ ކޮންމެ ޙަމަލާއެއް ދިނުމަށް އިސްރާއީލު އޮތީ ތައްޔާރުވެގެން ކަމަށް އިސްރާއީލުގެ ޗީފް އޮފް ސްޓާފް އަފީފް ކޯޚާވީ ރޭ ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވިއެވެ. "އެކަމަށް ޓަކައި އަހުރެމެން މި ދަނީ އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންނެވެ."
ޓައިމްޒް އޮފް އިޒްރޭލް ދުވަހު ނޫސް ކޯޚާވީ އިސްރާއީލުގެ ބަރްލަމާނު ކަނީސަތުގެ ޚާރިޖީ ކަންކަމާއި ދިފާޢީ ކަންކަމާ ބެހޭ ކޮމެޓީގައި ދެއްކެވި ވާހަކަފުޅުތަކަށް ޙަވާލާދީ ބުނިގޮތުގައި "އީރާނުގެ ނިޔުކްލިއަރ ޢަސްކަރީ ހިރާސާއި އީރާނާއެކު މުޢާމަލާތު ކުރާންވީ ގޮތްތަކާ ބެހޭ ގޮތުން އަހުރެމެން މިހާރު މިދަނީ ޢަމަލީ ރޭވުންތައް ކުރަހަމުންނެވެ."
އޭނާ ވިދާޅުވިއެވެ. "މިހާރު ބަޖެޓަށް އޮތީ އެއްބަސްވުން ލިބިފައެވެ. މި ބަޖެޓްގެ ސަބަބުން އަހުރެމެންނަށް ތަފާތު ބިރުތަކާއެކު މުޢާމަލާތު ކުރުމުގެ ޤާބިލުކަން ލިބިއްޖެއެވެ." މި ދިޔަ ހަފުތާގައި އިސްރާއީލުގެ ކަނީސަތުން ވަނީ 2021/2022 ބަޖެޓް ފާސްކޮށްފައެވެ.
އިސްރާއީލުގެ ދިފާޢީ ވަޒީރު ބެނީ ގެންޓްސްއާ ޙަވާދީ ޗެނެލް 12 ބުނިގޮތުގައި އޭނާ ވާނީ އީރާނުގެ ނިޔުކްލިއަރ ޕްރޮގްރާމަށް ޙަމަލާ ދިނުމަށް ޓަކައި ތަމްރީނުތައް ފެށުމަށް އަންގަވައިފައެވެ.
އިސްރާއީލަށްވުރެ މަތީގައި އޮންނަން ދޫކޮށެއް ނުލާނަން
މިކަމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ދިފާޢީ ވަޒީރު ބެނީ ގެންޓްސް ވިދާޅުވިއެވެ. "އިސްރާއީލުގެ ޢަސްކަރީ އިސްކަމުގައި ބީހިލުމަށް އީރާނު ދޫކޮށެއް ނުލާނަމެވެ. މި ސަރަޙައްދުގައި ޢަސްކަރީ ގޮތުން އަހުރެމެންނަށްވުރެ ބާރު ގަދަ ޤައުމެއް އޮވެގެން ނުވާނެއެވެ. " އިސްރާއީލަކީ އީރާނުގެ ނިޔުކްލިއަރ ފައިލާ ބެހޭގޮތުން މިހާރު ބެއްވެމުންދާ ވާހަކަދެއްކުންތަކާ ދެކޮޅު ހަދާ ޤައުމެކެވެ. އިސްރާއީލުން އެމެރިކާއަށް ފިއްތަމުން ދަނީ އެމެރިކާ މި އެއްބަސްވުމަށް އަނބުރާ ދިޔަ ނުދިނުމަށެވެ. ރައީސް ޓްރަމްޕް ވަނީ 2015ގައި މި އެއްބަސްވުމުން ބޭރަށް އެމެރިކާ ނެރުއްވައިފައެވެ. އެހެނަސް މިހާރުގެ ރައީސް މި އެއްބަސްވުމަށް އެމެރިކާ އަނބުރާ ގެންދަވަން ބޭނުންފުޅުވާކަން ފާހަގަ ކުރެވެއެވެ.
އިސްރާއީލުގައި ޢަސްކަރީ ޞީނާޢަތްތަކާ ބެހޭ ކާރުޚާނާއެއް ހުޅުއްވާ ދެއްވަމުން ދިފާޢީ ވަޒީރު ގެންޓްސް ވިދާޅުވިކަމަށް ދުވަހު ނޫސް ބަދީޢޫތު އަޙްރަނޫތު ބުންޏެވެ. "އިސްރާއީލުގެ ޢަސްކަރީ އިސްކަމުގައި ބީހިލުމަށް އީރާނަށާއި އިރާނުގެ ވަކީލުންނަށް އަހުރެމެން ޖާގައެއް ނުދޭނަމެވެ." އޭނާ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "އަހުރެމެންގެ ސަރުކާރުން ބިލިއަނުން ބިލިއަނުން ވުނަކުރަމުން މި ދަނީ ނިމުތު ކުރެވޭ ކޮންމެ ހިރާސަކަށް ތައްޔާރީގައި ތިބުމަށެވެ."
ގެންޓްސް ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "ހަނގުރާމައެއް ހިނގިޔަ ނުދިނުމަށް ޓަކައި އަހުރެމެންނަށް ކުޅަދާނާ ވީހައި ކަމެއް ކުރާނޫއެވެ. އެހެނަސް ހަނގުރާމައެއް ފެށިއްޖެނަމަ އެންމެ ކުރީ ސަފުތަކުގައްޔާއި މަދަނީ ސަރަޙައްދުތަކުގައި އަހުރެމެން ޒަމާނީ ހަތިޔާރާއެކު ތައްޔާރީގައި ތިބޭނަމެވެ. ކުރިން އަހުރެމެން އަތުގައިނެތް ޒަމާނީ މޮޅު ހަތިޔާރު މިހާރު އެބަހުއްޓެވެ."
މެދުއިރުމަތީގައި ޢަސްކަރީ ގޮތުން އިސްރާއީލަށްވުރެ ބާރުގަދަ ދައުލަތެއް އޮތަނުދިނުމަށް ޓަކައި އެމެރިކާއިން އަބަދުވެސް ދަނީ އިސްރާއީލުގެ ހަތިޔާރު ކޮށާރު ތަރައްޤީކޮށް އައުކޮށް ދެމުންނެވެ. އެމެރިކާގެ ޒަމާނީ ފަންނިއްޔާތު ތަނަވަސްކޮށްދެމުންނެވެ.
އެމެރިކާއާއެކު ގުޅިފައިވާ ޢަސްކަރީ ތަމްރީނުތައް
އިސްރާއީލުގެ މީޑިއާތައް ބުނާގޮތުގައި މި މަހުގެ 2ވަނަ ދުވަހު އެމެރިކާގެ މެރީންޒާ އިސްރާއީލުގެ ކަނޑުގެ ސިފައިން ގުޅިގެން ވަނީ ޚާއްޞަ ތަމްރީނުތަކެއް ބާއްވައިފައެވެ. މިއީ އީރާނާއެކު ހިނގައިފާނެ ކުރިމަތިލުމަކަށް ތައްޔާރުވުމަށް ޓަކައި ބޭއްވުނު ޚާއްޞަ ތަމްރީނުތަކެކެވެ. އިސްރާއީލުގެ ޗެނެލް 12 ބުނާގޮތުގައި އެމެރިކާގެ Task Force 51 ގަލްފަށް ދިޔުމުގެ ކުރިން އިސްރާއީލުގެ ކޮމާންޑޯޒާއެކު ތަމްރީނުތަކެއް ވަނީ ބާއްވައިފައެވެ.
އިސްރާއީލާއި އީރާނަކީ އެންމެ ބޮޑު ދެ ދުޝްމަނުންނެވެ. އިސްރާއީލު އަތުގައި ނިޔުކްލިއަރ ހަތިޔާރު ހުރިކަމަށް ތުހްމަތު ކުރެވޭއިރު އީރާނަކީ މި ހަތިޔާރު ހޯދުމަށް މަސައްކަތް ކުރާ ޤައުމެއްކަމަށް އިނގިލި ދިއްކުރެވެއެވެ. އެހެނަސް އީރާނު ބުނާގޮތުގައި އީރާނުގެ ނިޔުކްލިއަރ ޕްރޮގްރާމަކީ ޞުލްޙަވެރި ޕްރޮގްރާމެކެވެ.



advertisment