Support Us

އިސްރާއީލާ ދެކޮޅަށް 4 ޤަރާރެއް ވަރަށް ބޮޑު އަޣްލަބިއްޔަތަކުން ފާސްކޮށްފި

އދގެ ޢާންމު ޖަމްޢިއްޔާއިން އިސްރާއީލާ ދެކޮޅަށް ހަތަރު ޤަރާރެއް ވަރަށް ބޮޑު އަޣްލަބިއްޔަތަކުން ރޭ ފާސްކޮށްފިއެވެ. މި ހަތަރު ޤަރާރު ފާސްކޮށްފައިވަނީ އިސްތިޢުމާރު ނައްތައިލުމާއި ސިޔާސީ މަސްއަލަތަކާ ބެހޭ ކަންކަން ބަލައި އދގެ ހަތަރު ވަނަ ކޮމެޓީގައެވެ.

ހިފާފައިވާ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމުގެ މަސްއަލަ

އދން ރޭ ފާސްކުރި ފުރަތަމަ ޤަރާރަކީ ފަލަސްޠީނު ރައްޔިތުންގެ ޙައްޤުތަކަށް އަރައިގަނެ އިސްރާއީލުން މި ބިންތަކުގައި ޔަހޫދީން ވަޒަންވެރިކުރުވަމުންދާތީ އެކަން ހުއްޓައިލުމަށް ގޮވައިލާ ޤަރާރެކެވެ. މި ޤަރާރު އދން ފާސްކޮށްފައި ވަނީ 143 ޤައުމެއްގެ ވޯޓާއެކުގައެވެ. މި ޤަރާރާ ދެކޮޅަށް ވޯޓުދިނީ އެންމެ ހަތް ޤައުމެވެ. އޭގެތެރޭގައި އިސްރާއީލާއި އެމެރިކާ ހިމެނެއެވެ. ސޯޅަ ޤައުމަކުން މި ވޯޓުގައި ބައިވެރިއެއް ނުވެއެވެ.
މި ޤަރާރުގައި އިސްރާއީލުން އިރުމަތީ ޤުދްސާއި މި ސަހަރުގެ ވަށައިގެންވާ ބިންތަކުގައި އިސްރާއީލުން ޔަހޫދީ އާބާދީތައް ބިނާކުރަމުންދާތީ އެކަން ކުށްވެރި ކޮށްފައިވެއެވެ. މި ޤަރާރު ބުނާގޮތުގައި މިއީ ޣައިރު ޤާނޫނީ ޢަމަލެކެވެ. އެހެނީ އިރުމަތީ ޤުދުސަކީ އިސްރާއީލު 1967ގައި ހިފާފައިވާ ފަލަސްޠީނުގެ ބިމެކެވެ. އިސްރާއީލުން މި ބިނާތައް ހަދަމުންދަނީ އިރުމަތީ ޤުދުސް ފަލަސްޠީނުގެ އެހެން ބިންތަކާ އެކަހެރިކޮށް އިސްރާއީލުގެ ތަންތަނާ ބޮޑަށް ގުޅުވުމަށް ޓަކައެވެ.

އިސްރާއީލުން ފަލަސްޠީނީންގެ ގޯތިގެދޮރުތައް ތަޅައި ފަލަސްޠީނުގެ ޢާއިލާތައް އިރުމަތީ ޤުދުސުން ފައްސައިލަމުންދާތީއާއި ފަލަސްޠީނު މީހުންގެ އިންސާނީ ޙައްޤުތަކުން މަޙްރޫމު ކުރަމުންދާތީ އެ ކަންކަން ވެސް މި ޤަރާރުގައި ކުށްވެރިކޮށްފައި ވެއެވެ.

ފަލަސްޠީނުގެ ރެފިޔުޖީންނަށް ވާގިވެރިވާ ޤާރާރެއް

އދގެ ޢާންމު ޖަމްޢިއްޔާއިން ފާސްކުރި ދެވަނަ ޤަރާރަކީ ފަލަސްޠީނުގެ ރެފިޔުޖީންނަށް ބޭނުންވާ އިންސާނީ ޚިދްމަތްތައް ތަނަވަސްކޮށް ދިނުމަށް ޓަކައި އެހީވުމަށާއި، ރެފިޔުޖީންނަށް އެހީވެދޭ އަންރުވާ ޖަމްޢިއްޔާއަށް ވާގިވެރިވުމަށް ގޮވައިލާ ޤަރާރެކެވެ. މި ޤަރާރު ފާސްކޮށްފައި ވަނީ 160 ވޯޓުގެ ބޮޑު އަޣްލަބިއްޔަތަކުންނެވެ. މި ޤަރަރާ ދެކޮޅު ހަދާފައިވަނީ ހަމައެކަނި އިސްރާއީލެވެ. ނުވަ ޤައުމަކުން ވޯޓު ދިނުމުގައި ބައިވެރިވެފައެއް ނުވެއެވެ. މި ޤަރާރުގައި ރެފިޔުޖީންގެ މަސްއަލައަށް ޢަދްލުވެރި ޙައްލެއް ގެނެސްދިނުމަށާއި އެ ސަރަޙައްދުގައި ދާއިމީ ޞުލްޙައެއް ޤާއިމުކުރުމަށް ޓަކައި މަސައްކަތް ކުރުމަށް ދުނިޔެއަށް ގޮވައިލައިފާ ވެއެވެ.

ރެފިޔުޖީންނަށް އެހީވާ ޤައުމުތަކުން ރެފިޔުޖީންގެ މުހުތާދުތައް ފުއްދައިދިނުމަށް ސަމާލުކަން ދިނުމަށް މި ޤަރާރު ގޮވާލައިފާ ވެއެވެ.
އދ ން ފާސްކުރި ތިންވަނަ ޤަރާރަކީ ފަލަސްޠީނުގެ ރެފިޔުޖީންގެ މިލްކިއްޔާތުތައް ޙިމާޔަތް ކުރުމަށާއި މި ތަންތަނުން ލިބޭ އާމްދަނީތައް އެމީހުންނަށް ލިބޭނެ ވަސީލަތްތައް ޖާމިނުކޮށް ދިނުމަށް ގޮވައިލާ ޤަރާރެކެވެ. މި ޤަރާރު ފާސްވެފައިވަނީ 165 ވޯޓުގެ ބޮޑު އަޣްލަބިއްޔަތަކުންނެވެ. މި ޤަރާރާ ދެކޮޅަށް ހަ ޤައުމަކުން ވޯޓު ދީފައި ވެއެވެ. އަދި ނުވަ ޤައުމަކުން ވޯޓުގައި ބައިވެރިއެއް ނުވެއެވެ.

ގޯލާނަކީ ސޫރިޔާގެ ބިމެއް

އދ ން ފާސްކުރި ހަތަރުވަނަ ޤަރާރަކީ ގޯލާންގެ އުސްބިންތަކާ ބެހޭ ނިންމުމެކެވެ. މި ޤަރާރު ފާސްކޮށްފައި ވަނީ 144 ވޯޓުގެ އަޣުލަބިއްޔަތަކުންނެވެ. މި ޤަރާރާ ދެކޮޅު ހަދާފައިވަނީ ހަމައެކަނި އިސްރާއީލާއި އެމެރިކާއެވެ. ބާވީސް ޤައުމަކުން ވޯޓުގައި ބައިވެރިއެއް ނުވެއެވެ. ގޯލާނުގެ އުސްބިންތަކަކީ 1967ގައި އިސްރާއީލު ހިފާފައިވާ ސޫރިޔާގެ ބިންތަކެކެވެ. ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް އިސްރާއީލު ވަނީ މި ބިންތައް އިސްރާއީލުގެ ބިންތަކަކަށް ހަދައިފައެވެ.

މިއަދު އދގެ މެންބަރުންގެ ޢަދަދަކީ 193 އެވެ. އދގެ ޢާންމު ޖަމްޢިއްޔާއިން ފާސްކުރާ ޤާރާރުތަކަކީ އެއަށް ޢަމަލު ކުރުން ލަޒިމުވާ ޤަރާރުތަކެއްނޫނެވެ. އިސްރާއީލާއެކު ގުޅުންތައް ޠަބީޢީކޮށްފައިވާ ޢަރަބި ތިން ޤައުމެއް ކަމުގައިވާ އިމާރާތާއި ބަޙްރައިނާއި ސޫދާނުން ވެސް ވޯޓުދީފައި ވަނީ މި ޤަރާރުތަކާ އެއްކޮޅަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
ޚިޔާލު ފާޅުކުރައްވާ!

One Response

  1. އެއަށް ޢަމަލު ކުރުން ލާޒިމުނޫން / ތަންފީޒުނުކުރެވޭ، ޔަހޫދީ އިސްތިޢުމާރާ ދެކޮޅަށް ފިޔަވަޅެއް ނޭޅޭ ބޭކާރުގަރާރުތަކެއް،

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް