Support Us

ޢަރަބިލީގްގެ އަމީން ޢާންމުގެ ނައިބު ޙުސާމު ޒަކީ

ސޫދާނާއި ލުބްނާނުގެ މަސްއަލަ ޙައްލު ކުރެވޭތޯ ޢަރަބި ލީގުން މަސައްކަތް ފަށައިފި

ސޫދާނާއި ލުބްނާނުގެ މަސްއަލަ ޙައްލު ކުރެވޭތޯ ޢަރަބި ލީގުން އިއްޔެ މަސައްކަތް ފަށައިފިއެވެ.

ޢަރަބިލީގުން ރޭ ހާމަކުރިގޮތުގައި ސޫދާނުގެ އެތެރޭގެ ގަޑުބަޑު ޙައްލުކޮށް ދެވޭތޯ މަސައްކަތްކުރުމަށް ޓަކައި އެ ޖަމްޢިއްޔާއިން ސޫދާނަށް ރޭ ވަނީ ވަފްދެއް ފޮނުވައިފައެވެ. މި ވަފްދުގެ ރައީސަކީ ޢަރަބިލީގްގެ އަމީން ޢާންމުގެ ނައިބު ޙުސާމު ޒަކީއެވެ. ޢަރަބި ލީގުން ސޫދާނަށް ފޮނުވި ވަފްދުގެ މަސައްކަތް މިއަދު ޚުރްޠޫމުގައި ފަށާނެކަމަށް އެ ޖަމްޢިއްޔާއިން ބުންޏެވެ. މި ވަފްދު ފޮނުވުނީ ވަކި މުއްދަތެއް ކަނޑަނާޅައި ކަމަށް ވެސް ޢަރަބިލީގުން ބުންޏެވެ. މި ވަފްދުން މަސައްކަތް ކުރާނީ ސޫދާނުގެ ޢަސްކަރީންނާއި ސިޔާސީ ޕާޓީތަކާ ދެމެދުގައި ސޮއިކޮށްފައިވާ އިންތިޤާލީ އެއްބަސްވުންތަކުގެ ތެރެއިން ލައިފާ އެ ޤައުމުގެ ސިޔާސީ އަރާރުން ނައްތައިލެވޭތޯއެވެ.

ޢަރަބި ލީގުގެ ވަފްދު ސޫދާނުގައި ބައްދަލު ކުރާނީ އެ ޤައުމުގެ ކޮންކޮން ބޭފުޅުންނަކާ ކަމެއް ނޭނގެއެވެ.

އިންތިޤާލީ ދުސްތޫރީ ލިޔުން

ސޫދާނުގެ ސިޔާސީ މަސްއަލަތައް ޙައްލުކޮށް ދިނުމަށް ޓަކައި 2019ވަނަ އަހަރު ސޫދާނުގެ ސިފައިންނާއި ވާދަވެރި ސިޔާސީ ޖަމާޢަތްތަކުން ވަނީ ޢަރަބިލީގް މެދުވެރިކޮށް ދުސްތޫރީ އިންތިޤާލީ ލިޔުމެއްގައި ސޮއިކޮށްފައެވެ. މި މަސައްކަތް ކުރުމުގައި ޢަރަބި ލީގްގެ އަމީން ޢާންމު އަޙްމަދު އަބުލް ޣައިޠު ބައިވެރިވެ ވަޑައިގެންފައި ވެއެވެ.

ސޫދާނުގެ "މިނިވަންކަމާއި ބަދަލުގެނައުމާބެހޭ އިޢުލާނު"ގައި ސޮއިކޮށްފައިވާ ސިޔާސީ ޖަމާޢާތްތަކުން ގޮވައިލަމުންދަނީ މި ދުސްތޫރީ އިންތިޤާލީ ލިޔުމަށް އެނބުރި ދިޔުމަށާއި ވައްޓައިލި ޙަމްދޫކުގެ ސަރުކާރު އަލުން ޤާއިމު ކުރުމަށެވެ.

ސޫދާނުގެ ރައީސްކަމުން ޢުމަރުލް ބަޝީރު ވައްޓައިލުމާ ވިދިގެން އެ އިންޤިލާބުގައި ބައިވެރިވި ސިފައިންނާއި ސިޔާސީ ޕާޓީތަކުން "ދުސްތޫރީ އިޢުލާން" އެއްގައްޔާއި "ސިޔާސީ އިޢުލާނު" އެއްގައި 21 އޮގަސްޓް 2019ގައި ސޮއިކުރި އެވެ. އެއީ ވެރިކަމުގެ ބާރު ޙިއްޞާކުރުމާ ބެހޭގޮތުންނާއި އިންތިޤާލީ މަރްޙަލާގެ ފިޔަވަހީގެ އޮނިގަނޑު ބަޔާންކޮށްދޭ ލިޔުންތަކެކެވެ.

އެހެނަސް މި ހުސްވި އޮކްޓޯބަރު މަހުގެ 25 ގައި ސިފައިންގެ ވެރިޔާ ޢަބްދުލް ފައްތާޙުލް ބުރްހާނު ވަނީ ސޫދާނުގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނު ކުރައްވައި ވެރިކން ކުރަމުން ދިޔަ އިންތިޤާލީ ސިޔާދަތީ މަޖިލީހާއި ވަޒީރުންގެ މަޖިލިސް އުވާލައްވައިފައެވެ. އަދި ސުދާނުގެ ތަފާތު ޕްރޮވިންސްތަކުގެ ގަވަރނަރުން ވަކިކުރައްވައި ސިޔާސީ ޕާޓިތަކުގެ ބައެއް ވެރީންނާއި ސަރުކާރުގެ ބައެއް ވަޒީރުން ހައްޔަރު ކުރައްވައިފައެވެ.

ސިފައިން އިންތިޤާލީ ސަރުކާރު ވައްޓައިލުމުގެ ކުރިން އެ ޤައުމުގައި ވަނީ 53 މަހުގެ އިންތިޤާލީ މަރްޙަލާއެއް އިޢުލާންކޮށްފައެވެ. އަދި 2024ގައި ޢާންމު އިންތިޚާބު ބާއްވައި މަދަނީ ސަރުކާރެއް އެކުލަވައިލާނެ ކަމަށް ވަނީ އެއްބަސްވެފައެވެ. 2020ގައި ސިފައިންނާއި ސިޔާސީ ޕާޓީތަކުން ވަނީ ވެރިކަމުގެ ބާރުތައް އެ ދެ ފަރާތުގެ ދެމެދުގައި ބަހައިފައެވެ. ބަޝިރު ވައްޓައިލުމުގައި އެންމެ ބޮޑު ބައެއް ކުޅެފައި ވަނީ ސޫދާނުގެ ކޮމްޔުނިސްޓުންނާއި ހުޅަނގަށް ތާއީދު ކުރާ ޢިލްމާނީ ބާރުތަކުންނެވެ. މި އިންތިޤާލީ ސަރުކާރު ޤާއިމު ކުރެވުނު ފަހުން ސޫދާނަށް ހަމަޖެހުން އައިސްފައެއް ނުވެއެވެ. މައީޝަތީ ބުރަތައް ދިޔައީ އިތުރުވަމުންނެވެ. ޤައުމުގެ އިޤްތިޞާދު ދިޔައީ ވެއްޓެމުންނެވެ. ޤައުމުގެ ފައިސާގެ އަގު ވަނީ ވެއްޓިފައެވެ.

ލުބްނާނުގެ މަސްއަލަ

އަނެއްކޮޅުން ޢަރަބިލީގް ބުނާގޮތުގައި އެ ޖަމްޢިއްޔާގެ ވަފްދެއް 15 ނޮވެންބަރުގައި ބައިރޫތަށް ދާނެއެވެ. އެއީ ލުބްނާނާ ގަލްފްގެ ޤައުމުތަކާ ދެމެދުގައި ފަޅައިގެންގޮސްފައި ދެބަސްވުން ޙައްލުކޮށް ދެވޭތޯއެވެ. ލުބްނާނަށް ދާ ވަފްދުގެ ރައީސަކަށް ވެސް ހުންނަވާނީ އަމީން ޢާންމުގެ ނައިބު ޙުސާމު ޒަކީ ކަމަށް ވެސް ޢަރަބި ލީގުން ބުންޏެވެ.

ލުބްނާނުގެ މަސްއަލަ ޙައްލު ކުރެވޭތޯ އިސްނަގާފައިވާ ހަމައެކަނި ޤައުމަކީ ޤަޠަރެވެ. ޤަޠަރުގެ އަމީރު ގްލާސްގޯގައި މޫސުމާބެހޭ ސަމިޓްގެ ހަވާސާމަތީގައި ލުބްނާނުގެ ބޮޑުވަޒީރު މީޤާތީއާ ބައްދަލު ކުރައްވާ އެ މަސްއަލައާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ. ނަމަވެސް ޤަޠަރުގެ އަމީރު މި ކަމާ ބެހޭގޮތުން ސުޢޫދީ ޢަރަބިއްޔާގެ މަސްއޫލުވެރީންނާއެކު އަދި ވާހަކަފުޅެއް ނުދައްވައެވެ.

ލުބްނާނުގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ބޫޙަބީބު ވިދާޅުވާގޮތުގައި ޤަޠަރުގެ އިސްނެގުން އަދި އޮތީ އޮޅިގަނޑުން ބޭރަށް ނުނުކުމެއެވެ.

ލުބްނާނު- ސުޢޫދީ މަސްއަލަ ފެށުނީ ލުބްނާނުގެ ވަޒީރެއްކަމުގައިވާ ޖޯރޖް ޤަރްދާޙީ ޔަމަނުގެ ހަނގުރާމަޔާ ބެހޭ ގޮތުން ވާހަކަފުޅު ދެއްކެވިއިރު ސުޢޫދީ ޢަރަބިއްޔާއިން ޔަމަނަށް ދެމުންގެންދާ ޙަމަލާތައް ކުށްވެރިކުރައްވާ އެއީ ޢުދްވާނެއް ކަމަށް ސިފަކުރެއްވުމުންނެވެ. އަދި މި ޢުދްވާނާ ދެކޮޅަށް ޙޫޘީން ދެމުންގެންދާ ޙަމަލާތަކަކީ އަމިއްލަ ނަފްސުގެ ދިފާޢުގައި ދެމުންގެންދާ ޙަމަލާތަކެއްކަމަށް ވިދާޅުވުމުންނެވެ. ޙޫޘީން ސުޢޫދީ ޢަރަބިއްޔާއަށް ޙަމަލާތައް ދެމުން ދަނީ އީރާނުގެ އެހީއާއި މަދަދު ލިބިގެންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް