މި އަހަރު ނިމޭއިރު ޢިރާޤުގައި ބޭރުގެ އެއްވެސް ޢަސްކަރީ ބާރެއް ނޯންނާނެ ކަމަށް ޢިރާޤުގެ ޤައުމީ ސަލާމަތާބެހޭ މުޝީރު ޤާސިމުލް އަޢުރަޖީ ކަށަވަރުކޮށް ދެއްވައިފިއެވެ.
އޭނާގެ އޮފީހުން ބުނިގޮތުގައި ބުރާސްފަތި ދުވަހު ޢިރާޤާއި އެއްބާރުލުމުގެ ބާރުތަކުގެ ޢަސްކަރީ ފަންނީ ދެވަނަ ޖަލްސާ ބޭއްވުނެވެ. މި ޖަލްސާ ބޭއްވުނީ ގުޅިފައިވާ ބާރުތަކުގެ ޑެޕިޔުޓީ ކޮމާންޑަރ ޖެނެރަލް ޖޯން ބްރިނާނާއި ޢިރާޤުގެ ޤައުމީ ސަލާމަތާބެހޭ މުޝީރު ސްޓާފް ޖެނެރަލް ޢަބްދުލް އަމީރުއްޝަމްރީގެ ރިޔާސަތުގެ ދަށުގައެވެ.
އައްޝަމްރީ ވިދާޅުވިގޮތުގައި ކުރިމަގުގައި އެއްބާރުލުމުގެ ބައިނަލްއަޤްވާމީ ބާރުގެ މަސައްކަތަކަށް ވާނީ ތަމްރީނު ދިނުމާއި ފަންނީ ލަފާދިނުމާއި ޤާބިލުކަން ބިނާކުރުމެވެ. މި އަހަރު ނިމޭއިރު ޢިރާޤު ހަނގުރާމަވެރި ބިދޭސީ ބާރުތަކުން ހުސްވެގެން ދާނެއެވެ. އޭނާ އިތުރަށް ވިދާޅުވިގޮތުގައި މި ގިއުގަނޑުގެ ތެރޭގައި އިތުރު ބައްދަލުވުންތައް ބޭއްވޭނެއެވެ.
މި ބަޔާން ބުނާގޮތުގައި ޢިރާޤުގެ ޢަސްކަރީ ވެރީންނާއި ސަލާމަތީ ކަންކަމާބެހޭ ވެރީން މި ބައްދަލުވުމުގައި އެއްބާރުލުމުގެ ބާރުތަކުގެ ކުރިމަގުގެ ދައުރާ ބެހޭގޮތުން ޚުލާޞާ ކަރުދާހެއް ހުށައެޅުއްވިއެވެ. މި ބައްދަލުވުމުގައި ޢިރާޤުގެ ސަލާމަތީ ބާރުތަކާ ބައިނަލް އަޤްވާމީ އެއްބާރުލުމުގެ ބާރުތަކާ ދެމެދުގައި އޮންނަ ބައިވެރިވުން ކުރިއަށް ދާނެކަން ކަށަވަރުކޮށް ދެއްވިއެވެ. އަދި ދޭތެރެދޭތެރެއިން ފޯވަހިފޯވަހީގެ ގޮތުގައި މި ދެ ފަރާތުގެ ދެމެދުގައި ޙާލަތު ދިރާސާކޮށް ވަޒަންކުރުމުގެ ބައްދަލުވުންތައް ބޭއްވޭނެކަމަށް ވެސް މި ބަޔާން ބުނެފައި ވެއެވެ.
ޢިރާޤުގެ އެދުމުގެ މަތިން ތިބޭ އެއްބާރުލުމުގެ އަފްރާދުންނަށް ބޭނުންވާ ޙިމާޔަތާއި ރައްކައުތެރިކަން ޢިރާޤުގެ ސިޔާދަތާއި ޤާނޫނާއި ބައިނަލްއަޤްވާމީ ޢުރުފާ އެއްގޮތްވާ ގޮތުގެ މަތިން ދެވޭނެ ކަމަށް މި ބަޔާން ބުންޏެވެ.
މި ބައްދަލުވުމުގައި ޢިރާޤުގެ ޗީފް އޮފް ސްޓާފުގެ އެހީތެރިޔާއާއި ޢިރާޤުގެ ތަފާތު ޢަސްކަރީ ބާރުތަކުގެ ކޮމާންޑަރުންނާއި ޢިރާޤުގެ ޢަސްކަރީ ޖާސޫސީ އިދާރާގެ ވެރިޔާއާއި ބަޝްމަރުކާ ވުޒާރާ ތަމްސީލު ކުރައްވާ މަންދޫބަކު ބައިވެރިވެ ވަޑައިގެންނެވިއެވެ.



advertisment