ޙިޒްބުﷲގެ ދެ އަތް ބަނުމަށް ސުޢޫދީ ޢަރަބިއްޔާއިން އެދޭ އެދުމަކީ މުސްތަޙީލުކަމެއް ކަމަށް ލުބްނާނުގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ބޫ ޙަބީބު ވިދާޅުވެ ރިޔާޟަށް ފާޑު ވިދާވެއްޖެއެވެ.
އޭނާ ވިދާޅުވިގޮތގައި ލުބްނާނުން އެދެނީ ރިޔާޟާއެކު ވާހަކަ ދައްކައިގެން އަރާރުން ނައްތައިލުމަށެވެ. ރިޔާޟުން ބޭނުންވާ ކަންކަން ބައިރޫތުގެ މައްޗަށް ވެރިކޮށްގެން އަރާރުން ޙައްލެއް ނުކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.
ރޮއިޓަރޒާ ވާހަކަފުޅު ދައްކަވަމުން ލުބްނާނުގެ ވަޒީރު ވިދާޅުވިއެވެ. "އަހަރެމެން މި ތިބީ ވަރަށް ބޮޑު މަސްއަލައެއްގެ ކުރިމަތީގައެވެ. އެމީހުން ބޭނުން ވަނީ ޙިޒްބުﷲގެ ބޯނަމަ އެކަމެއް ނުކުރެވޭނެއެވެ. އެއީ އަހުރެމެންނަށް ކުރެވޭނެ ކަމެއް ނޫނެވެ. ސުޢޫދީ ޚާރިޖީ ވަޒީރު ވިދާޅުވިގޮތުގައި މަސްއަލައަކީ ޖޯރޖް ޤަރްދާޙެއް ނޫނެވެ. އެހެނަސް މަސްއަލައަކީ ޙިޒްބުﷲއެވެ. ހުޅުގަނޑު ރޯކޮށްލި ކަންޏަކީ ޤަރްދާޙެވެ.
ލުބްނާނުގެ ވަޒީރު ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "ޙީޒްބުﷲއަކީ ޤައުމަށް ވެރިވެގަންފައިވާ ބާރެއްނޫނެވެ. އެއީ ލުބްނާނުގެ ބައެކެވެ. ސިޔާސީ ބައެކެވެ. އެމީހުންގެ ޢަސްކަރީ ބާރެއް މި ސަރަޙައްދުގައި އެބަ އޮތެވެ. އެހެނަސް އެމީހުން މި ބާރުގެ ބޭނުން ލުބްނާނުގައެއް ނުކުރެއެވެ. މިއީ އަހުރެމެންނަށް ޙައްލު ކުރެވޭނެ މަސްއަލައެއް ނޫނެވެ. އަހުރެމެން އެންމެން ވެސް ބޭނުން ވަނީ އެއް ލަޝްކަރެކެވެ. އެއް ޤައުމެކެވެ. އެހެނަސް އަހުރެމެންގެ ޙާލަތު ތަފާތެވެ."
ވާހަކަދެއްކުން ޝަރްޠުތައް އޮއްސުމެއްނޫން
ރޮއިޓަރޒާ ވާހަކަފުޅު ދައްކަވަމުން ބޫ ޙަބީބު ވިދާޅުވިއެވެ. "އަހުރެމެން ސުޢޫދިޔާއާއެކު ރަނގަޅު ގުޅުންތައް ޤައިމު ކުރަން ބޭނުން ވެއެވެ. ވަރަށް ރަނގަޅު ގުޅުންތަކެކެވެ. އެހެނަސް ބޭނުންވާ ކަންތައްތައް ބަރާބަރަށް ކަނޑައަޅައި އެނގެން ޖެހޭނެއެވެ. އަހުރެމެންނަށް ކުރެވޭނެ ކަންތަކާ ނުކުރެވޭނެ ކަންތައް ހުންނާނެއެވެ. މިކަން ރިޔާޟު ދަންނަން ޖެހޭނެއެވެ. މި ކަން ކުރޭ މިކަން ނުކުރޭ އެއް ނުބުނެވޭނެއެވެ. ދެ ދައުލަތަކީ ވެސް މިނިވަން މުސްތަޤިއްލު ދެ ޤައުމެވެ. މި ދެ ޤައުމުގެ ދެމެދުގައި ތާރީޚީ ގޮތުން ވަރަށް ފުން ތާރީޚެއް އެބަ އޮތެވެ."
އޭނާ ވިދާޅުވިއެވެ. "ދެބަސްވުންތައް ޙައްލު ކުރެވޭނީ ވާހަކަ ދައްކައިގެންނެވެ." އޭނާ ހާމަކުރެއްވި ގޮތުގައި ނަޖީބު މީޤާތީގެ ސަރުކާރު އެކުލަވައިލެވުނު ފަހުން އެ ދެ ޤައުމުގެ ދެމެދުގައި ވާހަކަދެއްކުންތައް ބޭއްވިފައެއް ނުވެއެވެ. އޭނާ ވިދާޅުވިއެވެ. "ސުޢޫދީ ސަފީރު މި ޤައުމުގައި ހުންނެވިއެވެ. ސިޔާސީ ތަފާތު ބޭފުޅުންނާ އެކު ވާހަކަދެއްކުންތައް ވަނީ ބާއްވަވައިފައެވެ. އެހެނަސް ސަރުކާރާއެކު އެއްވެސް ބައްދަލުވުމެއް ނުބާއްވަވައެވެ. އަހަރެމެންނާއެކު ވާހަކަފުޅު ނުދައްކަވާތީ އަހެރެމެން ކަންބޮޑުވެއެވެ. ކުރިން ގުޅުމެއް ނުބޭއްވިއިރު މިއަދު ގުޅުން ބާއްވާނީ ކިހިނެއް ހެއްޔެވެ؟"
"މޫސުމާބެހޭ ސަމިޓްގެތެރޭގައި މީޤާތީ ހުންނެވީ ސުޢޫދީ މަސްއޫލުވެރީންނާ ބައްދަލު ކުރައްވާ ހިތްޕުޅުންނެވެ. އެހެނަސް ސުޢޫދީން މި ކަންކުރާކަށް ބޭނުމެއް ނުވެއެވެ. ބަލްގްރޭޑްގައި ސުޢޫދީ ވަޒީރާ ބައްދަލުވިއެވެ. އަތް ދިއްކޮށްލުމުން ސަލާން ކުރެއްވިއެވެ. އެހެނަސް އިށީނދެގެން ތިބެ ވާހަކަ ދައްކަވާކަށް ބޭނުންފުޅެއް ނުވިއެވެ. އެ ވަޒީރަކީ ޖޯރޖް ޤަރްދާޙީއެވެ."
"ސުޢޫދީ ޢަރަބިއްޔާގައި ލުބްނާނުގެ 250 ހާސް މީހުން އުޅެއެވެ. އެމީހުންނާ އެމީހުންގެ އަހްލުން ކައިބޮއި ހަދަނީ އެ ޤައުމުން ލިބޭ އެއްޗަކުންނެވެ. މިއީ އަހުރެމެން ވަރަށް ބޮޑަށް އޭގެ އަގު ވަޒަން ކުރާ ކަމެކެވެ."
ސަރުކާރުން މާފަކަށް ނޭދޭނެ
ލުބްނާނުގެ ޚާރިޖީ ވަޒީރު ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "ސަރުކާރުން މާފަށް އެދުމަކީ އޮތްކަމެއް ނޫނެވެ. ސަރުކާރުން ނުބައެއް ނަހަދައެވެ.އެއީ ޤަރްދާޙީގެ ޝަޚްޞީ ކަމެކެވެ. އެ ކަމެއް ހިނގާފައި ވަނީ މި ސަރުކާރުގެ ކުރިންނެވެ. އޭނާ ވިދާޅުވި އެއްޗެއް އަހަރެމެންނަކަށް ނޭނގެއެވެ. އޭނާ އެ ވިދާޅުވި އެއްޗެއް ވިދާޅުވީ ސަރުކާރުގެ ނަމުގައެއް ވެސް ނޫނެވެ."
މި މަސްއަލައިގައި ޤަރްދާޙީ ވަނީ އިސްތިޢުފާ ދެއްވުމާ ދެކޮޅު ހައްދަވައިފައެވެ. ބޫ ޙަބީބު ވިދާޅުވިއެވެ. "އޭނާ އިސްތިޢުފާ ދެއްވިޔަސް މަސްއަލަ ޙައްލެއް ނުވާނެއެވެ."
މަސްއަލަ ޙައްލު ކުރެވޭތޯ މަސައްކަތް ކުރުން
މި މަސްއަލަ ޙައްލު ކޮށްދެވޭތޯ މަސައްކަތް ކުރަމުންދާ ހަމައެކަނި ޤައުމަކީ ޤަޠަރެވެ. ޤަޠަރުގެ އަމީރު ބޮޑުވަޒީރު މީޤާތީއާ ގްލާސްގޯގައި ބައްދަލު ކުރެއްވިއެވެ. ޤަޠަރުގެ މަސައްކަތް އަދި އޮތީ ފުރަތަމަ މަރްޙަލާގައި ކަމަށް ބޫ ޙަބީބު ވިދާޅުވިއެވެ. އޭނާ ހާމަކުރެއްވިގޮތުގައި އެމެރިކާއާއި ފަރަންސޭސީން ވެސް ދަނީ މި މަސްއަލަ ޙައްލު ކުރެވޭތޯ ބަލަމުންނެވެ. އެހެނަސް ޤަޠަރުންނޫނީ އަދި އެއްވެސް އިސްނެގުމެއް ހުށައަޅައިފައެއް ނުވެއެވެ.
ޤަރްދާޙީ ވިދާޅުވީ ކީކޭ
ސުޢޫދީ – ލުބްނާނު އަރާރުން ފެށުނީ 25 އޮކްޓޯބަރުގައި ދުރަށް ދެއްކި ޤަރްދާޙީގެ ވާހަކަފުޅުތަކެއްގައި ޔަމަނާ ބެހޭގޮތުން އައިސްފައިވާ ބަސްފުޅުތަކެއްގެ ސަބަބުންނެވެ.އޭނާ ވިދާޅުވިއެވެ. "ޔަމަނުގައި ޙޫޘީންނަކީ ސުޢޫދީ ޢަރަބިއްޔާއާއި އިމާރާތުގެ ޢުދްވާނުން އެމީހުންގެ އަމިއްލަ ނަފްސު ދިފާޢު ކުރަން މަސައްކަތް ކުރާ ބައެކެވެ." މި ވާހަކަފުޅުތައް އޭނާ ޓީވީއަށް ރެކޯޑް ކުރައްވާފައި ވަނީ މި ދިޔަ އޮގަސްޓް މަހުގައެވެ. އޭނާ ވަޒީރުކަމަށް އިސްކުރެވުނީ މިދިޔަ ސެޕްޓެންބަރު މަހުގައެވެ.
ޤަރްދާޙީގެ މި ބަޔާން ދުރަށް ދެއްކުމާ ވިދިގެން ގަލްފްގެ ޤައުމުތަކުން ލުބްނާނާ ދެކޮޅަށް ސިޔާސީ ވަރުގަދަ ޠޫފާނެއް އުފައްދައިލިއެވެ.
ވޭތުވެދިޔަ މަދު ދުވަސްކޮޅުގެތެރޭގައި ސުޢޫދިޔާއާއި އިމާރާތާއި ބަޙްރައިނާއި ކުވައިތާއި ޔަމަނުން ވަނީ ލުބްނާނުގައި ތިއްބެވި އެ ޤައުމުތަކުގެ ސަފީރުން ޤައުމަށް ގެނެސްފައެވެ.
ޔަމަނުގައި 2015 ވަނަ އަހަރުން ފެށިގެން ހިނގަމުންދާ އަހްލީ ހަނގުރާމަތަކުގައި 233 ހާސް މީހަކު ވަނީ މަރުވެފައެވެ. އެ ޤައުމުގެ 80 އިންސައްތަ މީހުން މިއަދު ދިރިއުޅެމުން ދަނީ އދ ގެ އެހީގައެވެ. އދ ން ސިފަކުރާ ގޮތުގައި މިއީ އިންސާނީ ވަރަށް ބޮޑު ކާރިސާއެކެވެ. ސުޢޫދީންނާއި އިމާރާތުންދަނީ މި ހަނގުރާމައިގައި ޔަމަނު ސަރުކާރަށް އެހީވަމުންނެވެ. ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރާ ޙޫޘީންނަށް އެހީވެ ވަނީ އީރާނުންނެވެ. މި ހަނގުރާމައިގެ ޙޫޘީންން ސުޢޫދީ ޢަރަބިއްޔާގެ ވަރަށް ގިނަ މަރްކަޒުތަކަށާއި ރަށްރަށަށް ޙަމަލާދެމުންދާކަން ފާހަގަ ކުރެވެއެވެ.



advertisment