އިސްރާއީލުގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް ފުރަމަފަހަރަށް ބަޙްރައިނުގެ ވަލީ ޢަހްދު ޝައިޚު ސަލްމާން ބިން ޙަމަދު އާލު ޚަލީފާއާ ބައްދަލު ކުރައްވައިފިއެވެ. މިއީ އެ ދެ ޤައުމުގެ ދެމެދުގައި ގުޅުން ޠަބީޢީ ކުރިފަހުން އެ ދެ ޤައުމުގެ ދެމެދުގައި ބޭއްވުނު އެންމެ މަތީ ފެންވަރުގެ ރަސްމީ ފުރަތަމަ ބައްދަލުވުމެވެ.
މި ބައްދަލު ކުރެއްވުން އޮތީ ގްލާސްގޯގައި ބޭއްވެމުންދާ މޫސުމާބެހޭ ސަމިޓްގެ ހަވާސާ މަތީގައެވެ.އިސްރާއީލުގެ ބޮޑުވަޒީރުގެ އޮފީހުން ސިފަކުރިގޮރުގައި މިއީ "ވަރަށް ތާރީޚީ" ބައްދަލު ކުރެއްވުމެކެވެ. ބެނެޓްގެ އޮފީހުން ކުރި ޓްވީޓްގައި އައިސް ވެއެވެ. "ގްލާސްގޯ ބައްދަލުވުމަކީ ވަރަށް ތާރީޚީ ބައްދަލުވުމެކެވެ. މިއީ ބަޙްރައިނުގެ ވަލީ ޢަހްދާ އިސްރާއީލުގެ ބޮޑުވަޒީރާ ދެމެދުގައި ބޭއްވުނު ފުރަތަމަ ބައްދަލުވުމެވެ. މި ޓްވީޓްގައި މި ދެބޭފުޅުން ސަލާން ކުރައްވާ ތަނާއި ވާހަކަފުޅު ދައްކަވަމުން ވަޑައިގެންނެވި ވީޑިއޯ ކްލިޕްތައް ހުއްޓެވެ. މި ދެބޭފުޅުން ބަޙުސް ކުރެއްވި މައުޟޫޢޫތަކާ ބެހޭގޮތުން އިސްރާއީލުގެ ބޮޑުވަޒީރުގެ އޮފީހުން އެއްޗެއް ބުނެފައެއް ނުވެއެވެ. ބަޙްރައިނުން މި ކަމާ ބެހޭގޮތުން އެއްޗެއް ބުނެފައެއް ނުވެއެވެ.
ބަޙްރައިނާ އިސްރާއީލުގެ ގުޅުންތައް ޠަބީޢީ ކުރެވުނީ 2020ގެ ސެޕްޓެންބަރުގައެވެ. ބަޙްރައިނުގެ ރަސްގެފާނު ޙަމަދު ބިން ޢީސާ އާލު ޚަލީފާ ސިފަކުރެއްވި ގޮތުގައި އިސްރާއީލާއެކު ގުޅުންތައް ޠަބީޢީ ކުރުމަކީ ވަރަށް ތާރީޚީ ކަމެކެވެ. މިކަމުގެ ސަބަބުން މެދުއިރުމައްޗަށް ހަމަޖެހުމާއި އަމާންކަން ލިބޭނެއެވެ.
ޢަރަބި ގިނަ ޤައުމުތަކުން ޚާއްޞަކޮށް ފަލަސްޠީނުން ވަނީ މި ކަން ކުށްވެރިކޮށްފައެވެ.ޢަރަބީން ސިފަކުރާގޮތުގައި މިއީ ފަލަސްޠީނުގެ މަސްއަލައިގެ ބުރަކަށްޓަށް ހެރި ޚަންޖަރެކެވެ.



advertisment