Support Us

ޖަމާޢަތް20ގެ ސަމިޓަކީ ނަތީޖާ އީޖާބީ ބައްދަލުވުމެއް: ބައިޑްން

މި ހުސްވި އޮކްޓޯބަރު މަހުގެ 30 ވަނަދުވަހާއި 31ވަނަ ދުވަހު އިޓަލީގެ ރޯމްގައި ބޭއްވުނު ޖަމާޢަތް 20ގެ ސަމިޓް ނިމުނީ ވަރަށް ކާމިޔާބުކަމާއެކުގައި ކަމަށް ދުނިޔޭގެ ނޫސް އޭޖެންސީތަކުން ސިފަކޮށްފިއެވެ. މި ސަމިޓްގައި އިސްކަންދެވިފައިވަނީ މޫސުމަށް އަންނަ ބަދަލުތަކަށާއި ހީނަރުވެފައިވާ ދުނިޔޭގެ އިޤްތިޞާދަށާއި ކޮވިޑް ވަބާއަށެވެ.

ސަމިޓް ނިމުމުން ނެރުނު ބަޔާނުގައި 61 އައިޓަމެއް ހިމެނެއެވެ. މި ބަޔާނުގައި މި ސަމިޓްގެ 20 ބައިވެރީން ސޮއިކޮށްފައި ވެއެވެ.
ދުނިޔެ ހޫނުވަމުންދާ ދިޔުން ހުއްޓުވުމަށް ޓަކައި މި ސައްތައިގެ މެދާހަމައަށް ދިޔުމުގެ ކުރީން ފިޔަވަޅު އެޅުމަށް މި ސަމިޓްގެ ބައިވެރީން އެއްބަސްވެވަޑައިގެންނެވިއެވެ. މީގެއިތުރަށް މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ލިބެމުންދާ ގެއްލުންތަކާ ކުރިމަތިލުމަށް ޓަކައި ފަޤީރު ޤައުމުތަކަށް އެހީވުމަށް ވެސް އެއްބަސްވެ ވަޑައިގެންނެވިއެވެ.

މި ސަމިޓުން އެއްބަސްވި ގޮތުގައި އެންމެން ގުޅިގެން ކުރުންތެރި ފިޔަވަޅުތަކެއް އަޅައިގެން ދުނިޔޭގެ ހޫނުކަން އިތުރުވާ މިންވަރު 1.5 ދަރަޖައިގައި ހިފެހެއްޓިދާނެއެވެ.

ބޯޓުދެލީން ހަކަތަ އުފެއްދުމުގެ މަޝްރޫޢުތަކަށް ފަންޑުކުރުން މިއަންނަ އަހަރުން ފެށިގެން ހުއްޓައިލުމަށް ވެސް ސަމިޓުން އެއްބަސްވިއެވެ. އެހެނަސް ބޯޓުދެލިން ކަރަންޓް އުފެއްދުމުގެ މަސައްކަތް މުޅިން ހުއްޓައިލުމަށް ވަކި ތާރީޚެއް ކަނޑައެއް ނާޅައެވެ. ސަމިޓުން ގޮވައިލީ ވީހާ އަވަހަކަށް މި ކަން ކުރެވޭތޯ ބެލުމަށެވެ.

ކޮރޯނާ ވަބާ

ކޮރޯނާ ވަބާގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށާއި ޞިއްޙަތަށް ކޮށްފައިވާ ނުބައި އަސަރުތަކުން އަރައިގަތުމަށް ޓަކައި މަސައްކަތްކުރުމުގެ ޢަޒްމު ވަރުގަދަކުރުމަށް މި ސަމިޓްގެ ބަޔާނުގައި ދުނިޔެއަށް ގޮވާލައިފައި ވެއެވެ.

ކޮރޯނާ ރޯގާގެ އައު ބާވަތްތައް ފާޅުވަމުން ފެތުރެމުންދާތީ އެކަމަށް ފަރުވާތެރިވުމަށާއި ރައްކައުތެރިވުމަށް ސަމިޓުން ގޮވައިލިއެވެ. ދުނިޔޭގެ އިޤްތިޞާދަށް ދުޅަހެޔޮވުމަށް އެންމެ ބޮޑަށް ހުރަސްއަޅައި ބަހާއަކީ މި ވަބާކަމާއި މި ވަބާއާ ދެކޮޅަށް ވެކްސިން ނުލިބުން ކަން ވެސް ފާހަގަކޮށްފައި ވެއެވެ.

ތަރައްޤީވުމަށް މަސައްކަތް ކުރާ ޤައުމުތަކަށް ފަންޑުކުރުން ކޮވިޑްގެ ވަބާއިން އަރައިގަތުމަށް މަސައްކަތްކުރާ ތިންވަނަ ދުނިޔޭގެ ޤައުމުތަކަށް އެހީވުމަށް ޓަކައި އެ ޤައުމުތަކަށް ފަންޑު ދިނުމަށް އެޅިފައިވާ ހުރަސްތައް ނައްތައިލުމަށް މި ސަމިޓުން އެއްބަސްވިއެވެ.

މި ސަމިޓްގައި ބައިވެރި ޤައުމުތަކުން ތަރައްޤީވުމަށް މަސައްކަތްކުރާ ޤައުމުތަކަށް 100 ބިލިއަން ޑޮލަރު ޚާއްޞަކުރުމަށް ނިންމިއެވެ. މީގެ ބޮޑު ބައެއް ހޭދަކުރެވޭނީ އެފްރިކާގެ ޤައުމުތަކަށް ކަމަށް ވެސް މި ބަޔާނުގައި އައިސްފައި ވެއެވެ. ފައިސާއާބެހޭ ބައިނަލްއަޤްވާމީ ފަންޑުން މި ފައިސާ ބަހާނީ މި ފަންޑުން ޤައުމުތަކަށް ކަނޑައަޅައި ޙިއްޞާގެ މިންވަރާ އެއްގޮތްވެގެންވާ ގޮތުގެ މަތީންނެވެ.

އަންހެނުންނަށް އެހީވުން

މި ސަމިޓުން ކަށަވެތިވި ކަންތައްތަކުގެ ތެރޭގައި އަންހެނުން ހުރިހާ މައިދާންތަކެއްގައި ބާރުވެރިކުރުވުން ވެއެވެ. އެއީ ދާއިމީ ޝާމިލު އިޤްތިޞާދީ ހޭލުންތެރިކަމެއް ގެނައުމަށާއި އެންމެންނަށް ކާބޯތަކެތި ޖާމިނުކޮށްދިނުމަށް ޓަކައެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑްން ވިދާޅުވިގޮތުގައި މި ސަމިޓުން މޫސުމާއި ކޮވިޑާއި އިޤްތިޞާދީ ފައިލްތަކުގައި ވަރަށް "އީޖާބީ ނަތީޖާތަކެއް" ނެރެދެވިއްޖެއެވެ. ނޫސްވެރީންނާ ބައްދަލު ކުރައްވަމުން ބައިޑްން ވިދާޅުވިއެވެ. "އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި އަޅުގަނޑުމެންނަށް އީޖާބީ ނަތީޖާއެއް ނެރެވިއްޖެއެވެ. އެއީ މޭޒުދޮށުގައި އެމެރިކާއިން ފާޅުކުރި ވަރުގަދަ ޢަޒްމުގެ ސަބަބުންނެވެ."

ސަމިޓްގެ ހަވާސާމަތީގައި

މި ސަމިޓްގެ ހަވާސާމަތީގައި ކުދިކުދި އެތައް ސަމިޓްތަކެއް ބޭއްވުނެވެ. އޭގެތެރޭގައި ރައީސް ބައިޑްނާއި ފަރަންސޭސި ރައީސް މެކަރޯންގެ ސަމިޓާއި، ރައީސް ބައިޑްނާއި ތުރްކީގެ ރައީސް ރަޖަބު ޠައްޔިބު އުރްދުގާނުގެ ސަމިޓް ވެއެވެ.

މި ސަމިޓްގެ ހަވާސަމަތީގައި ފަރަންސޭސި ރައީސް މެކަރޯނާއި އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ބައްދަލު ކުރެއްވިއެވެ.

ޖަރްމަނުގެ މުސްތަޝާރު މަރކްލްއަށް ބަލާއިރު މިއީ އެކަމަނާގެ އެންމެ ފަހު ސަމިޓެވެ. މިހެންވެ މެހެންދާރީ އަދާކުރައްވާ އިޓަލީގެ ބޮޑުވަޒީރު މާރިޔޯ ޑްރާގީ އެކަމަނާއަށް އަލްވަދާޢު ދެންނެވުމުގެ ގޮތުން ފިނިފެންމަލުގެ ގުލްދަސްތާއެއް ވެދުން ކުރެއްވިއެވެ. އެ ވަގުތު ސަމިޓްގެ އެންމެހާ ބައިވެރީން ތެދުވެވަޑައިގެން އަތްތިލަބަޑީގެ ހޫނު ތަރްޙީބެއް ދެއްވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް