އީރާނުގެ ނިޔުކްލިއަރ ފައިލާ ބެހޭގޮތުން މިހާރު ބޭއްވެމުންދާ ވާހަކަދެއްކުންތައް ފޭލްވެއްޖެނަމަ އީރާނަށް ވަރުގަދަ ޙަމަލާއެއް ދިނުމަށް ތައްލު އަބީބު ތައްޔާރުވާން ފަށައިފިއެވެ. އިސްރާއީލުގެ މީޑިޔާތަކުގެ ރިޕޯޓެއް ބުނާގޮތުގައި އިސްރާއީލުން ޙަމަލާއެއް ދީފާނެތީ އީރާނުން ވެސް ދަނީ ޢަރަބި ތިން ޤައުމެއްގައި ވައިގެ ދިފާޢީ މިސައިލްތައް ބެހެއްޓުމަށް ތައްޔާރުވަމުންނެވެ.
އިސްރާއީލުގެ ބްރޯޑްކާސްޓިންގ ކޯޕަރޭޝަން (މަކާން) އިން ރޭ ދުރަށް ފެތުރި ޚަބަރެއް ބުނާ ގޮތުގައި "އީރާނުގެ ނިޔުކްލިއަރ ފައިލާ ބެހޭގޮތުން ބޭއްވެމުންދާ ވާހަކަދެއްކުންތައް ނާކާމިޔާބުވެއްޖެނަމަ އީރާނުގެ ނިޔުކްލިއަރ މަރްކަޒުތަކަށް ޙަމަލާ ދިނުމަށް ތައްޔާރުވާން އިސްރާއީލު ސަރުކާރުން އެތާނގެ ސަލާމަތީ އިދާރާތަކަށް އިޝާރަތްކޮށްފިއެވެ."
މި ރޭޑިއޯ ބުނާގޮތުގައި ސިޔާސީ މަސްއޫލުވެރީންނަށް ހުށައެޅުނު ޖާސޫސީ ރިޕޯޓުތައް ކަށަވަރުކޮށްދޭ ގޮތުގައި އީރާނުން ދަނީ ސޫރިޔާއާއި ޢިރާޤާއި ލުބްނާނުގައި ބިމުން ޖައްވަށް ފޮނުވާ ބާވަތުގެ ދިފާއީ މިސައިލްތައް ބަހައްޓަމުންނެވެ. އެއީ އިސްރާއީލުން ދީފާނެ ވައިގެ ޙަމަލާއަކުން ދިފާޢުވުމަށް ޓަކައި އީރާނުން ވަމުންދާ ތައްޔާރީތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
އިސްރާއީލުގެ ޖެރޫސަލަމް ޕޯސްޓް ދުވަހު ނޫސް އިއްޔެ ބުނިގޮތުގައި އިސްރާއީލުގެ ވައިގެ ޙަމަލާތައް ދިފާޢު ކުރުމަށް ބޭނުންވާ މިސައިލާ އިދިކޮޅު ބެޓެރީތައް އީރާނުން މިހާރު ބަހައްޓަން ފަށައިފިއެވެ. އީރާނުން މިހާރު ވަނީ މިފަދަ ބެޓެރީތައް ސޫރިޔާގައި ބަހައްޓައިފައެވެ. ސޫރިޔާގައި މި ބެޓެރީތައް ބެހެއްޓީ އިސްރާއީލުން ސޫރިޔާއަށް ދެމުންގެންދާ ޙަމަލާތަކުން ދިފާޢުކޮށްދިނުމަށް ސޫރިޔާ ސަރުކާރުން އެދުމުންނެވެ.
މި ނޫސް ބުނާގޮތުގައި އިސްރާއީލުގެ ވައިގެ ބާރުތަކަށް އެނގިފައިވާ ގޮތުގައި އީރާނުގެ ޑްރޯންތަކަކީ އެކަމާމެދު އިސްރާއީލު ވަރަށް ކަންބޮޑުވާ ކަމެކެވެ. އެއީ އިސްރާއީލަށައި އެ ސަރަޙައްދުގެ ޤައުމުތަކަށް އޮތް ވަރަށް ބޮޑު ބިރެކެވެ.
މި ނޫސް ބުނާގޮތުގައި ޙިޒްބުﷲއާއި ޙަމާސް ޖަމާޢަތްފަދަ ޖަމާޢަތްތަކުގެ އަތުގައި އީރާނުގެ ޑްރޯންތައް އެބަ ހުއްޓެވެ.
މި ނޫސް ބުނާގޮތުގައި އީރާނުގެ ނިޔުކްލިއަރ ފައިލާ ބެހޭގޮތުން އިސްރާއީލުން ދަނީ އެމެރިކާއާ އެކު މަޝްވަރާތައް ކުރަމުންނެވެ. އެމެރިކާ މި ވާހަކަދެއްކުންތަކުގައި ބައިވެރިވުމާ އިސްރާއީލު ދެކޮޅު ހަދައެވެ.
މި މަސްއަލައިގައި އެމެރިކާގެ ކުރީގެ ސަރުކާރުގެ ސިޔާސަތާ މިހާރުގެ ސަރުކާރުގެ ސިޔާސަތު ވަރަށް ތަފާތެވެ. ރައީސް ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާ ވަނީ މި އެއްބަސްވުމުން ވަކިވެ އީރާނާ ދެކޮޅަށް ފިޔަވަޅުތައް އަޅަން ފަށައިފައެވެ. އެމެރިކާގެ ފޮރިން ޕޮލިސީ މަޖައްލާ ބުނާގޮތުގައި އީރާނާއެކު މުޢާމަލާތު ކުރުމަށް ޓަކައި ރައީސް ބައިޑްން އެތައް ޚިޔާރުތަކެއް އެކަށައަޅުއްވައިފައި ވެއެވެ.