ސޫދާނުގެ ސިޔާދަތީ މަޖިލީހުގެ ރައީސް ޖެނެރަލް އަބްދުލް ފައްތާޙުލް ބުރްހާނު އެ ޤައުމުގައި އިމަރޖެންސީ އިޢުލާނު ކުރައްވައި އެ ޤައުމުގެ ވެރިކަމުގައި އޮތް ސިޔާދަތީ މަޖިލީހާއި ކެބިނެޓް އުވާލައްވައިފިއެވެ. މީގެ އިތުރަށް ސޫދާނުގެ ހުރިހާ ޕްރޮވިންސްތަކެއްގެ ވެރީން ވެސް މަޤާމުން ދުރުކުރެވުނުކަން އޭނާ އިޢުލާނު ކުރެއްވިއެވެ.
ސޫދާނުގެ ޢަސްކަރީ ވެރިޔާ ޓީވީއަށް ދެއްވި ފުރަތަމަ ބަޔާނުގައި ވިދާޅުވިގޮތުގައި ޤައުމުގައި ހިނގަމުންދާ ސިޔާސި ހަލަބޮލިކަން ނައްތައިލެއްވުމަށް ޓަކައި އެ ޤައުމުގައި އޮތް ސިޔާދަތީ މަޖިލީހާއި ވަޒީރުންގެ މަޖިލިސް އުވާލެވިއްޖެއެވެ. އަދި ހުރިހާ ސްޓޭޓްތަކެއްގެ ގަވަރުނަރުން މަޤާމުން ވަކިކުރެވިއްޖެއެވެ. ހުރިހާ މިނިސްޓްރީތަކެއްގެ ނާއިބު ވަޒީރުން ވެސް މަޤާމުން ވަކި ކުރެވިއްޖެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި އެހެނަސް ސޫދާނުން ސޮއިކޮށްފައިވާ ބައިނަލްއަޤްވާމީ ހުރިހާ މުޢާހަދާތަކަކަށާއި އެއްބަސްވުންތަކަކަށް ޢަމަލު ކުރެވޭނެއެވެ.
ބުރްހާނު ވިދާޅުވީ ޤައުމުގެ އަމްނަށާއި އިޤްތިޞާދަށް ނުބަލައި ގަޑުބަޑު ހެދުމަށް ގޮވައިލައި ހިތްވަރުދެމުން ގެންދާތީ އޭނާއަށް މި ފިޔަވަޅު އަޅުއްވަން މަޖްބޫރުވެ ވަޑައިގަތީ ޤައުމު ސަލާމަތް ކުރެއްވުމަށް ޓަކައެވެ. އޭނާ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "ސަރުކާރު މި ވަނީ އިންތިޤާލީ ފަރާތްތަކުގެ މެދުގައި ކޯޅޭކޯޅުމަކަށް ވެފައެވެ."

ބުރްހާނު ވަޢުދުވެ ވަޑައިގެންނެވި ގޮތުގައި އިންތިޤާލީ މަރްޙަލާގައި ޤައުމު ހިންގާނެ ޤާބިލު ސަރުކާރެއް ވަރަށް އަވަހަށް އެކުލަވައިލެވޭނެއެވެ. އޭނާ ކަށަވަރުކޮށްދެއްވި ގޮތުގައި ޤާނޫނު އަސާސީއާ އެއްގޮތަށް ޢަމަލު ކުރެވޭނެއެވެ. އަދި އިންޤިލާބީ ބަރްލަމާނެއް އެކުލަވައިލެވޭނެއެވެ. އޭނާ ވިދާޅުވި ގޮތުގައި އިންތިޚާބު ކުރެވޭ މަދަނީ ސަރުކާރަކާ ދައުލަތް ހަވާލު ކުރެވެންދެން ސިފައިން ދީމުޤްރާޠީ ނިޒާމު ފުރިހަމަ ކުރުމުގެ މަސައްކަތައިގެން ކުރިއަށް ދާނެއެވެ.
މިއަދު ހެނދުނު ސޫދާނުގައި ވަނީ ބޮޑުވަޒީރު ޙަމްދޫކާއި ކެބިނެޓްގެ ގިނަ ވަޒީރުންތަކެއް ހައްޔަރުކޮށްފައެވެ. ހިނގަމުންދާ ގަޑުބަޑުތަކާ ވިދިގެން އެ ޤައުމުގައި މިއަދު ވަނީ ނެޓްގެ ޚިދްމަތް ކަނޑާލައިފައެވެ. އަދި ސޫދާނުގެ ވަރަށް ބޮޑު ބަޔަކުން ވަނީ ކަރަންޓް ވެސް ކަނޑާލައިފައެވެ. މީގެ އިތުރަށް ވައިގެ ބަނދަރުވެސް ވަނީ ބަންދުކޮށްފައެވެ.



advertisment