Support Us

ފަރަންސޭސި ބަހުގެ މަޤާމު ޖަޒާއިރުގައި ދަށްކޮށްފި

ޖަޒާއިރުގެ ދެ ވުޒާރާއަކުން ކުރާ މުޢާމަލާތުތައް ފަރަންސޭސި ބަހުން ކުރުން ހުއްޓައިލުމަށް މިއަދު ނިންމައިފިއެވެ. މިއީ ފަރަންސޭސިވިލާތާއި ޖަޒާއިރާ ދެމެދުގައި ހިނގަމުންދާ ޤައުމިއްޔަތުގެ މަސްއަލައިގެ ތެރެއިން ދެވެމުންދާ ޙަމަލާތަކުގެ ހިޔަނި އެޅުމެއް ކަމަށް ރިޕޯޓަރުން ބުނެއެވެ.

ސަރުކާރުގެ ދާއިރާތަކުގައި ފަރަންސޭސި ބަސް ބޭނުން ނުކުރުމަށާއި ފަރަންސޭސި ބަސް ބޮއިކަޓު ކުރުމަށް ގޮވައިލާ އަޑުތައް ޖަޒާއިރާއި މަޣްރިބުގައި ދަނީ އުފުލެމުންނެވެ. މި ދެ ޤައުމުގެ ބައެއް ޖަމާޢަތްތައް ގޮވައިލަނީ ފަރަންސޭސި ބަސް ދޫކޮށްލައިފާ އިނގިރޭސިބަހާ ދިމާއަށް އެނބުރުމަށެވެ. މި ޖަމާޢަތްތައް ބުނާގޮތުގައި މިއަދު ބައިނަލްއަޤްވާމީ މުޖްތަމަޢުގައި އެންމެ ހިނގާ ޒަމާނީ ބަހަކީ އިނގިރޭސި ބަހެއެވެ.

ޢަރަބި ބަހުން އެކަނި.. ފަރަންސޭސި ބަހާ ނުލައި

މިއަދު ޖަޒާއިރުގެ މަސައްކަތްތެރިކަމާ ބެހޭ ވުޒާރާގެ ފޭސްބުކް ބުނާގޮތުގައި އެ ވުޒާރާގެ ވަޒީރު ޔާސީން މީރާބީ ކިޔަވާދިނުމުގެ މައިދާނުގައި ހަމައެކަނި ޢަރަބިބަސް ބޭނުންކުރުމަށް އެދިވަޑައިގަންނަވައެވެ. އަދި އޭނާ އެދިވަޑައިގަންނަވަނީ ވުޒާރާތަކާއި ސަރުކާރުގެ އޮފީސްތަކުގެ ހުރިހާ ލިޔެކިޔުންތަކެއް އަރަބިބަހުން ލިޔުމަށެވެ.

މީރާބީ ވިދާޅުވިއެވެ. "މި އިރްޝާދާ އެއްގޮތަށް ވަރަށް ވަރުގަދައަށް ޢަމަލު ކުރުމަށް އަޅުގަނޑު ޖަޒާއިރީންނަށް ގޮވައިލަމެވެ."

ހަމަ މިފަދަ ގޮތަކަށް ޖަޒާއިރުގެ ކުޅިވަރާއި ޒުވާނުންނާ ބެހޭ ވުޒާރާގެ ފޭސްބުކްގައި އެ ވުޒާރާގެ ވަޒީރު ޢަބްދުއްރައްޒާޤު ސަބްޤާޤު އެ ވުޒާރާގެ އެތެރޭގެ ހުރިހާ ލިޔެކިޔުންތަކެއް ޢަރަބިބަހުން ލިޔެ ހެދުމަށް އަންގަވައިފައި ވެއެވެ.

ޖަޒާއިރުގެ ހުރިހާ މިނިސްޓްރީތަކުން މި ގޮތަށް ޢަމަލު ކުރުމަށް ހަމަޖެހިފައިވާ ކަމެއް ސާފެއް ނުވެއެވެ.

ޖަޒާއިރަކީ އެ ޤައުމުގެ ދިފާޢީ ވުޒާރާނޫން އެހެން ހުރިހާ ވުޒާރާތަކެއްގައި އެތެރެއާ ބޭރުގައި ޢާންމުކޮށް ފަރަންސޭސިބަސް ބޭނުންކުރާ ޤައުމެކެވެ. އެހެން ހުރިހާ ވުޒާރާތަކަކުން ނެރޭ ރަސްމީ ލިޔުންތައް ވެސް ނެރެމުން ދަނީ ފަރަންސޭސިބަހުންނެވެ. އެހެނަސް އެ ޤައުމުގެ ޤާނޫނު އަސާސީ ބުނާގޮތުގައި އެ ޤައުމުގެ ވަޠަނީ އަދި ރަސްމީ ފުރަތަމަ ބަހަކީ ޢަރަބިބަހެވެ. ޖަޒާއިރުގައި ރަސްމީ ދެވަނަ ބަހަކީ އެމެޒިންގް ބަހެވެ.

ރަސްމީ ދާއިރާތަކުގައި ފަރަންސޭސިބަސް ބޭނުންކުރުމުގެ މަސްއަލައަކީ ޖަޒާއިރާއި މަޣްރިބުގައި ވަރަށް ބޮޑަށް ޖަދަލު ހިނގަމުންދާ ކަމެކެވެ. ކޮންޒަވޭޓިވު ޚިޔާލުގެ ބޭފުޅުން ވިދާޅުވާ ގޮތުގައި ރަސްމީ ހުރިހާ ލިޔުންތަކެއް ހުންނަން ޖެހޭނީ ފަރަންސޭސިބަހުންނެވެ.

ފަރަންސޭސީން ޖަޒާއިރު އިސްތިޢުމާރު ކުރުމުގެ ކުރިން ޖަޒާއިރަކީ އޮތް ޤައުމެއްނޫން ކަމަށް ފަރަންސޭސި ރައީސް މެކަރޯން ވިދާޅުވުމާ ވިދިގެން ޖަޒާއިރާ  ފަރަންސޭސިވިލާތާ ދެމެދުގައި ސިޔާސީ އަރާރުންތަކެއް ވަނީ ފެށިފައެވެ. ރައީސް މެކަރޯންގެ ބަޔާނަކީ "މަލާމާތުގެ ބަޔާނެއް" ކަމަށް ޖަޒާއިރުން ވަނީ ބުނެފައެވެ. އަދި ފަރަންސޭސިވިލާތުގައި ހުންނެވި ޖަޒާއިރުގެ ސަފީރު ވަނީ ޤައުމަށް ގެނެސްފައެވެ. ފަރަންސޭސިވިލާތުގެ ޢަސްކަރީ ބޯޓުތައް ޖަޒާއިރުގެ ވައިގެ ސަރަޙައްދު ބޭނުންކުރުން ވެސް މިހާރު ވަނީ މަނާކޮށްފައެވެ.

ފަރަންސޭސިބަސް ޖަޒާއިރުގައި ވަޒަންވެރިކޮށް އެ ބަހުން އެންމެން ވާހަކަ ދައްކައި މުޢާމަލާތު ކުރަން މަޖުބޫރު ކުރީ ފަރަންސޭސީން އެ ޤައުމު 132 އަހަރު ވަންދެން (1830ން 1962ށް) އިސްތިޢުމާރު ކުރިއިރުއެވެ. ފަރަންސޭސި އިސްތިޢުމާރަކީ ސަޤާފީ ދީނީ އިސްތިޢުމާރެކެވެ. ފަރަންސޭސީންގެ އަޅުވެތިކަމުން ޖަޒާއިރަށް މިނިވަންކަން ލިބުނީ މިލިޔަނަކަށްވުރެ ގިނަ ބަޔަކު ޝަހީދުވެ ކުރި ވަރުގަދަ ޖިހާދުގެ ސަބަބުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް