ރޫސީ ރައީސް ވްލެޑްމީރު ޕޫޓިން އިސްރާއީލުގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓާ ފުރަތަމަ ފަހަރަށް މިއަދު ބައްދަލު ކުރައްވައިފިއެވެ. މި ބައްދަލު ކުރެއްވުން އޮތީ ރަޝިޔާގެ ޚާއްޞަ ރިސޯޓް ރަށެއް ކަމުގައި ސޯޗީގައެވެ.
އިސްރާއީލުގެ ޚާރިޖިއްޔާ ބުނާގޮތުގައި ރަޝިޔާ- އިސްރާއީލު ގުޅުމަކީ ތައްލު އަބީބުގެ ޚާރިޖީ ސިޔާސަތުގައި ވަރަށް މުހިއްމު ޢުންޞުރެކެވެ. އެއީ މެދުއިރުމަތީގައި ރަޝިޔާއަށް ލިބިފައިވާ މަޤާމާއި ބައިނަލް އަޤްވާމީ މުޖްތަމަޢުގައި ރަޝިޔާގެ ދައުރުގެ މުހިއްމު ކަމުންކަމަށް އިސްރާއީލުން ބުންޏެވެ.
އިސްރާއީލު– ރަޝިޔާ ގުޅުމުގެ އަހައްމިއްޔަތާމެދު ވާހަކަފުޅު ދައްކަވަމުން ބެނެޓް ވިދާޅުވިއެވެ. "އިސްރާއީލުގައި ރޫސީ ބަހުން ވާހަކަ ދައްކާ މިލޔަނަކަށްވުރެ ގިނަ މީހުން އުޅެއެވެ. އެހެންކަމުން އެއީ ވަރަށް ބޮޑު ފާލަމެކެވެ."
އިސްރާއީލުގެ ބޮޑުވަޒީރުގެ އޮފީހުން މި ބައްދަލުވުމާ ބެހޭގޮތުން ނެރުނު ބަޔާނުގައި އައިސްފައި ވެއެވެ. މި ބައްދަލު ކުރެއްވުން ފަށްޓަވަމުން ރައީސް ޕޫޓިން ވިދާޅުވިއެވެ. "އެއްބާރުލުމުގެ ފުރްޞަތުތައް ވަރަށް ގިނައެވެ. ޚާއްޞަކޮށް ނިރުބަވެރީންނާ ދެކޮޅަށް ހަނގުރާމަ ކުރުމުގައެވެ."
ޕޫޓިން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "އިސްރާއީލުގެ ކުރީގެ ސަރުކާރާއެކު އަޅުގަނޑުމެން ވާނީ އަމާން ގުޅުންތަކެއް ތަރައްޤީކޮށްފައެވެ. ދާޚިލީ ސިޔާސީ ހަނގުރާމަތަކެއްގެ ތެރޭގައި މަނިކުފާނުގެ ސަރުކާރު އޮތަސް މި ގުޅުންތައް ދެމެހެއެޓުމަށް މަނިކުފާނުގެ ސަރުކާރު މަސައްކަތް ކުރާނެ ކަމަށް އުންމީދު ކުރަމެވެ."
ޖަވާބުގައި ބެނެޓް ވިދާޅުވިއެވެ. "އަޅުގަނޑުމެންނާ ރަޝިޔާއެކު އޮތް ގުޅުންތަކަކީ ވަރަށް ޚާއްޞަ ގުޅުންތަކެކެވެ. އެއީ އަޅުގަނޑުމެންގެ ދެ ޤައުމުގެ ދެމެދުގައިވާ ފުން ގުޅުމުގެ މަތީގައި އާރާސްތު ކުރެވިފައިވާ ގުޅުމެކެވެ. އަޅުގަނޑުމެން ސޫރިޔާގެ މަސްއަލައާއި އިރާނުގެ ޢަސްކަރީ ނިޔުކްލިއަރ ޕްރޮގްރާމާ ކުރިމަތިލުމާ ބެހޭގޮތުންނާއި ވިޔާފާރި ފުޅައު ކުރުމާ ބެހޭގޮތުން ރައީސް ޕޫޓިނާއެކު ބަހުސްކުރާނަމެވެ." ޕޫޓިނާ މުޚާޠަބު ކުރައްވާ ބެނެޓް ވިދާޅުވިއެވެ. "އަޅުގަނޑުމެން ދެކޭ ގޮތުގައި މަނިކުފާނަކީ ޔަހޫދީ ރައްޔިތުންގެ ޙަޤީޤީ ރަޙްމަތްތެރިއެކެވެ."
މި ހުސްވި މަހު އިސްރާއީލުގެ ޚާރިޖީ ވަޒީރު ޔާއީރު ލެޕިޑް މޮސްކޯއަށް ދަތުރުފުޅެއް ކުރެއްވިއެވެ. ޓައިމްސް އޮފް އިސްރާއީލު ބުނާގޮތުގައި މި ދަތުރުފުޅަކީ ޕޫޓިން- ބެނެޓް ބައްދަލުވުމަށް ތައްޔާރު ކުރުމަށް ކުރެއްވި ދަތުރުފުޅެކެވެ. ލެޕިޑް ރަޝިޔާގެ ޚާރިޖީވަޒީރާއެކު ސޫރިޔާގެ މަސްއަލައާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ. އެ މަސްއަލައާ ބެހޭ ގޮތުން ރަޝިޔާ- ސޫރިޔާ- އިސްރާއީލުގެ ބައްދަލުވުމެއް ބޭއްވުމަށް ރޫސީ ޚާރިޖީ ވަޒީރު ލެވްރޯފް ހުށައެޅުއްވިއެވެ. އިސްރާއީލުން ދަނީ ދޭތެރެދޭތެރެއިން ސޫރިޔާއަށް ޙަމަލާދެމުންނެވެ. މިއީ ސޫރިޔާގެ ސަރުކާރާއެކު ހަނގުރާމަ ކުރާ ޙިޒްބުﷲ ޖަމާޢަތަށް އަމާޒުކޮށް ދެވޭ ޙަމަލާތަކެއް ކަން ފާހަގަ ކުރެވެއެވެ. ރަޝިޔާއަކީ މި ހަނގުރާމައިގައި ސޫރިޔާ ސަރުކާރުގެ އެންމެ ވަރުގަދަ އެހީތެރިޔާއެވެ. ބައްޝާރުލް އަސަދުގެ ސަރުކާރު ނުވެއްޓި ދެމި އޮތުމުގެ އެންމެ ބޮޑު ސަބަބަކީ ރަޝިޔާ މި ހަނގުރާމައިގައި އަސަދަށް ކުރަމުންދާ ތާއީދުގެ ފުޅައުކަމެވެ.
އިސްރާއީލުގެ މި ނޫސް ބުނާ ގޮތުގައި ޕޫޓިން– ބެނެޓް ބައްދަލު ކުރެއްވުމުގައި ރަޝިޔާއިން އުފައްދާފައިވާ ކޯވިޑް -19ގެ ވެކްސިން ސްޕުޓްނިކް އިސްރާއިލުން ބަލައިގަތުމުގެ މަސްއަލަ ހިމެނެއެވެ.
އިސްރާއީލުން އިއްޔެ ހާމަކުރި ގޮތުގައި އިސްރާއީލަށް އަންނަ ފަތުރުވެރީންނަށް އިސްރާއީލަށް އެތެރެވެވޭނީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ ޤަބޫލު ކުރާ ވެކްސިނެއް ޖަހައިގެން އައުމުންނެވެ. އދގެ ޞިއްޙަތު ޖަމްޢިއްޔާގެ ވެކްސިން ލިސްޓްގައި ސުޕްޓިނިކް ވެކްސިނެއް ނުހިމެނެއެވެ.
ސޯޗީ ރިސޯޓްގައި މިއަދު ބޭއްވުނު ޕޫޓިން- ބެނެޓް ބައްދަލުވުން ފަސް ގަޑި އިރަށް ދެމިގެން ދިޔަކަމަށް ޓާސް ބުންޏެވެ. އިސްރާއީލުގެ ބޮޑުވަޒީރުގެ އޮފީސް ބުނިގޮތުގައި އެއީ "ވަރަށް ރަޙްމަތްތެރި" ބައްދަލު ވުމެކެވެ.



advertisment