އެމެރިކާގެ އެފް-35 މަރުކާގެ ހަނގުރާމަމަތީ މަތިންދާބޯޓު އުފެއްދުމުގެ މަޝްރޫޢުގައި ތުރްކީ ބައިވެރިވުމަށް ދެއްކި އެއް ބިލިއަން 400 މިލިއަން ޑޮލަރު ހޯއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި އޭގެ ތެރެއިން އެންމެ ލޯ ލާރިއެއް ވެސް ދޫކޮށް ނުލައްވާނެ ކަމަށް ތުރްކީގެ ރައީސް ރަޖަބު ޠައްޔިބު އުރްދުގާން ވިދާޅުވެއްޖެއެވެ. އުރްދުގާން ވިދާޅުވީ ޙައްޤުތައް ހޯދުމުގައި ތުރްކީ ފަހަތަކަށް ނުޖެހޭނެ ކަމަށެވެ.
އޭނާ މި މޭރުމުން ވާހަކަފުޅު ދެއްކެވީ އެފްރިކާގެ ތިން ޤައުމަކަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމާލައްވައިފައި ޤައުމަށް އެނބުރި ވަޑައިގެންނެވި މަގުމަތީގައި ރަސްމީ މަތިންދާބޯޓުގައި ނޫސްވެރީންނާ ބައްދަލު ކުރައްވަމުންނެވެ. ރައީސް އުރްދުގާން މި ދަތުރުފުޅުގައި ޒިޔާރަތް ކުރެއްވީ އެންގޯލާއަށާއި ޓޯގޯއަށާއި ނައިޖީރިއާއަށެވެ.
ތުރްކީގެ ރައީސް ވިދާޅުވިއެވެ. އެފް–35 ބޯޓުގެ މަޝްރޫއުން ތުރްކީ ބޭރަށް ލުމުން ތުރްކީއަށް ލިބެން ޖެހޭ އެއް ބިލިއަން 400 މިލިއަން ޑޮލަރު ތުރްކީއަށް އަނބުރާ ދޭންޖެހޭނެއެވެ.
އޭނާ ވިދާޅުވިއެވެ. "ރޯމް ސަމިޓްގައި އެ މަސްއަލައާ ބެހޭގޮތުން ރައީސް ބައިޑްނާއެކު ވާހަކަ ދައްކާނަމެވެ." އޭނާ ވިދާޅުވިގޮތުގައި ތުރްކީގެ ޙައްޤެއް ދޫކޮށެއް ނުލާނެއެވެ.
ރައީސް އުރްދުގާން ވިދާޅުވިގޮތުގައި އެފް-35 މަޝްރޫޢުން ތުރްކީ އެކަހެރި ކުރި މަސްއަލައާ ބެހޭގޮތުން ތުރްކީގެ ދިފާޢީ ވަޒީރު ޚުލޫޞީ އައްކާރު އެމެރިކާގެ ދިފާޢީ ވަޒީރު ލުވިޑް އޮސްޓިނާއެކު ވާހަކަފުޅު ދައްކަވާނެއެވެ. އޭނާ ހާމަކުރެއްވި ގޮތުގައި މި ކަމާ ބެހޭގޮތުން މިހާރު ވެސް ވަނީ ވަހަކަދެއްކުންތައް ފެށިފައެވެ. އެހެނަސް މި ވާހަކަދެއްކުންތައް މި ވަގުތު ބޭއްވެމުން ދަނީ ސިޔާސީ ގޮތުން ވަރަށް ދަށް ފެންވަރެއްގައެވެ.
ތުރްކީއާއި ޔޫރަޕްގެ އިއްތިޙާދާ ދެމެދުގައިވާ ގުޅުންތަކާ ބެހޭގޮތުން ވެސް އުރްދުގާން ވާހަކަފުޅު ދެއްކެވިއެވެ. ޔޫރަޕްގެ އިއްތިޙާދުން ތުރްކީއާއެކު މުޢާމަލާތު ކުރާ ގޮތާ ދެކޮޅަށް އުރްދުގާން ފާޑުވިދާޅުވިއެވެ. ސަރްކޯޒީއާއި އެންޖެލާ މަރްކްލްގެ ވެރިކަމުގައި މި ގުޅުންތައް އީޖާބީ ނޫން ކަމަށް އުރްދުގާން ވިދާޅުވިއެވެ.
އުރްދުގާންގެ ވާހަކަފުޅުގައި ޖަރްމާނުގެ ގެރަހާޑް ޝުރޫޑަރުގެ ދުވަސްވަރަށާއި ފަރަންސޭސިވިލާތުގެ ޖެކް ޝިރާކްގެ ދުވަސްވަރަށާއި އިޓަލީގެ ސިލްވިޔާ ބެލްސްކޯނީގެ ދުވަސްވަރަށް ތާރީފު ކުރެއްވިއެވެ. އުރްދުގާން ވިދާޅުވިއެވެ. "މި ބޭފުޅުންގެ ވެރިކަމުގައި ޔޫރަޕްގެ އިއްތިޙާދުގެ ހުރިހާ ސަމިޓްތަކަކަށް ތުރްކީއަށް ދަޢުވަތު ލިބުނެވެ. އެހެނަސް ސަރްކޯޒީއާއި މަރކްލް ވެރިކަމަށް ވަޑައިގެން ހިސާބުން މި ސިޔާސަތު ބަދަލުވެއްޖެއެވެ." މި ކަމުގެ ސަބަބުން ޔޫރަޕްގެ އިއްތިޙާދަށް ތުރްކީ ވެއްދުމުގެ މަސައްކަތަށް ހުރަސްއެޅިގެން ދިޔައެވެ.
އިންޤިލާބީ ޒަޢީމު ދުލެއްނުކޮށްލެވޭނެ
ތުރްކީގައި 2016ވަނަ އަހަރުގެ ހޫނު މޫސުމުގައި ގެންނަން މަސައްކަތް ކުރެވުނު އިންޤިލާބުގެ ވެރިއެއް ކަމުގައިވާ ޢުޘްމާނު ކާފަލާއާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން އުރްދުގާން ސިފަކުރެއްވި ގޮތުގައި އެއީ ބައިނަލްއަޤްވާމީ މުޖްތަމަޢުގައި އުޅޭ ޖޯރޖް ސެރޮސް ފަދަ ބިލިޔަނޭރެއްގެ ދަރިއެކެވެ. އުރްދުގާން ވިދާޅުވިއެވެ. "މި ފަދަ މަހުޖަނުންނަކީ ފައިސާގެ ބާރުން ދުނިޔެއަށް ހަމަނުޖެހުން ގެންނާން އުޅޭ ބައެކެވެ." ކާފަލާއާ ބެހޭގޮތުން 10 ޤައުމެއްގެ ސަފީރުން ނެރުއްވި ބަޔާނަށް ފާޑު ވިދާޅުވަމުން އުރްދުގާން ވިދާޅުވިއެވެ. "ސެރޮސްގެ ބަތްތަށިން ވެއްޓޭ އެތިކޮޅު ކައިގެން އުޅޭމީހުން ދިފާޢުކުރާ މީހުން ބޭނުން ވަނީ ކާފަލާ ޖަލުން ނެރޭށެވެ. އަޅުގަނޑު އަޅުގަނޑުގެ ޚާރިޖީ ވަޒީރަށް ދެންނެވީމެވެ. އެފަދަ މީހުންނަށް އަހުރެމެންގެ ރަށުން މަރްޙަބާ ކިޔައިގެން ނުވާނެއެވެ."
އުރްދުގާން ވިދާޅުވިއެވެ. "ތުރްކީއަށް އުނގަންނާ ދޭން އެއީ ކޮން ބައެއް ހެއްޔެވެ؟ ކާފަލާ ދޫކޮށްލަން އެމީހުން ގޮވައިލައެވެ. އެމީހުންގެ ޤައުމުތަކުގެ ޖަލުތަކުގައި ތިބި ޤާތިލުންނާއި ނިރުބަވެރީން ދޫކޮށްލަން ގޮވައިލާ ހެއްޔެވެ؟"
"މިހާތަނަށް އެފަދަ ކަމެއް ކުރީ ކޮން ޤައުމަކުން ހެއްޔެވެ؟ ޖަރްމަނުން ކުރި ހެއްޔެވެ؟ އެމެރިކާއިން ކުރި ހެއްޔެވެ؟ އެ ޤައުމުތަކަކުން ނުކުރެއެވެ. އަދި ނުވެސް ނުކުރާނެއެވެ. އަހުރެމެންގެ ޖުޑީޝަރީއަކީ މުސްތަޤިއްލު ބާރެކެވެ. އެބައިމީހުންގެ ޖުޑީޝަރީއަކީ މުސްތަޤިއްލު ބާރެއް ހެއްޔެވެ؟" ސެރޮސްގެ ދަރީންކުރެ ދަރިއަކު ބޯލްކަން ސަރަޙައްދަށް އައިސް އެ ސަރަޙައްދު ގަޑުބަޑުކުރަން މަސައްކަތް ނުކުރުމަށް އުރްދުގާން އިންޒާރު ދެއްވިއެވެ.
އުރްދުގާން ވިދާޅުވިގޮތުގައި އެމީހުންނަށް ކޮސޯވޯއަށާއި މެޗަޑޯނިޔާއަށާއި އަލްބޭނިޔާއަށް ވަދެވިދާނެއެވެ. އެހެނަސް ތުރްކީއަކަށް ނުވަދެވޭނެއެވެ. އުރްދުގާން ހާމަކުރެއްވި ގޮތުގައި ނިރުބަވެރީންނާ ދެކޮޅަށް ތުރްކީން ކުރަމުންދާ ހަނގުރާމަ ކުރިއަށް ދާނެއެވެ.
ތުރްކީގެ އިދިކޮޅު ޖަމާޢަތްތަކުން ތުރްކީގައި ޢާއްމު އިންތިޚާބު އަވަސްކުރުމަށް ގޮވައިލަމުންދާތީ ނޫސްވެރިއަކު އެކަމާ ބެހޭގޮތުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ވިދާޅުވިއެވެ. "ޢާއްމު އިންތިޚާބު ބޭއްވޭނީ އެކަމަށް ކަނޑައެޅިފައިވާ ވަގުތުގައެވެ. މީހަކު ލަވާ ހަޅޭކަކަށް ބެލުމެއް ނޯންނާނެއެވެ."



advertisment