އިސްރާއީލާއެކު ގުޅުންތައް ޠަބީޢީ ކުރުމަކީ ސުޢޫދީ ވަލީ ޢަހްދު މުޙައްމަދު ބިން ސަލްމާން ދެކޮޅު ހައްދަވާ ކަމެއް ނޫން ކަމަށް އެމެރިކާގެ އިންޓަރނެޓް ޞަފްޙާއެއް ކަމުގައިވާ އެކްސިއޯސް އިން ހާމަކޮށްފިއެވެ. އެކަމަކު އެއީ އެތައް ޝަރްޠުތަކަކާ ލައިގެންނެވެ. އޭގެތެރޭގައި ހިމެނޭ އެންމެ މުހިއްމު ޝަރްޠަކީ އެމެރިކާގެ ރައީސް ޖޯ ބައިޑްނާ ރިޔާޟާ ދެމެދުގައިވާ ގުޅުންތައް ރަނގަޅު ކުރުމެވެ.
މި ޞަފްޙާ ބުނާގޮތުގައި 27 ސެޕްޓެންބަރުގައި އެމެރިކާގެ ޤައުމީ ސަލާމަތާބެހޭ މުޝީރު ޖެކް ސޮލިވާން ސުޢޫދީ ވަލީ ޢަހްދު މުޙައްމަދު ބިން ސަލްމާނާއެކު ސުޢޫދީ ޢަރަބިޔާގެ "ނިޔޫމު"ގައި ބައްދަލު ކުރެއްވިއިރު އިސްރާއީލާއެކު ގުޅުން ޤާއިމުކޮށް ޠަބީޢީ ކުރުމާ ބެހޭގޮތުން ބަހުސް ކުރެއްވިއެވެ.
ސުޢޫދިޔާގެ ޝަރްޠުތައް
އެމެރިކާގެ އިންޓަރނެޓް މި ޞަފްޙާ ބުނާގޮތުގައި ސުޢޫދީ- އިސްރާއީލު ގުޅުން ޠަބީޢީ ކުރެވިއްޖެނަމަ މި ކަން ވާނީ ވަރަށް ބޮޑު އަރުތައަކަށެވެ. އެ ސަރަޙައްދުގެ ބޮޑު ޤައުމެއް އަބްރާމު އެއްބަސްވުމުގައި ބައިވެރިވުމުގެ ސަބަބުން އެ މަގުން ހިނގުމަށް ޢަރަބި ޤައުމުތަކަށާއި އިސްލާމީ ޤައުމުތަކަށް ހިތްވަރު ލިބިގެންދާނެއެވެ. ސުޢޫދީ ބައެއް މަސްއޫލުވެރީން ވިދާޅުވާގޮތުގައި މި ކަމަށް ވަރަށް ގިނަ ދުވަސްތަކެއް ހޭދަވާނެއެވެ. މި "ބޮޑު އަރުތަ" ޙާޞިލު ކުރުމަށް ޓަކައި އެމެރިކާއިން އަޅަން ޖެހޭ ފިޔަވަޅުތައް އެބޭފުޅުން ސޮލިވާނަށް ދެންނެވިކަމަށް އެކްސިއޯސް ބުންޏެވެ. މި ފިޔަވަޅުތަކުގެ ސަބަބުން އެމެރިކާ- ސުޢޫދީ ގުޅުންތައް ރަނގަޅުވެ ބަދަހިވެގެން ދާނެއެވެ.
ސުޢޫދީ ނޫސްވެރިޔާ ޖަމާލު ޚަޝްޤަޖީ މަރައިލި މަސްއަލައާއި އިންސާނީ ޙައްޤުތަކާ ބެހޭ ސުޢޫދީ ފައިލުގެ ސަބަބުން ރައީސް ބައިޑްންގެ އިދާރިއްޔަތާ ރިޔާޟާ ދެމެދުގައިވާ ގުޅުންތައް ވަނީ ވަރަށް ބޮޑަށް ނުތަނަވަސްވެފައެވެ.
ރައީސް ބައިޑްން ސުޢޫދީ ވަލީ ޢަހްދު މުޙައްމަދު ބިން ސަލްމާނާ އަދި ބައްދަލެއް ނުކުރައްވައެވެ. ބައިޑްން ފޯނުން ގުޅުއްވާލެއްވީ ސަލްމާން ރަސްގެފާނާއެވެ. ވޮޝިންގްޓަނުން ވަނީ ޚަޝްޤަޖީގެ ޖަރީމާ ފާޅުގައި ކުށްވެރިކޮށްފައެވެ.
ސުޢޫދީން އިސްރާއީލާއެކު ގުޅުން ޠަބީޢީ ކުރާކުރުން ވެގެން ދާނީ ވަރަށް ބޮޑު "ޕާރުސަލެއް"ގެ ތެރޭގައި ހިމެނޭ ކަންތައްތަކަކަށެވެ. އޭގެތެރޭގައި ބިން ސަލްމާނާއެކު ވޮޝިންގްޓަނުން ގުޅުންތައް އިޢާދަކުރުން ހިމެނޭނެއެވެ.
އިސްރާއީލާއެކު ގުޅުން ޤާއިމު ކުރާ ޤައުމުތަކުގެ ލިސްޓް ދިގު ކުރުން
މި މަހުގެ 14ވަނަ ދުވަހު ސުޢޫދީ ޚާރިޖީ ވަޒީރު ފައިޞަލް ބިން ފަރަޙާން ވޮޝިންގްޓަންގައި އެމެރިކާގެ ޚާރިޖީ ވަޒީރު ބްލިންކަނާ ބައްދަލު ކުރެއްވިއެވެ. މި ބައްދަލު ކުރެއްވުމުގައި އިސްރާއީލާއެކު ގުޅުން ޤާއިމު ކުރުމާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވިކަމެއް ނޭނގެއެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު މި ދިޔަ ހަފުތާގައި އިސްރާއީލުގެ ޚާރިޖީ ވަޒީރު ޔާއީރު ލެޕިޑާ ބައްދަލު ކުރެއްވި އިރު އަބްރާމު އެއްބަސްވުން ފުޅައުކުރުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.މި ބައްދަލުވުމުގައި އެމެރިކާގެ ޤައުމީ ސަލާމަތާ ބެހޭ މުޝީރު ސޮލިވާން ވެސް ބައިވެރިވެ ވަޑައިގަތެވެ.
އިސްރާއީލުގެ އިސް މަސްއޫލުވެރިއަކު ވިދާޅުވި ގޮތުގައި މި އަންނަ އަހަރު މި އެއްބަސްވުމުގައި ޢަރަބި ޤައުމެއް ސޮއި ކުރާނެއެވެ.
ބައިޑްންގެ އިދާރިއްޔަތުގެ މަސްއޫލުވެރީންތަކެއް ޔަހޫދީ މޫލަވެރީންނާ ފޯނުން ގުޅުއްވާ ހާމަކުރެއްވި ގޮތުގައި އިސްރާއީލާއެކު ގުޅުން ޤާއިމު ކުރުމާ ބެހޭގޮތުން ވޮޝިންގްޓަނުން ދަނީ ޢަރަބި އަދި އިސްލާމީ ޤައުމުތަކާއެކު ހަމަހިމޭންކަމުގެ ތެރޭގައި ވާހަކަދައްކަމުންނެވެ.
ރިޔާޟުގެ އިޝާރާތްތަކެއް
އެމެރިކާއިން ސުޢޫދީ ޢަރަބިޔާ އިސްރާއީލާއެކު ގުޅުންތައް ޤާއިމު ކުރޭތޯ މަސައްކަތް ކުރާތާ 10ވަރަކަށް އަހަރު ވެއްޖެއެވެ.
ރައީސް އޮބާމާ 2009ވަނަ އަހަރު މިކަމާ ބެހޭގޮތުން މަރްޙޫމު ޢަބްދުﷲ ރަސްގެފާނާއެކު ވާހަކަފުޅު ދެއްކެވިއެވެ. މި ގުޅުންތައް ޠަބީޢީ ކުރުމަށް ޓަކައި ރިޔާޟުން "ކުޑަކުޑަ ފިޔަވަޅެއް" އެޅުމަށް އޮބާމާ އެދިވަޑައިގެންނެވިއެވެ. އަދި މި ގުޅުން ޠަބީޢީ ކުރުމުގެ ފެހިއަލި ޢަރަބި ޤައުމުތަކަށް ސުޢޫދީން ދިނުމަށް ވެސް އެދިވަޑައިގެންނެވިއެވެ. ސުޢޫދީ ރަސްގެފާނު ޖަވާބުގައި ވިދާޅުވި ގޮތުގައި ސުޢޫދީން ވަނީ އެ ޤައުމުގެ ދައުރު އަދާކޮށްފައެވެ. ސުޢޫދީން 2002 ގައި ވަނީ ޞުލްޙައާ ބެހޭ އިސްނެގުމެއް ޢަރަބި ސަމިޓަށް ހުށައަޅައި ފާސްކޮށްފައެވެ.
ރައީސް ޓްރަމްޕް އިސްރާއީލާ ޢަރަބި ޤައުމުތަކާ ދެމެދުގައިވާ ގުޅުންތައް ޠަބީޢީ ކުރުމަށް ޓަކައި 2017ގައި ސައްތައިގެ ޑީލް އިޢުލާން ކުރެއްވިއެވެ.
ވަލީ ޢަހްދު މުޙައްމަދު ބިން ސަލްމާން އަބްރާމު އެއްބަސްވުމަށް ޝައުޤުވެރިވެ ވަޑައިގެންނެވި ނަމަވެސް ސަލްމާން ރަސްގެފާނު މި އެއްބަސްވުމާ ދެކޮޅު ހެއްދެވުމުގެ ސަބަބުން ބިން ސަލްމާނަށް ވަނީ އެ ކަމުގައި ކުރިއަށް ވަޑައިގަތުމުގެ ދޮރު ބަންދުވެފައެވެ. ސަލްމާން ރަސްގެފާނު ވިދާޅުވާ ގޮތުގައި ފަލަސްޠީނުގެ މަސްއަލައަށް ރިޔާޟުން ކުރާ ތާއީދާ އެއްގޮތަށް އެ މަސްއަލައަށް ޙައްލެއް ލިބިގެން މެނުވީ އިސްރާއީލާއެކު ގުޅުންތައް ޠަބީޢީވެގެން ނުދާނެ ކަމަށެވެ.
އެހެންކަމުގައި ވިޔަސް އިމާރާތުންނާއި ބަޙްރައިނުން އަބްރާމު އެއްބަސްވުމުގައި ސޮއިކުރުމުން އެ ދެ ޤައުމަށް ރިޔާޟުން އެއްބާރުލުން ދިނެވެ. އިސްރާއީލުން އެ ދެ ޤައުމަށް ކުރާ ވައިގެ ދަތުރުތަކަށް ސުޢޫދީ ވައިގެ ސަރަޙައްދު ހުޅުވައިލަދިނެވެ.
ޓްރަމްޕް ވިދާޅުވާ ގޮތުގައި އޭނާއަށް ރައީސްކަން ލިބިވަޑައިގެންނެވިނަމަ އެއް އަހަރު ދުވަހުގެތެރޭގައި ރިޔާޟުން މި އެއްބަސްވުމުގައި ސޮއި ކުރާނެއެވެ.



advertisment