ސޫރިޔާގެ އިދްލިބުގެ ރަށްފުށުގެ ސަހަރެއް ކަމުގައިވާ އަރީޙާގައި މީހުން ދިރިއުޅޭ އަވަށަކަށް ސޫރިޔާ ސަރުކާރުގެ ސިފައިން މިއަދު ހެދުނު ވަރުގަދަ ޙަމަލާތަކެއް ދީ ސްކޫލް ކުދިންނާއި ޢާންމުންގެ 14 މީހަކު މަރުވެ އެތައް ބަޔަކު ޒަޚަމުވެއްޖެއެވެ.
ސޫރިޔާގެ މިނިވަން ނޫސްތައް ބުނާގޮތުގައި މި ޙަމަލާގެ ސަބަބުން، މަދަރުސާއަށް ދިޔަ ކުދީންތަކެއް މަރުވިއިރު އެކުދީންގެ ބުރިކަށި މަތީގައި މަދަރުސާ ދަބަސް ވެސް އޮތެވެ. އިންސާނީ ޙައްޤުތަކާ ބެހޭ ސޫރިޔާގެ ޖަމާޢަތުން ބުނާގޮތުގައި ސަރުކާރު ސިފައިން މި ޙަމަލާދީފައި ވަނީ އެ ކުދީން މަދަރުސާއަށް ދަނިކޮށްނެވެ.
ނޫސް އޭޖެންސީތައް ބުނާގޮތުގައި މިއީ ވެރިރަށް ދިމަޝްޤުގައި ދަތުރު ކުރަމުންދިޔަ ސިފައިންގެ ބަހަކަށް ދިން ޙަމަލާއަކަށް ބަދަލު ހިފުމުގެ ގޮތުން ދިން ޙަމަލާތަކެކެވެ.
ތުރްކީގެ އަނާޟޫލު ނޫސް އޭޖެންސީ ބުނާގޮތުގައި އިދްލިބުގެ އަރީޙާއަށް ހަމަލާ ދިނީ ސަރުކާރުގެ ސިފައިންނާއި އީރާނުގެ މިލީޝިޔާ ބާރުތަކުންނެވެ. އެމީހުން އެ ރަށަށް ޙަމަލާދިނީ ބޮޑު ބަޑީންނެވެ. އަރީޙާއަކީ އުތުރު ސޫރިޔާގައި ހަނގުރާމަ ގަދަނުކުރުމަށް އެއްބަސްވެފައިވާ ސަރަޙައްދެކެވެ.
އަރީޙާ ސަހަރުގެ ހަސްފަތާލު ބުނާގޮތުގައި މި ޙަމަލާގެ ސަބަބުން ޢާއްމުންގެ 14 މީހަކު މަރުވެ 35 މީހަކު ޒަޚަމުވިއެވެ. ޒަޚަމުވި މީހުންގެ ޒަޚަމުތައް ފުންކަމުން މަރުވާ މީހުންގެ ޢަދަދު އިތުރުވާނެ ކަމަށް ހަސްފަތާލުން ލަފާކުރެއެވެ.
ތުރްކީއާއި ރަޝިޔާއާއި އީރާނުން 2017ވަނަ އަހަރުގެ މޭގައި ވަނީ އިދްލިބު ސަރަޙައްދުގައި ހަނގުރާމައިގެ ޙަމަލާތައް މަދު ކުރަން އެއްބަސްވެފައެވެ. ނަމަވެސް ސަރުކާރުގެ ސިފައިން ދޭތެރެދޭތެރެއިން އެ ސަރަޙައްދަށް ޙަމަލާތައް ދެމުންގެންދާ ތަން ފެނެއެވެ.



advertisment