އީރާނާއި ސުޢޫދިޔާ ގާތްވަމުން ގުޅުން ރަނގަޅުވަމުން އަންނަ ވާހަކަތަކާއެކު ފުރަތަމަ ފަހަރަށް އީރާނުން ސުޢޫދިޔާއަށް މުދާ ބޭރުކުރަން ފެށި ޚަބަރު ފަޅައިގެން ހިނގައްޖެއެވެ.
އީރާނުގެ އިސް މަސްއޫލުވެރިއަކު ހާމަކުރެއްވި ގޮތުގައި އޭނާގެ ޤައުމުން ސުޢޫދިޔާއަށް އެއްވެސް އެއްޗެއް ބޭރު ނުކުރާތާ އަހަރެއް ވެއްޖެއެވެ. މިއަދު އީރާނުގެ ކަސްޓަމްސްއާ ބެހޭ އިދާރާއިން ނެރުނު އަވަށްޓެރި ޤައުމުތަކާއެކު ބަދަލު ކުރެވޭ ވިޔަފާރީގެ ރިޕޯޓު ބުނާގޮތުގައި އީރާނުން މިހާރު ވަނީ ސުޢޫދިޔާއަށް މުދާ ބޭރު ކުރާން ފަށައިފައެވެ. ވޭތުވެދިޔަ ހައެއްކަ އަހަރުގެތެރޭގައި ސިޔާސީ ދެބަސްވުންތަކާ ހެދި މި ވިޔަފާރި ވަނީ ވަރަށް ކަމީނާވެފައެވެ.
ވިޔަފާރި އަލުން ފެށުމުގެ މާނައަކީ ކޮބާ!
އީރާނުގެ ކަސްޓަމުގެ ތަރްޖަމާނު ރޫޙުﷲ ލަޠީފީ އީރާނުގެ ނޫސް އޭޖެންސީ (އިރްނާ) އަށް ދެއްވި ބަޔާނެއް ބުނާގޮތުގައި އީރާނުގެ މާލީ އެންމެ ފަހު އަހަރުގައި އީރާން- ސުޢޫދީ ވިޔަފާރި ވަނީ ސުމަކަށް ވެއްޓިފައެވެ. އީރާނުގެ މާލީ މި އަހަރު ނިމުނީ 20 މާރިޗު 2021 ގައެވެ.
ލަޠީފީ ހާމަކުރެއްވި ގޮތުގައި މި ހުސްވި އަހަރު ވިޔަފާރީގެ ދިޔަވަރު މުޅިން ހިކުނީ އެތައް އަހަރަކު ދިޔަވަރު މަޑުމަޑުން ހިކެމުން ގޮހެވެ. އެ ދުވަސްވަރު އީރާނުން އެންމެ ގިނައިން މުދާ އެތެރެކުރީ ޢިރާޤުން ކަމަށް އޭނާ ވިދާޅުވިއެވެ. ވިޔަފާރީގެ މައިދާނުގައި ދެވަނަ ބައިވެރިއަކީ ތުރްކީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ތިންވަނަ ޤައުމަކީ އިމާރާތެވެ.
ރިޔާޟުން 2016ގައި ވަނީ ޠަހަރާނާއެކު ސިޔާސީ ގުޅުންތައް ކަނޑައިލައިފައެވެ. މި ގުޅުން ރިޔާޟުން އިސްވެ ކަނޑައިލީ އެ ސަރަޙައްދުގެ ހުރިހާ މަސްއަލަތަކެއްގައި އެ ދެ ޤައުމުގެ ކޯޅުންތައް އިތުރުވުމާ ވިދިގެންނެވެ. މި ކަމުގައި ފާހަގަކުރެވޭ ދާއިރާތަކަކީ ޔަމަނާއި ސޫރިޔާއާއި ޢިރާޤާއި ލުބްނާނެވެ.
އެ ދެ ޤައުމުގެ ދެމެދުގައި ވާ ނުތަނަވަސްކަމަށް ލުޔެއް ލިބިއްޖެނަމަ އީރާނުން ސުޢޫދިޔާއަށް މުދާ ބޭރު ކުރަން ފަށާނެ ކަމަށް ޠަހަރާން ވަނީ މި ދިޔަ ހަފުތާގައި ބުނެފައެވެ. އީރާނުގެ ވިޔަފާރިއާ ބެހޭ ވުޒާރާގެ ނާއިބު ފަރްހާދު ނޫރީ ވިދާޅުވިއެވެ. "އީރާނާއި ސުޢޫދިޔާގެ ގުޅުން ރަނގަޅުވި ވަރަކަށް އީރާނުގެ ކުންފުނިތަކުން ސުޢޫދިޔާއަށް މުދާ ފޮނުވަން ތެދުވާ ތަން ފެންނާނެއެވެ." އޭނާ ވިދާޅުވި ގޮތުގައި ސުޢޫދީ ބާޒާރަކީ އިސްތިހްލާކީ މުދަލަށް ތަނަވަސް ވެފައިވާ ވަރަށް ބޮޑު ބާޒާރެކެވެ. އޭނާ ވިދާޅުވިއެވެ. "އެ ދެ ޤައުމުގެ ދެމެދުގައި ބޭއްވެމުންދާ ވާހަކަ ދެއްކުންތައް ކާމިޔާބުވީ ވަރަކަށް ބަދަލު ކުރެވޭ ވިޔަފާރިވެސް ފޮޅެމުން އަންނާނެއެވެ."
އަނެއްކޮޅުން ސުޢޫދީ ޚާރިޖީ ވަޒީރު ފައިޞަލް ފަރަޙާން މި ދިޔަ ހަފުތާގައި ފައިނަންޝިއަލް ޓައިމްޒް އަށް ދެއްވި ބަޔާނެއް ބުނާގޮތުގައި އެ ދެ ޤައުމުގެ ދެމެދުގައި ބޭއްވެމުންދާ ވާހަކަދެއްކުންތަކަކީ "އެދެވޭ" ވާހަކަ ދެއްކުންތަކެކެވެ. އަދި "ހޯދުންތެރި" ވާހަކަ ދެއްކުންތަކެކެވެ. މި ވާހަކަތައް ކުރިއަށް ގެންދިޔުމަށް ސުޢޫދީން އަހައްމިއްޔަތު ދެއެވެ. އޭނާ ވިދާޅުވި ގޮތުގައި ސުޢޫދީ ޢަރަބިޔާއަކީ އަބަދުވެސް ސަރަޙައްދުގެ ހަމަޖެހުމަށް އިސްކަންދޭ އެކަމަށް މަސައްކަތް ކުރާ ޤައުމެކެވެ.
ބަދަލު ކުރެވޭ ވިޔާފާރީގެ ސައިޒު
އީރާނުގެ މަސްއޫލުވެރިޔާ ރޫޙުﷲ ލަޠީފީ ހާމަކުރެއްވިގޮތުގައި ވޭތުވެ ދިޔަ ހަ މަސް ދުވަހުގެ ތެރޭގައި އަވަށްޓެރި 15 ޤައުމަކާއެކު ބަދަލު ކުރެވުނު ވިޔަފާރީގެ މިންވަރަކީ 47 މިލިޔަން ޓަނުގެ މުދަލެވެ. އެއީ 22 ބިލިއަން 588 މިލިއަން ޑޮލަރުގެ ވިޔަފާރިއެކެވެ. އޭނާ ހާމަކުރެއްވި ގޮތުގައި އެއީ އީރާނުގެ މުޅި ވިޔަފާރީގެ 60 އިންސައްތަ އެވެ.
މި ވިޔަފާރީގެ އެންމެ ބޮޑު ޙިއްޞާދާރަކީ ޢިރާޤެވެ. އެއީ ގާތްގަނޑަކަށް ތިން ބިލިއަން 840 މިލިއަން ޑޮލަރެވެ. ދެވަނަ ޤައުމަކީ ތުރްކީއެވެ. ތުރްކީއާއެކު ބަދަލުކުރެވުނު ވިޔަފާރީގެ މިންވަރަކީ ދެ ބިލިއަން 308 މިލިއަން ޑޮލަރެވެ. ތިންވަނަ ޤައުމަކީ އިމާރާތެވެ. އިމާރާތާއެކު ބަދަލު ކުރެވުނު ވިޔަފާރީގެ މިންވަރަކީ ދެ ބިލިއަން 243 މިލިއަން ޑޮލަރެވެ. މި ލިސްޓުގެ އެންމެ ފުލުގައި އޮތީ ސުޢޫދިޔާއެވެ. އެއީ އެންމެ 39 ހާސް ޑޮލަރެވެ.
ސުޢޫދީން ޠަހަރާނާއެކު އޮތް ސިޔާސީ ގުޅުން 2016ވަނަ އަހަރު ކަނޑައިލުމުގެ ކުރިން އީރާނުން ސުޢޫދިޔާއަށް ވިއްކާފައިވާ މުދަލުގެ އަގު 500 މިލިއަނަށް އަރައިފައި ވެއެވެ. ސުޢޫދީން އީރާނާއެކު ސިޔާސީ ގުޅުން ކަނޑައިލީ ސުޢޫދީ ޝީޢީ ޒަޢީމެއް ކަމުގައިވާ ނަމިރު ބާޤިރު އައްނަމިރަށް މަރުގެ އަދަބު ދިނުމުން އީރާނުގައި ކުރި މުޒާހަރާތަކުގެތެރޭގައި އީރާނުގައި ހުންނަ ސުޢޫދީ އެންބެސީގައި ރޯކިށްލައި އަންދައިލުމުންނެވެ.
ޢާންމު ގޮތެއްގައި އީރާނުން ސުޢޫދިޔާއަށް ވިއްކަނީ ދަގަނޑާއި ސިމެންތިއާއި ބަދަނާއި ހިކި މޭބިސްކަދުރާއި ކުކުމެވެ. އީރާނުގެ ކަސްޓަމާ ބެހޭ މަސްއޫލުވެރިޔާ ލަޠީފީ ވިދާޅުވާ ގޮތުގައި ރިޔާޟާ ޠަހަރާނާ ދެމެދުގައި ސިޔާސީ ގުޅުން އަލުން ޤާއިމު ކުރެވިއްޖެނަމަ ވިޔަފާރި އަލުން ރަނގަޅު ވެގެންދާނެއެވެ.



advertisment