ކީރިތި ރަސޫލާގެ މައުލިދުގެ މުނާސަބަތުގައި މިޞްރުގައި ރޭ ބޭއްވި ރަސްމީ އިޙްތފާލުގައި އަޒްހަރުގެ އެންމެ އިސްވެރިޔާ ޝައިޚުލް އަޒްހަރު ޑރ. އަޙްމަދުއް ޠައްޔިބު، މިޞްރުގެ ރައީސް ޢަބްދުލް ފައްތާޙުއް ސީސީއަށް ވެދުމަކަށް އާދަޔާ ޚިލާފު މުޞްޙަފެއް އަރުއްވައިފިއެވެ.
އަޒްހަރުން ބުނާގޮތުގައި މި މުޞްޙަފު ހެދުމަށް ގާތްގަނޑަކަށް 20 އަހަރު ހޭދަވިއެވެ. މި މުޞްޙަފުގައި ކުރެހުން އަޅައިފައި ވަނީ އިލްޚާނީ ވެރިކަމާއި މަމްލޫކީ ވެރިކަމުގެ ދުވަސްވަރުގައި ޤުރްއާން ލިޔުމުގައި ބޭނުންކުރެވިފައިވާ އަކުރުތަކުގެ ބައްޓަންތަކުންނެވެ.
އަޒްހަރުން ހާމަކުރިގޮތުގައި މި މުޞްޙަފު ލިޔުމަށް ބޭނުންކުރެވުނީ ސާފު ކަފައިން އުފައްދާފައިވާ ކަރުދާހެވެ. މި ކަމުގައި އެއްވެސް ބާވަތެއްގެ ހުތެއް ނުވަތަ ކެމިކަލެއް ބޭނުންކޮށްފައި ނުވާނެ ކަމަށް ވެސް އަޒްހަރުން ބުންޏެވެ.
މި މުޞްޙަފުގެ ބޭރުގަނޑު ހަދާފައިވަނީ ދިބާޣުކޮށްފައިވާ ބަކަރީގެ ހަމުންނެވެ.
މި މުޞްޙަފު ލިޔެފައިވަނީ މިޞްރުގެ ރަސްކަލެއް ކަމުގައިވާ އަލްމަލިކު ފުއާދުގެ ފޮންޓުންނެވެ. މި މުޞްޙަފު ލިޔުމުގައި ބަރޯސާވެފައިވަނީ 1916ވަނަ އަހަރު އަވަހާރަވެފައިވާ މުޙައްމަދު ޖަޢުފަރު ބެކްގެ އަތު ލިޔުމަށެވެ.



advertisment