އުތުރު ކޮރެޔާގެ ޒަޢީމު ކިމް ޖޮންގް އިލް އޭނާގެ ޤައުމުގައި ހުރި އެންމެ ވަރުގަދަ ބެލިސްޓިކް މިސައިލް ކައިރީގައި ހުންނަވައިގެން އެމެރިކާއަށާއި ދެކުނު ކޮރެއާއަށް ބަހުގެ ޙަމަލާތަކެއް ދެއްވައިފިއެވެ. އޭނާ ތުހްމަތު ކުރެއްވި ގޮތުގައި ދުނިޔޭގެ ޞުލްޙައަށް ބިރު ދައްކަނީ މި ދެ ޤައުމުންނެވެ.
ކިމް ވިދާޅުވިގޮތުގައި އުތުރު ކޮރެއާއިން ހަތިޔާރު އުފައްދާ ތަރައްޤީ ކުރަނީ އެމެރިކާގެ ޢުދްވާނީ ސިޔާސަތާއި ދެކުނު ކޮރެއާގައި ޖަމާކޮށްފައިވާ ލަޝްކަރުތަކާ ކުރިމަތިލުމަށް ޓަކައެވެ.
އުތުރު ކޮރެއާގެ ނޫސް އޭޖެންސީ ކިމް ޖޮންގާ ޙަވާލާދީ އިއްޔެ ބުނިގޮތުގައި އުތުރު ކޮރެއާއިން ޢަސްކަރީ ބާރު ވަރުގަދަ ކުރަނީ އަމިއްލަ ނަފްސުގެ ދިފާޢުގައެވެ. އެއީ ހަނގުރާމައެއް ކުރަންވެގެން ކުރާ ކަމެއްނޫނެވެ. އޭނާ ވިދާޅުވިއެވެ. "ހަނގުރާމައާ ބެހޭގޮތުން އެއްވެސް މީހަކާ ވާހަކައެއް ނުދައްކާނަމެވެ. އެކަމަކު ވާހަކަ ދައްކާނީ ހަނގުރާމަ މަނާކުރުމާ ބެހޭގޮތުންނެވެ. އަހުރެމެން މައިތިރި ކުރުމުގެ ބާރު ވަރުގަދަ މި ކުރަނީ ޤައުމީ ސިޔާދަތަށް ޓަކައެވެ."
ކިމް މި މޭރުމުން ވާހަކަފުޅު ދެއްކެވީ ދިފާޢީ ތަރައްޤީއާ ބެހޭ މަޢުރަޟު ބައްލަވައިލައްވަމުންނެވެ. މި މަޢުރަޟު ބައްލަވައިލައްވަން ވަޑައިގެން އުޅުއްވަނިކޮށް ނަގާފައިވާ ބައެއް ފޮޓޯތައް އުތުރު ކޮރެއާގެ ވެރިކަން ކުރާ ޕާޓީގެ ދުވަހު ނޫސް ރޯޑޮންގް ސިންމޫންގައި މިއަދު ވަނީ ޝާއިޢުކޮށްފައެވެ. ކިމް ބައެއް ފޮޓޯތައް ނަންގަވާފައި ވަނީ އުތުރު ކޮރެއާގައި ހުރި އެންމެ ވަރުގަދަ ބެލިސްޓިކް މިސައިލް ކައިރީގައި ހުންނަވައިގެންނެވެ. އޭގެތެރޭގައި ހުވަސުންގް– 16 ނަމަކަށް ކިޔާ މިސައިލް ވެއެވެ. މި މިސައިލް އަދި ތަޖްރިބާ ނުކުރެވޭ ކަމަށް ހުޅަނގުން ބުނެއެވެ.
ދެކުނު ކޮރެއާގެ ދިފާޢީ ވުޒާރާގެ ތަރްޖަމާނު ވިދާޅުވިގޮތުގައި އެމެރިކާއާއި ދެކުނު ކޮރެއާގެ ޖާސޫސީ އިދާރާތަކުން މިހާރު ދަނީ މި މަޢުރަޟުން ފެނިފައިވާ ހަތިޔާރުތައް ދިރާސާ ކުރަމުންނެވެ.
އަނެއްކޮޅުން އެމެރިކާ ބުނާގޮތުގައި އުތުރު ކޮރެއާއެކު ސިޔާސީ ވާހަކަދެއްކުންތައް ބޭއްވުމަށް އެމެރިކާ އޮތީ ތައްޔާރަށެވެ. ވޮޝިންގްޓަނުން އުތުރު ކޮރެއާއަށް ދަތިކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ދަމަހައްޓައިގެން އޮވެ ވާހަކަ ދެއްކުމުގެ ބޭނުންމެއްނެތް ކަމަށް އުތުރު ކޮރެއާއިން ބުނެއެވެ.
ކިމް ވިދާޅުވިއެވެ. "އުތުރު ކޮރެއާއާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅުތައް ދަމަހައްޓައިގެން އޮވެ އުތުރު ކޮރެއާއާ ދެކޮޅަށް އެއްވެސް ޢުދްވާނީ ޝުޢޫރުތަކެއް ނުގެންގުޅޭ ކަމަށް ބުންޏަސް އެބަސް ޤަބޫލު ކުރަން ވަރަށް ދަތިވާނެއެވެ."
އުތުރު ކޮރެއާއާ އެމެރިކާއާ ދެމެދުގައި ސިޔާސީ ވާހަކަދެއްކުންތައް ދެ އަހަރެއްހާ ދުވަސް ވަންދެން ބޭއްވިފައިވާކަން ފާހަގަ ކުރެވެއެވެ. އުތުރު ކޮރެއާގެ ނިޔުކްލިއަރ ހަތިޔާރުތައް ނައްތައިލައިފިނަމަ ދަތި ކުރުމުގެ ފިޔަވަޅުތައް ނައްތާލައިނެ ކަމަށް އެމެރިކާއިން ބުނާބުނުމާ އެމެރިކާގެ ޢަމަލުތައް ސީދާ ނުވާތީ އެ ވާހަކަދެއްކުންތައް ވަނީ ފޭލްވެފައެވެ.
އެމެރިކާއިން އުތުރު ކޮރެއާއަށް ގޮވައިލަނީ އެއްވެސް ޝަރްޠަކާ ނުލައި ވާހަކަދެއްކުންތަކަށް ރުޖޫޢަވުމަށެވެ. އެހެނަސް އުތުރު ކޮރެއާ ބުނާގޮތުގައި އެމެރިކާއިން ގެންގުޅޭ ޢުދްވާނީ ސިޔާސަތު އެއްކިބާ ނުކުރާނަމަ އެމެރިކާއާއެކު ވާހަކަދެއްކުމެއް ނޯންނާނެއެވެ.
އަނެއްކޮޅުން ދެކުނު ކޮރެއާއަށް ބަލާއިރު އެ ޤައުމުން ވެސް މިހާރު ދަނީ ހަތިޔާރުގެ މައިދާނުގައި އަވަށްޓެރި އުތުރާ ވާދަކުރަމުންނެވެ. ފަހަކަށް އައިސް ދެކުނު ކޮރެއާއިން ވަނީ ކުރު ރާސްތާ ބޮލިސްޓިކް މިސައިލާއި ތަފާތު ބާވަތްތަކުގެ ހަތިޔާރުތަކެއް ތަޖްރިބާކޮށްފައެވެ. ދެކުނު ކޮރެއާއިން ދާދި މިދާކަށް ދުވަހު ތަޖްރިބާ ކުރި ބެލިސްޓިކް މިސައިލް ތަޖްރިބާކޮށްފައި ވަނީ އަޑިންދާ ބޯޓެއްގައެވެ. ދެކުނު ކޮރެއާ ބުނާގޮތުގައި އެ ޤައުމުން ވަރަށް އަވަހަށް މަތިންދާބޯޓު އުފުލާ މަނަވަރެއް ބަންނާނެއެވެ. މީގެއިތުރަށް ދެކުނު ކޮރެއާ ވަނީ އެމެރިކާ އަތުން އެފް- 35 މަރުކާގެ ހަނގުރާމަމަތީ މަތިންދާ ބޯޓްތަކެއް ގަނެފައެވެ.
ސަލާމަތީ މަޖިލީހުން އެތުރު ކޮރެއާއާ ދެކޮޅަށް ފާސްކޮށްފައިވާ ޤަރާރުތައް ބުނާގޮތުގައި އެ ޤައުމުގައި ބެލިސްޓިކް ހަތިޔާރާއި ނިޔުކްލިއަރ ހަތިޔާރު އުފެއްދުމަކީ މަނާކަމެކެވެ. އެހެންނަމަވެސް އުތުރު ކޮރެއާއިން މި ކަމަށް އަޅައިނުލައި ހަތިޔާރު އުފެއްދުމުގައި ދަނީ ކުރިއަށެވެ. އުތުރު ކޮރެއާ ބުނާގޮތުގައި އެމެރިކާއާއި އަވަށްޓެރި ދެކުނު ކޮރެއާއިން ދީފާނެ ޙަމަލާއަކުން އަމިއްލަ ނަފްސު ދިފާޢު ކުރުމަށް ޓަކައި އެ ޤައުމަށް ހަތިޔާރު ބޭނުންވެއެވެ. ދެކުނު ކޮރެއާގައި އެމެރިކާގެ 28،500 ސިފައިން ތިބިކަން ފާހަގަކުރެވެއެވެ. މިއީ އުތުރު ކޮރެއާއިން ދީފާނެ ޙަމަލާއަކުން ދެކުނު ކޮރެއާ ޙިމާޔަތް ކުރުމަށް ޓަކައި ބާއްވާފައިވާ ބާރެއްކަމަށް ވޮޝިންގްޓަން ބުނެއެވެ.