ދުރާލައި ރާވައިގެން އިންޑިއާގެ މުސްލިމުންނަށް ތަރްތީބުކޮށް ދެމުންދާ ޙަމަލާތަކާއި އެމީހުންނާ ދެކޮޅަށް ހިންގާ ހަރުކަށި ޢަމަލުތައް ހުއްޓުވުމަށް ޓަކައި އިސްލާމީ ޤައުމުތައް ތެދުވުމަށް ޢުމާނުގެ މުފްތީ އަޙްމަދު ބިން ޙަމަދުލް ޚަލީލީ ގޮވައިލައްވައިފިއެވެ. އޭނާ ވިދާޅުވިގޮތުގައި މި ޙަމަލާތައް ދެމުންދަނީ "ސަރުކާރު ހަނު އޮވެގެންނެވެ."
އިންޑިއާގެ އާސާމު ސްޓޭޓްގައި މުސްލިމު ޢާއިލާތައް ދިރިއުޅޭ ރަށްރަށުން ފުލުހުން ގަދަބާރުން އެ މީހުން ބޭރުކުރަމުންދާތީއާއި މިކަމާ ދެކޮޅަށް މުސްލިމުން ކުރި މުޒާހަރާއެއް ހުއްޓުވުމަށް ފުލުހުން ބާރުގެ ބޭނުންކުރުމުގެ ސަބަބުން ތިން މުސްލިމަކު މަރުވެ އެތައް ބަޔަކު ޒަޚަމުވުމާ ވިދިގެން އިންޑިޔާގެ އިދިކޮޅު ކޮންގްރެސް ޕާޓީން ވަނީ އެ ކަން ކުށްވެރިކޮށްފައެވެ. އާސާމު ސަރުކާރުން ވަނީ އެ ސްޓޭޓްގައި ދިރިއުޅޭ އެތައް ސަތޭކަ މުސްލިމު ޢާޢިލާތަކެއް އެ ސްޓޭޓުން ބޭރުކޮށްލުމަށް އަމުރުކޮށްފައެވެ. މި ކަމާ ވިދިގެން އެ ސްޓޭޓްގައި މުސްލިމުންދަނީ މުޒާހަރާތަކާއި އިޙްތިޖާޖުތައް ބާއްވަމުންނެވެ. މި މުޒާހަރާތައް ރޫޅައިލުމުގައި ފުލުހުން ދަނީ އިންތިހާ ދަރަޖައިގެ ބާރު ބޭނުން ކުރަމުންނެވެ. އާސާމު ސަރުކާރުން މުސްލިމު މި ޢާއިލާތައް އެ ސްޓޭޓުން ބޭރުކޮށްލުމަށް ނިންމީ މި ޢާއިލާތައް ދިރިއުޅެނީ "ދައުލަތަށް މިލްކުވެގެންވާ ބިންތަކެއްގައި" ކަމަށް ބުނެއެވެ.
ޢުމާނުގެ މުފްތީ އައްޝައިޚު އަލްޚަލީލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވެއެވެ. "އިންޑިޔާގައި ހަރުކަށި ޖަމާޢަތްތަކުން މުސްލިމުންނާ ދެކޮޅަށް ދެމުންގެންދާ ޙަމަލާތަކަކީ "ސާފު ޢުދްވާނެ"ކެވެ. މި ކަން ކުރެވެމުންދަނީ ރަސްމީ އިދާރާތަކުގެ ވާގިވެރިކަމާއި ލައިގެންނެވެ. "އިންސާނީ ޟަމީރެއް ލިބިފައިވާ ކޮންމެ އިންސާނަކު މިކަމާ ދެކޮޅަށް އަޑު އުފުލަން ޖެހޭނެއެވެ."

ޝައިޚު އަލްޚަލީލީގެ ރަސްމީ ޓްވީޓްގައި މި ޢުދްވާނު ހުއްޓުވުމަށް ޓަކައި ޞުލްޙައަށް ލޯބިކުރާ ޤައުމުތައް ތެދުވުމަށް ގޮވާލައްވާފައި ވެއެވެ. މިކަމާ ދެކޮޅަށް އިސްލާމީ އުންމަތް އެކަތިގަނޑަކަށްވެ ތެދުވުމަށް އޭނާ އިލްތިމާސް ކުރެއްވިއެވެ.
އިންޑިއާގެ އާސާމުގައި ފުލުހުން މުސްލިމު ޒުވާނަކަށް ދީފައިވާ ޢުދްވާނީ ޙަމަލާތަކާ ބެހޭ ވީޑިއޯއެއް ފޭސްބުކާއި މީސްމީޑިޔާގައި ވަނީ ވަރަށް ބޮޑަށް ވައިރަލް ވެފައެވެ. މި ވީޑިއޯއިން ފެންނަނީ ފުލުހުންތަކެއް ވަރަށް ކައިރިން އެ ޒުވާނާ އަށް ޙަމަލާދޭ ތަނެވެ. އިންޑިއާގެ ޚަބަރުފަތުރާ ވަސީލަތްތައް ބުނާގޮތުގައި މިއީ މުސްލިމު ޒުވާނެކެވެ.ފުލުހުން އޭނާގެ ގަޔަށް ބަޑި ޖެހުމަށް ފަހު އޭނާގެ ގައިގައި ލަޓިބުރިތަކުން ތަޅާތަން ވެސް ފެނެއެވެ. އެއަށްފަހު މި ވީޑިއޯއިން ފެންނަނީ އިންޑިއާގެ ނޫސްވެރިއަކު ބިންމައްޗަށް ވެއްޓިފައި އޮތް މި މުސްލިމު ޒުވާނާގެ ގައި މައްޗަށް ކޮޅުފައިން އަރާތަނެވެ.
އިންޑިއާގެ ޚަބަރުތައް ބުނާގޮތުގައި މި ޖަރީމާ ހިނގާފައިވަނީ ބުރާސްފަތި ދުވަހުއެވެ. މި ނޫސްވެރިއަކީ އާސާމު ސަރުކާރުން ކުއްޔަށް ގެނެސްފައިވާ ފޮޓޯނަގާ ނޫސްވެރިއެކެވެ. އާސާމު ފުލުހުން ބުނާގޮތުގައި މި ނޫސްވެރިއާ މިހާރު ވަނީ ހައްޔަރު ކޮށްފައެވެ.
އާސާމުގެ ޚަބަރުފަތުރާ ވަސީލަތްތައް ބުނާގޮތުގައި މުސްލިމުންގެ އަވަށްތައް ނައްތައިލުމަށް އާސާމު ސަރުކާރުން ނިންމުމުމާ ވިދިގެން 20 ހާސް މުސްލިމުން މިހާރު ވަނީ އެމީހުންގެ ގޮވަތިގެދޮރުން ފައްސާލެވިފައެވެ.
އިންޑިއާއަކީ 210 މިލިއަން މުސްލިމުން (ގާތްގަނޑަކަށް އިންޑިއާގެ އާބާދީގެ 16 އިންސައްތަ) ދިރިއުޅޭ ޤައުމެކެވެ.
އާސާމު ސްޓޭޓްގެ ސަރުކާރު ބުނާގޮތުގައި އެ ސްޓޭޓްގެ ސަރަޙައްދުގައި ދިރިއުޅޭ މުސްލިމު ދަނޑުވެރީންގެ ތެރެއިން 800 ޢާއިލާއެއް ފައްސާލެވޭނެއެވެ. މި ޢާއިލާތަކަކީ 1970ގެ އަހަރުތަކުއްސުރެ އެ ހިސާބުގައި ވަޒަންވެރިވެގެން އުޅޭ ބައެކެވެ.
މުސްލިމުން ވަނީ މި މަސްއަލަ ކޯޓަށް ހުށައަޅައިފައެވެ. ކޯޓުން މި މަސްއަލައާމެދު ވަކި ގޮތެއް ނުނިންމަނިސް އާސާމުގެ 1500 ސިފައިންނާއި ފުލުހުންގޮސް އެމީހުންގެ ގެދޮރުތަކާއި ދެ މިސްކިތަކާއި ދީނީ މަދުރަސާއެއް ވަނީ ތަޅާލައިފައެވެ.
އަލްޖަޒީރާ ނެޓް ބުނާގޮތުގައި ޤާނޫނީގޮތުން ބަލާއިރު އާސާމު ސަރުކާރުގެ މި ޢަމަލަކީ 1989ވަނަ އަހަރުގެ "ބިމުގެ ސިޔާސަތާ" ބެހޭ ޤާނޫނާ އަރާރުންވާ ކަމެކެވެ. މި ޤާނޫނު ބުނާގޮތުގައި މީހަކު ތިން އަހަރު ވަންދެން ހުސް ބިމެއްގައި ދިރިއުޅެފިނަމަ އެ ބިމުން އޭނާ ބޭރެއް ނުކުރެވޭނެއެވެ. އެމީހުން މި ބިމަށް އައީ ކޯރުކައިރީގައި އުޅުން ރައްކައުތެރި ތަނަކަށް ނުވާތީއެވެ. ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހިރާސުން ރައްކައުތެރިވުމަށް ޓަކައެވެ.
ބޮއިކަޓް ކުރުމުގެ ގޮވައިލުންތައް
މުސްލިމު ޒުވާނާއަށް ފުލުހުން ޙަމަލާދިން ގޮތާ ދެކޮޅަށް އިންޑިއާގެ އެތެރޭގައްޔާއި އިންޑިއާއިން ބޭރުގައި ވަނީ ފާޑު ކިޔުންތައް އިތުރުވެފައެވެ. އިންޑިއާގެ އުފެއްދުންތައް ބޮއިކަޓް ކުރުމަށް ޢަރަބި ދުނިޔޭގައި ދަނީ ގޮވައިލެވެމުންނެވެ. ބީބީސީ ބުނާގޮތުގައި އިންޑިއާގެ ކަލްކޯޓާގައި ބޭއްވުނު މުޒާހަރާގައި އާސާމުގެ ގަވަރނަރުގެ ފޮޓޯ ވަނީ އަންދާލައިފައެވެ. "މުސްލިމުންގެ ޙަޔާތް މުހިއްމު" މި ފަދައިން ލިޔެފައިވާ ފޮތިގަޑުތަކާއި ލިޔުންތައް މި މުޒާހަރާތަކުގައި އުފުލާފައި ވެއެވެ. މިއީ އެމެރިކާގައި ފުލުހުން މަރައިލި ކަޅު މީހާ ޖޯރޖް ފްލުއިޑަށް ޙަވާލާދީ އުފުލި ލިޔުންތަކެކެވެ. އެ ދުވަސްވަރު އެމެރިކާގައި "ކަޅު މީހުންގެ ޙަޔާތް މުހިއްމު" ކަމަށް ބުނާ ލިޔުންތައް ފެތުރުނެވެ.
އިންޑިއާގެ ސިޔާސީ ބޭފުޅުންނާއި ޙައްޤުތަކަށް ގޮވައިލައްވާ ބޭފުޅުން ތުހްމަތު ކުރައްވާގޮތުގައި އިންޑިއާގެ ބޮޑުވަޒީރު މޯޑީގެ ބައިވެރިވެވަޑައިގަތުމެއް މި ކަމުގައި ވެއެވެ. ހިންދީންގެ ރޭވުމުގެ ދަށުން މުސްލިމުންނަށް ދެވެމުންދާ ޙަމަލާތައް ކުށްވެރި ކުރަމުން އިދިކޮޅު ކޮންގްރެސް ޕާޓީން ނެރުނު ބަޔާނުގައި އެއީ "ނާޒިއްޔަތު" ކަމަށް ސިފަކޮށްފައި ވެއެވެ.
އިސްރާއީލުގެ ހާއާރްޓިސް ދުވަހު ނޫހުގައި ޝާއިޢުކޮށްފައިވާ މަޒްމޫނެއްގެ ސުރްޚީއަކީ "މޯދީގެ ޒަޢާމަތުގެ ދަށުގައި އިންޑިޔާ ނާޒިއްތުގެ މަގުގަ"އެވެ. މި މަޒްމޫނުގެ ލިޔުންތެރިޔާ ވިދާޅުވެފައިވާ ގޮތުގައި "އިންޑިއާގެ މުސްލިމުން މިއަދު ހާސާ ވެފައިވަނީ ޖަރްމަނުގެ ނާޒީ ސަރުކާރުން ޔޫރަޕްގެ ޔަހޫދީންނަށް ދިން ޙަމަލާތަކާ އެއްފަދަ ކަންތައްތަކަށެވެ."



advertisment
One Response
އިންޑިއާގައި މިހާރު މުސްލިމުންގެ ޙާލަކީ ފަލަސްތީންގެ މުސްލިމުންގެ ޙާލެވެ.