އިސްރާއީލާއެކު ގުޅުންތައް ޠަބީޢީ ކުރުމަށް ޢިރާޤުގެގެ އިސް ވެރީންތަކެއް ގޮވައިލެއްވުމުން ޢިރާޤުގައި ސިޔާސީ ޖަދަލުތައް ގިނަވެއްޖެއެވެ. މިކަމާ ވިދިގެން ޢިރާޤުގެ ބޮޑުވަޒީރު މުޞްޠަފަލް ކާޡިމީ ޢިރާޤުން އިސްރާއީލާއެކު ގުޅުންތައް ޠަބީޢީ ނުކުރާނެ ކަމަށް ވިދާޅުވެ ރަސްމީ ބަޔާނެއް އޭނާގެ ސަރުކާރުން މިއަދު ނެރުނެވެ.
އިސްރާއީލާއެކު ގުޅުންތައް ޠަބީޢީ ކުރުމަށް ގޮވައިލެއްވީ ކުރްދިސްތާނުގެ ވެރިރަށް އިރްބީލުގައި ހުކުރު ދުވަހު ބޭއްވުނު ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ބޭފުޅުންގެތެރޭގައި ނުފޫޒުގަދަ 300 އެއްހާ ޝީޢީ އަދި ކުރްދީ ޒަޢީމުން ހިމެނިވަޑައިގަންނަވައެވެ. އެބޭފުޅުން އިސްރާއީލާއެކު ގުޅުން ޠަބީޢީ ކުރުމަށާއި އަބްރާމު މުޢާހަދާގައި ޢިރާޤު ބައިވެރިވުމަށާއި އިރާޤީންނާ އިސްރާއީލީންނާ ދެމެދުގައި މަދަނީ ގުޅުންތައް ޤާއިމުކުރުން މަނާކުރާ ޤާނޫނުތަކާއި ޤަވާޢިދުތައް އުވާލުމަށް ވެސް ގޮވައިލެއްވިއެވެ.
އިސްރާއީލުގެ ޚާރިޖީ ވަޒީރު ޔާއީރު ލެބިޑް މި ކަމާ ވަރަށް ގަޔާވެވަޑއިގެން ވަގުތުން ޓްވީޓް ކުރައްވައި ވިދާޅުވިއެވެ. "އަހުރެމެން ކުރިން ނުވިސްނާ ދާއިރާއަކުން މި ފަދަ އަޑުތައް އިވުމަކީ އުންމީދުން ހިތްތައް ފުރާލައި ކަމެކެވެ."
އޭނާ ވިދާޅުވިއެވެ. "އަހުރެމެންނާ ޢިރާޤަކީ މުލުގެ ގޮތުންނާއި ތާރީޚީގޮތުން ޔަހޫދީ މަޒްހަބުތަކުގައި ގުޅިފައިވާ ބައެކެވެ. އަހުރެމެންނާއެކު ގުޅުން ވާޞިލުކުރަން އެދޭ ކޮންމެ މީހަކާއެކު އަހުރެމެން ވެސް ގުޅުން ވާޞިލު ކުރާނަމެވެ."
މި ގޮވައިލުމާ ދެކޮޅުހަދައި ޢިރާޤު ސަރުކާރުން މިއަދު ރަސްމީ ބަޔާނެއް ނެރުނެވެ. މި ބަޔާނުގައި އައިސްފައި ވެއެވެ. "ކުރްދިސްތާނުގެ އިރްބީލުގައި ޤަބީލާތަކުގެ ބައެއް ބޭފުޅުން ބާއްވަވަމުން ގެންދަވާ ޣައިރު ޤާނޫނީ ބައްދަލުވުންތަކާ އަހުރެމެން ފާޅުގައި ދެކޮޅު ހަދަމެވެ. މި ބައްދަލުވުމުގެތެރޭގައި އިސްރާއީލާއެކު ގުޅުންތައް ޠަބީޢީ ކުރުމަށް އެބޭފުޅުން ގޮވައިލެއްވި ގޮވައިލެއްވުން ގަދަ އަޑުން ކުށްވެރި ކުރަމެވެ."
ޢިރާޤު ނޫސް އޭޖެންސީ ބުނާގޮތުގައި ޢިރާޤު ސަރުކާރުން ނެރުނު ބަޔާނުގައި އައިސްފައި ވެއެވެ. "އިސްރާއީލާއެކު ގުޅުން ޠަބީޢީ ކުރުމަކީ ޤާނޫނާއި ދުސްތޫރާ އަރާތުންވާ ކަމެކެވެ."
ޢިރާޤުގެ ބޮޑުވަޒީރުގެ ޚަބަރާބެހޭ އޮފީހުން ނެރުނު މި ބަޔާން ބުނާގޮތުގައި މި ބައްދަލުވުމަކީ ޢިރާޤުގެ ސަހަރުތަކާއި ރަށްތަކުގެ ރައްޔިތުން ތަމްސީލުކުރާ ބައްދަލުވުމެއް ނޫނެވެ. އެއީ ހަމައެކަނި "އެ ބައްދަލުވުމުގައި ބައިވެރިވި މީހުންގެ ރައުޔެކެވެ."
މި ބަޔާން ކުރިއަށް ގެންދަމުން ބުނެފައި ވެއެވެ. "ފަލަސްޠީނުގެ މަސްއަލައިގައި ޢިރާޤުގެ ސިޔާސަތަކީ ސާބިތު އެއަށް ބަދަލެއް ނާންނާނެ ތާރީޚީ ސިޔާސަތެކެވެ. ޢިރާޤަކީ ފަލަސްޠީނުގެ މަސްއަލައަށް ޢަދްލުވެރި ޙައްލެއް ގެނައުމަށް ގޮވައިލާ އަދި ފަލަސްޠީނު ރައްޔިތުންގެ ޙައްޤުތައް ދިފާޢު ކުރުމަށް ތެދުވެ އޮތް ޤައުމެކެވެ."
ސެޕްޓެންބަރު 15، 2020 ގައި އިމާރާތާއި ބަޙްރައިން ވަނީ އިސްރާއީލާއެކު ގުޅުންތައް ޠަބީޢީކޮށްފައެވެ. އެއަށްފަހު ސޫދާނާއި މަޣްރިބު ވެސް ވަނީ އެ މަގުން ހިނގައިފައެވެ. މިއީ ރައީސް ޓްރަމްޕްގެ ވެރިކަމުގައި ހެދި މަޝްހޫރު ސައްތައިގެ ޑީލެވެ.
ރައީސް ބައިޑްން ވަނީ މި އެއްބަސްވުމަށް ތާއީދު ކުރައްވައިފައެވެ. މި އެއްބަސްވުމަށް އެއް އަހަރު ފުރުމުގެ މުނާސަބަތުގައި އެމެރިކާއިން ބުނިގޮތުގައި އިސްރާއީލު ޤަބޫލު ކުރުމަށް އެހެނިހެން ޢަރަބި ޤައުމުތަކަށް ވޮޝިންގްޓަނުން ގޮވައިލާ ހިތްވަރު ދެއެވެ.



advertisment