Support Us

ޠާލިބާނުންގެ އިސް މަސްއޫލުވެރިން

ޠާލިބާނުން އދ. ށް ސަފީރަކު ކަނޑައަޅައި ޢާއްމު ޖަމްޢިއްޔާގައި ވާހަކަ ދެއްކުމަށް އެދިއްޖެ

ދުނިޔޭގެ ޒަޢީމުންގެ ކުރިފުޅުމަތީގައި އދގައި ވާހަކަދެއްކުމަށް ޠާލިބާނުން އެދިއްޖެއެވެ. ރޮއިޓަރޒް ބުނާގޮތުގައި ޠާލިބާނުން މިހާރު ވަނީ ދައުޙާގައި ހުންނަ ޠާލިބާނުންގެ އޮފީހުގެ ތަރްޖަމާނު ސުހައިލު ޝާހީން އދގައި ހުންނަވާ އަފްޣާން ސަފީރުކަމުގެ މަޤާމަށް ޢައްޔަންކޮށް އދށް ހުށައަޅައިފައެވެ.

ރޮއިޓަރޒް ބުނާގޮތުގައި ޠާލިބާނުންގެ ސަރުކާރުން އދ ށް ފޮނުވި ސިޓީ އެ އޭޖެންސީއަށް ވަނީ ފެނިފައެވެ. މި އޭޖެންސީ ބުނާގޮތުގައި އަފްޣާނިސްތާނުގެ ޚާރިޖީ ވަޒީރު އަމީރު ޚާން މުއްތަޤީ އދގެ އަމީން ޢާއްމު ގުޓަރެޝްއަށް މި ކަމާ ބެހޭގޮތުން ރަސްމީ ސިޓީފުޅެއް ފޮނުއްވީ އަންގާރަ ވިލޭރޭގައެވެ. އދގައި މިހާރު ބާއްވަމުން އަންނަ ޖަލްސާގައި ދުނިޔޭގެ ޒަޢީމުންގެ ކުރިފުޅުމަތީގައި ވާހަކަ ދެއްކެވުމަށް ވެސް އޭނާ ވަނީ އެދިވަޑައިގެންފައެވެ. އދގެ މި ޖަލްސާ މި އަންނަ ހޯމަދުވަހު ނިމޭނެއެވެ.

އަފްޣާނިސްތާނުގެ ޠާލިބާނުންގެ ސަރުކާރުގެ ޚާރިޖީ ވަޒީރުގެ ސިޓީ ލިބިފައިވާ ކަމަށް ގުޓަރެޝްގެ ތަރްޖަމާން ފަރަޙާން ޙައްޤު ވިދާޅުވިއެވެ. އދގެ އަފްޣާން ގޮނޑިއަށް ވާދަކުރާ ދެ ފަރާތަކުން ދެ ސިޓީ ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ނުވަ މެންބަރުން ހިމެނޭ އެކްރެޑިޓޭޝަން ކޮމެޓީއަށް މި ދެ ސިޓީ ފޮނުވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މި ކޮމެޓީގެ މެންބަރުންގެ ތެރޭގައި އެމެރިކާއާއި ޗައިނާއާއި ރޫސީވިލާތް ހިމެނެއެވެ.

ގުޓަރެޝްގެ ތަރްޖަމާނު ހާމަކުރެއްވި ގޮތުގައި އދގައި މިހާރު ހުންނެވި އަފްޣާން ސަފީރު ޣުލާމު އިސްޙާޤު ޒާއި އަކީ ޠާލިބާނުންގެ ސިޓީ ބުނާގޮތުގައި "އަފްޣާނިސްތާނު ތަމްސީލު ކުރުމުގެ މުއްދަތު ނިމިފައިވާ" މަންދޫބެކެވެ. ޣުލާމު އިސްޙާޤު ޒާއިއަކީ ޠާލިބާނުން ވައްޓައިލި ސަރުކާރުގެ ސަފީރެވެ.

މި ކޮމެޓީގެ ބައްދަލުވުން މި އަންނަ ހޯމަދުވަހުގެ ކުރިން ބޭއްވިދާނެ ކަމަކަށް ނުފެނެއެވެ. އެހެންކަމުން ޠާލިބާނުންގެ ޚާރިޖީ ވަޒީރު މުއްތަޤީއަށް އދގެ މި ދައުރުގައި ވާހަކަފުޅު ދެއްކެވުމުގެ ފުރްޞަތު ލިބިވަޑައިގަތުމަކީ ވަރަށް ދުރުކަމެކެވެ.

އދ ގެ އަމީން ޢާއްމު ގުޓަރެޝް ވިދާޅުވާ ގޮތުގައި އަފްޣާނިސްތާނަށް ގެންނަން ބޭނުންވާ އިޞްލާޙުތައް ގެނެވޭނީ ޠާލިބާނުންނަށް ފިއްތައިގެންނެވެ. އޭނާ ވިދާޅުވާގޮތުގައި ޠާލިބާނުންނަށް ފިއްތުމުގެ ބާރު އެންމެ ބޮޑަށް ލިބިގެން ވަނީ އދ އަށެވެ. މި ކަން ކުރެވޭނީ ޠާލިބާނުންގެ ސަރުކާރަށް އދގެ ގޮނޑި ދީގެންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް