އޮސްޓްރޭލިޔާގެ އަޑިންދާބޯޓުގެ ޑީލުގައި ފަރަންސޭސި ވިލާތާއެކު މުޢާމަލާތު ކުރެވެމުންދާގޮތް ކުށްވެރި ކުރައްވާ ފަރަންސޭސި ޚާރިޖީ ވަޒީރު ޖޭން އީވް ލޮޑްރިއާން ވާހަކަފުޅު ދައްކަވައިފިއެވެ.
އޭނާ ވިދާޅުވިގޮތުގައި މި މަސްއަލައިން ރިވެލިވަނީ ބައިވެރީންގެ މެދުގައި އިތުބާރު ކެނޑިފައިވާ ކަމެވެ. ރޭ ނޫސްވެރީންނާއެކު ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. "ޔޫރަޕްގެ އިއްތިޙާދުން ސާފު ސީދާ ބަހުން މި މަސްއލައިގައި ފަރަންސޭސި ވިލާތަށް ތާއީދު ކުރަމުންދާއިރު އެމެރިކާއިން އެކަމާމެދު ދެކޭގޮތް މާނަކޮށްދޭން ޖެހޭނެއެވެ."
އދގެ ޢާއްމު ޖަމްޢިއްޔާގެ ހަވާސާމަތީގައި ނޫސްވެރީންނާ ބައްދަލުކުރައްވައި ވިދާޅުވިއެވެ. "މި މަސްއަލައަކީ ބައިވެރިންގެ މެދުގައި އިތުބާރު ރޫޅިފައިވާކަން ދޭހަވާ ކަމެކެވެ. މިކަމުގެ ސަބަބުން އެކުވެރީންނާމެދު އަބަދުވެސް ވިސްނަން ޔޫރަޕަށް އެބަ ޖެހޭކަން އެނގިއްޖެއެވެ."
އޭނާ ވިދާޅުވިގޮތުގައި އޮސްޓްރޭލިއާގެ އަޑިންދާބޯޓުގެ ޑީލާ ބެހޭގޮތުން އެމެރިކާއިން ފަރަންސޭސިވިލާތާއެކު މަޝްވަރާއެއް ނުކުރެއެވެ.
އެމެރިކާ ބުނާގޮތުގައި ފަރަންސޭސިވިލާތަކީ އެ ޤައުމުގެ ޒަމާންވީ ބައިވެރއެކެވެ. އަދި އެއީ ޒަމާންވި އެކުވެރިއެއް ވެސްމެއެވެ.
ޔޫރަޕިއަން ކަމިޝަންގެ ރައީސާ އުރްސޫލާ ވޮން ޑާރ ލެޔެން އދގެ ޢާއްމު ޖަމްޢިއްޔާގެ ހަވާސާ މަތީގައި ޓީވީ ބައްދަލުވުމެއްގައި ވިދާޅުވިގޮތުގައި ޔޫރަޕްގެ އިއްތިޙާދުގެ މެންބަރަކާމެދު މުޢާމަލާތު ކުރެވުނުގޮތް ޤަބޫލެއް ނުކުރެވޭނެއެވެ. ކުރީގެ ޠަބީޢީ ޙާލަތަށް އެނބުރި ދެވޭނީ އެ މަސްއަލައަށް ސާފު ޖަވާބެއް ލިބިގެންނެވެ.
ޔޫރަޕްގެ އިއްތިޙާދުގެ ޚާރިޖީ ކަންތައްތަކާއި ސަލާމަތީ ކަންތައްތަކާ ބެހޭ ގަވަރނަރު ޖޯޒިފް ބޮރެލް ވިދާޅުވާގޮތުގައި އެމެރިކާ- އޮސްޓްރޭލިއާ- އިގިރޭސި ދިފާޢީ އެއްބައިވުމުގެ ސަބަބުން ޔޫރަޕްގެ ޖަމާޢަތަށް މި ވަނީ ސިހުމެއް ލިބިފައެވެ. ޔޫރަޕްގެ އިއްތިޙާދުގެ ޚާރިޖީ ވަޒީރުން މި މަސްއަލައިގައި މި ތިބީ ފަރަންސޭސިވިލާތާއެކު އެއްބައިވެ އެކަތިގަނޑަކަށް ވެގެންނެވެ. އެމެރިކާ– އޮސްޓްރޭލިއާ- އިނގިރޭސިވިލާތުގެ އެއްބާރުލުމުގައި ޔޫރަޕް ބައިވެރި ނުކުރީތީ އެކަމާމެދު ވަރަށް ދެރަވެއެވެ.
އަޑިންދާބޯޓުގެ މަސްއަލަ
ފަރަންސޭސިވިލާތް ތުހްމަތު ކުރާގޮތުގައި މިއީ "ދޮގާއި ދެ މިންގަނޑު" ހިމެނޭ މުޢާމަލާތެކެވެ.
ފަރަންސޭސި ރައީސް އިމަނޮވީލް މެކަރޯން ކޯފާވެގެން މިހާރު ވަނީ އޮސްޓްރޭލިޔާއާއި އެމެރިކާގައި ތިއްބަވާ ފަރަންސޭސި ސަފީރުން ޤައުމަށް ގެންނަވައިފައެވެ. އެމެރިކާ އަތުން ނިޔުކްލިއަރ ސަބްމެރީން ގަތުމަށް އެއްބަސްވީ އޮސްޓްރޭލިއާ ފަރަންސޭސިވިލާތުން ސަބްމެރީން ގަތުމަށް އެއްބަސްވެފައިވާ އެއްބަސްވުން ކެންސަލް ކުރުމަށް ފަހުގައެވެ.
ފަރަންސޭސި ޚާރިޖީވަޒީރު ޖޭން އީވް ލޮޑްރިޔާން މި މަސްއަލައާ ބެހޭގޮތުން ފްރާންސް 2 ޗެނެލްގައި ވާހަކަފުޅު ދެއްކެވިއިރު މިހާރު އުފެދިފައިވާ ހަލަބޮލިކަމަށް ހަމަހިމޭން ކަމެއް ގެނައުމަށް ޕެރިސް މަސައްކަތް ކުރާނެކަމާ ބެހޭގޮތުން އެއްވެސް އިޝާރަތެއް ނުކުރައްވައެވެ. އޭނާ ވިދާޅުވިއެވެ. "އެކަމުގައި ދޮގު ހިމެނެއެވެ. އެކަމުގައި ދެ މިންގަނޑު ހިމެނެއެވެ. އެކަމުގައި އިތުބާރު ގެއްލުން ވެއެވެ. އެކަމުގައި ބޭއިޙްތިރާމު ހިމެނެއެވެ."
ފަރަންސޭސި ޚާރިޖީ ވަޒީރު ވިދާޅުވިއެވެ. "އަހުރެމެން ސަފީރުން ޤައުމަށް ގެންނަން ނިންމީ މި މަސްއަލައާ ބެހޭގޮތުން ތަފާހުމު ވުމަށް މަސައްކަތް ކުރުމަށް ޓަކައެވެ. އެ ޢަމަލަކީ ވަރަށް ނުބައި ކަމެއްކަން އަހުރެމެންގެ ބައިވެރީންނަށް ދެއްކުމަށް ބޭނުންވާތީއެވެ. އެއީ ވަރަށް ނުރައްކާތެރި މަސްއަލައެކެވެ." ފަރަންސޭސީން މިދިޔަ ބުރާސްފަތި ދުވަހު ސިފަކުރިގޮތުގައި އޮސްޓްރޭލިޔާގެ މި ޢަމަލަކީ "ފުރަގަހުން އައިސް ބުރިކަށްޓަށް ވަޅި ހެރުން" ފަދަކަމެކެވެ.
މި އެއްބަސްވުމުގެ ސަބަބުން 2016ގައި ފަރަންސޭސި ވިލާތުން އޮސްޓްރޭލިއާއާއެކު ހަދާފައިވާ 50 ބިލިއަން ޑޮލަރުގެ އެއްބަސްވުން ކެންސަލްވުމަކީ އިޤްތިޞާދީ ގޮތުން ޕެރިހަށް ލިބުނު ވަރަށް ބޮޑު ގެއްލުމެކެވެ.
އެމެރިކާގެ އިސް މަސްއޫލުވެރިއަކު ހާމަކުރެއްވިގޮތުގައި ރައީސް ބައިޑްން މި މަސްއަލައާމެދު ބަޙުސްކުރެއްވުމަށް ޓަކައި ރައީސް މެކަރޯނާ ފޯނުން ބައްދަލު ކުރައްވާނެއެވެ. ރައީސް މެކަރޯން މި އަހަރު އދ ގެ ޢާއްމު ޖަމްޢިއްޔާގައި ބައިވެރިވެ ވަޑައިނުގަތުމަށް ވަނީ ނިންމަވައިފައެވެ. ރައީސް ބައިޑްން ނިވްޔޯރކްގައި މިރޭ (ބުދަ ވިލޭރޭ) އެންމެ ފުރަތަމަ ބައްދަލު ކުރައްވާނީ އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަނާއެވެ. އެއަށްފަހު ދެން ބައްދަލު ކުރައްވާނީ އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަނާއެވެ.
ޔޫރަޕްގެ އިއްތިޙާދުގެ ޚާރިޖީ ވަޒީރުން އދގެ ޢާއްމު ޖަމްޢިއްޔާގެ ހަވާސާމަތީގައި އެމެރިކާ– އޮސްޓްރޭލިއާ- އިނގިރޭސިވިލާތުގެ ދިފާޢީ އެއްބާރުލުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށް ބައްދަލުވުމެއް ބާއްވަވާނެއެވެ.



advertisment