Support Us

އައު ފިނިހަނގުރާމައަކާ އެއްކިބާވުމަށް އދގެ ސެކްރެޓަރީ ޖެނެރަލް އިލްތިމާސް ކުރައްވައިފި

ފެށިދާނެ ކަމަށް ލަފާކުރެވޭ އައު ފިނިހަނގުރާމައަކާ ދުރުހެލިވުމަށް އިންޒާރު ދެއްވަމުން އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެޝް އެމެރިކާއަށާއި ޗައިނާއަށް އެ ދެ ޤައުމުގެ ދެމެދުގައި ވާ ގުޅުންތައް އިޞްލާޙު ކުރުމަށް އިލްތިމާސް ކުރައްވައިފިއެވެ. އޭނާ ސިފަކުރެއްވި ގޮތުގައި ނުފޫޒު ވަރުގަދަ ބޮޑު މި ދެ ޤައުމުގެ ދެމެދުގައިވާ ގުޅުންތައް މިހާރު ވަނީ "ތަވާޒުނު" ގެއްލިފައެވެ.

ގުޓަރެޝް މި ގޮތަށް ވާހަކަފުޅު ދެއްކެވީ އެސޯޝޭޓެޑް ޕްރެސްއަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައެވެ. އޭނާ ވިދާޅުވިގޮތުގައި، ދުނިޔޭގެ އިޤްތިޞާދީ އެންމެ ބޮޑު ދެ ބާރުން މޫސުމާބެހޭ މަސްއަލަތަކުގައި އެއްބާރުލާން ޖެހޭނެއެވެ. އިންސާނީ ޙައްޤުތަކާއި އިޤްތިޞާދާއި އިންޓަރނެޓްގެ އަމްނާއި ދެކުނު ޗައިނާ ކަނޑުގެ ސިޔާދަތާ ބެހޭ މަސްއަލަތަކުގައި އެ ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ޚިޔާލު ތަފާތުވުން އޮތްކަމުގައި ވިޔަސް އެ ދެ ޤައުމު ވިޔަފާރިއާއި ފަންނިއްޔާތުގެ ދާއިރާގައި މިހާރަށްވުރެ މާ ބޮޑަށް ވާހަކަދައްކަން ޖެހޭނެއެވެ.

ވާހަކަފުޅު ކުރިއަށް ގެންދަވަމުން ގުޓަރެޝް ވިދާޅުވިއެވެ. "ބަދުނަޞީބުވެރިކަމުން މިއަދު އަހުރެމެންނަށް މި ފެންނަނީ އެ ދެ ޤައުމުގެ ދެމެދުގައި ގޮންޖެހުމާއި ކުރިމަތިލުން ހިނގަމުންދާ ތަނެވެ. ބޮޑު ދެ ބާރުގެ ދެމެދުގައި ޢަމަލީ ގުޅުމެއްގެ ބިންގާ އަޅަން ވަނީ އަހުރެމެންނަށް ބޭނުންވެފައެވެ. މޫސުމަށް އަންނަމުންދާ ބަދަލުތަކާއި ވެކްސިން މަދުވުމުގެ ސަބަބުން އުފެދިފައިވާ މަސްއަލަތަކާއި އެހެނިހެން ވެސް ޢާލަމީ ގޮންޖެހުންތައް ޙައްލު ކުރުމަށް ޓަކައި މި ކަމަކީ ޟަރޫރަތެކެވެ. ބައިނަލްއަޤްވާމީ މުޖްތަމަޢުގައި އަދި ޚާޢްޞަކޮށް ބޮޑެތި ބާރުތަކުގެ މެދުގައި ބިނާކުރަނިވި ގުޅުންތަކެއް ނެތި މި ފަދަ ބޮޑެތި މަސްއަލަތައް ޙައްލެއް ނުކުރެވޭނެއެވެ."

އދގެ ސެކްރަޓަރީ ޖެނެރަލް އިންޒާރު ކުރެއްވިގޮތުގައި އެމެރިކާއާއި ޗައިނާގެ ޖިއޯ ސިޔާސަތާއި ޢަސްކަރީ ސިޔާސަތުގެ ސަބަބުން ދުނިޔެ ބައިބައިވެގެން ދިޔުމުގެ ހިރާސް ދަނީ ބޮޑުވަމުންނެވެ. އޭނާ ވިދާޅުވިއެވެ. "ފޫވެއްޓެމުންދާ ގުޅުން އިޞްލާޙު ކުރުން ވާޖިބު ވެއްޖެއެވެ. ކޮންމެ އަގެއް ދައްކައިފައި ނަމަވެސް އަހުރެމެން ފިނި ހަނގުރާމައަކާ ދުރުވާން އެބަޖެހެއެވެ."

ނިޔްކްލިއަރ އަޑިންދާބޯޓުގެ މަސްއަލަ

ގުޓަރެޝް ވިދާޅުވިއެވެ. "އެމެރިކާއާއި އިނގިރޭސިވިލާތުން އޮސްޓްރޭލިޔާއަށް ނިޔްކްލިއަރ ހަކަތައިން މަސައްކަތް ކުރާ އަޑިންދާބޯޓު ދިނުމުގެ މަސްއަލައަކީ ޗައިނާއާ އެމެރިކާއާ ދެމެދުގައި އޮތް ތަވާޒުނު ގެއްލިފައިވާ ގުޅުމުގެ އޮޅުންބޮޅުންކަމުގެ ތެރޭގައި ހިމެނޭ އަރަތުގެ ކުޑަ އެތިކޮޅެކެވެ."

ސިއްރުސިއްރުން މި ހެދި އެއްބަސްވުމުގެ ސަބަބުން ޗައިނާ ވަނީ ރުޅި އައިސްފައެވެ. ފަރަންސޭސިވިލާތް ވެސް ވަނީ ރަތަށް އަރައިފައެވެ. އެ ޤައުމުގައި އުފައްދާ ބަރަކޯޑާ މަރުކާގެ އަޑިންދާބޯޓު ގަތުމަށް މެލްބަރނުން  ޕެރިހާއެކު ހަދާފައިވާ އެއްބަސްވުން ކެންސަލް ކުރީތީއެވެ.

އަފްޣާނިސްތާނުގެ މަސްއަލަ  

ގުޓަރެޝްގެ ވާހަފުޅުގައި އަފްޣާނިސްތާނަށް ވެސް ބައްލަވާލެއްވިއެވެ. އޭނާ ވިދާޅުވިއެވެ. "އދން މި މަސައަލައިގެ ތެރެއަށް ވަނުމުން އެ ޤައުމުގައި އިންސާނީ ޙައްޤުތަކަށް އިޙްތިރާމު ކުރާ ޝާމިލު ސަރުކާރެއް އެކުލަވައިލެވޭނެ ކަމަށް ޤަބޫލު ކުރުމަކީ އަދި އަފްޣާނިސްތާނުގައި ނިރުބަވެރީން އެއްގޮތަކަށް ވެސް ނޫޅޭނެކަން ކަށަވަރުވާނެ ކަމަށް ޤަބޫލުކުރުމަކީ ޚިޔާލެކެވެ." އޭނާ ވިދާޅުވިއެވެ. "އެމެރިކާއާއި އެހެން އެތައް ޤައުމުތަކެއްގެ އެތައް ހާސް ސިފައިންނެއް އަފްޣާނިސްތާނުގައި ތިއްބެވެ. އަދި އެ ޤައުމުތަކުން އެތައް ޓްރިލިއަން ޑޮލަރުތަކެއް ހޭދަކުރިއެވެ. އެމީހުން ވަނީ އަފްޣާނިސްތާނުގެ މަސްއަލަތައް ޙައްލުކޮށްދިނުމަށް ނުކުޅެދުންތެރި ވެފައެވެ. އަދި ބައެއް މީހުން ބުނާގޮތުގައި އެ ޤައުމުގެ ޙާލަތު ވީ އިތުރަށް ނުބައެވެ."

އޭނާ ވިދާޅުވިއެވެ. "އދގެ ޤާބިލުކަން ވަރަށް ކުޑައެވެ. ނުފޫޒު ވެސް އެހާމެ ހަންޏެވެ. އެހެނަސް އަފްޣާނިސްތާނަށް އިންސާނީ އެހީތައް ފޯރުކޮށްދިނުމުގައި އދން މުހިއްމު ދައުރެއް ކުޅޭނެއެވެ. އަފްޣާނިސްތާނުގައި އިންސާނީ ޙައްޤުތަކަށް ޚާއްޞަކޮށް އަންހެނުންގެ ޙައްޤުތަކަށް އިޙްތިރާމު ކުރާ ޝާމިލު ސަރުކާރެއް އެކުލަވައިލުމުގެ މުހިއްމުކަމާމެދު އދން ވާނީ ޠާލިބާނުން ސަމާލުކަމަށް ގެނެސްފައެވެ."

ދުނިޔޭގެ މޫސުން

މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުން އދގެ ސެކްރަޓަރީ ޖެނެރަލް ގުޓަރެޝް ވިދާޅުވިއެވެ. މި މަސްއަލައިގައި އދ އާއި އެމެރިކާއާ ދެމެދުގައިވާ ގުޅުން "ރައީސް ޖޯ ބައިޑްންގެ ޒަމާނުގައި ވަރަށް ތަފާތު" ވާނެއެވެ.

ކޮވިޑް

ކޮވިޑާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ގުޓަރެޝް ވިދާޅުވިއެވެ. "ކޮރޯނާއާ ކުރިމަތިލުމުގައި ބައިނަލްއަޤްވާމީ ވިލަރެސް ކުރުން މި ދިޔަ އަހަރު ކުރުންތެރި ގޮތަކަށް ކުރިއަށް ގޮސްފައި ނުވާކަން ފާހަގަކުރަން ޖެހެއެވެ." އޭނާ ވިދާޅުވިއެވެ. "އޭނާގެ ޤައުމުގައި ޕޯޗްގީޒުގައި 80 އިންސައްތަ މީހުންނަށް ވެކްސިން ދެވުނުއިރު އެފެރިކާގެ ވަރަށް ގިނަ ޤައުމުތަކެއްގައި ވެކްސިން ދެވިފައިވަނީ އެންމެ ދެ އިންސައްތައަށް ވުރެ ކުޑަ  އާބާދީއަކަށެވެ." އޭނާ ވިދާޅުވިއެވެ. "ހިކި ހުއިތަކެއްގައި ރޯވެގެން އަނދަމުންދާ ގޮތަށް ދުނިޔޭގެ ދެކުނު ސަރަޙައްދުގައި ކޮރޯނާ ވައިރަސް ފެތުރެމުންދާން ފަށައިފިނަމަ ކޮރޯނާގެ ނުރައްކާތެރި ތަފާތު ބާވަތްތައް ފާޅުވާން ފަށައިފާނެއެވެ."

ގުޓަރެޝްގެ ވާހަކަފުޅުގައި ބައިނަލްއަޤްވާމީ ވެކްސިން މަޝްރޫޢަށް މަދަދުވެރިވުމަށް ޓަކައި ވެކްސިން އުފެއްދުން ދެ ގުނައަށް އިތުރުކުރުމަށާއި އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު ވެކްސިން ބެހުމަށްޓަކައި ދުނިޔޭގެ އިޤްތިޞާދީ ބޮޑެތި ބާރުތައް ތެދުވުމަށް އިލްތިމާސް ކުރެއްވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް