އެމެރިކާއާއި އޮސްޓްރޭލިޔާއިން އަޑިންދާބޯޓާ ބެހޭގޮތުން ހެދި ޑީލަކާ ހެދި ފަރަންސޭސި ވިލާތް އެމެރިކާއާ ދެކޮޅަށް ވަރަށް ބޮޑަށް ފާޑު ކިޔަން ފަށައިފިއެވެ.
ފަރަންސޭސިވިލާތް ތުހްމަތު ކުރާގޮތުގައި މިއީ "ދޮގާއި ދެ މިންގަނޑު" ހިމެނޭ މުޢާމަލާތެކެވެ. ޕެރިސް ބުނިގޮތުގައި މި ކަމުގެ ސަބަބުން އެކުވެރީންގެ މެދުގައި ބޮޑު މަސްއަލައެއް އުފެދިއްޖެއެވެ.
ފަރަންސޭސި ރައީސް އިމަނޮވީލް މެކަރޯން ކޯފާވެގެން މިހާރު ވަނީ އޮސްޓްރޭލިޔާއާއި އެމެރިކާގައި ތިއްބަވާ ފަރަންސޭސި ސަފީރުން ޤައުމަށް ގެންވައިފައެވެ. އޮސްޓްރޭލިއާއިން އެމެރިކާ އަތުން ނިޔުކްލިއަރ ސަބްމެރީން ގަތުމަށް އެއްބަސްވީ ފަރަންސޭސިވިލާތުން ސަބްމެރީން ގަތުމަށް އެއްބަސްވެފައިވާ އެއްބަސްވުން ކެންސަލް ކުރުމަށް ފަހުގައެވެ.
ރައީސް ޖޯ ބައިޑްންގެ ވެރިކަމުގައި ހުޅަނގާ އެމެރިކާއާ ދެމެދުގައިވާ ގުޅުންތައް ރަނގަޅުވާނެ ކަމަށް ރައީސް މެކަރޯން ކުރެއްވި އުއްމީދު މި ކަމުގެ ސަބަބުން ނާއުއްމީދުވެގެން ހިނގައްޖެ ކަމަށް ރިޕޯޓަރުން ބުނެއެވެ. ފަރަންސޭސީން މިހާރު ދަނީ ނޭޓޯގެ އިސްތިރާތީޖީގެ މަފްހޫމަށް އައު ވިސްނުމެއް ގެނެވޭތޯ ބަލަމުންނެވެ. ރައީސް ޓްރަމްޕްގެ ވެރިކަމުގައި އޭނާ އިސްކަން ދެއްވާފައިވަނީ "އެންމެ ފުރަތަމަ އެމެރިކާ" އަށެވެ.
ފަރަންސޭސި ޚާރިޖީވަޒީރު ޖޭން އީވް ލޮޑްރިޔާން މި މަސްއަލައާ ބެހޭގޮތުން ފްރާންސް 2 ޗެނެލްގައި ވާހަކަފުޅު ދެއްކެވިއިރު މިހާރު އުފެދިފައިވާ ހަލަބޮލިކަމަށް ހަމަހިމޭން ކަމެއް ގެނައުމަށް ޕެރިސް މަސައްކަތް ކުރާނެކަމާ ބެހޭގޮތުން އެއްވެސް އިޝާރަތެއް ނުކުރައްވައެވެ. އޭނާގެ ވާހަކަފުޅުގައި ޑިޕްލޮމެޓިކް ބަހުރުވައާ ދުރުހެލިވެވަޑައިގެންފައިވާ ކަން ފާހަގަ ކުރެވެއެވެ. އޭނާ ހާމަކުރެއްވިގޮތުގައި ސަފީރުން ޤައުމަށް ގެންނަން ޖެހިވަޑައިގަތީ "މަސްއަލައެއް" އުޅޭތީއެވެ.އޭނާ ވިދާޅުވިގޮތުގައި މި ފަދަ ކަމެއް މީގެ ކުރިން ހިގައިފައެއް ނުވެއެވެ. އެއީ "ވަރަށް ރަމްޒީ ކަމެއް" ކަމަށް އޭނާ ވިދާޅުވިއެވެ. "އެކަމުގައި ދޮގު ހިމެނެއެވެ. އެކަމުގައި ދެ މިންގަނޑު ހިމެނެއެވެ. އެކަމުގައި އިތުބާރު ގެއްލުން ވެއެވެ. އެކަމުގައި ބޭއިޙްތިރާމު ހިމެނެއެވެ. އެއީ ފެންނަފެނުމުގައި ހިގައިގެންވާނެ ކަމެއްނޫނެވެ."
ފަރަންސޭސި ޚާރިޖީ ވަޒީރު ވިދާޅުވިއެވެ. "އަހުރެމެން ސަފީރުން ޤައުމަށް ގެންނަން ނިންމީ މި މަސްއަލައާ ބެހޭގޮތުން ތަފާހުމު ވުމަށް މަސައްކަތް ކުރުމަށް ޓަކައެވެ. އެ ޢަމަލަކީ ވަރަށް ނުބައި ކަމެއްކަން އަހުރެމެންގެ ބައިވެރީންނަށް ދެއްކުމަށް ބޭނުންވާތީއެވެ. އެއީ ވަރަށް ނުރައްކާތެރި މަސްއަލައެކެވެ."
މި މަސްއަލައިގައި ލަންޑަންގައި ހުންނަވާ ފަރަންސޭސި ސަފީރު ޤައުމަށް ވަޑައިގަތުމަކަށް ނުދެންނެވެއެވެ. ލަންޑަނާ ބެހޭގޮތުން ވިދާޅުވިއެވެ. "އެއީ ނާޖާއިޒު ފުރްޞަތުގެ ބޭނުންކުރާ ބައެކެވެ." އޭނާ މި އިޝާރަތް ކުރެއްވީ ބްރެކްސިޓަށެވެ. އޭނާ ވިދާޅުވިގޮތުގައި މިއަދުގެ މަސްއަލައިގައި އިނގިރޭސިވިލާތަކީ މަސްއަލައާ ބެހޭ ސީދާ ފަރާތެއްނޫނެވެ.
ފަރަންސޭސީން މިދިޔަ ބުރާސްފަތި ދުވަހު ސިފަކުރިގޮތުގައި އޮސްޓްރޭލިޔާގެ މި ޢަމަލަކީ "ފުރަގަހުން އައިސް ބުރިކަށްޓަށް ވަޅި ހެރުން" ފަދަ ކަމެކެވެ. ފަރަންސޭސީން ތުހްމަތު ކުރިގޮތުގައި ވޮޝިންގްޓަނުން އަދިވެސް ތަބާވަނީ ޓްރަމްޕްގެ ސިޔާސަތަށެވެ. ޓްރަމްޕް ވަނީ ޕެރިހާއެކު ހަދާފައިވާ ވިޔާފާރީގެ ބޮޑެތި ހުރިހާ އެއްބަސްވުންތަކެއް ކެންސަލް ކުރައްވައިފައެވެ.
ފަރަންސޭސިވިލާތު "ނޭވަލް ގްރޫޕް" ކުންފުންޏާއެކު އޮސްޓްރޭލިއާއިން ވަނީ ނިޔުކްލިއަރ ހަކަތައިން މަސައްކަތް ކުރާ 12 ސަބްމެރީން ގަތުމަށް 2016ގައި އެއްބަސްވެފައެވެ. އެހެނަސް ރައީސް ޖޯ ބައިޑްން އޮސްޓްރޭލިއާއި އިނގިރޭސި ވިލާތް ބައިވެރިކޮށްގެން ދިފާޢީ އެއްބަސްވުމެއް މި ދިޔަ ބުދަދުވަހު ވަނީ ހައްދަވައިފައެވެ. ދިފާޢީ މި މުޢާހަދާގެ ސަބަބުން އެމެރިކާގެ ނިޔުކްލިއަރ ސަބްމެރީން ފަނިންޔާތު ޙިއްޞާކުރުން މި ޤައުމުތަކަށް ފުޅައުކުރެވޭނެއެވެ.
ފަރަންސޭސި ޚާރިޖީ ވަޒީރު ލޮޑްރިއާން ވިދާޅުވިގޮތުގައި "އިނގިރޭސިވިލާތަކީ މި މަސްއަލައިގައި ތިންވަނަ ފުރޮޅެވެ."
ފަރަންސޭސި ޚާރިޖީ ވިދާޅުވިގޮތުގައި މި މަސްއލައިގެ ސަބަބުން "ނޭޓޯއަށް ވަނީ އިސްތިރާތީޖީގެ އައު މަފްހޫމަކަށް ބޭނުންވެފައެވެ." ނޭޓޯއިން ޕެރިސް ވަކިވުމާ ބެހޭގޮތުން އޭނާ އެއްޗެއް ވިދާޅެއްނުވެއެވެ. އޭނާ ވިދާޅުވިއެވެ. "މެޑްރިޑްގައި ބޭއްވޭ ނޭޓޯގެ ބައްދަލުވުމުގައި މި މަސްއަލައާމެދު ބަޙުސް ކުރެވޭނެއެވެ."
ނޭޓޯގެ މަސްއޫލުވެރިއަކު ހޮނިހިރުދުވަހު ވިދާޅުވި ގޮތުގައި އަޑިންދާބޯޓުގެ މަސްއަލާގައި އެމެރިކާ– އޮސްޓްރޭލިއާ– ފަރަންސޭސިވިލާތުގެ މަސްއަލައަކީ ނުރައްކާތެރި މަސްއަލައެއްކަން ކަށަވަރެވެ. އެހެނަސް ނޭޓޯގެ ތެރޭގައި އޮންނަ ޢަސްކަރީ އެއްބާރުލުމަށް މި ކަމުގެ ނުބައި އަސރު ފޯރާނެކަމަށް ފެނިވަޑައިނުގަންނަވާ ކަމަށް މި މަސްއޫލުވެރިޔާ ވިދާޅުވިއެވެ. ނޭޓޯގެ ޢަސްކަރީ ކޮމެޓީގެ ރައީސް އެޑްމިރަލް ޕަވަރ ވިދާޅުވިގޮތުގައި "މި އެއްބަސްވުމުގެ ސަބަބުން ނޭޓޯގައި ރެނދު އަޅާނެއެވެ. އެހެނަސް ނޭޓޯގެ އެއްބައިވަންތަކަން ރޫޅިގެން ދާނެހެނެއް ހީއެއް ނުވެއެވެ."
މި އެއްބަސްވުމުގެ ސަބަބުން 2016ގައި ފަރަންސޭސި ވިލާތުން އޮސްޓްރޭލިއާއާއެކު ހަދާފައިވާ 50 ބިލިއަން ޑޮލަރުގެ އެއްބަސްވުން ކެންސަލްވުމަކީ އިޤްތިޞާދީ ގޮތުން ޕެރިހަށް ލިބުނު ވަރަށް ބޮޑު ގެއްލުމެކެވެ.
ވޮޝިންގްޓަންގައި ހުންނަވާ ފަރަންސޭސި ސަފީރު ޤައުމަށް ގެންދިޔުމުން ވޮޝިންގްޓަނުން އެކަމާމެދު ހިތާމަ ފާޅުކުރާކަން އިޢުލާން ކުރިއެވެ. ވޮޝިންގްޓަން ބުނި ގޮތުގައި މިފަދަ ދެބަސްވުންތައް ޙައްލުވެގެންދާނެއެވެ.



advertisment