Support Us

މިޞްރުގެ ރައީސް ސީސީއާއި އިސްރާއީލުގެ ބޮޑުވަޒީރު ބެނެޓް (ވ)

ޣައްޒާއިން ދޭ ރޮކެޓް ޙަމަލާތައް މިޞްރުން ހުއްޓުވާނެ: ސީސީ

ޣައްޒާއިން އިސްރާއީލަށް ދޭ ރޮކެޓް ޙަމަލާތައް ހުއްޓުވާނެކަމުގެ ޔަޤީންކަން މިޞްރުގެ ރައީސް ޢަބްދުލްފައްތާޙުއް ސީސީ އިސްރާއީލުގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓަށް ދެއްވައިފިއެވެ.

މި ޔަޤީންކަން ސީސީ ދެއްވީ އެ ދެ ޒަޢީމުން ޝަރަމުއްޝައިޚުގައި ރޭ ބައްދަލު ކުރެއްވިއިރުގައި ކަމަށް އިސްރާއީލުގެ މީޑިއާތައް ރޭ ބުންޏެވެ. ޙަމާސް ޖަމާޢަތުގެ ބާރު ވަރުގަދަވިޔަ ނުދިނުމަށް ޓަކައި ރައީސް ސީސީ ފިޔަވަޅު އެޅުއްވުމަށް މި ބައްދަލުވުމުގައި އިސްރާއީލުގެ ބޮޑުވަޒީރު ބެނެޓް އެދިވަޑައިގެންނެވި ކަމަށް ވެސް އިސްރާއީލުން ބުންޏެވެ.

ބެނެޓް މިޞްރަށް ކުރެއްވި މި ޒިޔާރަތަކީ 10 އަހަރުގެ ތެރޭގައި އިސްރާއީލުގެ ބޮޑުވަޒީރަކު މިޞްރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. ތިން ގަޑިއިރަށް ދެމިގެންދިޔަ މި ބައްދަލުވުމަކީ، ބެނެޓް ސިފަކުރެއްވި ގޮތުގައި "ވަރަށް މުހިއްމު ވަރަށް ނަތީޖާ ރަނގަޅު" ބައްދަލުވުމެކެވެ. މިޞްރުގެ ރިޔާސީ އޮފީހުން ނެރުނު ބަޔާން ހާމަކުރިގޮތުގައި އެ ދެބޭފުޅުން ބަޙުސް ކުރެއްވީ މެދުއިރުމަތީގެ މަސްއަލަތަކާއި، ޣައްޒާ ހަމަހިމޭން ކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާއި ޣައްޒާ އަލުން ބިނާކުރުމުގެ މަސައްކަތާއި މިޞްރު- އިސްރާއީލު ގުޅުންތަކާ ބެހޭގޮތުންނެވެ.

ޣައްޒާއަށް ދަތިކުރުން

އިސްރާއީލުގެ ރަސްމީ ޗެނެލް "ކޭން" ބުނާގޮތުގައި މިޞްރުގެ ރައީސް ސީސީއާއި ބޮޑުވަޒީރު ބެނެޓްގެ މި ބައްދަލު ކުރެއްވުމުގައި އެތައް މަސްއަލަތަކަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ. އޭގެތެރޭގައި އީރާނާއި ތުރްކީއާއި ލީބިޔާއާއި ފަލަސްޠީނުގެ މަސްއަލަތައް ފަދަ މަރްކަޒީ މުހިއްމު މަސްއަލަތައް ހިމެނެއެވެ.

މި ޗެނެލް ބުނާގޮތުގައި ޣައްޒާއާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވިއިރު އސްރާއީލުގެ ބޮޑުވަޒީރު ބެނެޓް ޣައްޒާއާ މިޞްރު ގުޅުވައިދޭ އެއްގަމު މަގުކަމުގައިވާ ރަފަޙު މަގު ވަރުގަދައަށް ބެލެހެއްޓުމަށާއި ޙަމާސް ޖަމާޢަތުގެ ބާރު ވަރުގަދަވިޔަ ނުދިނުމަށް ޓަކައި ފިޔަވަޅު އަޅަން ޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރަށް ޙަމާސުން ހައްޔަރުކޮށްފައި ތިބި އިސްރާއީލު ސިފައިންގެ މަސްއަލައާ މެދުވެސް ދެ ޒަޢީމުން ބަޙުސް ކުރެއްވިއެވެ. މި ބައްދަލު ކުރެއްވުމުގައި އަސީރުންނާއި ގެއްލިފައިވާ މީހުންނާ ބެހޭ އިސްރާއީލުގެ ވިލަރެސްވެރިއާވެސް ބައިވެރިވެ ވަޑައިގެންނެވި ކަމަށް އިސްރާއީލުގެ މި ޗެނެލް ބުންޏެވެ.

އިސްރާއީލުގެ ޗެނެލް 13 ބުނިގޮތުގައި ޣައްޒާއިން އިސްރާއީލަށް ދެވޭ ރޮކެޓް ޙަމަލާތައް ހުއްޓުވަން މިޞްރުން މަސައްކަތް ކުރާނެ ކަމަށް ސީސީ އިސްރާއީލުގެ ބޮޑުވަޒީރަށް ދެންނެވިއެވެ.

ބެނެޓްގެ ރަސްމީ ތަރްޖަމާނު މައްތާން ސީދީ އިސްރާއީލު ސިފައިންގެ ރޭޑިއޯއަށް ހާމަކުރެއްވި ގޮތުގައި މި ބައްދަލުކުރެއްވުން ތިން ގަޑިއިރަށް  ދެމިގެން ދިޔައެވެ. މިއީ "ވަރަށް ރަޙްމަތްތެރި ޖައްވެއްގައި" ބޭއްވުނު ބައްދަލު ކުރެއްވުމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މުހިއްމު ބައްދަލުވުމެއް

ބައްދަލުވުން ނިމުމުން ބެނެޓް ސިފަކުރެއްވި ގޮތުގައި މިއީ ވަރަށް މުހިއްމު އަދި ވަރަށް މޭވާ ގަން ބައްދަލުވުމެކެވެ. ބެނެޓް އިތުރަށް ވިދާޅުވިއެވެ. "ގުޅުންތައް ބަދަހިކުރުމަށާއި މަޞްލަޙަތުތައް ރައްކައުތެރިކުރުމަށް ބޭނުންވާ ބިންގަލެއް އަހުރެމެން އެޅީމެވެ. އިސްރާއީލު ދަނީ ސަރަޙައްދީ ޤައުމުތަކަށް ހުޅަވައިލެވެމުންނެވެ. އޭގެ ބިންގަލަކީ މިޞްރު- އިސްރާއީލު ޞުލްޙައެވެ. މި ގުޅުން ހެޔޮގޮތުގައި ވުނަކުރަން ޖެހޭނެއެވެ. މިއަދުގެ ބައްދަލު ކުރުމުގައި އަހުރެމެން ކުރީ މި މަސައްކަތެވެ."

މިޞްރުގެ ރިޔާސަތުން ބުނިގޮތުގައި "ދެ ދައުލަތުގެ ޙައްލުގެ ބިންގަލުގެ މަތީގައި އަދި ބައިނަލްއަޤްވާމީ ޤަރާރުތަކާ އެއްގޮތްވާ ގޮތުގެ މަތީން މެދުއިރުމަތީގައި ޝާމިލު ޞުލްޙައެއް ޤާއިމު ކުރުމަށް ކުރެވޭ މަސައްކަތަކަށް މިޞްރުން ވާގިވެރިވެ އެހީވާނެއެވެ. މި ކަމުގެ ސަބަބުން ސަރަޙައްދުގެ ހުރިހާ ރައްޔިތުންނަށް އަމާންކަމާއި ފާގަތިކަން ލިބޭނެއެވެ."

ފަލަސްޠީނުގެ ސަރަޙައްދުތައް އަލުން ބިނާކުރުމަށް ޓަކައި މިޞްރުން ކުރަމުންދާ މަސައްކަތަށް ބައިނަލްއަޤްވާމީ މުޖްތަމަޢުގެ ވާގިވެރިކަން ބޭނުންވާ ކަމަށް މިޞްރުން ބުންޏެވެ. އަދި ފަލަސްޠީނާއި އިސްރާއިލު ގެ މާޙައުލު ހަލަބޮލިކަމުން ދުރުކޮށް ހަމަހިމޭންކަންމަތީ ދެމެހެއްޓުމަކީ ވަރަށް ބޭނުންތެރިކަމެއް ކަމަށް ވެސް މިޞްރުން ބުންޏެވެ.

ސީސީ– ބެނެޓް ބައްދަލުވުމުގައި މިޞްރުގެ ޚާރިޖީ ވަޒީރު ސާމިޙު ޝުކްރީއާއި މިޞްރުގެ ޖާސޫސީ އިދާރާގެ ރައީސް ޢައްބާސް ކާމިލާއި  އިސްރާއީލުގެ ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ރައީސް އިޔާލް ޙައުލަތާއާއި އިސްރާއީލު ސަރުކާރުގެ ޢަސްކަރީ ސެކްރެޓަރީ ޝިމްރީތު މައީރާއި ޤާހިރާގައި ހުންނަވާ އިސްރާއީލުގެ ސަފީރާ ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *