އަފްޣާނިސްތާނުގެ މަސްއަލައާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށް ޓަކައި ޤަޠަރުގެ ޚާރިޖީ ވަޒީރު ޝައިޚު މުޙައްމަދު ބިން ޢަބްދުއްރަޙްމާނު އާލު ޘާނީ ފަށްޓަވާފައިވާ ދަތުރުފުޅުގައި އިއްޔެ މޮސްކޯއަށް ވަޑައިގަންނަވައިފިއެވެ.
މޮސްކޯގައި ރަޝިޔާގެ ޚާރިޖީވަޒީރު ސަރްގީ ލެވަރޯފާ ބައްދަލު ކުރެއްވުމަށްފަހު ދެ ވަޒީރުން ނޫސްވެރީންނާ ބައްދަލު ކުރެއްވިއެވެ. ރޫސީ ޚާރިޖީ ވަޒީރު ހާމަކުރެއްވިގޮތުގައި އެ ދެބޭފުޅުންގެ ވާހަކަފުޅުތަކުގެ ނާރެހަކީ އަފްޣާނިސްތާނެވެ. ރޫސީ ޚާރިޖީ ވަޒީރު ހާމަކުރެއްވިގޮތުގައި ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ އެތައް މަސްއަލަތަކަކާ ބެހޭގޮތުން ވެސް އެ ދެބޭފުޅުން ބަޙުސް ކުރެއްވިއެވެ. އަފްޣާނިސްތާނުގެ ޙާލަތު ޠަބީޢީ ކުރަންޖެހިފައިވާ ކަމަށާއި އެ މަސްއަލައިގެ ސަބަބުން އަވަށްޓެރި ޤައުމުތަކުގެ ހަމަޖެހުމަށާއި އަމާންކަމަށް އެއްވެސް ނޭދެވޭ އަސަރެއް ކޮށްގެން ނުވާނެ ކަމަށް ލެވްރޯފް ވިދާޅުވިއެވެ.
ޤަޠަރުގެ ޚާރިޖީ ވަޒީރު މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވިދާޅުވިގޮތުގައި އަފްޣާނިސްތާނަށް ދޭންޖެހޭ އިންސާނީ އެހީތައް އެއްވެސް ސިޔާސީ ކަމަކާ ގުޅުވައިގެން ނުވާނެއެވެ. އޭނާ ވިދާޅުވިއެވެ. "އަފްޣާނިސްތާނުން ބޭރަށްދާން އެދޭ މީހުންނަށް ބޭރަށް ދެވޭނެ މަގު ޠާލިބާނުން ފަހިކޮށް ދޭން ވާނެއެވެ."
ޤަޠަރުގެ ވަޒީރު ޝައިޚު ޢަބްދުއްރަޙްމާނު ވިދާޅުވިއެވެ. "އަފްޣާނިސްތާނުގެ މަސްއަލަތަކާ ބެހޭގޮތުން ޤަޠަރާއި ރަޝިޔާއާއި ތުރްކީން ދަނީ ވިލަރެސް ކުރަމުންނެވެ." އޭނާ ވިދާޅުވިގޮތުގައި ހުރިހާ މައިދާންތަކެއްގައި ރަޝިޔާއާއެކު ގުޅުންތައް ބަދަހިކުރުމަށާއި ފުޅައު ކުރުމަށް ދައުޙާއިން ވަނީ ޢަޒްމު ކަނޑައަޅައިފައެވެ.
ޖަޒީރާ ބުނާގޮތުގައި އަފްޣާނިސްތާނުގެ މަސްއަލަ ޙައްލުކޮށްދިނުމުގައި ޤަޠަރުގެ ދައުރަކީ އެކަމަށް ތާރީފު ކުރަން ޖެހޭ އަދި ޝުކުރުވެރިވާން ޖެހޭ މުހިއްމު ދައުރެއްކަމަށް ރަޝިޔާގެ ވަޒީރު ވިދާޅުވިއެވެ. ލަވްރޯފު ހާމަކުރެއްވިގޮތުގައި އަފްޣާނިސްތާނުގެ މަސްއަލަތަކުގެ ސަބަބުން އަވަށްޓެރީންނަށް ނުބައި އަސަރުތައް ކޮށްގެން ނުވާނެއެވެ.
ޤަޠަރުގެ ވަޒީރު ހުކުރުދުވަސް ހޭދަކުރެއްވީ ތުރްކީގައެވެ. ތުރްކީގެ ޚާރިޖީވަޒީރު މައުލޫދު ޖާވީޝް އޮގްލޫއާއެކު މަޝްވަރާ ކުރައްވާފައި ވަނީ އަފްޣާނިސްތާނުގެ ތަފާތު މަސްއަލަތަކާއި ޤަޠަރު- ތުރްކީ އަފްޣާން އެހީއާ ބެހޭގޮތުންނާއި ކާބުލް ވައިގެބަނދަރު ހުޅުވާފައި ބޭއްވުމަށް ޓަކައި ޤަޠަރުންނާއި ތުރްކީން އަފްޣާނިސްތާނަށް ވަމުންދާ ތަފާތު އެހީތަކާ ބެހޭގޮތުންނެވެ. ތުރްކީގެ ޚާރިޖިއްޔާއިން ނެރުނު ބަޔާން ބުނާގޮތުގައި ދެ ވަޒީރުން ބައްދަލު ކުރެއްވި އަސާސީ މަސްއަލައަކީ އަފްޣާނިސްތާނެވެ.
ޤަޠަރުގެ ވަޒީރު ކުރެއްވި ޓްވީޓެއް ބުނާގޮތުގައި ތުރްކީ-ޤަޠަރު އެއްބާރުލުމުގެ ސަބަބުން އަފްޣާނިސްތާނުން މީހުން ބޭރަށް ގެންދިއުމުގެ ދަތުރުތައް މިހާރު ވަނީ އަލުން ފެށިފައެވެ. މި އެއްބާރުލުމުގެ ސަބަބުން އަފްޣާނިސްތާނު ބޭރު ދުނިޔެއާ އަލުން ގުޅުވައިލެވިއްޖެއެވެ.



advertisment