Support Us

ސުޢޫދީގައި ހުރި އެމެރިކާގެ ޕޭޓްރިއެޓް މިސައިލްތައް ނަގަން ފަށައިފި

ޔަމަނުގެ ޙޫޘީން ސުޢޫދިއްޔާއަށް ދެމުންގެންދާ މިސައިލް ޙަމަލާތައް އިތުރުކޮށްފައި ވިޔަސް ވޭތުވެދިޔަ ދެތިން ހަފުތާގެ ތެރޭގައި އެމެރިކާއިން ވަނީ ސުޢޫދީ ޢަރަބިއްޔާގައި ހުރި ޕޭޓްރިއެޓް މިސައިލްގެ ވަރަށް ގިނަ ބެޓެރީތައް ނަގައިފައި ކަމަށް އެސޯޝޭޓެޑް ޕްރެސްއިން ހާމަކޮށްފިއެވެ.

އެމެރިކާގެ ޚާއްޞަ ކުންފުންޏެއް ކަމުގައިވާ "ޕްލެނެޓް ލެބްސް" އިން ނަގާފައިވާ ފޮޓޯތަކަކަށް އިޝާރާތްކޮށް މި އޭޖެންސީ ބުނާގޮތުގައި އެމެރިކާއިން ސުޢޫދީ ޢަރަބިއްޔާގައި ބަހައްޓާފައި ހުރި ދިފާޢީ ބައެއް ނިޒާމުތައް ވޭތުވެދިޔަ ދެތިން ހަފުތާގެ ތެރޭގައި ވަނީ ނަގައިފައެވެ. އޭގެތެރޭގައި ޕޭޓްރިއެޓް މިސައިލްގެ ނިޒާމުތައް ވެސް ހިމެނެއެވެ.

މި އޭޖެންސީ ބުނާގޮތުގައި އަފްޣާނިސްތާނުން އެމެރިކާ ފޭބުމުގެ ސަބަބުން އެމެރިކާގެ ގަލްފުގެ އެކުވެރީން ނުތަނަވަސްވެފައިވާ ވަގުތެއްގައި ސުޢޫދީ ޢަރަބިއްޔާގެ ދިފާޢީ ބާރުތަކަށް ނިކަމެތިކަމެއް ލިބިދާނެ ފަދަ ގޮތަކަށް އެމެރިކާއިން ޢަމަލުކުރަމުންދާތީ އެކަމާމެދު ގަލްފުގެ ޤައުމުތައް ކަންބޮޑުވަމުންދާތަން ފެނެއެވެ.

ސުޢޫދީ އަރާމިކޯ ކުންފުންޏަށް 2019ގައި ޙޫޘީން ޑްރޯނުންނާއި މިސައިލުން ޙަމަލާތަކެއް ދިނުމުން އެ ތަން ޙިމާޔަތް ކުރުމަށް ޓަކައި އެމެރިކާއިން އަމީރު ސުލްޠާނުގެ ވައިގެ ބޭހުގައި ދިފާޢީ މިސައިލް ނިޒާމުތައް ބެހެއްޓިއެވެ.

އެސޯޝޭޓެޑް ޕްރެސް ބުނާގޮތުގައި މި ފޮޓޯތައް ނަގާފައި ވަނީ މި ހުސްވި އޮގަސްޓްމަހުގެ ފަހުކޮޅުގައެވެ. މި ނޫސް އޭޖެންސީ ބުނާގޮތުގައި ޕްލެނެޓް ލެބްސް އިން އިއްޔެ ނެގި ފޮޓޯތަކުން ފެންނަގޮތުގައި ބެޓެރީ އަރުވަން ބޭނުން ކުރާ ހަރުތައް މިހާރު ވަނީ ނަގައިފައެވެ. އެ ހިސާބުގައި އެމެރިކާ ސިފައިންގެ އެއްވެސް ޙަރަކާތެއް ނެތެވެ.

މިފަދަ މަސްއަލަތައް ދިރާސާކުރައްވާ ބޭފުޅެއް ކަމުގައިވާ ކްރިސްޓިއަން އޮލަރެޝްސަންއާ ޙަވާލާދީ މި ނޫސް އޭޖެންސީ ބުނާގޮތުގައި ސުޢޫދީން ޤަބޫލު ކުރާގޮތުގައި އޮބާމާ- ޓްރަމްޕް- ބައިޑްން މި ތިން ރައީސުންގެ ސިޔާސަތަކީ ވެސް މަޑުމަޑުން ސުޢޫދީން ފޭބުމެވެ.

މި ދިޔަ ޖޫން މަހު ވޯލް ސްޓްރީޓް ޖަރނަލް ދުވަހު ނޫސް ހާމަކުރިގޮތުގައި އެމެރިކާގެ ރައީސް ޖޯ ބައިޑްން ނިންމަވާފައި ވަނީ މެދުއިރުމަތީގައި ހުރި އެމެރިކާގެ ޕޭޓްރިއެޓް މިސައިލް ނިޒާމުތައް ނެގުމަށެވެ. މި ނޫސް ހާމަކޮށްފައިވާ ގޮތުގައި ޢިރާޤާއި ކުވައިތާއި ސުޢޫދީގައި ހުރި ޕޭޓްރިއެޓް މިސައިލް ބެޓޭރީތަކުން އަށް ބެޓެރީ ނެގުމަށް ވަނީ ނިންމައިފައެވެ. މި ނޫސް ބުނާގޮތުގައި އެމެރިކާއިން މި ގޮތަށް ނިންމީ އެމެރިކާގެ ޢަސްކަރީ ވުޖޫދު ޗައިނާއާއި ރަޝިއާގެ ވަށައިގެން ވަރުގަދަ ކުރުމަށް ޓަކައެވެ.

ޕޭޓްރިއެޓް މިސައިލް ނިޒާމަކީ ވަރަށް މަތިން ދަތުރު ކުރާ ބޮލިސްޓިކް މިސައިލް ޙަމަލާތަކުން ދިފާޢުވުމަށް ތައްޔާރުކޮށްފައިވާ ނިޒާމެކެވެ. ޙޫޘީންގެ ޑްރޯން ޙަމަލާތަކާއި މިސައިލް ޙަމަލާތަކުން ދިފާޢު ވުމަށް ޓަކައި ޕޭޓްރިއެޓް މިސައިލް ނިޒާމަކީ ސުޢޫދީ ޢަރަބިއްޔާއަށް ވަރަށް މުހިއްމު ނިޒާމެކެވެ.

މުޙައްލިލުން ވިދާޅުވާގޮތުގައި މި ކަމުގައި ސުޢޫދީ ޢަރަބިއްޔާއަށް ބޭނުންވާ އެހީ ޗައިނާއިންނާއި ރަޝިއާއިން ހޯދުމަކީ ވަރަށް ފަސޭހަ ކަމެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *