Support Us

އުރްދުގާން އައު ފޮތެއް ލިޔުއްވައިފި  

"މިހާރަށްވުރެ އިންސާފުވެރި ދުނިޔެއެއް ޤާއިމު ކުރެވިދާނެ" ކަމަށް ވިދާޅުވެ ތުރްކީގެ ރައީސް ރަޖަބު ޠައްޔިބު އުރްދުގާން ފޮތެއް ލިޔުއްވައި އިއްޔެ ޝާއިޢު ކުރައްވައިފިއެވެ. މި ފޮތް މިހާރު ވަނީ ތުރްކީގައި ވިއްކަން ފަށައިފައެވެ.

ތުރްކީގެ ރަސްމީ ނޫސް އޭޖެންސީ އަނާޟޫލު ބުނާގޮތުގައި ރައީސް އުރްދުގާނުގެ މި ފޮތުގައި އިންސާނިއްޔަތަށް ޢަދްލު އިންސާފު ހޯދައިދިނުމަށް ޓަކައި ތުރްކީން ކުރަމުންދާ މަސައްކަތްތަކަށް ބައްލަވައިލައްވާފައިވެއެވެ. ދުނިޔޭގެ ސިޔާސީ މަސްއަލަތަކަށް ބައްލަވައިލައްވަމުން މި ފޮތުގައި، ދުނިޔެއަށް ފެތުރިފައިވާ އަނިޔާވެރިކަމަށާއި ރެފިއުޖީންގެ މަސްއަލައަށާއި ބައިނަލްއަޤްވާމީ ނިރުބަވެރިކަމަށާއި އިސްލާންދީނަށް އޮންނަ ޢަދާވަތްތެރިކަމަށާއި ނަސްލީ އިމްތިޔާޒަށާއި ދުނިޔެއަށް ޢާއްއްމުވެފައިވާ ދެ މިންގަނޑުގެ ސިޔާސަތާ ބެހޭގޮތުން ރައީސް އުރްދުގާން ވާހަކަފުޅު ދައްކަވާފައިވެއެވެ.

މި ދުނިޔެ ވަނީ ޝާމިލު އިޞްލާޙަކަށް ބޭނުންވާ ކަމަށް ރައީސް އުރްދުގާން މި ފޮތުގައި ވިދާޅުވެފައިވެއެވެ. ސަލާމަތީ މަޖިލީހުގެ އެކުލަވައިލުމަށް ބަދަލު ގެނެސް ސަލާމަތީ މަޖިލިސް ޙަޤީޤީ ސަލާމަތީ މަޖިލީހަކަށް ހަދަން ޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވެފައި ވެއެވެ.

ރައީސް އުރްދުގާނުގެ ފޮތުގައި ދެއްވާފައިވާ މެސެޖުތައް

  • ކުޑަ ކުދީން މަރުވަމުންދާ ދުނިޔެއެއްގައި އެއްވެސް މީހަކު ކުށުން ބަރީއަވެގެން ނުވާނެއެވެ.
  • ދުނިޔެއަށް މިއަދު އެންމެ ބޭނުން ވަނީ ޢަދްލުއިންސާފެވެ. އެހެނަސް މިއަދު ދުނިޔޭގައި ޢަދްލު އިންސާފު ޤާއިމުކުރުމުގެ މަސްއޫލިއްޔަތު ޙަވާލުކުރެވިފައިވާ މުއައްސަސާތައް ވަނީ "ބޮޑު ގަނޑުކަމެއް"ގެ ތެރޭގައެވެ.
  • އޯގާވެރިކަން ނެތް ޒަމާނެއްގައި އަޅުގަނޑުމެންގެ މަސްއޫލިއްޔަތަކަށް ވާން ޖެހޭނީ ޢަދްލުއިންސާފާއި ޟަމީރުގެ އަޑު ތަމްސީލު ކުރާ ބަޔަކަށް ވުމެވެ.
  • "މި ދުނިޔެ ފަހަކަށްވުރެ ބޮޑުކަމަށް" ބުނުން ހުއްޓައިނުލައި ކުރިއަށް ގެންދާނަމެވެ. ބާރަކީ ޙައްޤުކަމުގައި ނުވާ، ޙައްޤަކީ ބާރުކަމުގައިވާ ނިޒާމެއް ޤާއިމު ކުރެވިއްޖައުމަށް ދާންދެނެވެ.
  • މާޒީގެ މުހުތާދުތަކާ އެއްގޮތަށް ޤާއިމު ކުރެވޭ މުއައްސަސާތަކުގެ ތެރެއިން ދުނިޔޭގެ މިއަދުގެ މަސްއަލަތައް ޙައްލެއް ނުކުރެވޭނެއެވެ. މި ފަދަ މުއައްސަސާތަކުން އުފެދޭނީ އިތުރު އައު މަސްއަލަތަކެވެ.
  • އަޅުގަނޑުމެންގެ މަފްހޫމުގައި ދުނިޔެއަށް މިންޖުވުމާއި ބާއްޖަވެރިކަން ޖާމިނުކޮށްދޭނީ ޢަދްލުއިންސާފެވެ. މިހާރަށްވުރެ ޢަދްލުވެރި ޢާލަމެއް ޤާއިމު ކުރުމަށް ޓަކައި އަޅުގަނޑުމެންނަށް މި ވަނީ އިތުބާރާއި އުންމީދު ގެނެސްދޭނެ ޢާލަމީ އައު ނިޒާމަކަށް ބޭނުން ވެފައެވެ.

މި ފޮތް ދުނިޔޭގެ ބޮޑެތި ބަސްތަކަށް ވަރަށް އަވަހަށް ތަރްޖަމާ ކުރެވިގެންދާނެއެވެ. މި ފޮތުން ލިބޭ ހުރިހާ ފައިސާއެއް ހަދިޔާކުރެވޭނީ ތުރްކީގެ ޑިޒާސްޓަރ މެނޭޖްމެންޓް އިދާރާއަށް ކަމަށް ރައީސް އުރްދުގާން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް