ކާބުލްގެ ވައިގެ ބަނދަރު ހިންގުމަށް ޓަކައި ބޭރުގެ ސަލާމަތީ ވުޖޫދެއް އޮތުމާމެދު ޠާލިބާނުން ދެކޮޅުހެދުމަކީ މި މުވާސަލާތީ މަރްކަޒު އަމާންކަމާއެކު ހުޅުވާފައި ބާއްވަން މަސައްކަތް ކުރާ ބައިންލައަޤްވާމީ މަސައްކަތްތަކަށް އެޅެމުންދާ ހުރަހެއްކަމަށް ޤަތަރުގެ ޚާރިޖީވަޒީރު މުޙައްމަދު ބިން ޢަބްދުއްރަޙްމާން އާލު ޘާނީ ވިދާޅުވެއްޖެއެވެ.
ފައިނަންޝަލް ޓައިމްޒްއާ ވާހަކަދައްކަވަމުން އޭނާ ވިދާޅުވިގޮތުގައި ޤަޠަރުން މަސައްކަތް ކުރަމުން މި ދަނީ މިކަމުގެ އަހައްމިއްޔަތު ޠާލިބާނުންނަށް ކިޔާދެވޭތޯއެވެ. އޭނާ ވިދާޅުވިގޮތުގައި ވައިގެބަނދަރު ސަލާމަތްކަމާއެކު ހިންގުމާއި އެތާނގެ އަމަންއަމާންކަން ބެލެހެއްޓުމަކީ އެ ހިސާބު އަމާން ކުރުމަށްވުރެ މާ ބޮޑު މަސައްކަތެކެވެ.
ޤަޠަރުގެ ވަޒީރު ވައިގެބަނދަރު ހިންގުމަށް ބޭނުންވާ ބޭރުގެ އެހީ ބަލައިގަތުމަށް ޠާލިބާނުންނަށް ހިތްވަރު ދެއްވިއެވެ. އޭނާ ވިދާޅުވިގޮތުގައި ކަނޑައެޅިފައިވާ ސަލާމަތީ މިއުޔާރުތަކާ އެއްގޮތަށް ވައިގެބަނދަރުގައި ސަލާމަތީ ކަންތައްތައް ފުރިހަމަވެފައިނުވާ ބަނދަރަކަށް އެއްވެސް އެއަރލައިނަކުން އެ އެއަރލައިންގެ ބޯޓުތައް ނުފޮނުވާނެއެވެ.
އޭނާ ހާމަކުރެއްވިގޮތުގައި ޤަޠަރާއި ތުރްކީން މި ގޮވައިލަނީ ސަލާމަތީ މިއުޔާރުތަކާ އެއްގޮތަށް ކާބުލްގެ ވައިގެ ބަނދަރު ހިންގުމަށެވެ. ކޮންމެ ބަޔަކު ހިންގިޔަސް މިކަމުގައި މަސްއަލައެއް ނެތެވެ.
ޤަޠަރުގެ ވަޒީރުގެ ވާހަކަފުޅުގައި ޠާލިބާނުންނާއެކު މުޢާމަލާތު ކުރުމުގެ މުހިއްމު ކަމަށް ބައްލަވައިލެއްވިއެވެ. މި ޙަރަކާތުގެ ޒަޢާމަތުގައި އެކުލަވާލެވޭ ސަރުކާރު ބަލައިގަންނަން ޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވިއެވެ. "ޠާލިބާނުން އެކުލަވާލަންވާނީ ޝާމިލު ސަރުކާރެކެވެ. ޠާލިބާނުން އަފްޣާނިސްތާނުގެ ހުރިހާ ފަރާތްތަކާއެކު ވާހަކަދައްކަން ވާނެއެވެ."
އޭނާ ވިދާޅުވިގޮތުގައި އަފްޣާނިސްތާނުގެ އައު ސަރުކާރާ ބެހޭގޮތުން ދައުޙާއަށް މަޢުލޫމާތު ލިބިފައެއް ނުވެއެވެ. މި ސަރުކާރުގައި ތަފާތު ޖަމާޢަތްތައް ތަމްސީލުކުރާނެ މިންވަރެއް ވެސް އެނގިފައެއް ނެތެވެ. އަފްޣާނިސްތާނު "އެވޭލާ ޒަމާނަށް" ދިޔަ ނުދިނުމަށް ޓަކައި އެހީވުމަށް ދައުޙާ އޮތީ ތައްޔާރަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.



advertisment