ކާބުލް ވައިގެ ބަނދަރު ބެލެހެއްޓުމުގައި ޠާލިބާނުން
އަފްޣާނިސްތާނުގައި ތިބި ބޭރު މީހުން އެ ޤައުމުން ފޭބުމާ ބެހޭގޮތުން 90 ޤައުމަކަށް ޠަލިބާނުން ޖާމިނުވުން ދީފިކަމަށް ވޮޝިންގްޓަނުން ބުނެފިއެވެ. މި މަސް ނިމުމުގެ ކުރިން އެމެރިކާނުންނާއި އެމީހުންނަށް އެހީވެދިން އަފްޣާން މީހުން ބާލާނެ ކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ.
އެމެރިކާގެ ޚާރިޖިއްޔާގެ ވެބް ޞަފްޙާ ބުނާގޮތުގައި އެމެރިކާއާއި އިތުރު 90 ޤައުމަކުން މި ޖާމިނުން ދިނުމަށް ޠާލިބާނުންގެ ކިބައިން ވަނީ އެދިފައެވެ. އެމެރިކާގެ މި ބަޔާނުގައި އެ ޤައުމުތަކުގެ ލިސްޓ ހާމަކޮށްފައިވެއެވެ. މިޤައުމުތަކުގެ އިތުރަށް ނޭޓޯއިންނާއި ޔޫރަޕްގެ އިއްތިޙާދުން ވެސް ސޮއިކޮށްފައި ވެއެވެ. އެމެރިކާ ބުނާގޮތުގައި މި ބަޔާނުގައި ސޮއިކޮށްފައިވާ ޤައުމުތައް އެދެނީ އަފްޣާނިސްތާނުގައި ތިބި އެ ޤައުމުތަކުގެ ރައްޔިތުންނާއި އެމީހުންނާއެކު މަސައްކަތްކޮށްފައިވާ އަފްޣާން މީހުންގެތެރެއިން އެމީހުންގެ ނަފްސަށް ހިރާސެއް އޮތްކަމަށް ދެކޭ އެންމެންނަށް އެ ޤައުމުން ބޭރަށް ދެވެން ޖެހޭނެ މަގު ތަނަވަސްކޮށް ދިނުމަށެވެ.
އެމެރިކާގެ ޚާރިޖިއްޔާގެ ބަޔާން ބުނާގޮތުގައި ފުރުމުގެ ހުއްދަ ލިބިފައިވާ އެންމެންނަށް ފުރޭނެކަމުގެ ޖާމިނުވުން ޠާލިބާނުން ވަނީ ދީފައެވެ. އެމެރިކާ ބުނާގޮތުގައި މިހާރުވެސް އެ ލިސްޓުގައި ހިމެނޭ މީހުންނަށް ދަނީ ފުރުމުގެ ހުއްދަ ދެވެމުންނެވެ.
އެހެނަސް އިނގިރޭސިވިލާތުގެ ޚާރިޖިއްޔާގެ މެދުއިރުމައްޗާއި އިރުމަތީ އެފްރިކާއާބެހޭވަޒީރު ޖޭމްޒް ކްލެވަރލީ ވިދާޅުވާގޮތުގައި ޠާލިބާނުން ބަދަލުހިފުމުގެ ޢަމަލެއް ނުހިންގާނެކަމުގެ ޖާމިނުވުމެއް ނެތެވެ.
އިނިގިރޭސިވިލާތުގެ ދާޚިލީ ރޭޑިއޯއެއްގައި ވާހަކަފުޅު ދައްކަވަމުން ކްލެވަރލީ ވިދާޅުވިގޮތުގައި ޠާލިބާނުން ވެފައިވާ ވަޢުދުތައް ފުއްދައިފިނަމަ އަދި ހިތްނިޔަތް ރަނގަޅުކޮށް މަސައްކަތްކޮށްފިނަމަ ލަންޑަނުން އެމީހުންނާއެކު މަސައްކަތް ކުރާނެއެވެ. އޭނާ ވިދާޅުވިއެވެ. "ޠާލިބާނުންނަކީ ސަރުކާރެއް ކަމުގައި ބަލައިގަންނަން އެދޭނަމަ އެމީހުން ނިރުބަވެރިކަމާ ދެކޮޅަށް ހަނގުރާމަ ކުރަން ޖެހޭނެއެވެ." އިނގިރޭސިވަލާތުން ޠާލިބާނުން ޤަބޫލުކުރުމާ ބެހޭގޮތުން ދެންނެވުނު ސުވާލަށް ޖަވާބު ދެއްވަމުން ވިދާޅުވިއެވެ. "ލަންޑަނުން ޤަބޫލު ކުރާނީ ސަރުކާރުތަކެއްނޫނެވެ. އެހެނަސް ޤައުމުތަކެވެ."
އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވާގޮތުގައި އަފްޣާނިސްތާނުން ފުރަން ބޭނުންވާ މީހުންނަށް އަމާންކަމާއެކު ފުރޭނެގޮތް ޠާލިބާނުން ހަދައިދޭން ޖެހޭނެއެވެ. އަދި އިންސާނީ ޙައްޤުތަކަށް އިޙްތިރާމު ވެސް ކުރަންޖެހޭނެއެވެ. ފަރަންސޭސި ރައީސް މެކަރޯން ވެސް ވިދާޅުވަމުން ވަޑައިގަންނަ ވަނީ ހަމަ މިފަދަ ގޮތަކަށެވެ.
އަނެއްކޮޅުން ބަލާއިރު އެމެރިކާއިން އެ ޤައުމުގެ ބައިވެރީންނާއެކު އަފްޣާން މަސްއަލައާ ބެހޭގޮތުން ބަހުސްކުރުމަށް ޓަކައި މި ރޭ ބައްދަލުވުމެއް ބާއްވާނެއެވެ. މި ބައްދަލުވުމުގައި ބަހުސްކުރުމަށް ހަމަޖެހިފައިވާ މައިގަނޑުނަންތަކުގެތެރޭގައި ކާބުލްގައި ރައްކައުތެރި އަމާން ސަރަޙައްދެއް ޤާއިމުކުރުމުގެ މަސްއަލަ ވެއެވެ. މިކަމާ ބެހޭ މަޝްރޫޢެއް އިނގިރޭސީންނާއި ފަރަންސޭސީން ސަލާމަތީ މަޖިލީހަށް ހުށައަޅާނެއެވެ. ނަމަވެސް ޠާލިބާނުން މި މަޝްރޫޢާ ދެކޮޅުހަދައެވެ.
އެމެރިކާގެ ސަފާރާގެ މަސްއަލަ
ސެޕްޓެންބަރު އެކަކުން ފެށިގެން އެމެރިކާ ސަފާރާ ކާބުލްގައި ބަހައްޓަން ގަސްތު ނުކުރާކަމަށް އެމެރިކާއިން ބުނެފިއެވެ. އެމެރިކާގެ ޤައުމީ ސަލާމަތާބެހޭ މުޝީރު ޖެކް ސޮލިވަން ވިދާޅުވާގޮތުގައި އެމެރިކާއިން އެކަމަކަށް ނުރާވައެވެ. އެހެނަސް އަފްޣާނިސްތާނުގައި އެމެރިކާގެ ޑިޕްލޮމެޓުން ތިބުމަށް ބޭނުންވާ އާލިއްޔަތާއި ވަސީލަތްތައް ތަނަވަސްކުރާނެއެވެ.
އީރާނު ދެކޭގޮތް
އީރާނުގެ ޚާރިޖިއްޔާގެ ތަރްޖަމާނު ޚަޠީބު ސަޢީދު ވިދާޅުވިގޮތުގައި ސަރުކާރެއް ޤާއިމުކޮށްގެން އަފްޣާނިސްތާނަށް ހަމަޖެހުން ގެންނަން ޖެހޭނެއެވެ. މި ސަރުކާރު ޝާމިލު ސަރުކާރަކަށް ވާންޖެހޭނެއެވެ.
އީރާނުގެ ސިޔާސަތު ކަނޑައެޅޭނީ ސަރުކާރު ޤާއިމު ކުރުމަށްފަހުގައި އޭނާ ވިދާޅުވިއެވެ.
ރަޝާއިން އަފްޣާނިސްތާނު އާރާސްތު ކުރުމުގައި ބައިވެރިވާނެ
މޮސްކޯ ބުނާގޮތުގައި އަފްޣާނިސްތާނުގެ ރެފިއުޖީންގެ ޢަދަދު އެތައް ލައްކައަކަށް އަރައިގެންދާނެއެވެ. މިކަމާ ބެހޭގޮތުން މޮސްކޯއިން އަވަށްޓެރި ޤައުމުތަކާއެކު މަޝްވަރާ ކުރަމުންދާ ކަމަށް އަފްޣާނިސްތާނަށް ކަނޑައަޅައިފައިވާ ކެރެމްލިންގެ މަންދޫބު ޒާމީރު ކެޕްލޯފު ވިދާޅުވިއެވެ. އަފްޣާން ސަރުކާރާއެކު މޮސްކޯއިން ރަނގަޅު ގުޅުމެއް ބާއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަފްޣާނިސްތާނު އަލުން ބިނާކޮށް އާރާސްތު ކުރުމަށް ޓަކައި ބައިނަލްއަޤްވާމީ ސިންތާއަކަށް ބޭނުންވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މި ކަމުގައި މޮސްކޯއިން ބައިވެރިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.



advertisment