Support Us

ބަޣްދާދުގައި "ހަތުރުވެރީން"ގެ ސަމިޓެއް

ބަޣްދާދުގައި މި އަންނަ ހޮނިހިރު ދުވަހު ބާއްވާ ސަމިޓަކަށް އީރާނާއި ގަލްފު ޤައުމުތަކުގެ ވެރީންނަށް ޢިރާޤުން ދަޢުވަތު ދީފިއެވެ. މިއީ މި ޤައުމުތަކުގެ މެދުގައި ހިނގަމުންދާ އަރާރުންތައް ފިނިކޮށް ޙައްލުކުރުމަށް ޓަކައި ބޭއްވުމަށް ހަމަޖެހިފައިވާ ސަމިޓެކެވެ.

ޢިރާޤުގެ މަސްއޫލުވެރީން ވިދާޅުވާ ގޮތުގައި މި ސަމިޓްގައި ބަޙުސްކުރެވޭނީ ޔަމަނުގެ ހަނގުރާމައާއި ލުބްނާނުގެ މަސްއަލައާއި މި ސަރަޙައްދު ދެކެމުންދާ ފެނުގެ ދަތިކަން ފަދަ ޙައްސާސީ މަސްއަލަތަކާމެދު އެވެ. މި ސަމިޓްގެ ސަބަބުން ސުޢޫދީ– އީރާނު ގުޅުން ރަނގަޅުވެގެން ހިނގައިދާނެ ކަމަށް އުންމީދު އެބަ އޮތެވެ.

ޢިރާޤުގެ އުންމީދު ވަރަށް ބޮޑު

ޢިރާޤުގެ މަސްއޫލުވެރީން އުންމީދު ކުރައްވާ ގޮތުގައި މި ސަމިޓްގައި އީރާނުގެ ރައީސް އިބްރާހީމު ރައީސީ ބައިވެރިވެ ވަޑައިގަންނަވާނެއެވެ. ސުޢޫދީ ޢަރަބިއްޔާއާއި އިމާރާތުން މި ސަމިޓްގައި ބައިވެރިވާނީ ވަޒީރުންގެ ފެންވަރުގައި ކަމަށް ޚަބަރު ލިބެއެވެ.

ޢިރާޤުގެ ބޮޑުވަޒީރު މުޞްޠަފަލް ކާޡިމީގެ އަރިސް މަސްއޫލުވެރިއަކު ރޮއިޓަރޒަށް ވިދާޅުވިގޮތުގައި "އަޅުގަނޑުމެންނަށް މި ޤައުމުތަކުގެ ޚާރިޖީ ވަޒީރުން މޭޒުދޮށަށް ގެނެވުނަސް އެއީ ވަރަށް ބޮޑު ކާމިޔާބީއެކެވެ. މި ކަމުގެ ސަބަބުން ޢަރަބީންނާ އީރާނާ ދެމެދުގައިވާ ވަރަށް ގިނަ މަސްއަލަތަކަށް ލުއިތަކެއް ލިބިގެންދާނެއެވެ."

ސުޢޫދީ– އީރާން ބައްދަލުވުންތައް އިންތިޒާމު ކުރެއްވުމުގައި އުޅުއްވި ޢިރާޤުގެ މަސްއޫލުވެރިއަކު ހާމަކުރެއްވި ގޮތުގައި "ޢަރަބީންނާއި އީރާނުގެ މަސްއޫލުވެރީންގެ ފަރާތްޕުޅުން ވަރަށް ފައްސި އިޝާރާތްތަކެއް ވަނީ ލިބިފައެވެ."

ޢިރާޤުން ބުނާގޮތުގައި ބަޣްދާދު ބައްދަލުވުމުގައި ބައިވެރިވުމަށް އުރްދުނަށާއި މިޞްރަށާއި ތުރްކީއަށާއި ފަރަންސޭސި ރައީސް މެކްރޯނަށް ވެސް ވަނީ ދަޢުވަތު އެރުވިފައެވެ.

ސީދާ ވާހަކަ ދެއްކުންތައް

ދުނިޔޭގެ ބޮޑެތި ޤައުމުތަކުން އީރާނާއެކު 2015ގައި ސޮއިކޮށްފައިވާ ނިޔުކްލިއަރ ފައިލާ ބެހޭ ވާހަކަދެއްކުންތައް ފެށުމާއެކު ސުޢޫދީ– އީރާން ސީދާ ވާހަކަދެއްކުންތައް ވަނީ މި ހުސްވި އޭޕްރީލުގައި ފެށިފައެވެ. ނިޔުކްލިއަރ ފައިލާ ބެހޭ ވިއެނާ ވާހަކަދެއްކުންތަކުގައި އީރާނުގެ ބޮލިސްޓިކް މިސައިލްގެ މަސްއަލައަށް އިންސާފު ނުކުރާތީ ސުޢޫދީންނާއި ސުޢޫދީގެ އެކުވެރި ޤައުމުތަކުން މި ވާހަކަދެއްކުމާމެދު ދަނީ ދެކޮޅު ހަދަމުންނެވެ.

ސުޢޫދީ ޚާރިޖީ ވަޒީރު ފައިޞަލް ބިން ފަރަޙާން އާލު ސުޢޫދު ވިދާޅުވާގޮތުގައި މިހާރު އީރާނު ވަނީ މާބޮޑަށް "ޖެހިލުންކުޑަވެފަ"އެވެ. ޔަމަނާއި ލުބްނާނާ ސަރަހައްދީ ކަނޑު ތެރޭގައި ދަތުރުކުރުމުގެ މަސްއަލަތަކުގައި އީރާނުން ގެންގުޅެނީ ވަރަށް ނައްސި ސިޔާސަތެއް ކަމަށް އޭނާ ވިދާޅުވިއެވެ. ސުޢޫދީ ޢަރަބިއްޔާގެ ބައިވެރިޔާ އިމާރާތުން ދަނީ 2019ން ފެށިގެން ޠަހަރާނާއެކު ވާހަކަ ދައްކަމުންނެވެ.

އެމެރިކާގެ ސިޔާސަތާމެދު ގަލްފު ހިތްހަމައެއް ނުޖެހޭ

އަފްޣާނިސްތާނުން އެމެރިކާ ފޭބިގޮތާއި އީރާނުގެ ނިޔުކްލިއަރ ފައިލާ ބެހޭ ވާހަކަދެއްކުންތައް ކުރިއަށްދާ ގޮތުން ގަލްފުގެ ޤައުމުތައް އެމެރިކާގެ ސިޔާސަތާމެދު ހިތްހަމައެއް ނުޖެހެއެވެ. އީރާނާއެކު ގުޅުންތައް ރަނގަޅު ކުރަން ޖެހޭކަން ސުޢޫދީ ޢަރަބިއްޔާއާއި އިމާރާތުން ޤަބޫލު ކުރަން ފެށީ މި ހިސާބުންނެވެ.

ބަޣްދާދު ސަމިޓްގައި ބައިވެރިވާނެކަން މިހާތަނަށް ކަށަވަރުކޮށްދީފައިވާ ހަމައެކަނި ޤައުމަކީ ކުވައިތެވެ. ކުވައިތުގެ ބޮޑުވަޒީރު މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

މި ބައްދަލުވުމުގެ ސަބަބުން ޢިރާޤާ މި ޤައުމުތަކާ ދެމެދުގައިވާ އިޤްތިޞާދީ ގުޅުންތައް ބަދަހިވެގެންދާނެ ކަމަށް ބަޣްދާދު އުންމީދު ކުރެއެވެ. ދާޢިޝާ ދެކޮޅަށް ޢިރާޤުން ކޮށްފައިވާ ހަނގުރާމަތަކުގެ ސަބަބުން އެ ޤައުމަށް ވަނީ ވުނޭރުންނަށް ބޭނުންވެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް