މަޣްރިބާއެކު އޮތް ސިޔާސީ ގުޅުން ކަނޑައިލުމަށް ޖަޒާއިރުން ނިންމައިފިއެވެ.
ޚާރިޖީ ވަޒީރު ރަމްޠާނުލް ޢަމާމިރާ ރޭ އިޢުލާނު ކުރެއްވި ގޮތުގައި ގުޅުން ކަނޑައިލަން މަޖުބޫރުވީ މަޣްރިބުން ގެންގުޅޭ އެކުވެރިކަމެއް ނެތް ހަތުރުވެރި ޢަމަލުތަކާ ހެދިއެވެ. ޖަޒާއިރުގެ ވަޒީރު މި ކަން އިޢުލާން ކުރެއްވީ ވެރިރަށް ޖަޒާއިރު ސަހަރުގައި ބޭއްވެވި ނޫސް ބައްދަލުވުމެއްގައެވެ.
މި ކަމާ ވިދިގެން ޖަޒާއިރުން ވަނީ ސަރަޙައްދީ ރައްކައުތެރިކަން ވަރުގަދަކޮށްފައެފެ.
ޖަޒާއިރާއި މަޣްރިބާ ދެމެދުގައި ސަރަޙައްދީ ފައިލުގެ މަސްއަލައާއި ހުޅަނގު ސަހަރާގެ މަސްއަލައިގައި އަރާރުންތައް ހިނގަމުންދާތާ އެތައް އަހަރުތަކެއް ވެއްޖެއެވެ. ސަރަޙައްދީ ރޮނގު ކުރެހުމާ ބެހޭގޮތުން ބޭއްވެމުންދިޔަ ވާހަކަ ދެއްކުންތައް ވަނީ 1994ގައި ހުއްޓިފައެވެ. ހުޅަނގު ސަހަރާގެ މަސްއަލައިގައި މަޣްރިބާ ޕޮލިސާރިއޯ ޖަމާޢަތާ ދެމެދުގައި ހިނގަމުންދާ އަރާރުންތަކުގައި ޖަޒާއިރަކީ ޕޮލިސާރިއޯއަށް ތާއީދު ކުރާ ޢަރަބި ޤައުމެކެވެ.
ޖަޒާއިރުގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ. "ތާރީޚީ ގޮތުން ސާބިތުވެ އެނގޭގޮތުގައި ޖަޒާއިރާ ހަތުރުވެރި ޙަމަލާތައް މަޣްރިބުން ދަނީ ހުއްޓާނުލައި ކުރިއަށް ގެންދަމުންނެވެ." ޖަޒާއިރުގެ ވަޒީރު ވިދާޅުވިގޮތުގައި "ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ކެނޑިގެން ދިޔަސް އެ ދެ ޤައުމުގައި އުޅޭ ޖަޒާއިރު މީހުންނަށް ވެސް އަދި އުޅޭ މަޣްރިބު މީހުންނަށް ވެސް އެއްވެސް ގެއްލުމެއް ނުލިބޭނެއެވެ."
ޖަޒާއިރުގެ ވަޒީރު އަލްޢިމާމަރާ ވިދާޅުވިއެވެ. "މަޣްރިބުގެ މީޑިއާ ވަސީލަތްތަކުން ދަނީ ޖަޒާއިރާ ދެކޮޅަށް ރޯމަރު ދޮގު ޚަބަރުތައް ފަތުރަމުންނެވެ." އޭނާ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "ޖަޒާއިރުގެ ސަލާމަތީ މަރްކަޒުން ކޮށްފައިވާ ތަޙްޤީޤުތަކުން އެނގޭގޮތުގައި އިސްރާއީލުގެ ބެގަސޯސް ޖާސޫސީ ޕްރޮގުރާމު ބޭނުންކޮށްގެން މަޣްރިބުން ވަނީ ޖަޒާއިރުގެ މަސްއޫލުވެރީންނަށް ޖާސޫސްކޮށްފައެވެ.
ޖަޒާއިރުގެ ސަލާމަތާބެހޭ އެންމެމަތީ މަޖިލީހުގެ ޚާއްޞަ ބައްދަލުވުމެއްގައި އެ ޤައުމުގެ ސަލާމަތީ ބާރުތަކުން ހާމަކުރިގޮތުގައި ޖަޒާއިރުގެ ޖަންގަލިތަކުގައި ހިނގި އަލިފާނުގެ ޙާދިސާތަކަށް ބަލާއިރު އެއީ މަޣްރިބުން ހިންގާފައިވާ ޢުދްވާނީ ޢަމަލެއްކަން އެނގެއެވެ. މި ހުޅުގެ ސަބަބުން ޖަޒާއިރުގެ 69 މީހަކު ވަނީ މަރުވެފައެވެ. މާއްދީ ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.
މަޣްރިބުން ހިތާމަ ފާޅުކުރޭ
ޖަޒާއިރުން މަޣްރިބާއެކު ސިޔާސީ ގުޅުން ކެނޑުމުން އެކަމާ ވަރަށް ދެރަވާ ކަމަށް މަޣްރިބުން ބުންޏެވެ. މަޣްރިބުން ބުނިގޮތުގައި ގުޅުން ކެނޑުމަށް "އެއްވެސް ބަހަނާއެއް ނެތެވެ." ނަމަވެސް މަޣްރިބުން ބުނާގޮތުގައި "މިއީ އަހުރެމެން އިންތިޒާރު ކުރަމުން ދިޔަ ކަމެކެވެ." މަޣްރިބުން ބުނިގޮތުގައި "އެކުވެރި ލާބަހުރި ގުޅުންތަކެއް ބިނާކުރުމަށް މަޣްރިބުން އަބަދު ވެސް މަސައްކަތް ކުރާނެއެވެ."



advertisment