Support Us

ޠާލިބާނުންގެ ހަނގުރާމަވެރީން

ޞުލްޙަވެރިކަމާއެކު ބަންގްޝީރު އަމާން ދިނުމަށް ޠާލިބާނުން އަމުރުކޮށްފި

އަފްޣާނިސްތާނުގައި ޠާލިބާނުންގެ ބާރުގެ ދަށަށް ނުގެނެވި އޮތް ޕްރޮވިންސެއް ކަމުގައިވާ ބަންގްޝީރު ސަރަހައްދު ޠާލިބާނުން ޙިޞާރުކޮށް ޞުލްޙަވެރިކަމާއެކު އަމާން ދިނުމަށް އެ ޕްރޮވިންސްގެ ޒަޢީމު އަޙްމަދު ޝާހު މަސްޢޫދަށް ގޮވާލައިފިއެވެ.

މިއަދު ޠާލިބާނުން އެމީހުންގެ ޓްވިޓަރު ޞަފްޙާގައި ޠާލިބާނުންގެ އެތައް ސަތޭކަ ހަނގުރާމަވެރީންނެއް އެ ޕްރޮވިންސަށް ދާތަން ދައްކާ ވީޑިއޯ ކުލިޕުތަކެއް ލައިފައިވެއެވެ. މި ވީޑިއޯތަކާއެކު ޠާލިބާނުން ލިޔެފައިވެއެވެ. "އެ ޕްރޮވިންސު އަމާންދިނުމާ ދެކޮޅު ހެދުމުން އަހުރެމެންގެ ހަނގުރާމަވެރީން މިހާރު ވަނީ އެ ޕްރޮވިންސް ޙިޞާރުކޮށްފައެވެ."

ޠާލިބާނުންގެ ސިޔާސީ އޮފީހުގެ ތަރްޖަމާނު މުޙައްމަދު ނަޢީމު އަނާޟޫލް ނޫސް އޭޖެންސީއަށް ހާމަކުރެއްވި ގޮތުގައި "ބަންގްޝީރު ޕްރޮވިންސްގެ ބައެއް ރަށްތައް މިހާރު ވަނީ އަހުރެމެންގެ ބާރުގެ ދަށަށް ގެނެވިފައެވެ. މިހާރު ބާކީ އޮތީ ވަރަށް ކުޑަ ބިންކޮޅެކެވެ. ވާހަކަ ދައްކައިގެން މަސްއަލަ ޙައްލު ކުރެވޭނެ ކަމަށް ލަފާކުރެވެއެވެ. އެހެނަސް ވާހަކަދައްކައިގެން ޞުލްޙަވެރިކަމާއެކު އަމާންނުދީފިނަމަ އެންމެ ފަހުގެ ޙައްލަކަށް ވާނީ އަލިފާނެވެ."

އަޙްމަދު ޝާހު މަސްޢޫދުގެ ބަޔާނެއް

އެހެންނަމަވެސް އަޙްމަދު ޝާހު މަސްޢޫދުގެ ދަރިކަލުން ވިދާޅުވާ ގޮތުގައި އޭނާގެ ބާރުގެ ދަށުގައި އޮތް ބިންތައް ޠާލިބާނުންނާ ޙަވާލެއް ނުކުރައްވާނަމެވެ. އޭނާ ވިދާޅުވިގޮތުގައި ޠާލިބާނުންނާ ކުރިމަތިލައި ހަނގުރާމަ ކުރުމުގައި އޭނާގެ ސިފައިން ކުރިއަށް ދާނެއެވެ.

އަޙްމަދު ޝާހު މަސޢޫދަކީ އަށްޑިހައިގެ އަހަރުތަކުގެތެރޭގައި ސޮވިއެޓް ޔުނިއަން ސިފައިންނާ ހަނގުރާމަކުރުމުގައި ދެމިހުންނެވި ޒަޢީމެކެވެ. ސުޢޫދު "އަލްޢަރަބިއްޔާ" ޗެނެލާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. "ޠާލިބާނުންނަށް ރަނގަޅުވާނީ ބަންގްޝީރަށް ޙަމަލާ ދިނުން ހުއްޓައިލުމެވެ. ކުރިމަގުގައި އެމީހުންނަށް ރަނގަޅުވާނީ މި ގޮތެވެ. އެމީހުން އަހުރެމެންގެ ކިއްލާތަކަށް ވަންނަން މަސައްކަތް ކުރާނަމަ އަހުރެމެން އެމީހުންނަށް ދުލެއް ނުދޭނަމެވެ."

އޭނާ ހާމަކުރެއްވި ގޮތުގައި ސަރުކާރުގެ ބައެއް ސިފައިންނާއި މި ސަރަޙައްދުގެ ބައެއް ރައްޔިތުން ތިބީ އޭނާއާއެކުގައެވެ. އޭނާ ވިދާޅުވިއެވެ. "ޤައުމަށް ޓަކައި އަދި ބައްޕާފުޅުގެ އަގުތައް ދެމެހެއްޓުމަށް ޓަކައި ޤުރްބާންވުމަށް އަހުރެމެން މި ތިބީ ތައްޔާރުވެގެންނެވެ."

އެންމެން ބައިވެރިވާ ސަރުކާރެއް

އަފްޣާނިސްތާނުގައި ވެރިކަން ކުރުމަށް ޓަކައި ޝާމިލު ސަރުކާރެއް އެކުލަވައިލުމަށް، އަލްޢަރަބިއްޔާގައި ވާހަކަފުޅު ދައްކަވަމުން އަޙްމަދު ޝާހު މަސްޢޫދު، 32، ގޮވައިލެއްވިއެވެ. އޭނާ ވިދާޅުވިއެވެ. "މި ސަރުކާރުގައި ޠާލިބާނުން ބައިވެރިކުރުމާ އަހުރެމެން ދެކޮޅެއް ނަހަދަމެވެ. އަހުރެމެން މި ތިބީ ޠާލިބާނުންނާއެކު ވާހަކަ ދެއްކުމަށް ތައްޔާރުވެގެންނެވެ. އަދި މިތިބީ ހަނގުރާމަކުރުމަށް ވެސް ތައްޔާރު ވެގެންނެވެ. އަހުރެމެން އަމާނެއް ނުދޭނަމެވެ."

ތިން ސަރަޙައްދެއް ހިފައިފި

އަނެއްކޮޅުން އަފްޣާނިސްތާނުގެ ދިފާޢީ ވަޒީރު ބިސްމިﷲ މުޙައްމަދީ ހާމަކުރެއްވި ގޮތުގައި އޭނާ ޠާލިބާނުންނާ ދެކޮޅަށް ހަނގުރާމަ ކުރިއަށް ގެންދަވާނެއެވެ. އޭނާ ވިދާޅުވިގޮތުގައި ބަންގްޝީރު ކައިރީގައި އޮންނަ ތިން ސަރަޙައްދެއް މިހާރު އޮތީ އޭނާގެ ބާރުގެ ދަށުގައެވެ. އެކަމަކު މިއީ ކޮން ބާރެއް ކަމެއް އޭނާ ސާފުކޮށެއް ނުދެއްވައެވެ. އެހެނަސް ހުޅަނގުގެ ޑިޕްލޮމެޓުން ވިދާޅުވާ ގޮތުގައި ބޭރުގެ އެހީއަކާ ނުލައި ޠާލިބާނުންނާ ދެކޮޅަށް ހަނގުރާމަކުރުމުގެ ބާރު ލިބިގެންވާ އެއްވެސް ޖަމާޢަތެއް ނެތެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް