"އަޅުގަނޑު އަފްޣާނިސްތާނު ވިއްކައެއްނުލަމެވެ. އަޅުގަނޑު ފިލައިގެން ވެސް ނުދަމެވެ. ޤައުމުގެ ޙާކިމާގެ ބޯ ބޭނުންވާ ކަމަށް އަޅުގަނޑަށް އެންގިއެވެ." އަފްޣާނިސްތާނުން ފިއްލެވި ރައީސް އަޝްރަފް ޣަނީ ވިދާޅުވިއެވެ. އަޝްރަފު ޣަނީ ނޫހަކަށް ދެއްވި ބަޔާނެއް ބުނާގޮތުގައި އޭނާ އިމާރާތަށް ވަޑައިގަންވަން ނިންމެވީ އޭނާގެ ސަބަބުން ކާބުލްގައި ލޭ އޮހުރުވުންތަކެއް ހިނގިޔަ ނުދެއްވުމަށް ޓަކައެވެ. "މީގެ ވިއްސަކަށް އަހަރު ކުރިން ޠާލިބާނުންގެ ޒަޢީމު މުއްލާ ޢުމަރު ޤައުމުން ބޭރަށް ވަޑައިގެންނެވި ގޮތަށް އަޅުގަނޑަށް ވެސް ޤައުމު ދޫކޮށްދާން މަޖްބުރުވީ."
މިއީ އަޝްރަފު ޣަނީ 15 އޮގަސްޓްގައި ޤައުމުން ބޭރަށް ވަޑައިގެންނެވި ފަހުން ދެއްވި ފުރަތަމަ ބަސްދީގަތުމެވެ. އަޝްރަފު ޣަނީ ހުންނެވި ތަނެއް މި ނޫހުން ހާމައެއް ނުކުރެއެވެ. އެސޯޝޭޓެޑް ޕްރެސް ބުނާގޮތިގައި މި ބަސްދީގަތުން ދެއްވީ އޭނާ ހުންނެވި ތަނެއް ހާމަ ނުކުރުމަށް ޝަރްޠު ކުރައްވައިފައެވެ. އެއީ މަސްލައިގެ ޙައްސާސިއްޔަތުކަން ބޮޑުކަމުންނެވެ.
ޣަނީ ވިދާޅުވިއެވެ. "އަފްޣާން ރައްޔިތުން ޞުލްޙައަށް އެދެއެވެ. އެމީހުން ކަރަޒާއިގެ މަސައްކަތްޕުޅަށާއި ޤައުމީ ޞުލްޙައާ ބެހޭ ކޮމެޓީގެ ރައީސް ޢަބްދުﷲ ޢަބްދުﷲގެ މަސައްކަތްޕުޅުގެ އަގު ވަޒަންކުރެއެވެ." އޭނާ ވިދާޅުވިއެވެ. "އަޅުގަނޑު މި ވަގުތު މި ހުރީ އިމާރާތުގައެވެ. ކާބުލް ވެއްޓުނު ދުވަހުގެ ތަފްޞީލުތައް ފަހުން ކިޔައިދޭނަމެވެ. އެ ދުވަހު އަޅުގަނޑު ހުރީ ރިޔާސީ ގަނޑުވަރުގައެވެ. ވެރިރަށް ކާބުލް އަށް ޠާލިބާނުން އެރުމުން އިންޤިލާބެއް ފަދަ ކަމެއް ހިނގައިފި ކަމަށް ހަށިފާރަވެރީން އަޅުގަނޑު ގާތަށް އައިސް ބުންޏެވެ."
މުދަލެއް ނުގެންދަން
އަޝްރަފު ޣަނީ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "އަފްޣާނިސްތާނުން އަޅުގަނޑު ނުކުތީ ޤައުމު ދަވާލައިގެނެއްނޫނެވެ. އަޅުގަނޑު ޤައުމުން އެންމެ ލޯ ލާރިއެއްވެސް ނުގެންދަމެވެ." އަފްޣާނިސްތާނުގެ ޙާލަތާ ބެހޭގޮތުން އޭނާ ވިދާޅުވިއެވެ. "އަޅުގަނޑުމެން ބައްޔެއް ނުވެއެވެ. އެހެނަސް އަޅުގަނޑުމެން ބަލިކުރެވުނީ ސިޔާސަތުންނެވެ." ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "އަޅުގަނޑާއެކު ގެންދިޔައީ އަޅުގަނޑުގެ ބައެއް ފޮތްތަކެވެ. އަޅުގަނޑު އަފްޣާނިސްތާނު ވިއްކައެއް ނުލަމެވެ. އަޅުގަނޑު ނުވެސް ފިލަމެވެ."
ޠާލިބާނުން ކާބުލް ވަށައިލުމުން އަޝްރަފު ޣަނީ ރައީސްކަމުން އިސްތިޢުފާ ދެއްވާފައި ހެލިކޮޕްޓަރެއްގައި ފުރާވަޑައިގަތީ ފައިސާއިން ފުރިފައިވާ އެތައް ދަބަސްތަކަކާއި ފޮށިތަކެއް ހިއްޕަވައިގެން ކަމަށް ޚަބަރުތައް ބުނެއެވެ. މި ހެލިކޮޕްޓަރުގައި ޖާގަ ނެތިގެން ބައެއް ފޮށިތައް ވައިގެ ބަނދަރަށް ދޫކޮށްލެއްވި ކަމަށް ވެސް ޚަބަރުތައް ބުނެއެވެ. މި ޚަބަރުތައް ބުނިގޮތުގައި އޭނާ ވަޑައިގެންނެވީ ޠަޖިކިސްތާނަށެވެ.
ޙާލަތު ވަރަށް ދަތި
އަނެއްކޮޅުން ބަލާއިރު އަފްޣާނިސްތާނުގެ ޤައުމީ ޞުލްޙައާ ބެހޭ ކޮމެޓީގެ ރައީސް ޢަބްދުﷲ ޢަބްދުﷲ ކަށަވަރުކޮށްދެއްވާ ގޮތުގައި ޣަނީ ޤައުމު ދޫކުރައްވާފައި ވަޑައިގެންފިއެވެ. އޭނާ ވަޑައިގަތީ ޤައުމު ވަރަށް ދަތި ޙާލަތަކަށް ދޫކޮށްލައްވާފައެވެ.
އަފްޣާން ސަފީރު ޣަނީގެ ވާހަކަފުޅު ދޮގުކުރައްވާ
އަފްޣާނިސްތާނުން އެންމެ ލޯ ލާރިއެއްވެސް ނުނަންގަވާ ކަމަށް އަޝްރަފު ޣަނީ ވިދާޅުވިޔަސް ޠަޖިކިސްތާނުގައި ހުންނަވާ އަފްޣާން ސަފީރު މުޙައްމަދު ޒުހައިރު އަޣުބާރު އެ ވާހަކަ ދޮގު ކުރައްވައިފިއެވެ. އޭނާ ވިދާޅުވިގޮތުގައި ރައީސް ޣަނީ ފިއްލެވީ ދައުލަތުގެ ޚަޒާނާއިން 169 މިލިއަން ޑޮލަރު ނަންގަވައިގެންނެވެ. އޭނާ ސިފަކުރެއްވި ގޮތުގައި ރައީސް ޣަނީ ޤައުމުން ފިއްލެއްވި ފިއްލެވުމަކީ "ދައުލަތަށާއި އުންމަތަށް ވެވަޑައިގެންނެވި ޚިޔާނަތެކެވެ."
ޠަޖިކިސްތާނުގައި ހުންނަވާ އަފްޣާން ސަފީރު ވިދާޅުވިގޮތުގައި އަޝްރަފު ޣަނީ ހައްޔަރުކުރުމަށް އޭނާ އިންޓަޕޯލަށް އަންގަވާނެއެވެ. އަޝްރަފު ޣަނީ ބައިނަލްއަޤްވާމީ ކޯޓަށް ހުށައެޅުއްވުމަށް އޭނާ ގޮވައިލެއްވިއެވެ.



advertisment